بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اَلْحَمْدُ للَّهِ رَبِّ الْعاَلَمِينْ، وَالصَّلاَة وَالسَّلاَمُ عَلَى رَسُولِ ٱللَّهِ، وَعَلَى آلهِ وَصَحْبِهِ أَجْمَعِينْ.

ނެއްލައިދޫގެ ލޮބުވެތި އެންމެހައި ރައްޔިތުން، ކައުންސިލްގެ ރައީސް، އަދި މުއައްސަސާތަކުގެ އިސް ވެރިން، މި ރަށުގެ ޚިދުމަތްތެރި އިސް ރަށްވެހިން، ވަޑައިގެން ތިއްބެވި އެންމެހައި ޢިއްޒަތްތެރިން، މި ޖަލްސާ، ދުރާއިގާތުން ބައްލަވަމުން ގެންދަވާ، އަދި އަޑުއައްސަވަމުން ގެންދަވާ ލޮބުވެތި އެންމެހައި ރައްޔިތުން؛

السَّلامُ عَلَيْكُم ورَحْمَةُ اللهِ وَبَرَكاتُهُ.

އާދެ، އަޅުގަނޑުމެންނަށް މި ރަށަށް އާދެވުނު ވަގުތު ތިޔަބޭފުޅުން، ރަށުގެ ލޮބުވެތި ރައްޔިތުން ވަޑައިގެން، ވިދާޅުވި ހޫނު މަރުޙަބާއަށްޓަކައި އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން، މި ރަށުގެ ލޮބުވެތި ރައްޔިތުންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.

އާދެ، މިއަދު މި ރަށުގައި އިރާދަކުރެއްވީތީ އަޅުގަނޑުމެން، ވަރަށް ގިނަ މަސައްކަތް ފަށައިފިން. މި މަސައްކަތްތައް އަޅުގަނޑުމެން މި ފެށީ، އެ މަސައްކަތްތައް ކުރެވޭނެގޮތް އިންތިޒާމުކޮށްފައި. އިރާދަކުރެއްވިއްޔާ، މިއިން ކޮންމެ މަޝްރޫޢެއްގެ މަސައްކަތް ޢަމަލީގޮތުން ބާރަށް ކުރިޔަށްދާނެ. ކުރިޔަށް ގެންދެވި، އިރާދަކުރެއްވިއްޔާ ވަރަށް ފުރިހަމަ ކަމާއެކީގައި ނިންމައި، އެއިން ކޮންމެ ތަނަކުން، މި ރަށުގެ ރައްޔިތުންނަށް އެ މަޝްރޫޢަކުން ލިބެންޖެހޭނެ ފުރިހަމަ ކުރިއެރުމާއި، ފަސޭހަކަމާއި، ތަރައްޤީ ލިބިގެންދާނެ. އެހެންކަމުން، މިއަދު އަޅުގަނޑުމެން މި ރަށުގައި މި ފެށި ހުރިހާ މަޝްރޫޢުތައް ފެށިގެން ދިޔުމުގެ، އަދި ސޮއިކުރުމުގެ މުނާސަބަތުގައި، ނެއްލައިދޫގެ ހުރިހާ ރައްޔިތުންނަށް ވަރަށް ބޮޑަށް މަރުޙަބާ ދަންނަވަން.

