ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު އިންޑިޔާއަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި އެ ޤައުމުގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރ މިސްޓަރ ޝިވްޝަންކަރް މެނަންއާ މިއަދު ހެނދުނު ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމުގައި މަޝްވަރާތައް މައިގަނޑުގޮތެއްގައި ބިނާވެފައިއޮތީ ރާއްޖެއާ އިންޑިޔާއާ ދެ ޤައުމުގެ ދެމެދުގައިވާ ގާތްގުޅުމާއި އެގުޅުން އިތުރު ދާއިރާތަކަށް ފުޅާކޮށް ބަދަހިކުރުމާބެހޭ ގޮތުންނެވެ. ވަކިން ޚާއްޞަކޮށް ސަލާމަތީ އަދި ދިފާޢީ ގުޅުމުގެ ދާއިރާގައި ގުޅުން އިތުރަށް ބަދަހިކުރުމާބެހޭ ގޮތުންނެވެ. މިގޮތުން ރާއްޖެއާ އިންޑިޔާގެ އަސްކަރިއްޔާ ގުޅިގެން ހިންގާ ސަލާމަތީ އެކިއެކި ޙަރަކާތްތަކާ ބެހޭގޮތުންވެސް ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި އިންޑިޔާއިން ރާއްޖެއާމެދު ބަހައްޓާ ގާތްކަމަށްޓަކައި ޝުކުރުއަދާކުރެއްވިއެވެ. އަދި، އަންނަ ސާކް ސަމިޓް ރާއްޖޭގައި ބޭއްވުމަށް ވަމުންދާ ތައްޔާރީތަކާ ބެހޭގޮތުން މަޢުލޫމާތު ދެއްވައި، މިކަމުގައި އިންޑިޔާގެ އެހީތެރިކަން ލިބިގެންދާނެކަމަށް ޔަގީންކުރައްވާ ކަމުގައި ވިދާޅުވިއެވެ.