ކުނބުރުދޫގެ ތަރައްޤީއަށްޓަކައި ޢަމަލީ މަސައްކަތް ފެށުނު އަދި ސޮއިކުރެވުނު މަޝްރޫޢުތައް ހުއްޓުމެއްނެތި ކުރިއަށް ގޮސް ނިންމަވައިދެއްވާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.

އެމަނިކުފާނު މި ޔަޤީންކަން ދެއްވީ އަރިއަތޮޅު ދެކުނުބުރީގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި އދ. ކުނބުރުދުއަށް ވަޑައިގެން، އެ ރަށުގެ އިސްވެރިންނާ އަދި ރައްޔިތުންނާ ބައްދަލުކުރައްވައި، މަޝްވަރާކުރައްވަމުންނެވެ.

ރަށު ކައުންސިލާއި، ރަށުގެ މުއައްސަސާތަކުގެ އިސް ވެރިންނާއި ރަށުގައި މިވަގުތު ދިރިއުޅެމުންދާ ރައްޔިތުންނާއެކު މިއަދު، ކުނބުރުދޫ ސްކޫލްގައި ކުރިއަށް ގެންދެވި މި މަޝްވަރާބައްދަލުކުރެއްވުމުގައި، ކުނބުރުދޫ ރައްޔިތުންގެ އާންމު އިޖުތިމާޢީ ތަރައްޤީއަށް ބޭނުންވެފައިވާ ކަންކަން ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ކުނބުރުދޫގައި މިއަދު ޢަމަލީ މަސައްކަތް ފެއްޓެވި އަދި ސޮއިކުރެއްވި މަޝްރޫޢުތަކަކީ ރަށުގެ ތަރައްޤީގެ ކުރިމަގަށް އެޅުނު ފިޔަވަޅެއް ކަމަށާއި އެއިން ކޮންމެ މަޝްރޫޢެއްވެސް ސަމާލުކަން ދެއްވައިގެން ކުރިއަށް ގެންދަވާނެކަމަށެވެ.

މި ބައްދަލުވުމުގައި މިއަދު ވަނީ ކުނބުރުދޫ ބިންހިއްކުމާއި ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢު އަދި ސްކޫލްގެ މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރައްވާފައެވެ. މި މަސައްކަތް ޙަވާލުކުރައްވާފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ލިމިޓެޑާއެވެ.

މީގެ އިތުރުން މި ރަސްމިއްޔާތުގައި އދ. އަތޮޅުގައި އޮންނަ ފޮފަޅަގައު، ކުނބުރުދޫގެ ބައެއްގެ ގޮތުގައި ހިމެނުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާތީ އެތަން ކުނބުރުދޫ ކައުންސިލާ ރަސްމީކޮށް ވަނީ ޙަވާލުކުރައްވާފައެވެ.

ރައްޔިތުންގެ ވާހަކަތައް އަޑުއައްސަވައި، ކަންބޮޑުވުންތަކާއި، ޚިޔާލުފުޅުތަކަށް ރިޢާޔަތްކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، މިއަދު ސޮއިކުރެއްވި ބިން ހިއްކުމާއި ބަނދަރު ތަރައްޤީ ކުރުމުގެ ޢަމަލީ މަސައްކަތް އަންނަ ނޮވެންބަރު މަހު ފެށޭނެކަމުގެ ޔަޤީންކަން ދެއްވާފައެވެ. ބިންހިއްކައި ނިމުމުގެ ކުރިންވެސް ރަށުގައި ބޯހިޔާވަހިކަމުގެ މަޝްރޫޢެއް އަންނަ އަހަރު ފައްޓަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ރަށު ކައުންސިލާއި ރައްޔިތުންގެ ފަރާތުން ހުށަހެޅުއްވި ކަންކަން އަޑުއައްސަވައި، ޚިޔާލު ބަދަލުކުރައްވާފައެވެ. އަދި ބައްދަލަކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންނާއި، ދައުލަތުގެ ކުންފުނިތަކުގެ ވެރިން މެދުވެރިކުރައްވައި އެމަނިކުފާނު ވަނީ ރަށުގެ ތަރައްޤީގެ މަޝްރޫޢުތަކުގެ އަދާހަމަ މަޢުލޫމާތު ޙިއްޞާކުރައްވާފައެވެ.