އަޅުގަނޑުމެން އޭ.ޓީ.އެމް.އެއްގެ ޚިދުމަތް ފަށައިފިން. އޭ.ޓީ.އެމް. ބަހައްޓާތީ ބައެއް ފަރާތްތަކުން، އެކަން އާދައިގެ ކަމަކަށް އެބަ ހަދާ. އެއީ، އާދައިގެ ކަމެއްނޫން. ފަހަރެއްގައި މިފަދަ ރަށްރަށުގެ ރައްޔިތުންނަށް މިފަދަ ކަންކަމުގެ މުހިންމުކަން އެނގިވަޑައިނުގަންނަވަންޏާ، އެކަހަލަ ކަންކަން އާދައިގެ ކަންކަމަށް ބައެއް ފަރާތްތަކުން ހަދާފާނެ. އަޅުގަނޑުގެ ސިޔާސަތަކީ، އަދި މި ސަރުކާރުގެ ސިޔާސަތަކީ، ހުރިހާ ރައްޔިތުންނަށްވެސް ހަމަހަމަ ކަމާއެކީ ޚިދުމަތްދިނުން. އެއީ، ބޭންކިންގ ޚިދުމަތް ކަމުގައިވިޔަސް، ހަމަހަމަ ކަމާއެކީގައި ލިބެންވާނެކަމަށް އަޅުގަނޑު ގަބޫލުކުރަނީ. އެހެންނޫނީ މިވާގޮތަކީ، މި އޭ.ޓީ.އެމް.ތައް ނުހުންނަ ރަށްރަށުގެ ރައްޔިތުން، ކައިރިން އޭ.ޓީ.އެމް. ހުންނަ ކޮންމެވެސް ރަށަކަށް، އަތުން ޚަރަދުކޮށްފައި ފައިސާ ޖަމާކުރަން، ނޫނީވިއްޔާ ނަގަންދާން މިޖެހެނީ. މިހާރު، މި ކަންކަން މިގޮތަށް ހަމަޖެހިގެން ދިޔައީމަ، ވަރަށް ފަސޭހަ އެބަވޭ. އަދި އޭގެއިތުރަށް، އެ ރަށެއްގައި މަސައްކަތްތައް ކުރިޔަށްގެންދާ ފަރާތްތަކަށް، ފައިސާގެ މުއާމާލާތް، ބޭންކު މުއާމާލާތްކުރާ ފަރާތްތަކަށް ވަރަށް ފަސޭހަވޭ.

މިއަދު އަޅުގަނޑުމެން ހަތަރު މަޝްރޫޢެއްގެ ޢަމަލީ މަސައްކަތްވެސް މި ފެށީ. އޭގެތެރޭގައި މި ހިމެނެނީ، މިސްކިތް އިމާރާތްކުރުމުގެ މަޝްރޫޢު، އެއް ކަމަކަށް. އާދެ، 500 މީހުންގެ ޖާގައިގެ ޒަމާނީ، ރީތި މިސްކިތެއް މި ރަށުގައި އިރާދަކުރެއްވިއްޔާ އެޅިގެންދާނެ. އޭސީ ކުރެވިފައި، ސޯލަރ ޕަވަރ ބޭނުންކުރެވޭގޮތަށް، އަދި ލައިބްރަރީއާއި، ކްލާސް، ނޫނީވިއްޔާ ކްލާސްރޫމް ޖާގައާއި، މި ދެންނެވިގޮތަށް ހުންނަ، އެކި ޖާގަތައް ހިމެނޭ، ވަރަށް ޒަމާނީ، 500 މީހުންގެ ޖާގައިގެ މިސްކިތެއް، އިރާދަކުރެއްވިއްޔާ މި މަޝްރޫޢުގެ ދަށުން އެޅިގެން މިދަނީ.

ހަމައެއާއެކީގައި، އަޅުގަނޑުމެން މިއަދު މި ފެށި އަނެއް މަޝްރޫޢަކީ، ޞިއްޙީ މަރުކަޒަށް ބޭނުންވާ ޖާގަ އިތުރުކުރުން، ނޫނީވިއްޔާ ޞިއްޙީ މަރުކަޒު މަތީ ފެންވަރަކަށް ބަދަލުކުރުމަށްޓަކައި ހިންގާ މަޝްރޫޢު. މަޝްރޫޢުގެ ބިންގާ. އެ މަޝްރޫޢުގެ ތެރެއިންވެސް އިރާދަކުރެއްވިއްޔާ، މި ރަށުގެ ޞިއްޙީ ޚިދުމަތް ވަރަށް ރަނގަޅުވެގެން ދާނެ. މަޝްރޫޢު ނިމިގެންދާއިރުގައި އިތުރުވާ ޖާގައިން، މެޑިކަލް ސަރވިސަސްތައް ދިނުމަށް ބޭނުންވާ ވަސީލަތްތައް ގާއިމުކުރާނެ ޖާގައިގެ އިތުރަށް، އޭގެތެރޭގައި ލެބޯރެޓަރީގެ ޚިދުމަތް ހިމެނިގެންދާނެ. އަމާޒަކީ، 24 ގަޑިއިރަށް ޚިދުމަތް ބަދަލުކުރުން. އެކަމަށްޓަކައި މިހާރުއްސުރެން އަޅުގަނޑުމެން ގެންދަނީ މަސައްކަތްކުރަމުން. މިހާރުވެސް އަޅުގަނޑުމެންނަށް ކުރެވެން އޮތް މަސައްކަތްތައް ކުރަމުން ދާނަން. މުވައްޒަފުން އިތުރުކުރެވެން އޮތް ވަރަކަށް، މި އަންނަ އަހަރު އިތުރުވެސް ކޮށްދޭނަން. އަދި މި އަހަރުވެސް އިތުރަށް ކުރެވެން އޮތީވިއްޔާ އަޅުގަނޑުމެން ބަލާފައި، އިތުރުކުރަމުން ދާނަން. އެހެންވީމާ، ޞިއްޙީ ޚިދުމަތް އިތުރުކުރުމަށް، ވަރުގަދަކުރުމަށް މަޝްރޫޢެއްގެ މަސައްކަތް ފެށިއްޖެ.

ދެން، އަޅުގަނޑުމެން ފެށި އަނެއް މަޝްރޫޢަކީ، ނޫނީވިއްޔާ ބިންގާއެޅި އަނެއް މަޝްރޫޢަކީ، ޒުވާނުންނަށް ވަރަށް މުހިންމު، ކުޅިވަރު ކުޅޭ ފަރާތްތަކަށް ވަރަށް މުހިންމު މަޝްރޫޢެއް. ފިޓްނަސް އެންޑް ރިކްރިއޭޝަން ސެންޓަރު. މިތަނަކީ، އަޅުގަނޑުމެން ރާއްޖޭގެ ހުރިހާ ރަށެއްގައި ގާއިމުކުރާ ތަނެއް. އެތަނުގެ ތެރޭގައި ވަރަށް ގިނަ، އެކިކަހަލަ އިންޑޯ ކުޅިވަރުތައް ކުޅެވި، އަދި ވަރަށް ގިނަ ފެސިލިޓީޒްތައް ގާއިމުކުރެވިފައި ހުންނަ ތަނެއް. މި މަރުކަޒު އެޅިގެންދިޔައީމަ މި ދެންނެވިފަދައިން، އެއީ ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާ ކަމަކަށްވޭ.

ކައުންސިލް އިދާރާ ގާއިމުކުރުމަށްވެސް ސަރުކާރުން ވަރަށް އިސްކަންދެން. މިއަދު އަޅުގަނޑުމެން މި ރަށުގައި ދެން މިފެށި މަޝްރޫޢަކީ، މީގެ މަޝްރޫޢެއް. އާދެ، ދެ މަޝްރޫޢަކަށް ބަހާލައިގެން، ޖުމްލަ 105 ރަށުގައި، ކައުންސިލް އިދާރާ ސަރުކާރުން އެބަ ގާއިމުކުރަން. 105 މަޝްރޫޢު، 105 ރަށުގައި. މީގެތެރެއިން، 55 ކައުންސިލް އިދާރާ މި އަޅަނީ، ސަރުކާރުން އެހީތެރިކަންދީގެން ވަކިގޮތަކަށް، ސަރުކާރުގެ ޕްރޮޖެކްޓެއް ގޮތުގައި، ޕީ.އެސް.އައި.ޕީ. މަޝްރޫޢެއްގެ ގޮތުގައި. 50 ރަށެއްގެ ކައުންސިލް ޔުނިޓު އަޅަނީ ބޭރުގެ ފަންޑެއް، ނޫނީވިއްޔާ ޗައިނާ ސަރުކާރުން ދެއްވާ ހިލޭއެހީގައި. އެ މަޝްރޫޢުގެ މަސައްކަތްވެސް ވަރަށް އަވަހަށް އެބަ ފެށޭ. އެހެންވީމާ، ލާމަރުކަޒީ ނިޒާމު ވަރުގަދަކުރުމަށްޓަކައި، މި ސަރުކާރުން މިދޭ އިސްކަމުގެ ތެރެއިން، 105 ރަށެއްގައި ގާއިމުކުރާ މަޝްރޫޢުގެ ތެރެއިން، މީގެތެރެއިން އެއް މަޝްރޫޢު މި ފެށުނީ. އާދެ، އެ ހަތަރު މަޝްރޫޢުގެ ޢަމަލީ މަސައްކަތް އަޅުގަނޑު ކުރިން ދެންނެވިގޮތަށް ވަރަށް ބާރަށް ހިނގަމުންދާނެ.

އޭގެއިތުރަށް ދެން، އަޅުގަނޑުމެން ސްޓޭޖްމަތީގައި މި ސޮއިކުރި ތިން މަޝްރޫޢު. އެއީ، އެއްކަމަކީ އެންމެ މުހިންމު އެއް ކަންތައް. ގެދޮރުގެ މައްސަލަ ޙައްލުކުރުމަށްޓަކައި 60 ހައުސިންގ ޔުނިޓު ގާއިމުކުރުމަށް ފެށިގެންދާނެ މަޝްރޫޢެއް. އެ މަޝްރޫޢު އެޗް.ޑީ.ސީ.ގެ ފަރާތުން ވަރަށް އިސްކަންދީގެން، ބާރު ސްޕީޑުގައި ޢަމަލީގޮތުން ގެންދާނެ.

ބަނދަރުގައި ޖެޓީއެއް ހެދުމަށް އަޅުގަނޑު ވީ ވަޢުދު ފުއްދުމަށް ސޮއިކުރި މަޝްރޫޢާއި، އަދި މަގު ހެދުމުގެ މަޝްރޫޢާއި. މީގެތެރޭގައި ގާތްގަނޑަކަށް މިހިރަ ހުރިހާ ކަމަކީ، އަޅުގަނޑު ރިޔާސީ އިންތިޚާބުގައްޔާއި އަދި ފަހުން ތިޔަބޭފުޅުންނާ ބައްދަލުވެގެން ކުރާނެކަމަށް، ނޫނީވިއްޔާ ކޮށްދޭން މަސައްކަތް ކޮށްދޭނެކަމަށް އަޅުގަނޑު ދެންނެވި ކަންކަން. އާދެ، މި ކަންކަމަށްފަހު އަދި ނުއެއްނިމޭ. އަދި އެބަހުރި ވަރަށް ގިނަ ކަންކަން، މި ރަށުގެ ތަރައްޤީއަށް ކުރަންހުރި.

ނިމުމަކާ ހަމައަށް ވަރަށް ގާތަށްގޮސްފައިވާ، ފެނާއި ނަރުދަމާގެ މަސައްކަތަކީ، އެކަހަލަ މުހިންމު ކަމެއް. ވަރަށްވަރަށް ކުޑަ މަސައްކަތެއް މިހާރު ކޮށްލަން އޮތީ. އެހެންވީމާ، އެ ކަންތައް އަޅުގަނޑުމެން ވަރަށް ގާތުން ބަލައި، އެ ކޮށްދޭންޖެހޭ ހުރިހާ ކަމެއް އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް ކޮށްދީ ނިންމާނަން. މިހާރު ގާތްގަނޑަކަށް 95 ޕަސެންޓްވަރު ނިމިފައި އޮތީވެސް. އެހެންވީމާ، އެއީ ނިންމާލަންޖެހޭ ވަރަށް މުހިންމު މަޝްރޫޢެއް. އެކަން އިރާދަކުރެއްވިއްޔާ އެގޮތަށް ގެންގޮސްދޭނަން.

ރަށްގިރުމުގެ މައްސަލަ ވަރަށް ބޮޑު. ރަށްގިރުމުގެ މަޝްރޫޢުގެ އެއްބައި ހިންގިއްޖެ. އޭގެ ސަބަބުން ކަންނޭނގެ އިތުރަށް ރަށްގިރަން މި ފެށީވެސް. އެހެންވީމާ، ރަށްގިރުމުގެ މައްސަލަ ޙައްލުކުރުމުގެ މަޝްރޫޢެއް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ހިންގާނަން. އެކަމަކު މި އަހަރު ތެރޭގައި އެއީ ފެށޭވަރު ކަމަކަށް ނުއެއްވޭ. އެކަމަކު، އަޅުގަނޑުމެން މިހާރު ބަނދަރުގައި ޖެޓީއެއް ހަދަން މިފެށީ. އަދި މިކަހަލަ ބައެއް ކަންކަން މި ރަށުގައި ހިނގަމުންދާނެ. އެހެންވީމާ، މި އަންނަ އަހަރަށް އަޅުގަނޑުމެން ބަޖެޓު ހަދާއިރުގައި، ހިމަނަން ޕްލޭންކުރާނަން. މި އަންނަ އަހަރުގެ ބަޖެޓުގައި އިރާދަކުރެއްވިއްޔާ ހިމަނާނަން، މި ޝޯރ ޕްރޮޓެކްޝަން، ނޫނީވިއްޔާ ރަށްގިރުމުގެ މައްސަލަ ހައްލުކުރަން. އެކަންވެސް އެގޮތަށް އަޅުގަނޑުމެން ކުރިޔަށް ގެންދާނަން. އެހެންވީމާ، ތިޔަބޭފުޅުންނަށް އަޅުގަނޑު ދޭ ޔަޤީންކަމަކީ، އިރާދަކުރެއްވިއްޔާ ރަށްގިރުމުގެ މައްސަލަ ޙައްލުކުރުމުގެ އިތުރު މަޝްރޫޢެއް، ދެވަނަ މަޝްރޫޢެއް އިރާދަކުރެއްވިއްޔާ މި އަންނަ އަހަރު، މި ރަށުގައި ހިންގައިދޭނެކަމުގެ ޔަޤީންކަން.

އާދެ، ކުޅިވަރުގެ ވާހަކައަށް އަދި އަޅުގަނޑު ކުޑަކޮށް އަނބުރާ ދާނަން. ފިޓްނަސް ރިކްރިއޭޝަން ސެންޓަރުގެ ވާހަކަ ދައްކާފައި ނިންމާލާ ގޮތަކަށްނޫން އަޅުގަނޑު ވިސްނީކީއެއް، ނިންމާފައިއޮތީވެސް. އާދެ، މި ރަށުގައި ވަރަށް ރަނގަޅު ފުޓްބޯޅަ ދަނޑެއް އެބައޮތް. އެހެންނަމަވެސް، އެ ދަނޑު އަދި ފުރިހަމައެއް ނުއެއްވޭ. އަޅުގަނޑުމެންގެ މިހާރުގެ ސިޔާސަތަކީވެސް، ރޭގަނޑު ކުޅެވޭގޮތަށް ލައިޓް ހަމަކުރެވިފައި، ހަރުކުރެވިފައި ހުންނަ ދަނޑުތަކެއް ގޮތުގައި ހެދުން. އަލަށްފަށާ މަޝްރޫޢުތައްވެސް ހަދަނީ އެގޮތަށް. ފެންސްޖެހި، ލައިޓްޖެހި، ފުރިހަމަ ކުރެވިފައި ހުންނަ ދަނޑުތަކުގެ ގޮތުގައި. އެހެންވީމާ، އިރާދަކުރެއްވިއްޔާ އެ މަސައްކަތް، ލައިޓް ހަރުކުުރުމުގެ މަސައްކަތް، އަޅުގަނޑުމެން ވަރަށް އަވަހަށް މި ރަށުގައި ފަށާނަން. އިރާދަކުރެއްވިއްޔާ އެ މަސައްކަތް ހަމަ ފަށާގޮތަށް ގެންގޮސް، ބާރު ސްޕީޑުގައި ނިންމާލައިދީ، މި އަހަރުގެ ތެރޭގައި، ވަރަށް އަވަހަށް އިރާދަކުރެއްވިއްޔާ އެކަން ނިންމައި ތިޔަބޭފުޅުންނަށް ފުރިހަމަކޮށްދޭނަން.

އަދިވެސް އިތުރު ކަންކަން އެބަހުރި ކުޅިވަރުގެ ދާއިރާއިން، ފުޓްބޯޅަ، ފުޓްސަލްގެ ދާއިރާއިން. އަޅުގަނޑުމެން މި ރަށުގައި އިރާދަކުރެއްވިއްޔާ މި އަންނަ އަހަރަށް ބަޖެޓު ހަދާއިރުގައި ހިމަނާނަން، ފުޓްސަލްއާއި ހޭންޑްބޯލްއާ ދެ ކުޅިވަރު ކުޅޭވަރުގެ ފުރިހަމަ ދަނޑެއް އެޅުން. މި ދެންނެވިހެން ދަނޑު ހަދާއިރުގައި އަޅުގަނޑުމެން އަބަދުވެސް ހަދަނީ ފެންސްޖަހައި، ލައިޓް ހަރުކޮށްފައި، ރަނގަޅު ފެންވަރުގައި. އެހެންވީމާ، އިރާދަކުރެއްވިއްޔާ ފުޓްސަލް އަދި ހޭންޑްބޯލް ކުޅެވޭ ފެންވަރުގެ ރަނގަޅު ދަނޑެއް މި ރަށުގައި، އެންމެ ލަސްވެގެން މި އަންނަ އަހަރު ޖަނަވަރީ މަހު، އެއަށްވުރެ އަވަހަށްވެސް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް ފެށެންއޮތީވިއްޔާ، ނޮވެންބަރު، ޑިސެންބަރު ހިސާބުގައިވެސް ފެށެންޏާ ފަށާނަން. އެހެންނަމަވެސް، އެންމެ ލަސްވެގެން، މި އަންނަ އަހަރުގެ ބަޖެޓުގެ ތެރެއިން ޖާގަ ހަމަޖައްސައި، އަޅުގަނޑުމެން ޖަނަވަރީ މަހު ފަށައިދޭނަން. އޭރުން އިރާދަކުރެއްވިއްޔާ، ކުޅިވަރުގެ ވަރަށް ގިނަ ކަންކަމަށް ފަސޭހަވާނެ. ޚާއްޞަކޮށް، ފުޓްބޯޅަ ކުޅުމުގައި ވަރަށް ހުނަރުވެރި ކުދިން ތިބި ރަށަކަށް ވާއިރުގައި، ވަރަށް ބޮޑު ފަސޭހަތަކެއް ވާނެކަމެއް ކަމަށް އަޅުގަނޑަށް ޔަޤީން.

އާދެ، މީގެއިތުރަށްވެސް، ސްކޫލަށް ބަލައިލާއިރުގައި، ސްކޫލު މިއީ ވަރަށް ރަނގަޅަށް ނަތީޖާ ނެރެމުންދާ ސްކޫލެއް. އޭ-ލެވެލްއަށް ކިޔަވައިދޭ، އޭ-ލެވެލްގެ ނަތީޖާވެސް ރަނގަޅު، ޖުމްލަކޮށް ވަރަށް ރަނގަޅަށް ނަތީޖާ ނެރެމުންދާ، ވަރަށް ފުރިހަމަ ސްކޫލެއް. އެހެންނަމަވެސް އުމްރާނީގޮތުން މިއޮތީ ވަރަށް ހާލުދަށްކޮން. މިތަނުގައި ޖާގައެއްވެސް ނެތް، މިތަން ބަހައްޓައިގެން އިތުރު މަލްޓި ޕަރޕަސް ހޯލެއް އަޅާކަށްވެސް. ދެންމެ އަޅުގަނޑުމެން ކައުންސިލާއި މުއައްސަސާތަކާ އެކީގައި ބޭއްވި ބައްދަލުވުމުގައި، ވަރަށް ތަފުސީލުކޮށް އެ ވާހަކަ ދެކެވިގެންދިޔަ. އަޅުގަނޑުމެން މިތަން ހަދަން ނިންމާފައި މިއޮތީ. އިރާދަކުރެއްވިއްޔާ ސަރުކާރުން އެ މަޝްރޫޢު ގެންދާނަން. އެހެންވީމާ، ބޭނުންވަނީ މިހާރު މިކަމަށް ޓައިމްލައިނެއް ނޫނީވިއްޔާ ތަރުތީބުކުރެވެން. ތަރުތީބުކުރެވެން އެބަޖެހޭ. އެއީ އަޅުގަނޑުމެން ބޭނުން، މަލްޓި ޕަރޕަސް ހޯލް އަޅަން. އަދި އޭގެއިތުރަށް، މި ސްކޫލަށް ބޭނުންވާ ވަރަށް ކްލާސް ރޫމާއި، ސްޓާފް ރޫމާއި، އަދި މިފަދަ ފެސިލިޓީޒްތައް ގާއިމުކޮށްދޭން. އިރާދަކުރެއްވިއްޔާ އެކަން ކުރާނަން. އެކަމަކު، އެކަން ކުރުމަށްޓަކައި ފަހަރެއްގައި ދެ ސެޝަނަށްވެސް ދާންޖެހިދާނެ. މިތަން ތަޅާލަން ޖެހެންޏާ، މިތާނގައި އިމާރާތް ކުރަންޏާ. އެހެންވީމާ، އަޅުގަނޑު ދޭ ޔަޤީންކަމަކީ، ކުރުކޮށް ދޭ ޔަޤީންކަމަކީ، އިރާދަކުރެއްވިއްޔާ މި ސްކޫލަށް ބޭނުންވާ ހޯލާއި، ކްލާސްރޫމާއި، ސްޓާފް ރޫމާއި، މިފަދަ ހުރިހާ ފެސިލިޓީޒްއެއް ހިމެނޭ މަޝްރޫޢެއް ވަރަށް އަވަހަށް، މި ރަށުގައި ފަށައިދޭނެކަމުގެ ޔަޤީންކަން. ދެން، އެކަން ކުރުމަށްޓަކައި އަޅުގަނޑު އެދެމޭ ސްކޫލާއި، ކައުންސިލާއި، މިނިސްޓްރީއާ ގުޅިގެން ވަރަށް އަވަހަށް މިކަމުގެ ތަފުސީލުތައް ނިންމާލަން. ނިމުނުހާ އަވަހަކަށް، އަޅުގަނޑުމެން ބަޔަކު ހޯދައި، މަސައްކަތް ހަވާލުކުރާނަން. އެގޮތަށް އެކަން ކުރިޔަށް ގެންދާނީ.

