ޖަނަވަރީ1، 2026 އިން ފެށިގެން ރާއްޖޭގެ ހުރިހާ ސިޓިތަކާއި ރަށްރަށުގެ މަގުތަކާއި ޢާއްމު ތަންތަން ދިއްލުމަށް ބޭނުންކުރާ ކަރަންޓަށް، ފެނަކަ އަދި ސްޓެލްކޯއިން ކައުންސިލްތަކަށް ޑޮމެސްޓިކް ރޭޓުން ބިލް ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިކަން އިއުލާން ކުރެއްވީ މީސްމީޑިއާ މެދުވެރިކުރައްވައި މިއަދު ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

އެ މަނިކުފާނުގެ ޕޯސްޓްގައި، ވިދާޅުވީ މިއީ ލާމަރުކަޒީ ނިޒާމު އިތުރަށް ތަރައްޤީ ކުރެއްވުމަށް ކުރައްވާ ކަންކަމުގެ ތެރޭގައި ހިމެނިގެން، ނިންމެވި ނިންމެވުމެއް ކަމަށެވެ. މި ނިންމެވުމުގެ ނަތީޖާއެއްގެ ގޮތުން ރަށްރަށުގެ މުނިސިޕަލް އެހެން ޚިދުމަތްތަކަށް ޚަރަދު ކުރަން ލިބޭ ފައިސާގެ ޢަދަދު އިތުރުވެގެންދާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

މިހިނގާ ސެޕްޓެންބަރު މަހުގެ 5 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ވަނީ، 2026 ވަނަ އަހަރުން ފެށިގެން ކައުންސިލްގެ ބަޖެޓުން، އ.ތ.މ ކޮމެޓީތަކަށް ދެމުން އަންނަ ބަޖެޓް ދެގުނަ ބޮޑުކުރައްވައި، ކައުންސިލްތަކަށް ބްލޮކް ގްރާންޓުން އެހީދޭ އުޞޫލު މުރާޖަޢާކުރެއްވުމަށް ވެސް ނިންމަވާފައެވެ.