ޕާކިސްތާނަށް ކުރި ވިއްސާރައިގައި ފެންބޮޑުވުމުގެ ސަބަބުން ހާލުގައި ޖެހިފައިވާ އެޤައުމުގެ އެތައް މިލިއަން މުސްލިމުންނަށް، ވެވަޑައިގެންނެވި މިންވަރަކުން ވެވަޑައިގެންނެވި އެހީތެރިކަމެއް ފޯރުއްވައިދެއްވުމަށް ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު، ދިވެހި ރައްޔިތުންނަށް ގޮވާލައްވައިފިއެވެ. ނައިބު ރައީސް މިކަމަށް ގޮވާލެއްވީ، ޕާކިސްތާނުގައި ފެންބޮޑުވެ ގިނަ އަދަދެއްގެ ބަޔަކު މަރުވެ، އެތައް މިލިއަން ބަޔަކު ހާލުގައި ޖެހުމުގެ ސަބަބުން، ހަމްދަރުދީ ފާޅު ކުރައްވައި، އެއްބައިވަންތަކަން ހާމަކުރެއްވުމުގެ ގޮތުން ރާއްޖޭގައި ހުންނަ ޕާކިސްތާނު ހައި ކޮމިޝަނަށް، މިއަދު މެންދުރުފަހު ޒިޔާރަތް ކުރެއްވުމަށްފަހުގައެވެ. ނައިބު ރައީސްގެ އަރިހުގައި އެމަނިކުފާނުގެ އަނބިކނބަލުން އިލްހާމް ޙުސައިންވެސް ވަޑައިގެންނެވިއެވެ.

ޕާކިސްތާނަށް ކުރި ވިއްސާރައިގެ ސަބަބުން، ވަރަށް ގިނަ އަދަދެއްގެ މުސްލިމުން ހާލުގައި ޖެހިފައިވާކަން ފާހަގަކުރައްވައި، ވަކިން ޚާއްޞަ ގޮތެއްގައި މި ރަމަޟާންމަހު، އެބޭފުޅަކަށް ވީ މިންވަރަކުން ޕާކިސްތާނުގެ މުސްލިމުންނަށް އެހީތެރިކަން ފޯރުއްވައިދެއްވުމަކީ މުހިންމު ކަމެއް ކަމުގައި ވިދާޅުވިއެވެ.

ނައިބު ރައީސްގެ މި ޒިޔާރަތުގައި ޕާކިސްތާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މިސްޓަރ އަޚްތަރު ޢަލީ ސުލެހްރީއާ ބައްދަލުކުރައްވައި، ޕާކިސްތާނަށް މި ކުރި ވިއްސާރައިގައި އެތައް ބަޔަކު މަރުވެ، ލިބުނު ބޮޑެތި ގެއްލުންތަކާ ގުޅިގެން ހަމްދަރުދީ ފާޅުކުރެއްވިއެވެ. އަދި ބައިނަލްއަޤްވާމީ މުޖްތަމަޢުން އިތުރު އެހީތަކާއި އެއްބާރުލުން ދެއްވާނެ ކަމަށް އުންމީދު ކުރައްވާ ކަމުގައި ނައިބު ރައީސް ވިދާޅުވިއެވެ.

މި ޒިޔާރަތުގައި، ޕާކިސްތާނުގައި ހާލުގައި ޖެހިފައިވާ މުސްލިމުންނަށް އެހީތެރިވުމަށް ހުޅުވާފައިވާ ޕްރައިމް މިނިސްޓަރޒް ފްލަޑް ރިލީފް ފަންޑަށް، ނައިބު ރައީސްއާއި އެމަނިކުފާނުގެ އަނބިކަނބަލުން އިލްހާމް ޙުސައިން އެހީއެއް ދެއްވިއެވެ.