ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ފާދިއްޕޮޅު ނައިފަރަށް ކުރެއްވި ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު މިއަދު މެންދުރު މާލެ ވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި، ނައިފަރުގެ މަސްވެރި ރައްޔިތުންނާއި، ނައިފަރުގައި އުފެދިފައިވާ ކްލަބް، ޖަމްޢިއްޔާ، ޖަމާޢަތްތަކުގެ ހިންގުންތެރިންނާ އެމަނިކުފާނު ބައްދަލުކުރެއްވިއެވެ. އަދި އަތްފޯރާ އަގުތަކުގައި ނައިފަރަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ މަޝްރޫޢުގެ ބައިތައް ކޮންޓްރެކްޓަރުންނާ ޙަވާލުކުރެއްވުމާއި، އެ މަޝްރޫޢުގެ ދަށުން އެޅުމަށް ހަމަޖެހިފައިވާ 25 ރޯހައުސް އިމާރާތްކުރުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވުމުގެ ރަސްމިއްޔާތުގައިވެސް އެމަނިކުފާނު ބައިވެރިވެވަޑައިގެންނެވިއެވެ.

ފާދިއްޕޮޅަށް ކަނޑައެޅިފައިވާ ތަރައްޤީގެ މަޝްރޫޢުތަކާ ގުޅޭ މަޢްލޫމާތު ހާމަކުރުމަށް ނައިފަރުގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅުވެސް ދެއްކެވިއެވެ.