بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ

اَلْحَمْدُ لَّلهِ رَبِّ الْعاَلَمِينْ، وَالصَّلاَة ُوَالسَّلاَمُ عَلَى سَيِّدنَا مُحَمَّدٍ وَعَلَى آلهِ وَصَحْبِهِ أَجْمَعِينْ.


މިއަދަކީ އިސްލާމީ އުންމަތަށް ވަރަށް ޚާއްޞަ ދުވަހެކެވެ. 1447 ވަނަ އަހަރުގެ ބަރަކާތްތެރި ފިޠުރު ޢީދު ދުވަސްކަމުގައި ވާތީއެވެ. ކޮންމެ އަހަރެއްގެ ވެސް ފިޠުރު ޢީދު ދުވަސް އަޅުގަނޑުމެންނާ ބައްދަލުކުރަނީ، ބަރަކާތްތެރި ރަމަޟާން މަހުގެ މަތިވެރި އަޅުކަމަށް ފަހުއެވެ. އެ އަޅުކަން ފުރިހަމައަށް އަދާކުރެވިއްޖެ ކަމުގެ އުންމީދާއެކީގައެވެ. އެ މާތް މައްސަރުގައި ލައްވާފައިވާ ރުއްސެވުމާއި، ފުއްސެވުމާއި، ނަރަކައިން މުއްތިކުރެއްވުން އަޅުގަނޑުމެންގެ މައްޗަށް، ދީލަތިވަންތަ ﷲ ހިންމަވައިދެއްވައިފި ކަމުގެ އިތުބާރާއި ހިތްހަމަޖެހުމާއެކީގައެވެ.

ޢީދު އަޅުގަނޑުމެންނަށް ދަސްކޮށްދެނީ އުފާކުރާށެވެ. އުފާފާޅުކުރާށެވެ. ނަމަވެސް އެއީ، މާތް ﷲ އަޅުގަނޑުމެންގެ މައްޗަށް ފަރުޟުކުރެއްވި ރޯދައިގެ އަޅުކަން އަދާކުރެވުމުގެ އުފަލެވެ. އެއީ ކީރިތި ޤުރްއާން ކިޔެވުމާއި، ޒިކުރުކުރުމާއި، އިސްތިޣްފާރު ކުރުމުގައި ރޯދަމަހުގެ ރޭތަކާއި ދުވަސްތައް ހޭދަކުރެވުނީތީ އެކަމުގެ އުފަލެވެ. އެއީ އަޅުގަނޑުމެންގެ ތެރޭގައި ތިބި އެކިއެކި ނިކަމެތިކަން ތަހައްމަލުކުރާ ފަރާތްތަކަށް ދީލަތިވެވުމުގެ އުފަލެވެ. އެހެންކަމުން، ކުރުކޮށް ދަންނަވާނަމަ، ޢީދުގެ އުފަލަކީ މާތް ﷲއަށް ޙަމްދުކުރުމެވެ. އެކަލާނގެ ދެއްވި ނިޢުމަތްތަކަށް ޝުކުރުކުރުމެވެ. މުސްލިމުން އެކަކު އަނެކަކުގެ މައްޗަށް ހިތްހެޔޮކުރުމެވެ. އެއީ ފަރުދީ ގޮތުންނާއި، ޖަމާޢަތުގެ ގޮތުން ހިތްތަކަށް ހަމަޖެހުން ހޯދައި، މުޖުތަމަޢުގައި އީމާންކަމާއި ލޮބުވެތިކަން އާލާކުރުމެވެ.

އިސްލާމްދީނުގައި އެއްވެސް ކަމެއްގައި މާތްވެގެންވާ އިސްލާމްދީނުގެ މިންގަނޑުން ބޭރުވުމެއް ނެތެވެ. ޢީދުގެ އުފާފާޅުކުރުން ވެސް އޮތީ އެގޮތުގައެވެ. އެހެންކަމުން، ޢީދުގެ އުފަލުގައި ކަންކަން އިންތިޒާމުކޮށް ރާވާއިރު، އިސްލާމީ އިންތަކާއި މިންތަކަށް ފަރުވާތެރިވުން މުހިންމެވެ. އެހެނީ އިސްލާމްދީން އަބަދުވެސް ބާރުއަޅަނީ ހެޔޮކަމަށެވެ. ދެ ދުނިޔޭގެ ބާއްޖަވެރިކަން ލިބޭނެ މާތް ސިފަތަކަށެވެ.

ވަކިވެގެންދިޔަ ރޯދަމަސް އަޅުގަނޑުމެންނާ ވަކިވެގެން ދިޔައީ އަޅުގަނޑުމެންގެ ނަފުސުތަކަށާއި ގުނަންތަކަށް މުހިންމު ތަމްރީނުތަކެއް ދީފައެވެ. ރަނގަޅު ބަސްތައް މެނުވީ އަޅުގަނޑުމެންގެ ދޫތަކުން ނުބުނުމެވެ. ރަނގަޅު ޢަމަލުތައް މެނުވީ އަޅުގަނޑުމެންގެ ގުނަންތަކުން ނުކުރުމެވެ. ވަކިވަކިވެ ރޫޅިފައިވާ ބައެއްގެ ގޮތުގައި ނުވެ، ބިޔަ އެއް ޖަމާޢަތެއްގެ ގޮތުގައި އެއްބައެއްވަންތަކަމާއެކު މުސްލިމުން ދެމިތިބުމަށް ބާރުއެޅުމެވެ. ހުރިހާ މާނައެއްގައި ވެސް، ހުރިހާ ވަގުތެއްގައި ވެސް ކެތްތެރިވުމެވެ. ރޯދައިގެ މަދަރުސާއިން މި ފިލާވަޅުތައް ލިބިދިނެވެ.

ޢީދުގެ އެއް ފަރާތުގައި ވަނީ ރޯދަމަހެވެ. އަނެއް ފަރާތުގައި ވަނީ ހަ ރޯދައެވެ. މާނައަކީ ހެޔޮ ޢަމަލުތަކުގެ މަތީގައި ދެމިތިބެން އިސްލާމްދީން ގޮވާލަނީ ވަރަށް ފުރިހަމަ ނިޒާމަކުންނެވެ. ރޯދަ ނިމުނީމާ އަޅުކަމާއި އަޅުވެރިކަމުގެ ދުވަސްތައް ނިމުނީއެއް ނޫނެވެ. އަލުން ފަށައިގެން ކުރިޔަށް ދިޔުމުގެ ދަޢުވަތު، ހަ ރޯދައިން އެބަ ލިބިދެއެވެ.

މި އަހަރުގެ ޢީދުގެ އުފާ އަޅުގަނޑުމެންގެ އިސްލާމީ އުންމަތާ ބައްދަލުކުރިއިރު، އުންމަތް މިވަނީ ވަރަށް ބޮޑު ނުތަނަވަސްކަމެއްގެ ތެރޭގައެވެ. ޚާއްޞަކޮށް، ފަލަސްޠީނުގައި، އާންމުކޮށް މެދުއިރުމަތީގެ އެހެން ބައެއް ބިންތަކުގައި މުސްލިމު އެތައް އަޚުންނެއް، އުޚްތުންނެއް ވަނީ، ވަރަށް ބޮޑު ހިތްދަތިކަމެއްގެ ތެރޭގައެވެ. މުއުމިނުންގެ މިސާލަކީ، އެއް ހަށިގަނޑެއްގެ މިސާލު ކަމަށްވާތީ، މި ހުރިހާ ވޭނެއްގައި އަޅުގަނޑުމެން ބައިވެރިވަމުއެވެ. މި ހާލަތުގައި އެދެވެނީ އަވަސް ގޮތެއްގައި އެ ލޮބުވެތި އަޚުންނާއި އުޚުތުންނަށް އަމާންކަމާއި ރައްކާތެރިކަމެވެ. މުސްލިމުންނަށް ބާރުވެރިކަމާއި ޤަދަރުވެރިކަމާއި ހައިބަތެވެ.

މާތް ﷲ އިސްލާމީ އުންމަތަށް ނަޞްރާއި ރައްކާތެރިކަން ދެއްވާށިއެވެ! ދިވެހި ޤައުމަށް ހެވާއި ލާބަ މިންވަރު ކުރައްވާށިއެވެ! ކުރިޔަށް އޮތް އަހަރަކީ ބާއްޖަވެރި، އަމާން، ތިޔާގި އަހަރެއް ކަމުގައި ލައްވާށިއެވެ!

އާމީން!