އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ދިވެހިރާއްޖެއަށް ކުރައްވަމުންގެންދަވާ ފުރަމާނަ ދަތުރުފުޅުގައި، ދެ ޤައުމުން ބޭއްވެވި ރަސްމީ މަޝްވަރާތަކަށް ފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ، ގުޅިފައިވާ ބަޔާނެއް ދެއްވައިފިއެވެ. މި ބަޔާން ދެއްވާފައިވަނީ، މިއަދު މެންދުރުފަހު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ވަނީ، މިއަދު ބަދަލުކުރި އެއްބަސްވުންތަކާއި ފަހުމުނާމާތައް އަދި އިފްތިތާޙުކުރި މަޝްރޫޢުތަކުގެ މުހިންމުކަމާއި، މިއަދު ކުރިއަށްގެންދެވި މަޝްވަރާތަކުން ހާސިލުކުރެއްވުނު ކަންކަމަށް އިޝާރާތްކުރައްވައި، ތަރައްޤީގެ ދަތުރުގައި ދެ ޤައުމުން ހިއްސާކޮށްފައިވާ ކާމިޔާބީތައް ފާހަގަކުރައްވާފައެވެ.
މިއަދުގެ މަޝްވަރާތަކުން، ކުރިއަށް އޮތް ދުވަސްތަކުގައި އެއް ޤައުމުން އަނެއް ޤައުމަށް އެއްބާރުލުން ދެވޭނޭ ސާފު މަގެއް ކޮށިފައިވާކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އަދި އަސާސީ މުދާ އެކްސްޕޯޓުކޮށްދީގެން އިންޑިއާއިން ދިވެހިރާއްޖެއަށް ފޯރުކޮށްދޭ އެހީތެރިކަމަކީ، ދެ ޤައުމުގެ ޒަމާންވީ ވިޔަފާރީގެ އެއްބަސްވުންތަކުގެ ދަށުން، ދެ ޤައުމުގެ ދެމެދުގައި އޮންނަ ގުޅުންތަކުގެ މައިގަނޑު އެއް ބަހާކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އެ މަނިކުފާނު ވަނީ ދެ ޤައުމުގެ ގުޅުން ހަރުދަނާކޮށްދިން، ތަރައްޤީގެ ގިނަގުނަ މަޝްރޫޢުތަކާއި، އިޤްތިޞާދީ ބައިވެރިވުންތަކަށްވެސް އިޝާރާތްކުރައްވާފައެވެ.
ބޮޑުވަޒީރު މޯދީގެ ވާހަކަފުޅުގައިވެސް ދިވެހިރާއްޖެ އާއި އިންޑިއާގެ ބަދަހި ގުޅުމުގެ ޝިޢާރު ތަކުރާރުކުރައްވާފައިވެއެވެ. އަސާސީ މުދާ ފޯރޮކޮށްދިނުން ކަމުގައިވިޔަސް، އަދި އިޤްތިޞާދީ ހަމަޖެހުމަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމުގައިވިޔަސް، އިންޑިއާއިން އަބަދުވެސް ހަރަކާތްތެރިވެފައިވާނީ ދިވެހިރާއްޖެ އާ ގާތުން، ފުރަތަމަ އެހީތެރިޔާގެ ގޮތުގައި ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އަދި އިންޑިއާއިން އިސްކުރައްވަނީ ރަޙްމަތްތެރިކަން ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ އާއި ބޮޑުވަޒީރު ވަނީ، މި ޒިޔާރަތަކީ، ކުރިއެރުމާއި ބައިވެރިވުމަށް ދެ ޤައުމުން އެކުގައި ކުރާ ދަތުރަށް އިތުރުވި ބޮޅެއްގެ ގޮތުގައި ސިފަކުރައްވައި، މިއަދު ވެވުނު އެއްބަސްވުންތަކާއި އިފްތިތާޙުކުރި މަޝްރޫޢުތަކުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އަދި ތަފާތު ދާއިރާތަކުން ދެ ޤައުމުގެ މެދުގައި އޮންނަ ގުޅުންތައް ހަރުދަނާ ކުރެއްވުމުގެ ޢަޒުމުގައި ތިއްބެވިކަން ދެ ބޭފުޅުންވެސް ވަނީ ހާމަކުރައްވާފައެވެ.