بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ
اَلْحَمْدُ للَّهِ رَبِّ الْعاَلَمِينْ، وَالصَّلاَة وَالسَّلاَمُ عَلَى رَسُولِ ٱللَّهِ، وَعَلَى آلهِ وَصَحْبِهِ أَجْمَعِينْ.
ނައިވާދޫގެ ލޮބުވެތި އެންމެހައި ރައްޔިތުން، ކައުންސިލްގެ ރައީސް، އަދި މުއައްސަސާތަކުގެ އިސްވެރިން، މި ރަށުގެ ޚިދުމަތްތެރި އިސް ރަށްވެހިން، ވަޑައިގެން ތިއްބެވި އެންމެހައި ޢިއްޒަތްތެރިން، އަދި މި ޖަލްސާ، ދުރާއިގާތުން ބައްލަވާ، އަޑުއައްސަވާ ލޮބުވެތި އެންމެހައި ރައްޔިތުން؛
السَّلامُ عَلَيْكُم ورَحْمَةُ اللهِ وَبَرَكاتُهُ.
އާދެ، އަޅުގަނޑުމެންނަށް މި ރަށަށް އާދެވުނު ވަގުތު، ތިޔަބޭފުޅުން، މި ރަށުގެ ލޮބުވެތި ރައްޔިތުން ވަޑައިގެން، އަޅުގަނޑުމެންނަށް ވިދާޅުވި ހޫނު މަރުޙަބާއަށްޓަކައި، ހިތުގެ އެންމެ ފުންމިނުން ނައިވާދޫގެ ލޮބުވެތި ހުރިހާ ރައްޔިތުންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.
އާދެ، ރިޔާސީ އިންތިޚާބުގައި އަޅުގަނޑު މި ރަށަށް ވީ އެންމެ މުހިންމު ވަޢުދު އެއީ، ބިންހިއްކުމާއި، ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫޢު ކުރިއަށްގެންދިޔުން. މިއަދު އަޅުގަނޑުމެން އެމް.ޓީ.ސީ.ސީ.އާ މި ހަވާލުކުރި މަޝްރޫޢަކީ، އިރާދަކުރެއްވިއްޔާ ތިޔަބޭފުޅުންގެ މި މުހިންމު ބޭނުންތައް، ގެދޮރު ބިނާކުރުމާއި، އެކިއެކި ބޭނުންތަކަށް ބޭނުންވާ ބިން އިތުރުކުރެވިގެންދާނެ މަޝްރޫޢު. އަދި އެއާއެކީގައި، ގޮނޑުދޮށް ޙިމާޔަތްކުރުމާ އެކީގައި، ކުރިއަށްދާނެ މަޝްރޫޢު. އިރާދަކުރެއްވިއްޔާ ސަރުކާރުން މި މަޝްރޫޢަށް ވަރަށް އިސްކަންދީގެން، ވަރަށް އަވަހަށް ކުރިއަށް ގެންދާނަން. އޭގެ ސަބަބުން، ރަށަށް އިޤްތިޞާދީ ގޮތުންވެސް ކުރިއެރުމުގައި ވަރަށް ބޮޑު ފަސޭހަތަކެއް، ކާމިޔާބީތަކެއް ހާސިލުކުރުމަށް މަގުފަހިވެގެންދާނެކަން ޔަޤީން.
އާދެ، މި މަޝްރޫޢުގެ އިތުރުން، މި ރަށުގައި ވަރަށް މުހިންމު އެކިއެކި ކަންތައްތައް ކުރިއަށްގެންދަން އެބައޮތް. ކުރިއަށްގެންދަން ފަށާފައި ހުރި ބައެއް ކަންކަން، ލަސްވެފައި ހުރި މަޝްރޫޢުތައް އަވަސްކޮށް ކުރިއަށްގެންދިޔުންވެސް އޭގެތެރޭގައި ހިމެނޭ.