އާދެ އެހެންވީމާ، މި ކަންކަން އަޅުގަނޑު މި ފާހަގަކޮށްލީ. މި އަހަރުގެ އެޕްރީލް މަހުގެ 30 ވަނަ ދުވަހު އަޅުގަނޑު ނެރުނު ގަރާރަކުން ހިރިނައިދޫ، ތިޔަބޭފުޅުންގެ ރަށުގެ ބައެއްގޮތުގައި ހަމަޖައްސައިދީފައި ވާނީ. އެކަމަކު، ތިޔަބޭފުޅުން އަދި އެ ރަށުގެ ބޭނުން ހިފާކަށް ނުފަށްޓަވާ. އަޅުގަނޑު އެދެން ވަރަށް އަވަހަށް، އިކޮނޮމިކް ކޮންމެވެސް ޕްރޮޖެކްޓެއް ރާއްވަވައި، ރަށުގެ ރައްޔިތުންނަށް މުއްސަނދިކަން ލިބޭ، އާމްދަނީ ލިބޭނެ ކަހަލަ، މާލީ ފައިދާއެއް ލިބޭނެ މަޝްރޫޢެއް ކައުންސިލުން ރައްޔިތުންގެ މަޝްވަރާއާ އެކީގައި އަވަހަށް ރާވާލައި، އެކަމުގެ ހުއްދަތައް ނަންގަވައިގެން އަވަހަށް ފަށްޓަވަން. އެ ރަށް މިއޮތީ މިހާރު މި ރަށުގެ ބައެއްގޮތުގައި އަޅުގަނޑުމެން ހަމަޖައްސާފައި. އެހެންވީމާ، އެއީ ތިޔަބޭފުޅުންގެ ރަށެއް. އެހެންވީމާ، އެ ރަށް މި ހަމަޖެއްސީ، އިގުތިސާދީ ބޭނުމަކަށް. ރަށުގެ ރައްޔިތުންނަށް، ކޮންމެ ރައްޔިތަކަށް އެއިން މުއްސަނދިކަން، ނޫނީވިއްޔާ މާލީ ފުދުންތެރިކަމެއް ލިބެންޖެހޭނެ. އެއީ، އަޅުގަނޑުމެން ރަށްރަށުގެ ބައެއްގޮތުގައި އެހެން ރަށެއް ހަމަޖައްސައިދޭ މައިގަނޑު ބޭނުމަކީ. ރަށުގެ ރައްޔިތުންގެ ކޮންމެ ރައްޔިތަކަށް، އެއިން މާލީ މަންފާއެއް ލިބެންވާނެ ކަހަލަ މަޝްރޫޢެއް ހިންގަން، މައިގަނޑު ގޮތެއްގައި އަޅުގަނޑުމެން މިކަން މި ކުރަނީ. ދެން އެކަމަކު ބައެއް ރަށްރަށް އެބަދެން، ބައެއް ރަށްރަށުގެ ބައެއްގޮތުގައި، ހައުސިންގ މަޝްރޫޢުތައް ހިންގަންވެސް. އެހެންވީމާ، ތިޔަބޭފުޅުން އެތަނުގައި މަޝްރޫޢެއް ގެންދަވަން ރާއްވަވައި ނިމުނުހާ އަވަހަކަށް، ސަރުކާރުން ކަމާބެހޭ ފަރާތްތަކުން ދޭނެ ހުއްދަތައް ދޭނެ. އެހެންވީމާ، އެކަންވެސް އަޅުގަނޑު މި ފާހަގަކޮށްލީ.

