2026 ވަނަ އަހަރުން ފެށިގެން ކައުންސިލްގެ ބަޖެޓުން، އ.ތ.މ ކޮމެޓީތަކަށް ދެމުން އަންނަ ބަޖެޓް ދެގުނަ ބޮޑުކުރައްވައި، ކައުންސިލްތަކަށް ހިލޭ އެހީ ދޭ ބްލޮކް ގްރާންޓުގެ ފިސްކަލް ފޯރމިއުލާ މުރާޖަޢާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.
އެމަނިކުފާނުގެ ރަސްމީ އެކްސް އެކުންޓުގައި ވަކިވަކިން ހިއްސާ ކުރެއްވި ދެ ޕޯސްޓެއްގައި ވިދާޅުވީ 2026 ވަނަ އަހަރުގެ ބަޖެޓު ހުށަހެޅުއްވުމުގެ ކުރިން، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތައް އިތުރަށް ބާރުވެރި ކުރުވުމަށްޓަކައި ކައުންސިލްގެ ބަޖެޓުން މިހާރު ދެމުންގެންދާ ފަހެއް އިންސައްތަ ދެގުނަކުރައްވައި، ދިހައެއް އިންސައްތައަށް ބޮޑުކުރެއްވުމަށް ނިންމަވާފައިވާ ކަމަށެވެ.
ދެން ގެންނަވަން ނިންމެވި ބަދަލަކީ، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ މެމްބަރުންނަށް ދޭ ރަމަޟާން މަހުގެ އެލަވަންސް، އެ ކޮމެޓީގެ ބަޖެޓުން ދެއްވުމުގެ ބަދަލުގައި ކައުންސިލްގެ ބަޖެޓްގެ ތެރެއިން ދެއްވާގޮތަށް ހަމަޖެއްސެވުމެވެ.
އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ މެމްބަރުންނަށް ރަމަޟާން މަހުގެ އެލަވަންސް ދެއްވުމަށް ނިންމަވައި، މިދިޔަ އަހަރުން ފެށިގެން އެ އެލަވަންސްވަނީ ދެއްވަން ފައްޓަވާފައެވެ.
މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ދިވެހިރާއްޖެހޭ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 79 ވަނަ މާއްދާގެ ދަށުން ކައުންސިލްތަކަށް ސަރުކާރުން ދޭ ޢާންމު ހިލޭ އެހީގެ ފައިސާ (ބްލޮކް ގްރާންޓް) ދިނުމަށް ކަނޑައަޅުއްވާފައިވާ ފިސްކަލް ފޯރމިއުލާގައިވާ ގޮތުން އާބާދީ ކުޑަ ރަށްތަކަށް ލިބޭވަރު މަދުވާތީ، އެއް ހަމައެއްގައި އެ ފައިސާދެވޭނެގޮތަށް ފިސްކަލް ފޯރމިއުލާ މުރާޖަޢާކުރެއްވުމަށް ނިންމަވާފައެވެ. އެގޮތުން ބްލޮކް ގްރާންޓުގެ ފިސްކަލް ފޯރމިއުލާ މިހާރު ކަނޑައަޅުއްވާފައިވާ ގޮތުން، އެ ކައުންސިލްތަކަށް ގެއްލުން ވާތީ ފިސްކަލް ފޯރމިއުލާ މުރާޖާކުރެއްވުމުގައި ރަށުގެ ބޮޑުމިނަށް ރިއާޔަތްކުރެވޭ ގޮތަށް ބަދަލުކުރައްވައި، 2026 ވަނަ އަހަރުގެ ބަޖެޓު ހުށަހަޅުއްވާއިރު މި ބަދަލުވެސް ހުށަހެޅުއްވުމަށް ވަނީ ނިންމަވާފައެވެ.
މިގޮތަށް ބަދަލުގެންނެވުމަށް އެމަނިކުފާނު ނިންމެވީ، އާބާދީ ކުޑަ ނަމަވެސް، ބިމުގެ ގޮތުން ތަނަވަސް ރަށްތަކުގައި މުނިސިޕަލް މަސައްކަތް މަދުނުވާތީއެވެ.