ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މުލަކަތޮޅު މުލަކު ކައުންސިލާއި، އ.ތ.މ ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު މުލަކަތޮޅު މުލަކު ކައުންސިލް އިދާރާގައެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލް މެންބަރުން ވަނީ ރަށުގެ ތަރައްޤީއަށް އެންމެ ބޭނުންވާ ކަންކަން ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފައެވެ. މިގޮތުން ކައުންސިލުން ވަނީ އެރަށަކީ، މަސްވެރިވެރި ރަށަކަށްވުމުން ކޯލްޑް ސްޓޯރޭޖުގެ މަސައްކަތް އަވަހަށް ނިންމުމާއި، ރަށުގެ މަގު ހެދުމާއި، މިހާރު ހަދަމުންދާ ސުކޫލު އިމާރާތް އަދި ޒުވާނުންގެ މަރުކަޒުގެ މަސައްކަތް އަވަހަށް ނިންމަވައިދެއްވުމަށް އެދިވަޑައިގެންފައެވެ. މީގެ އިތުރުން ޞިއްޙީ މަރުކަޒުގެ މުވައްޒަފުންގެ ދަތިކަމާއި ރަށުގައި ޕޮލިސް ވެހިކަލެއް ނެތުމުން ދިމާވާ މައްސަލަތައް ވެސް ހިއްސާކުރެއްވިއެވެ. މީގެއިތުރުން ރަށުގެ ކަރަންޓް ނެޓްވޯކްގެ މައްސަލައާއި އެންބިއުލެންސްގެ މައްސަލައަށް ހައްލެއް ހޯއްދަވައިދެއްވުމަށް އެދިވަޑައިގެންނެވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވާނެކަމުގައި ވިދާޅުވެފައެވެ. އަދި ބައްދަލަކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންނާއި، ދައުލަތުގެ ކުންފުނިތަކުގެ ވެރިން މެދުވެރިކުރައްވައި އެމަނިކުފާނު ވަނީ ރަށުގައި ކުރިއަށްދާ މަޝްރޫޢުތަކުގެ އަދާހަމަ މަޢުލޫމާތު ޙިއްޞާކުރައްވާފައެވެ.