އަޅުގަނޑު ދޭ ޔަޤީންކަމަކީ، އިރާދަކުރެއްވިއްޔާ ނެއްލައިދޫގެ ތަރައްޤީއަށް ކުރަންހުރި ހުރިހާ މަސައްކަތްތަކެއް އަޅުގަނޑުމެން ވަރަށް ސަމާލުކަންދީގެން، ވަރަށް ރަނގަޅަށް ކުރިޔަށް ގެންދާނެ ކަމުގެ ޔަޤީންކަން. އަދިވެސް އެބަހުރި އަޅުގަނޑުގެ ބައެއް ވަޢުދުތައް. މި ރަށުގައި ފަށަންވެފައި ހުރި ބައެއް ކަންކަން އެބަހުރި. އެހެންވީމާ، މި އަންނަ އަހަރަށްވެސް ބައެއް ކަންކަން ބަހައްޓާލަން ޖެހޭނެ ދޮގެއްތޯ. އެއީ، އެއްފަހަރަކާ ބަޖެޓަކުން ޖާގައެއް ނުލިބޭނެ. އަޅުގަނޑު ބޭނުން މި އަހަރު ހުރިހާ ކަމެއް ފަށަންވެސް. އެކަމަކު، ބަޖެޓުން ޖާގަލިބޭނެ މިންވަރަށް، މި އަހަރު މި ފަށަނީ.

މި އަހަރު މިއޮތީ 8 މަޝްރޫޢެއް. މިތަނުން 7 މަޝްރޫޢެއް މިއަދު ފެށި، ޢަމަލީގޮތުން ބިންގާއެޅިގެން ފެށި 7 މަޝްރޫޢާއި، ސޮއިކުރެވިގެންދިޔަ 3 މަޝްރޫޢާ. އަދި ދެންމެ އިޢުލާނުކުރި ސްކޫލް މަޝްރޫޢު. ކައުންސިލާއި މިނިސްޓްރީއާ މަޝްވަރާކޮށްގެން ސްކޫލާ ގުޅޭ ކަންތައްތައް ނިމިއްޖިއްޔާ، މިހާރު އެ މަޝްރޫޢުވެސް ފެށޭނެ. އަދި ދަނޑުގެ މަޝްރޫޢުވެސް އެ އޮތީ. އެހެންވީމާ، މަދުވެގެން، ގާތްގަނޑަކަށް 9 ވަރަކަށް މަޝްރޫޢު މި ރަށުގައި މި އަހަރު ތެރޭގައި ކުރިއަށް ދާނެކަމަށް މި ބަލަނީ. އަޅުގަނޑު އުންމީދުކުރަން، މީގެތެރެއިން ގިނަ ކަންކަން ނިންމާލާފައި، ތިޔަބޭފުޅުން އަރިހަށް އެ އުފަލުގައި ބައިވެރިވާން އަންނަން ވަރަށް އަވަހަށް. އެ އުންމީދާ އެކީގައި އަޅުގަނޑު ވަކިވެލާނަން.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެން މިކުރާ މަސައްކަތްތަކުގައި، اللهُ سُبْحَانَهُ وَتَعَالَى ބަރަކާތް ލެއްވުން. އާމީން.

وَمَا تَوْفِيقِي إِلَّا بِاللَّهِ عَلَيْهِ تَوَكَّلْتُ وَإِلَيْهِ أُنِيبُ.
وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.