ސަރުކާރު މުވައްޒަފުންގެ މުސާރަ މިއަހަރުގެ ތެރޭގައި ކުރިން ހުރި މިންވަރަށް އަނބުރާ އިޔާދަކުރެވޭވަރު ވާނެކަމަށް އުންމީދުކުރެއްވޭ ކަމުގައި ރައީސުޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ނައިފަރު މަލްޓި ޕާރޕަސް ބިލްޑިންގުގައި ރޭ ބޭއްވުނު، ފާދިއްޕޮޅުގެ ތަރައްޤީގެ މަޝްރޫޢުތަކާބެހޭ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން، ސަރުކާރުގެ މަސައްކަތުންނާއި، ސަރުކާރު މުވައްޒަފުންގެ އެހީތެރިކަމާއެކީގައި ހިންގުނު މަޝްރޫޢުތަކުން ދައުލަތުގެ އާމްދަނީ މިހާރު 7 ބިލިއަން ރުފިޔާއަށް އެރުމާ ގާތްވެފައިވެފައިވާކަމަށާއި، އިރާދަކުރެއްވިއްޔާ، ސަރުކާރު މުވައްޒަފުންގެ މުސާރަ ކުރިން ހުރިވަރަށް އަލުން އަނބުރާ ގެނެސްދެވޭނެކަމަށް ވިދާޅުވިއެވެ. އަދި މިކަން މިގޮތަށް ކުރެވުނީ މުވައްޒަފުންގެ ވަރަށް ބޮޑު ޤުރްބާނީއަކަށްފަހު ކަމުގައި ވިދާޅުވެ، އެކަމަށްޓަކައި ސަރުކާރުގެ އެންމެހައި މުވައްޒަފުންނަށް ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާކުރެއްވިއެވެ.