ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ތިލަދުންމަތީ ދެކުނުބުރީ ނެއްލައިދޫ ކައުންސިލާއި، އ.ތ.މ ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު މެންދުރު ނެއްލައިދޫ ސްކޫލުގައެވެ.

މި ބައްދަލުކުރެއްވުމުގައި، ކައުންސިލް މެންބަރުންގެ ފަރާތުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ރަށުގެ ގިރާ ސަރަޙައްދުގެ މައްސަލައަށް ޙައްލެއް ހޯދުމާއި ކުޅިވަރުގެ އެރީނާ، ހުރިހާ ވަޞީލަތްތަކާއެކު ނިންމަވައިދެއްވުން ހިމެނެއެވެ. އަދި ރަށުގެ ކަރަންޓުގެ މައްސަލަ ޙައްލުކުރުމަށް އިތުރު ޖެނެރޭޓަރ ސެޓެއް ބޭނުންވާކަން މި ބައްދަލުކުރެއްވުމުގައި ކައުންސިލްގެ ފަރާތުން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން މި ބައްދަލުކުރެއްވުމުގައި ރަށު ސްކޫލުން ވަނީ އެ ސްކޫލަށް އިތުރު ކްލާސްރޫމްތަކާއި ޒަމާނީ ހޯލަކާއެކު އެހެނިހެން ވަޞީލަތްތައް ހިމެނޭ އައު އިމާރާތެއްގެ ބޭނުންއޮތްކަން ޙިއްޞާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވާނެކަމުގައި ވިދާޅުވެފައެވެ. އަދި ބައްދަލަކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންނާއި، ދައުލަތުގެ ކުންފުނިތަކުގެ ވެރިން މެދުވެރިކުރައްވައި އެ މަނިކުފާނު ވަނީ ރަށުގައި ކުރިއަށްދާ މަޝްރޫޢުތަކުގެ އަދާހަމަ މަޢުލޫމާތު ޙިއްޞާކުރައްވާފައެވެ.