ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު "ތޮއްޑޫ މާސްޓަރސް ޓޭބަލްޓެނިސް މުބާރާތް" ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައިފިއެވެ. އެ މަނިކުފާނު މި މުބާރާތް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އަރިއަތޮޅު އުތުރުބުރީގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، މިއަދު ތޮއްޑޫއަށް ކުރެއްވި ޒިޔާރަތުގައެވެ.
މި ރަސްމިއްޔާތުގައި ތޮއްޑޫ ސްކޫލްގެ ދަރިވަރުންގެ ޚާއްޞަ ސަގާފީ އައިޓަމެއް ހުށައަޅައިދީފައިވެއެވެ. އަދި ރަސްމިއްޔާތުގައި މި މުބާރާތް ރޭވުމުގައި އެހީތެރިކަން ފޯރުކޮށްދެއްވި އެކިއެކި ފަރާތްތަކަށް އެކަމުގެ އަގުވަޒަންކުރުމުގެ ގޮތުން ހަނދާނީ ފިލާ ދެއްވާފައިވެއެވެ. މީގެ އިތުރުން މި ޖަލްސާގައި ޝުކުރުގެ ޚާއްޞަ އެވޯޑެއް އެމްބެސެޑަރ އަޙްމަދު ލަތީފަށް އަރުވާފައިވެއެވެ.
"ތޮއްޑޫ މާސްޓަރސް ޓޭބަލްޓެނިސް މުބާރާތް" ރަސްމީކޮށް ފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއެވެ. މިއީ ތޮއްޑޫގައި ބައިނަލްއަޤްވާމީ މިފަދަ މުބާރާތެއް ބާއްވާ ފުރަތަމަ ފަހަރެވެ. މި މުބާރާތުގައި ޤައުމީ، ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ މައިދާނުގައި ވަނަތައް ހޯދާފައިވާ އެކިއެކި ކުޅުންތެރިންގެ މޮޅު ކުޅުން ފެނިގެންދާނެއެވެ.