ސްރީލަންކާގައި މިހާރު ކުރިއަށްދާ ''ސައުތު އޭޝިއަން ސުޕަރ ކަޕް 2025'' ގައި ބައިވެރިވާ ދިވެހިރާއްޖޭގެ ޤައުމީ ޓީމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ފޯނުން ގުޅުއްވާ މަރުޙަބާ ވިދާޅުވެ ހިތްވަރުދެއްވައިފިއެވެ.

ދިވެހިރާއްޖޭގެ ޤައުމީ ޓީމުގެ ކޯޗް މުހައްމަދު ޝިޔާޒު (މޯހަން) އަށް ރައީސުލްޖުމްހޫރިއްޔާ މިއަދު ހެނދުނު ފޯނުން ގުޅުއްވާ މި މުބާރާތުގައި އިއްޔެ ކުޅުނު މެޗުން ޤައުމީ ޓީމް ހޯދި ކާމިޔާބީއަށް މަރުޙަބާ ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް މެޗްތަކުގައި ކާމިޔާބީ ހޯދުމަށް ހިތްވަރާއިއެކު މަސައްކަތް ކުރެއްވުމަށް އެދިވަޑައިގެންނެވިއެވެ. މީގެ އިތުރުން ފުޓްބޯޅައިގައި ދިވެހި ޤައުމަށް ރަންވަނަތަކެއް ހޯދައިދިނުމަށް ޤައުމީ ޖޯޝާއި އެކު މަސައްކަތް ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެނެނެވިއެވެ.

ދިވެހިރާއްޖޭގެ ޤައުމީ ޓީމުގެ ކޯޗް މުހައްމަދު ޝިޔާޒު (މޯހަން) ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޓީމަށް ގުޅުއްވާ މަރުހަބާ ވިދާޅުވުމަކީ ޓީމަށް ލިބުނު އިތުރު އުފަލަކާ ހިތްވަރެއް ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިގޮތަށް ދިވެހި ފުޓްބޯޅައަށާއި ރައްޔިތުންނަށްޓަކައި ފުޓްބޯޅައަށް ރީތިނަން ހޯދައިދިނުމަށް ކުރިއަށް އޮތް މެޗްގައި އިތުރަށް ހިތްވަރުކޮށް، ޓީމްގެ އުއްމީދަކީ ތަށި ކާމިޔާބުކުރުން ކަމަށްވެސް ކޯޗް މުހައްމަދު ޝިޔާޒު ވިދާޅުވިއެވެ.

ކުރިން ދިވެހިރާއްޖޭގައި އޮންނަ ފުޓްބޯޅައިގެ ފޯރި އަލުން ގެނެސް، ފުޓްބޯޅަ ކުރިއަރުވާ ތަރައްޤީކޮށް އަލާކުރުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރައްވަމުންނެވެ. މީގެ އިތުރުން މާލެއާއި އަތޮޅުތަކުގައި ކުޅިވަރު ތަރައްޤީކުރެއްވުމަށް ތަފާތު ވަސީލަތްތައް ސަރުކާރުން ދަނީ ޤާއިމްކުރައްވަމުންނެވެ.