ކުމުންދޫ ބަނދަރަށް ދިމާވެފައިވާ މައްސަލައަށް ދާއިމީހައްލެއް ހޯއްދަވައިދެއްވުމަށްޓަކައި، ބަނދަރު މިހާރު އޮތްތަން ނޫން އެހެން ސަރަހައްދަކަށް ބަދަލުކޮށް، ދެމަސްދުވަހުގެ ތެރޭގައި މަސައްކަތް ފައްޓަވާނެ ކަމުގައި ރައިސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެންވިދާޅުވީ، ތިލަދުންމަތީ ދެކުނުބުރީގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އެ އަތޮޅު ގެ އެންމެ ފަހު މަންޒިލްކަމަށްވާ، ކުމުންދޫއަށް ޒިޔާރަތްކުރައްވައި އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.

ކުމުންދޫގެ ތަރައްޤީއަށްޓަކައި ކުރައްވަންހުރި ކަންކަމުގެ ތެރޭގައި، ރައްޔިތުންނަށް އެންމެ ދަތިވެފައިވާ މައްސަލައަކީ ބަނދަރުގެ މައްސަލަކަން ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވީ، ބަނދަރު މިހާރު އޮތްތަނުގެ ސަބަބުން ދިމާވަމުންދާ މައްސަލަ ހައްލުނުކުރެވޭކަން މިހާރު ޔަޤީންވާކަމަށެވެ. މިކަމަށް ދާއިމީ ހައްލެއްގެނައުމަކީ އެ މަނިކުފާނުގެ ޒިންމާއެއްކަމަށް ވިދާޅުވެ، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރައްޔިތުން ބޭނުންވާ ސަރަހައްދަށް ބަނދަރު ބަދަލުކޮށް ދެ މަސްދުވަހުގެ ތެރޭގައި މަސައްކަތްފަށައި، ބަނދަރު ނިންމަވައިދެއްވާނެ ކަމަށެވެ. މީގެ އިތުރުންވެސް ބަނދަރުގެ މަސައްކަތް ކުރިއަށްދާއިރު މޫދަށް އެރޭ ސަރަހައްދެއް ހެދިގެންދާނެ ކަމަށްވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

މިއަދުގެ ރަސްމިއްޔާތުގައި ކުމުންދޫ މަގު ހެދުމުގެ މަޝްރޫޢުގެ އެއްބަސްވުމާއި، ކުމުންދޫ ސްކޫލްގެ މަލްޓި- ޕާޕަސް ހޯލުގެ އެއްބަސްވުމުގައި ވަނީ ސޮއިކުރައްވާފައެވެ. މީގެ އިތުރުން ކުމުންދޫގައި ފެނާއި ނަރުދަމާގެ ޚިދުމަތް ރަސްމީކޮށް ރައީސުލްޖުމްހޫރިއްޔާ ވަނީ އިފްތިތާޙްކޮށްދެއްވާފައެވެ.

ކުމުންދޫ ސްކޫލްގެ މަލްޓި- ޕާޕަސް ހޯލުގެ މަޝްރޫޢާއި ގުޅޭގޮތުން އެމަނިކުފާނު ވިދާޅުވީ އެކަމުގެ އަމަލީ މަސައްކަތް ދެތިން މަސްދުވަހުގެ ތެރޭގައި ފެށޭނެކަމަށެވެ. އަދި ހޯލުގެ މަސައްކަތާއި އެކު ސްކޫލަށް ބޭނުންވާ އެހެނިހެން ޖާގައާއި ވަސީލަތްތައް އިތުރުކުރެވިގެންދާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ކުޅިވަރުގެ ދާއިރާގެ މަޝްރޫޢުތަކާއި ގުޅޭގޮތުން އެމަނިކުފާނު ވިދާޅުވީ، މިހާރު ހަދަމުންދާ ފުޓްބޯޅަ ދަނޑު އެންމެ ފުރިހަމަގޮތުގައި ފުރިހަމަކޮށްދީ، ފުޓްސަލް ދަނޑު ތަރައްޤީ ކުރުމުގެ އިތުރުން ހޭންޑް ބޯލް ކޯޓަކާއި ވޮލީ ކޯޓެއްވެސް އެ ރަށުގައި އެޅުމުގެ މަސައްކަތް ކޮށްދެއްވާނެކަމަށެވެ.

މިއަދު ވަނީ، ކުމުންދޫ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އަޅުއްވައި، ކުމުންދޫ ފުލުހުންގެ މަރުކަޒުގެ އިތުރުން، އެ ރަށުގެ ހެލްތު ސެންޓަރުގެ ބިންގާ އަޅުއްވާފައެވެ. މީގެ އިތުރުން އެ ރަށުގައި ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމްގެ ޚިދުމަތްވެސް މިއަދު ވަނީ ފައްޓަވާފައެވެ.

ރައީސުލްޖުމުހޫރިއްޔާގެ ވާހަކަފުޅު ނިންމަވާލައްވަމުން ވަނީ، ހދ އަތޮޅުގެ ތަރައްޤީއަށް އެމަނިކުފާނު ވަޢުދުވެވަޑައިގެންފައިވާ، އަދި ރައްޔިތުންނާ ބައްދަލުކުރައްވައި ކުރައްވާނެކަމަށް ވައުދުވެވަޑައިގެންނެވި ހުރިހާ ކަންކަމެއްވެސް ކުރައްވާނެ ކަމުގެ ޔަޤީންކަން ހުރިހާ ރައްޔިތުންނަށް ދެއްވަމުންނެވެ.