ސަޢޫދީ ޢަރަބިއްޔާގެ އިސް މުފްތީ އަދި އިލްމުވެރިންގެ މަޖިލީހުގެ ރައީސް ސަމާޙަތުއްޝައިޚް ޢަބްދުލްޢަޒީޒް ބިން ޢަބްދުﷲ އާލް ޝައިޚް އަވަހާރަވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.
އެ މަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓްގައި ތަޢުޒިޔާ ވިދާޅުވެ ކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ސަމާޙަތުއްޝައިޚް ޢަބްދުލްޢަޒީޒް ބިން ޢަބްދުﷲ އާލް ޝައިޚްގެ ފުރާނަފުޅަށް ހެޔޮ ރަޙްމަތްލައްވައި، އެ މަރުޙޫމްގެ އާއިލާއަށް ތަޢުޒިޔާ ވިދާޅުވެ، ޢާއިލާއަށް ކެތްތެރިކަންދެއްވުން އެދިވަޑައިގެން ދުޢާ ދަންނަވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ތަޢުޒިޔާގެ މި ޕޯސްޓުގައި، ސަޢޫދީ ޢަރަބިއްޔާގެ އިސް މުފްތީ އަވަހާރަވުމާއި ގުޅިގެން، މާތްވެގެންވާ ދެ ޙަރަމްފުޅުގެ ޚާދިމް އަދި ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު، ހިޒް މެޖަސްޓީ ކިންގް ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް ސުޢޫދަށާއި ވަލީޢަހުދު އަދި ބޮޑުވަޒީރު ހިޒް ރޯޔަލް ހައިނަސް ޕްރިންސް މުޙައްމަދު ބިން ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް ސުޢޫދަށްވެސް ތަޢުޒިޔާ ފޮނުއްވާފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ޕޯސްޓުގައި، އިސްލާމީ އުންމަތަށް ގެއްލިގެން މި ދިޔައީ ބޮޑު ޢިލްމުވެރިއެއްގެ އިތުރުން އިސްލާމްދީނުގެ މަތިވެރި ނޫރު ފެތުރުއްވުމަށްޓަކައި މުޅި އުމުރު ހޭދަކުރެއްވި އިތުބާރުކުރެވޭ މުޝީރަކު ކަމުގައި ވިދާޅުވެފައިވެއެވެ.