ޖަޕާން ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މިސްޓަރ ކުނިއޯ ތަކަހާށީ، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދުގެ އަރިހަށް މިއަދު ހެނދުނު އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ޖަޕާނާއި ރާއްޖެއާ ދެމެދު އޮންނަ ޒަމާންވީ ގާތް ރަޙްމަތްތެރިކަމުގެ ގުޅުމާ ބެހޭގޮތުން މަޝްވަރާކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، އެކި ދާއިރާތަކުގައި ރާއްޖެއަށް އަބަދުވެސް ޖަޕާންގެ އެހީތެރިކަން ލިބެމުން އަންނަ ކަމަށާއި، ޚާއްސަކޮށް ތަޢުލީމީ ދާއިރާއާއި އެހެނިހެން ޢުމްރާނީ ތަރައްޤީއަށް ޖަޕާނުގެ އެހީތެރިކަން ރާއްޖެއަށް ވަރަށް ބޮޑަށް ލިބިފައިވާ ކަމުގައި ވިދާޅުވިއެވެ.

ޖަޕާނުން ރާއްޖެއަށް ވެދީފައިވާ އެހީތެރިކަމަށް ޖަޕާން ސަރުކާރަށާއި ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ޝުކުރުއަދާކުރައްވައި، ދެ ޤައުމުގެ ގުޅުން އިތުރު ދާއިރާތަކަށް ފުޅާކުރުމާބެހޭގޮތުން މަޝްވަރާ ކުރެއްވިއެވެ. މިގޮތުން މަސްވެރިކަމުގެ ދާއިރާގައި ޖަޕާންގެ އެހީތެރިކަން ހޯއްދެވުމާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާ ސަފީރާއެކު މަޝްވަރާކުރެއްވިއެވެ.

ސަފީރު ދެއްކެވި ވާހަކަފުޅުގައި، ޖަޕާނާ ރާއްޖެއާ ދެމެދު މިއަދު ސޮއިކުރެވުނު ފަންނީ އެހީތެރިކަން ދިނުމާބެހޭ އެއްބަސްވުމުގެ ސަބަބުން ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމުގައި ވިދާޅުވިއެވެ.

މިބައްދަލުކުރެއްވުމުގައި ރާއްޖޭގެ އިޤްތިޞާދީ އަދި ސިޔާސީ މަސްރަހާބެހޭގޮތުންވެސް ރައީސުލްޖުމްހޫރިއްޔާއާއި ޖަޕާން ސަފީރާ ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.