ދިވެހި ދައުލަތަށް 42 އަހަރަށްވުރެ ދިގު މުއްދަތެއްގައި އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެއް ކަމަށްވާ އާދަމް ޢަބްދުއްރަޙްމާނަށް ރައީސުލްޖުމްހޫރިއްޔާ ނިޝާން ދިޔަމިގިލީގެ ޝަރަފުގެ ޢިއްޒަތް އަރުވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ދިވެހި ދައުލަތަށް 42 އަހަރަށްވުރެ ދިގު މުއްދަތެއްގައި އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެއް ކަމަށްވާ، އާދަމް ޢަބްދުއްރަޙްމާނަށް ނިޝާން ދިޔަމިގިލީގެ ޝަރަފުގެ ޢިއްޒަތް (ނ.ދ.ޝ.ޢ.) އަރުވައިފިއެވެ. ހއ. އުތީމު އަލިމަސްގެ، އާދަމް ޢަބްދުއްރަޙްމާނަށް މި ޢިއްޒަތް އެރުވީ، މި އަހަރުގެ ޤައުމީ ދުވަސް ފާހަގަކުރެއްވުމަށް ހއ. އުތީމުގައި މިއަދު ހެނދުނު ބޭއްވެވި ރަސްމީ ޖަލްސާގައެވެ.

އާދަމް ޢަބްދުއްރަޙްމާނު، ނުވަތަ މަޝްހޫރު ނަމުން ދަންނަވާނަމަ އުތީމު އާދަމްބެ ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެއްޓެވީ، 26 އޮގަސްޓު 1965 ގައި ހއ. އުތީމު ކަތީބުކަމުގެ މަގާމުންނެވެ. ކަތީބުކަމުގެ މަގާމުގައި 15 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރެއްވުމަށްފަހު، ދެން އަދާކުރެއްވީ ހއ. އަތޮޅު އަތޮޅުވެރިޔާގެ އެހީތެރިޔާގެ މަގާމެވެ. އާދަމް ޢަބްދުއްރަޙްމާނު ވަނީ ހއ. އަތޮޅުގެ އަތޮޅުވެރިކަން ތިންފަހަރެއްގެ މަތިން 11 އަހަރަށްވުރެ ދިގު މުއްދަތެއްގައި އަދާކުރައްވައިފައެވެ. އާދަމް ޢަބްދުއްރަޙްމާނު އުތީމު ކަތީބުކަމުގައި ހުންނެވި ދުވަސްވަރަކީ، އޭރުގެ ރަށުގެ ޙާލަތު ހުރިގޮތުންނާއި ވަސީލަތްތައް ހުރިގޮތުން، އުނދަގޫ އެތައް ކަންތައްތަކަކާ ކުރިމަތިލައްވަން ޖެހިވަޑައިގެންނެވި ދުވަސްވަރެކެވެ. 1970ގެ އަހަރުތަކުގައި ރާއްޖޭގެ އަތޮޅުތަކުގެ ރަށްރަށަށް ދިމާވި ކާޑު ލިބުން ދަތިވި މައްސަލަ ޙައްލުކުރެއްވުމަށްޓަކައި އެޅުއްވި ފިޔަވަޅުތަކުގެ ނަތީޖާއެއްގެ ގޮތުން، މާތްﷲގެ ހެޔޮ ރަޙްމަތްފުޅާއެކު، އުތީމުން އެއްވެސް މީހަކު، "ބަނޑަށް މަރުނުވެ" ފުރާނަ ސަލާމަތްކުރެވުނުކަން ޚާއްޞަގޮތެއްގައި ފާހަގަކޮށްލެވެއެވެ.

ސަރުކާރުން އޭރުގެ މިނިސްޓްރީ އޮފް އެޓޮލްސް އެޑްމިނިސްޓްރޭޝަނުން ރާއްޖެތެރެ ތަރައްޤީކުރުމުގެ މަޝްރޫޢުތައް ހިންގެވި ދުވަސްވަރު، މަސައްކަތް ކުރައްވަމުން ގެންދެވީ، މާލެއިން ރަށްރަށަށް ތަކެތި ގެންގޮސްގެން، މަސައްކަތްކުރާ ބަޔަކަށް އަގުދީގެން، އަތޮޅުއޮފީހުގެ ނުވަތަ ރަށުއޮފީހުގެ ބެލުމުގެ ދަށުން ކުރާ ކަމެއްގެ ގޮތުގައެވެ. އާދަމް ޢަބްދުއްރަޙްމާން ހުށަހެޅުއްވީ، ކޮންޓްރެކްޓް އުޞޫލުން އެފަދަ ކަންކަން ކުރެވޭނެގޮތަކަށް އުޞޫލު ބަދަލުކުރެއްވުމަށެވެ. އެހެންކަމުން، އޭރުގެ މިނިސްޓަރަށް ދަންނަވައިގެން، އެ އުޞޫލު ބަދަލުކުރައްވައި، ކޮންޓްރެކްޓް އުޞޫލުން މަސައްކަތް ކުރެވޭނެގޮތް ހަމަޖެހިގެންދިޔަކަން އެއީ، އެ މަގުން ކުރެވުނު ވަރަށް ކާމިޔާބު މަސައްކަތެއް ކަމަށް އާދަމް ޢަބްދުއްރަޙްމާން ދެކެވަޑައިގަންނަވައެވެ.

