އައްޑޫ ސިޓީގެ ފޭދޫ، ހުޅުދޫ އަދި މީދޫގައި ރައްޔިތުންގެ ޚިޔާލު ހޯދުމަށް ކުރިއަށްގެންދެވުމަށް ނިންމަވާފައިވާ ޢާންމު ވޯޓުގައި ސަރުކާރުގެ ވަކި ސްޓޭންޑެއް ނެތްކަމަށް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، އެމަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓުން މިރޭ ކުރެއްވި ޕޯސްޓެއްގައެވެ.

މި ހިނގާ އޮކްޓޫބަރު މަހު ކުރިއަށްގެންދާ މި ވޯޓުގައި ސަރުކާރުން އިޚުތިޔާރުކުރާ ވަކި ނަތީޖާއެއްވެސް ނެތްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ރައްޔިތުންގެ އަޣުލަބިއްޔަތުން ނިންމާ ކޮންމެ ނިންމުމެއް ސަރުކާރުން ތަންފީޒުކުރައްވާނޭކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.

އައްޑޫ ސިޓީ ކައުންސިލް އެކުލަވާލާފައިވާގޮތަށް ބަދަލު ގެންނަން ބޭނުންވާކަމަށް އައްޑޫ ސިޓީގެ ބައެއް ފަރާތްތަކުން ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅުއްވާފައިވާ މައްސަލައާ ގުޅިގެން، އައްޑޫ ސިޓީގެ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓެއް ނެގުމާބެހޭގޮތުން ކުރަންޖެހޭ އިންތިޒާމުތައް ކުރެއްވުމަށް ވަޒީރުންގެ މަޖިލީހުން މިއަދު ވަނީ ނިންމަވާފައެވެ.

ޢާންމު ވޯޓުގައި ރައްޔިތުންގެ ޚިޔާލު ހޯދަނީ، އައްޑޫ ފޭދޫ، އައްޑޫ ހުޅުދޫ އަދި އައްޑޫ މީދޫގެ ނަމުގައި ކައުންސިލްތައް އުފައްދަން ފެނޭތޯ ބެލުމަށާއި، އައްޑޫ ހުޅުދޫ އާއި އައްޑޫ މީދޫ، އެއް ރަށު ކައުންސިލެއްގެ ދަށުން ހިންގުމަށްޓަކައި، އައްޑޫ ހުޅުމީދޫ ކައުންސިލް އުފައްދަން ފެނޭތޯ ބެލުމަށެވެ. އެ ރަށްރަށުގެ ރަޖިސްޓްރީގައިވާ ވޯޓުލުމުގެ ޙައްޤު ލިބިފައިވާ ހުރިހާ ރައްޔިތުންނަށް މި ވޯޓުގައި ބައިވެރިވެވޭނެއެވެ.