ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު، އ.ދ.ގެ ޢާންމު މަޖިލީހުގެ 65 ވަނަ ދައުރުގެ ޢާންމު ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް އެމެރިކާގެ ނިއުޔޯކަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު ހަވީރު މާލެ ވަޑައިގެންވިއެވެ.

ނައިބު ރައީސްގެ މިދަތުރުފުޅުގައި، އ.ދ.ގެ ޢާންމު މަޖިލީހުގެ 65 ވަނަ ދައުރުގެ ޢާންމު ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ތަޤްރީރު ކުރެއްވިއެވެ. ނައިބު ރައީސްގެ ތަޤްރީރުގައި، ސާސްކަފްގެ ލަނޑުދަނޑިތައް ރާއްޖެއިން ޙާސިލްވެފައިވާ މިންވަރާ ބެހޭގޮތުންނާއި، އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކުގެ ލިސްޓުން ރާއްޖެ އުނިވުމުން ކުރިމަތިވާނެ ގޮންޖެހުންތަކާ ބެހޭގޮތުންނާއި އަދި އިންސާނީ ޙައްޤުތައް ހިމާޔަށްކުރުމަށް ދިވެހި ސަރުކާރުން ބަހައްޓަވާ އަހަންމިއްޔަތާ ބެހޭގޮތުން އަލިއަޅުއްވާލެއްވިއެވެ.

މީގެއިތުރުން، އ.ދ.ގެ ސާސްކަފުގެ ތަރައްޤީގެ ލަނޑުދަނޑިތަކާ ބެހޭގޮތުން ބޭއްވެވި އ.ދ.ގެ ޢާންމު މަޖިލީހުގެ މަތީފެންވަރުގެ ޚާއްޞަ ބައްދަލުވުމުގައި، އެ މަނިކުފާނު ތަޤްރީރު ކުރެއްވިއެވެ. މި ތަޤްރީރުގައި، ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް އެހީ ލިބޭނެ، ރަސްމީ ނިޒާމެއް އ.ދ.އިން ޤާއިމް ކުރުމަށް ނައިބު ރައީސް ގޮވާލެއްވިއެވެ. އަދި އ.ދ.ގެ ސާސްކަފުގެ ތަރައްޤީގެ ލަނޑުދަނޑިތައް ޙާޞިލް ކުރުމުގައި ރާއްޖެއިން ހޯދާފައިވާ ކާމިޔާބީއާއި، މި ކާމިޔާބީ ދަމަހައްޓައި ޙާޞިލް ނުކުރެވި ހުރި ލަނޑުދަނޑިތައް ޙާޞިލް ކުރުމުގައި ރާއްޖެއަށް ކުރިމަތިވެފައިވާ ގޮންޖެހުން ތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި، ނައިބު ރައީސް ވާހަކަފުޅު ދެއްކެވިއެވެ.

އަދި މޫސުމަށް އަންނަ ބަދަލުތަކާއި، އ.ދ.ގެ ސާސްކަފްގެ ތަރައްޤީގެ ލަނޑުދަނޑިތަކާ ބެހޭގޮތުން ނިއުޔޯކްގައި ބޭއްވުނު ތަފާތު ބައްދަލުވުންތަކުގައި ރާއްޖެ ތަމްސީލު ކުރެއްވިއެވެ. މީގެއިތުރުން، އެމެރިކާގެ ޔޭލް ޔުނިވަރސިޓީގައިވެސް ނައިބު ރައީސް ތަޤްރީރު ކުރެއްވިއެވެ.

މިދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ވަޑައިގެން، ރާއްޖޭގެ ޚަބަރުފަތުރާ ބައެއް ވަސީލަތްތަކާ ބައްދަލުކުރައްވައި، ދެއްކެވި ވާހަކަފުޅުގައި، މިދަތުރުފުޅުގައި، ތަރައްޤީވެފައިވާ ބޮޑެތި ޤައުމުތަކުން، ރާއްޖެ ފަދަ ތަރައްޤީވަމުން އަންނަ ކުދި ޤައުމުތަކަށް، ތިމާވެށްޓާއި ތަރައްޤީގެ އެހެނިހެން ދާއިރާތަކުން، އިތުރަށް އެހީތެރިކަން ހޯއްދެވުމާ ބެހޭގޮތުން، އެފަދަ ޤައުމުތަކާ އެކު މަޝްވަރާކުރެއްވި ކަމުގައި ވިދާޅުވިއެވެ.