ރައްޔިތުން ބޭނުންނުވާ ކަމެއް މި ސަރުކާރުން ނުކުރައްވާނޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، މާޅޮސްމަޑުލު ދެކުނުބުރީ ދޮންފަނު ރައްޔިތުންގެ އެދުމުގެ މަތީން އެ ރަށުގައި ހިންގެވުމަށް ނިންމެވި ބިންހިއްކުމުގެ މަޝްރޫޢު ހިންގަން މިހާރު އެ ރަށު ރައްޔިތުން ބޭނުން ނުވާތީ، ދެން އެ މަޝްރޫޢު ކުރިއަށް ނުގެންދަވާނޭކަން އިޢުލާންކުރައްވައި މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ރާއްޖޭގެ ރަށްރަށުގައި އެކި މަސައްކަތްތައް ހިންގެވުމަށް ވަޢުދުވެވަޑައިގަންނަވަނީ، އެ ރަށެއްގެ ރައްޔިތުން އެ ކަންކަމަށް އެދުމުން ކަމަށާއި، ރައްޔިތުން ބޭނުން ނުވާ ކަމެއް، މި ސަރުކާރަކުން ނުކުރައްވާނޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެހެންކަމުން، ދޮންފަނު ބިންހިއްކުމުގެ މަޝްރޫޢުގައި ސޮއިކޮށްފައިވާ ނަމަވެސް، ބިންހިއްކުމާ ގުޅޭގޮތުން ރައްޔިތުންގެ ޚިޔާލު ބަދަލުވެފައިވާތީ، އެ މަސައްކަތް ކުރިއަށް ނުގެންދަވާނޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މިއަދު، ސަރުކާރުގެ ކަމާ ބެހޭ ވުޒާރާއިން، ދޮންފަނު ރަށު ކައުންސިލަށް، ރަސްމީކޮށް އެކަން އަންގަވާނޭ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.