އިންޑިޔާގެ ނިއުދިއްލީގައި މިރޭ ފެށޭ ކޮމަންވެލްތް ގޭމްސް 2010ގައި ބައިވެރިވާ ދިވެހި ވަފްދާ ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު މިއަދު ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ ނިއުދިއްލީގައި ރައީސުލްޖުމްހޫރިއްޔާ ހުންނަވާ ހޮޓަލުގައެވެ.

ދިވެހި ވަފްދާ ބައްދަލުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ކުޅުންތެރިންނާ ބައްދަލުކޮށްލެއްވުމަކީ، އެމަނިކުފާނަށް ވަރަށްބޮޑު އުފާފުޅެއް ލިބިވަޑައިގަންނަވާ ކަމެއް ކަމަށް ވިދާޅުވިއެވެ. އަދި ޤައުމު ރަމްޒުކޮށްދިނުމަށް މި ނުކުންނަ ކުޅުންތެރިން މިފަދަ މުބާރާތަކަށް ނުކުންނަންޖެހޭނީ، ވަރަށްބޮޑު ހިތްވަރަކާ ޢަޒުމާކާއެކީގައި ކަމަށް ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި މިރޭ ފެށޭ ކޮމަންވެލްތް ގޭމްސް ހުޅުވުމުގެ ރަސްމިއްޔާތުގައި ޤައުމީ ދިދަ ހިފައިގެން ނުކުންނަ ރާއްޖޭގެ ޓޭބަލް ޓެނިސްގެ ޗެމްޕިއަން މުޢީނާ މުޙަންމަދާ ރައީސުލްޖުމްހޫރިއްޔާ ދިދަ ހަވާލުކުރެއްވިއެވެ.