ކުރިން މާލެއިން ނޫނީ ނުލިބޭ އިދާރީ ބައެއް ޚިދުމަތްތައް އަތޮޅުންނާއި ރަށްރަށުން ލިބޭނެ މަގުފަހިކުރެއްވުމަށް އާދަމް ޢަބްދުއްރަޙްމާން ކުރެއްވި މަސައްކަތްތަކުގެ ސަބަބުން، ބައެއް މަސައްކަތްތައް އަތޮޅުންނާއި ރަށުން ލިބޭނެގޮތް ހަމަޖެހި، ރައްޔިތުންނާ ގާތުން ޚިދުމަތް ލިބޭނެ މަގު ފަހިވެގެންދިޔައެވެ. އާދަމް ޢަބްދުއްރަޙްމާނަކީ، ރައްޔިތުންނާ ވަރަށް ގާތްގުޅުމެއް ބޭއްވެވި ރައްޔިތުންނާ ވަރަށް ގާތުން މަސައްކަތްޕުޅު ކުރެއްވި ބޭފުޅެކެވެ. ރައްޔިތުންގެ މުހުތާދުތައް ދެނެވަޑައިގެން ރައްޔިތުންނަށް ދަތިވާ ކަންކަން އެވަގުތަކަށް ހައްލުކޮށްދެއްވެން އޮތް މިންވަރަކުން ހައްލުކޮށްދެއްވި އިޚްލާޞްތެރިކަމާއެކުގައި މަސައްކަތްޕުޅު ކުރެއްވި ބޭފުޅެކެވެ.

ތިލަދުންމަތީ އުތުރުބުރީ އަތޮޅުވެރިކަން ކުރެއްވުމަށްފަހު، ބޮޑުތަކުރުފާނުގެ ހަނދާނީ މަރުކަޒުގެ މުދީރުގެ މަގާމުގައި އާދަމް ޢަބްދުއްރަޙްމާން ތިން އަހަރަށްވުރެ ދިގު މުއްދަތެއްގައި ހޭދަކުރެއްވިއެވެ. އެ މަޤާމުގައި ހުންނަވައި، ބޮޑުތަކުރުފާނުގެ ހަނދާނީ މަރުކަޒު، ޒަމާނަށް ދެމިހުންނަނިވި ތާރީޚީ ބިނާއެއްގެ ގޮތުގައި ބެހެއްޓެވުމަށް ވަރަށް ޚާއްޞަ އިސްކަމެއް ދެއްވައިގެން އާދަމް ޢަބްދުއްރަޙްމާން މަސައްކަތްޕުޅު ކުރެއްވިއެވެ. މީގެ އިތުރުން މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ރާއްޖެތެރޭގެ ކިޔަވައިދޭ ތަންތާނގެ ނާޒިރުކަންވެސް އާދަމް ޢަބްދުއްރަޙްމާން އަދާ ކުރައްވައިފައިވެއެވެ.

އާދަމް ޢަބްދުއްރަޙްމާނަކީ، ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިންވެސް ވަރަށް ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލެވޭ ބޭފުޅެކެވެ. ރާއްޖޭގައި މިހާރު ތިއްބެވި ބަހާއި އަދަބުގެ ފަންނީ ބޭފުޅުންގެ ތެރެއިން އެންމެކުރީ ސަފުގައި ހިމެނިވަޑައިގަންނަވާ އެއް ބޭފުޅެކެވެ. އާދަމް ޢަބްދުއްރަޙްމާނަކީ، މޮޅު ލިޔުންތެރިއެކެވެ. އަދީބެކެވެ. ކުޅަދާނަ ވާހަކަދެއްކުންތެރިއެކެވެ. އޭނާގެ އެންމެ ޚާއްޞަ ފަންނަކީ، ޅެންވެރިކަމުގެ ފަންނެވެ. ދިވެހި އަދަބިއްޔާތަށް ޚިދުމަތް ކުރުމުގެ ދާއިރާއިން، ޅެންހެދުމުގެ ރޮނގުން 2004 ވަނަ އަހަރު ޢާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު އާދަމް ޢަބްދުއްރަޙްމާނަށް ވަނީ ލިބިވަޑައިގެންފައެވެ. އަދި އޭގެ 12 އަހަރު ފަހުން، 2016 ވަނަ އަހަރު ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ވަނީ ލިބިވަޑައިގެންފައެވެ.