އާދެ، ޒުވާނުންނަށް، ކުޅިވަރު ކުޅޭ ފަރާތްތަކަށް ވަރަށް މުހިންމު ކަންކަން މީގެތެރޭގައި ހިމެނޭ. ފުޓްބޯޅައިގައި ވަރަށް ކާމިޔާބީ ހޯދާ ރަށެއް. އެހެންނަމަވެސް، ފުޓްބޯޅަ ދަނޑުގެ ބޭނުންނުހިފޭ ރަށެއް. ފުޓްބޯޅަ ދަނޑުގެ މަސައްކަތް މިހާރު އަޅުގަނޑުމެން މި މަހުގެ ތެރޭގައި، ބިޑް ޕްރޮސެސް ނިންމައި، މިހާރުވާނީ އެ މަސައްކަތް ކުރަން ބަޔަކު ހޯދާފައި. އިރާދަކުރެއްވިއްޔާ އެ މަޝްރޫޢު ވަރަށް އަވަހަށް ޢަމަލީގޮތުން މޮބިލައިޒް ކުރެވިގެން، މި ރަށަށް އައިސްގެން އެމީހުން ފަށާނެ. އާދެ، ފުޓްބޯޅަ ދަނޑުގެ މަސައްކަތް އަޅުގަނޑުމެން ކުރިއަށް މިގެންދަނީ، ހުރިހާ ވަސީލަތްތަކެއް މި ދެންނެވީ، ލައިޓްޖެހުމާ ހަމައަށް ނިމިގެންދާ ގޮތަށް. އިރާދަކުރެއްވިއްޔާ ރަނގަޅު ފެންވަރުގެ ފުޓްބޯޅަ ދަނޑެއްގެ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެ. އެ މަޝްރޫޢު ނިމޭއިރުގައި، މި ދެންނެވި ފަދައިން، ފެންސްޖެހި، ލައިޓްޖެހި، ހުރިހާ ކަމެއް ފުރިހަމަވެގެންދާނެ. އިރާދަކުރެއްވިއްޔާ އެކަން، މި ދެންނެވި ގޮތަށް ދާދި އަވަހަށް ޢަމަލީގޮތުން ފެށިގެންދާނެ.
ހަމައެއާއެކީގައި، މި ރަށުގެ އެކިއެކި މަޝްރޫޢުތައް ކުރިއަށްގެންދަން އަޅުގަނޑުމެން ނިންމާފައި މިއޮތީ. މިއަދު ބައެއް މަޝްރޫޢުތަކުގެ ބިންގާއެޅުން، ނޫނީވިއްޔާ މަސައްކަތް ފެށުން މިއޮތީ. އާދެ، ނާވައިދޫގެ ތަރައްޤީއަށްޓަކައި ކުރަންހުރި ގިނަގުނަ ކަންކަމުގައި އަޅުގަނޑުމެން ވަރަށް އިސްކަމެއްދީގެން ކުރިއަށްގެންދާނަން.
ސްކޫލް މަޝްރޫޢަށް ބަލާއިރުގައިވެސް، ހޯލުގެ ކަންތައްތައް ވަރަށް ލަސްވެގެން ގޮސްފައި މިއޮތީ. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް ދިމާވި ހުރިހާ ދަތިތަކެއް ޙައްލުކުރެވިފައި، ޢަމަލީގޮތުން ދެން ބާރު ސްޕީޑްގައި ގެންދެވޭނެ ހިސާބަށް މިހާރު އެވަނީ ތައްޔާރީތައް އެމް.ޓީ.ސީ.ސީ.އިން ވެފައި. އިރާދަކުރެއްވިއްޔާ އެ މަޝްރޫޢު ވަރަށް އިސްކަމެއްދީގެން ދެން ކުރިއަށްދާނެ.
ހަމަ އޭގެއިތުރަށް، ބަނދަރުގެ މަޝްރޫޢަށް ބަލާއިރުގައި، ބަނދަރަށް ބައެއް ބަދަލުތައް، ބައެއް ޖާގަ އިތުރުކުރަން އަދި ބައެއް ބަދަލުތައް ގެންނަން ރައްޔިތުން ބޭނުންފުޅުވޭ. އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ، މި ރަށުގެ ރައްޔިތުން ބޭނުންވާ ހުރިހާ ބަދަލަކާއެކީގައި، އެ ބަނދަރު ހަދައި ނިންމައިދޭނަން. އެ ޔަޤީންކަންދެން.
ނަރުދަމާވެސް މިހާރު ގާތްގަނޑަކަށް 80 ޕަސެންޓްގެ މަސައްކަތް ނިމި، ތަންކޮޅެއް ލަސްކޮށްދާ މަޝްރޫޢެއް އެއީ. ސަރުކާރުގެ ފަރާތުން ވަރަށް ސަމާލުކަންދީގެން، ފައިސާގެ ދަތިކަމެއް އެ ކުންފުންޏަށް ދިމާނުވާގޮތަށް، ވަރަށްގާތުން އެ މަޝްރޫޢުގެ ކަންތައް ބަލަމުން ގެންދާނަން. އިރާދަކުރެއްވިއްޔާ އެކަންވެސް ދާދި އަވަހަށް ނިންމާނަން.
އާދެ އޭގެއިތުރަށްވެސް، މި ރަށުގެ ތަރައްޤީއަށްޓަކައި ގިނަގުނަ ކަންތައްތަކެއް ކުރިއަށް އޮތް ދުވަސްތަކުގައި ކުރަން ނިންމާފައި އަޅުގަނޑުމެން މިވަނީ. މީގެތެރޭގައި، ހެލްތު ސެންޓަރު ތަރައްޤީކުރުން. މި އަންނަ އަހަރަށް އަޅުގަނޑުމެން ބަޖެޓް ހަދާއިރުގައި، އިރާދަކުރެއްވިއްޔާ ޞިއްޙީ މަރުކަޒުގެ ޖާގަ އިތުރުކުރުން. އާ އިމާރާތެއް އެޅުމާއި، ވަސީލަތް އިތުރުކުރުން އަޅުގަނޑުމެން ހިމަނާނަން. އެއިން ލެބޯރެޓަރީގެ ޚިދުމަތް އިތުރަށް ވަރުގަދަކުރުމާ އެކީގައި. އެހެންވީމާ، އެއީ މި އަންނަ އަހަރު އަޅުގަނޑުމެން ކުރިއަށްގެންދަން ގަސްދުކުރާ މަޝްރޫޢެއް. އޭގެކުރިންވެސް އަޅުގަނޑުމެން މަސައްކަތް ކުރަމުންދާނަން، އެމްބިއުލެންސްގެ މައްސަލަ ޙައްލުކުރަން. އެމްބިއުލެންސްގެ މައްސަލަ މި ރަށުގައި ވަރަށް އަވަހަށް ޙައްލުކުރަންޖެހޭ ކަމެއް މިއީ. އެހެންވީމާ، އެކަމަށް އަޅުގަނޑުމެން މަސައްކަތް ކުރަމުން ގެންދާނަން.
އާދެ، މިފަދަ ބައެއް ކަންކަން މިހިރީ ކުރަން، ކުރިއަށް އޮތް އަހަރަށް އަޅުގަނޑުމެން ރާވާ ކަންކަމުގެ ތެރޭގައި، މަގުހެދުންވެސް ޕްލޭން ކުރެވިފައި މިއޮތީ. ރަށުގެ ރައްޔިތުން ބޭނުންވާ ކޮންސެޕްޓަކަށް، ރަށުގެ މަގު ހަދަމުންދާނެ. ބައެއް ރަށްރަށުގައި ބޭނުމެއްނުވޭ ތާރުއަޅާކަށެއް. ޚާއްޞަކޮށް، ލޯކަލް ޓޫރިޒަމް ކުރިއަށްދާ ރަށްރަށުގައި. ބައެއް ރަށްރަށުގައި ބޭނުންވަނީ ގާއަތުރަން. ބައެއް ރަށްރަށުގައި މިއިން އެއްވެސް ކަމެއް ނުކޮށް، ދެފަރާތުން ފެން ހިންދޭގޮތް ހަދާފައި، ވެލިމަގުތައް ހަދަން ބޭނުންވޭ. އެހެންވީމާ، ތިޔަބޭފުޅުން ބޭނުންވާ ގޮތެއް ނިންމެވީމާ، އަޅުގަނޑުމެން މި އަންނަ އަހަރު އިރާދަކުރެއްވިއްޔާ މި ރަށުގެ މަހު ހެދުމުގެ މަޝްރޫޢު ފަށާނަން.
އާދެ އެހެންވީމާ، ޖުމްލަކޮށް އަޅުގަނޑު މި ދަންނަވާލި ކަންކަމާއި، އޭގެއިތުރަށްވެސް ރަށުގެ ތަރައްޤީއަށްޓަކައި ކުރަންހުރި ވަރަށް ގިނަ ކަންކަން އެބަހުރި. ކަރަންޓުގެ މައްސަލަ ޙައްލުކުރުމަށްޓަކައި ޖެންސެޓެއް ގެނައުމުގެ ކަންކަން މިހާރު އެދަނީ ވަރަށް ބާރަށް ކުރިއަށް. އެހެންވީމާ، މިކަހަލަ ގިނަ ކަންތައްތަކެއް ނާވައިދޫގެ ތަރައްޤީއަށްޓަކައި އަޅުގަނޑުމެން ކުރަން ނިންމާފައި މިވަނީ.
މި ރަށުގެ އިޚްތިޞާޞް ތެރޭގައި، ފަޅުތެރޭގައި އެބައޮތް ކުޑަ ދެ ރަށެއް. ކައުންސިލުން އެބައި ހިމެނޭގޮތަށް ލޭންޑް ޔޫސް ޕްލޭން ހަދާފައި، މިނިސްޓްރީން ފާސްކުރުމުން، ދެން އެތަނުގެ ބޭނުން ރައްޔިތުންނަށް ފައިދާވާގޮތަށް ކުރެވޭގޮތް ކައުންސިލަށް ހެދޭނެ. އެހެންވީމާ، އެއީވެސް އިރާދަކުރެއްވިއްޔާ މި ރަށަށް އިތުރު އާމްދަނީ ހޯދަން ތިޔަބޭފުޅުންނަށް ލިބިފައި އޮތް ވަސީލަތެއް. ސަރުކާރުން މަސައްކަތްކޮށްދޭނީ، ތިޔަބޭފުޅުންގެ އިޤްތިޞާދީ ކުރިއެރުމަށްޓަކައި ކުރަންހުރި ކަންކަމުގައި އެހީތެރިކަންދޭން.
މި އަތޮޅުގައި ޓޫރިޒަމް ކުރިއެރުވުމަށްޓަކައި ސަރުކާރުން ވަރަށް އިސްކަންދެން. ރަށްރަށުގައި ލޯކަލް ޓޫރިޒަމް ކުރިއަށްގެންދިޔުމާއި، އަތޮޅުތެރޭގައި ޓޫރިޒަމް ކުރިއަށްގެންދިޔުން. މިއީ މިހާތަނަށް، މި އަތޮޅުގައި ނުވެފައި އޮތް ކަމެއް. އެއްވެސް ބަޔަކަށް މި ރަށުގައި ޓޫރިޒަމް ހިނގާނެގޮތެއް ނެހެދޭ. އަޅުގަނޑުމެން މިހާރު ވާނީ މިކަމަށް ވަރަށް މުހިންމު ފިޔަވަޅުތަކެއް އަޅާފައި. އެއީ، މި އަތޮޅާއި އަދި ޓޫރިޒަމްގެ ރަށްރަށް ވަރަށްމަދު އެހެން ބައެއް އަތޮޅުތައްވެސް ހިމެނޭގޮތަށް، މިހާރު ވާނެ އިންވެސްޓަރުންނަށް ހުޅުވާލާފައި، ވަރަށް ބޮޑެތި ލުއިތަކެއް، އިންވެސްޓްކުރާ ފަރާތަށް ވަރަށް ބޮޑެތި އިންސެންޓިވްތަކެއް ދީފައި، ޑިސްކައުންޓްތަކެއް ދީފައި، އިޢުލާނުކޮށްފައި އޮންނާނީ. މި އަތޮޅުންވެސް ވަރަށް ގިނަ ފަޅުތަކާއި، ފަޅުފަޅުން ބަޔާއި، މިކަހަލަ ތަންތަން ހިމެނޭގޮތަށް. ގާތްގަނޑަކަށް ދިހަވަރަކަށް ސަރަޙައްދު މި އަތޮޅުތެރެއިން ވާނެ އިޢުލާނުކޮށްފައި. ގިނައިން ފަޅުތައް. މިހާރު ބިޑަށް ހުޅުވާލެވިފައި އެވަނީ. އޯޕަން ޓެންޑަރިންގއާއި، އަދި ކްލޯޒް ބިޑިންގއަށް ހުޅުވާލެވިފައި އެއޮތީ. މި ދެންނެވި ޑިސްކައުންޓްތައް، ނޫނީވިއްޔާ އިންސެންޓިވްތަކާ އެކީގައި. މިހާރު ބައެއް ފަރާތްތަކުން ބައެއް ސަރަޙައްދުތަކަށް، ނޫނީވިއްޔާ ބައެއް ތަންތަނަށް މަޢުލޫމާތު ސާފުކޮށް، ބިޑް ހުށަހެޅުމަށްޓަކައި އެ ކުރަންޖެހޭ ކަންކަން އެބަ ހިނގާ.
އޭގެއިތުރަށް، އަޅުގަނޑުމެން މިކުރާ މަސައްކަތަކީ، އެމް.ޓީ.ޑީ.ސީ.އަށް ސަރުކާރުން އެހީތެރިކަންދީގެން، ފިނޭންސް މިނިސްޓްރީން، ބޭންކް އޮފް މޯލްޑިވްސް ތެރެއިން މަގުތަކެއް ފަހިކޮށްދީގެން، އަޅުގަނޑުމެން އެމް.ޓީ.ޑީ.ސީ.އަށް މިހާރު ނާގޯށީގެ މަސައްކަތް ފެށުމަށްޓަކައި، އެ ބޭފުޅުން އެވަނީ މޮބިލައިޒްކޮށްފައި. އެއީ، ވަރަށް ދުވަސްވީ މައްސަލައެއް. ވަރަށް ދުވަސްވީ މައްސަލައެއް ނުހިނގާ، ކުރަންއުޅެ ނުވެފައި. އެހެންނަމަވެސް، މިހާރު މި މަސައްކަތް މިވަނީ، ބާރު ސްޕީޑްގައި ގެންދެވޭނެގޮތް އަޅުގަނޑުމެން ފަހިކޮށްދީފައި. އެކަން އިރާދަކުރެއްވިއްޔާ ޢަމަލީގޮތުން ވަރަށް ބާރަށް ކުރިއަށްދާނެ.
އެހެންވީމާ، މި އަތޮޅުގައި އަޅުގަނޑުމެން ޓޫރިޒަމް ފައްކާކުރުމަށްޓަކައި، ވަރަށް ގިނަ، ވަރަށް ގިނަ ކަންކަން އެބަކުރަން. އަޅުގަނޑުމެންނަށް އިރާދަކުރެއްވިއްޔާ ޔަޤީންކަން އެބައޮތް. އޭގެ ނަތީޖާ ފެންނާނެ. އެހެންވީމާ، އަޅުގަނޑުމެން މަސައްކަތް ކުރަމުންދާނީ، މި އަތޮޅުގައި މިހާތަނަށް މިއޮތް ޓޫރިޒަމް ނެތިމިދާ ލޭބަލް ކަނޑާލައިދީ، ޓޫރިޒަމް ފައްކާކަމާއެކީގައި ހިނގާ އަތޮޅަކަށް ހެދުން. އިރާދަކުރެއްވިއްޔާ އެކަމަށް އަޅުގަނޑުމެންނަށް ކާމިޔާބީ ލިބިގެންދާނެ.
އަދިވެސް އެއްފަހަރު، ނާވައިދޫގެ ރައްޔިތުންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. ތިޔަބޭފުޅުންގެ މި ތަރައްޤީގެ ކަންކަމުގައި، އަޅުގަނޑުމެން ދާނީ ތިޔަބޭފުޅުންނާ ގާތުން މަސައްކަތް ކުރަމުން. މި ބައްދަލުވުމުގެ ކުރިން އަޅުގަނޑުމެން ބޭއްވި މުއައްސަސާތަކާއި ކައުންސިލްގެ ބައްދަލުވުމުގައިވެސް ވަރަށް ގިނަ ކަންކަމާ ގުޅޭ ތަފްޞީލާއެކު، މަޝްވަރާ ކުރެވިގެންދިޔަ. އެހެންވީމާ، ތިޔަބޭފުޅުންނާ ގާތުން، ރައްޔިތުންނަށް ބޭނުންވާ ކަންކަމުގައި އަޅުގަނޑުމެން ދާނީ ރައްޔިތުން އެދޭގޮތަށް، ކަންކަން ހާސިލުކޮށްދިނުމަށް މަސައްކަތް ކުރަމުން. އާދެ، ވަރަށް ބޮޑަށް ޝުކުރިއްޔާ.
އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެން މިކުރާ މަސައްކަތްތަކުގައި، اللهُ سُبْحَانَهُ وَتَعَالَى ބަރަކާތް ލެއްވުން. އާމީން.
وَمَا تَوْفِيقِي إِلَّا بِاللَّهِ عَلَيْهِ تَوَكَّلْتُ وَإِلَيْهِ أُنِيبُ.
وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.