އާބާދީއާއި ތަރައްޤީ އެއްފަސްކުރުމުގައި އދ. މާމިގިއްޔަކީ ލާމަސީލު ކާމީޔާބީއެއް ހޯދާފައިވާ، އަދި އެރޮނގުން ކުރިއަށްދިއުމުގެ ޝަޢުޤުވެރިކަން އޮތް ރަށަކަށްވާއިރު، ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީގެ ކެމްޕަހެއް ރަށުގައި ތަރައްޤީކުރެއްވުމަކީ ވަރަށް މުހިންމުކަމެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ، އަރިއަތޮޅު ދެކުނުބުރީގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެއަތޮޅު މާމިގިއްޔަށް ވަޑައިގެން، ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި، ވާހަކަފުޅުދައްކަވަމުންނެވެ.
މާމިގިލީގައި ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީގެ ކެމްޕަހެއް ޤާއިމްކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ މިރޭ ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ. މާމިގިލީގައި ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީގެ ކެމްޕަހެއް ގާއިމުކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ.
ތައުލީމީ ދާއިރާގެ ކުރިއެރުމަށް ކުރައްވަމުން ގެންދަވާ އިތުރު މަޝްރޫޢެއްގެ ގޮތުގައި ރަށުގެ ސްކޫލު ތަރައްޤީ ކުރުމުގެ މަޝްރޫޢު ފާހަގަކުރައްވައި، ވާހަކަފުޅުކުރިއަށް ގެންދަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، 2026 ވަނަ އަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން ފެށެންވާއިރަށް އެ މަސައްކަތްތައް ނިމޭނެކަމުގައި ވިދާޅުވެފައެވެ.
ދިވެހިރާއްޖެ އުފެދިފައި އޮތް ގޮތަށް ބަލާއިރު ދެމެހެއްޓެނިވި ތަރައްޤީގެ ސިޔާސަތުގެ މުހިންމުކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވަނީ، އެމަނިކުފާނުގެ ސަރުކާރުން، ދެމެހެއްޓެނިވި ތަރައްޤީއަށް ޚާއްޞަ އިސްކަމެއް ދެއްވާކަން ތަކުރާރުކުރައްވާފައެވެ. އެގޮތުން މާމިގިލީގެ ތަރައްޤީއަށްޓަކައި ކުރައްވަމުން ގެންދަވާ، އަދި ކުރިއަށް އޮތް 2026 ވަނަ އަހަރުގެ ތެރޭގައި ކުރިއަށް ގެންދަވާނެ ބައެއް މަޝްރޫޢުތަކުގެ މަޢުލޫމާތު، އެމަނިކުފާނު ވަނީ ރައްޔިތުންނާ ހިއްސާކުރައްވާފައެވެ.
މި ދަތުރުފުޅުގެ ތެރޭގައި ހިމެނިގެން، މާމިގިލީގައި 30 އެނދުގެ ހޮސްޕިޓަލެއް ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް ފެށުމާއި، ބޭންކް އޮފް މޯލްޑިވްސްގެ ބްރާންޗެއް ރަށުގައި ގާއިމުކުރުމުގެ ޢަމަލީ މަސައްކަތް ފެށުމަށް ހަމަޖެހިފައިވާކަން ފާހަގަކުރައްވައި، މި މަޝްރޫޢުތަކަކީ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދެއްވައިގެން ކުރިއަށްގެންދަވާނެ މަޝްރޫޢުތަކެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ތާރު އަޅައިގެން ޒަމާނީ ފެންވަރަށް މަގުތައް ތަރައްޤީކުރުމުގެ މަސައްކަތްތައްވެސް ދާދި އަވަހަށް ފަށައި، ނިންމާލެވޭނެކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ހަމަމިއާއެކު، އދ. މާމިގިއްޔަކީ ތަރައްޤީގެ ނާރެހެއްކަން ފާހަގަކުރައްވައި ވާހަކަފުޅުކުރިއަށްގެންދަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، އައި.ޑީ ކާޑާއި ޕާސްޕޯޓުގެ ޚިދުމަތް، ރަށުގައި ތިބެގެން ލިބޭނެ އިންތިޒާމުތައް، މި ހިނގާ އޮކްޓޫބަރު މަސް ނިމުމުގެ ކުރިން ހަމަޖެހިގެންދާނެކަމުގެ ޚަބަރުވެސް ރަށުގެ ރައްޔިތުންނާ ހިއްސާކުރައްވާފައެވެ. އަދި ރަށުގެ ކުނި މެނޭޖުކުރުމުގެ ކަންކަން ވެމްކޯއާއި ހަވާލުކުރައްވާފައި ވާކަމަށާ، މިއަހަރުގެ ތެރޭގައި އެކަންވެސް ފެށިގެންދާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން މާމިގިލީގައި ޕަބްލިކް ވަރކްސް ޔުނިޓެއް ގާއިމުކުރެވި، ވަޒީފާގެ އިތުރު ފުރުޞަތުތަކެއް ފަހިކުރެވިގެންދާނެކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އަދި 2026 ވަނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވައިގެން، ސްޕޯޓްސް ކޮމްޕްލެކްސްއެއް ތަރައްޤީކޮށްދެއްވާނެކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ނިންމަވާލައްވާފައިވަނީ، ރަށުގެ ތަރައްޤީއަށްޓަކައި ކުރިއަށް އޮތްތަނުގައިވެސް ގިނަ މަސައްކަތްތަކެއްކޮށްދެއްވާނެކަމުގެ ޔަޤީންކަން، ރަށުގެ ރައްޔިތުންނަށް ދެއްވަމުންނެވެ. އެގޮތުން އެމަނިކުފާނުގެ ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެއްވާ ގެދޮރުވެރިކަމުގެ މަޝްރޫޢުވެސް ކުރިއަށްއޮތްތަނުގައި މާމިގިލީގައި ކުރިއަށްގެންގޮސްދެއްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.