މީޑިއާތައް ކޮންޓްރޯލް ކުރުމުގެ އެއްވެސް ޝައުގެއް ނެތްކަމަށާއި، އެއީ އެއްވެސް އިރެއްގައި ކުރެއްވި، އަދި ކުރައްވާނެވެސް ކަމެއް ނޫންކަމަށާ، އެހެންނަމަވެސް، ހުރިހާ ފަރާތްތަކުންވެސް މަސައްކަތްކުރަންވާނީ ޒިންމާދާރުކަމާ އެކުގައިކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ، ތިލަދުންމަތީ ދެކުނުބުރީގެ މީހުން އުޅޭ ރަށްރަށަށް އެމަނިކުފާނު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު ނޮޅިވަރަންފަރަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް، ނޮޅިވަރަންފަރު ސްކޫލުގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވާނީ ރައްޔިތުން އެދިވަޑައިގަންނަވާ ގޮތަށް ކަންކަން ގެންދެވުމަށް ކަމަށާއި، ސަރުކާރުގެ ޒިންމާއަކީ، ރައްޔިތުން އެދިވަޑައިގަންނަވާ ކަންކަން ފުރިހަމައަށް ހާސިލުކޮށްދެއްވުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ރާއްޖޭގެ ކަންކަން ފުރިހަމަ ގޮތުގައި ގެންދިއުމުގައި އެންމެންގެ ޒިންމާވެސް އެބައޮތްކަމަށާއި، ސަރުކާރުން މަޝްރޫޢުތައް ކުރިއަށް ގެންދާއިރު، އެހެން ފަރާތްތަކުން އަދާކުރަންޖެހޭ ޒިންމާތަކެއްވެސް ހުރިކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އެއީ ސިޔާސީ ޕާޓީއެއް، ޖަމުޢިއްޔާ ނުވަތަ ޖަމާޢަތެއް ކަމުގައި ވިޔަސް، ނުވަތަ މީޑިއާ ކަމުގައި ވިޔަސް، މިއިން ކޮންމެ ބައެއްގެވެސް ޒިންމާތަކެއް އޮތްކަން އެމަނިކުފާނު ވަނީ ހަނދާންކޮށްދެއްވާފައެވެ.
ރައްޔިތުންގެ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ މެންބަރަކު، މީޑިއާއާ ގުޅިގެން ހުށަހަޅުއްވާފައިވާ ބިލަށް އިޝާރާތްކުރައްވައި ވާހަކަފުޅު ކުރިއަށް ގެންދަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، އެމަނިކުފާނުގެ އެއްވެސް ކޮންޓްރޯލެއް އެކަމުގައި އޮންނަ ގޮތަކަށް އެކަން ކުރައްވަން ބޭނުންފުޅު ނުވާކަމުގައި، މަޖިލީހުގައި ތިއްބަވާ، ވެރިކަން ހިންގަވާ ޕާޓީގެ މެންބަރުންނަށް ދަންނަވާފައިވާނެ ކަމަށް ވިދާޅުވެފައެވެ. ބިލު ފާސްވެގެން އުފެދޭ ކޮމިޝަނުގެ ރައީސްކަމުގައި ހުންނަވާ ފަރާތަކީ ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާ ފަރާތެއްކަމުގައި ބަޔާންވެފައި އޮތްކަން ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އެކަން އެގޮތަށް ނުކުރައްވާނެ ކަމަށެވެ.
މީޑިއާއަށް ނުފޫޒު ފޯރުވުމުގެ ޖާގަ އެއްވެސް ފަރާތަކަށް އޮތުމަކީ އެދިވަޑައިގަންނަވާ ގޮތެއް ނޫން ކަމަށާއި، މީޑިއާ ވާންޖެހޭނީ މިނިވަންކަމާއެކު އޮޕަރޭޓްކުރާ ބަޔަކަށް ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވަނީ ފާހަގަ ކުރައްވާފައެވެ.
މީޑިއާ ރެގިއުލޭޓްކޮށް ބެލެހެއްޓުމުގައި އެމަނިކުފާނަށް ކޮންޓްރޯލް އޮންނަ ގޮތަށް އެއްވެސް ކަމެއް އޮތުމަށް އެދިވަޑައި ނުގަންނަވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެމަނިކުފާނު ދެކެވަޑައިގަންނަވާ ގޮތުގައި މީޑިއާ އޮންނަންވާނީ ފުރިހަމަ މިނިވަންކަމާއެކު، ދެފުށް ފެންނަ، ޒިންމާދާރު މަސައްކަތްތަކެއް ކުރެވޭގޮތަށް ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފައެވެ.