ރާއްޖޭގައި ޢަދުލު އިންޞާފު ފުރިހަމަ ގޮތުގައި ޤާއިމު ކުރުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރުމަކީ އެންމެންގެ ވާޖިބެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، މިއަދު އެމަނިކުފާނު ދެއްވި ހަފްތާގެ ރޭޑިޔޯ ޚިޠާބުގައި މިހާރު ޢަމަލުކުރަމުންދާ ޤާނޫނުއަސާސީއާ އެއްގޮތްވާ ގޮތުގެ މަތިން ދިވެހިރާއްޖޭގެ ޝަރީޢަތް ހިންގުމުގެ ބާރު އެކުލަވައިލުމާ ގުޅިގެން، އެކަމުގެ މައްޗަށް ބައްލަވާލައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި، ޢަދުލު އިންޞާފު އެތަނެއްގައި ނެތްކަމަށްވާނަމަ، ޤައުމެއް ތަރައްޤީއެއް ނުވާނެއެވެ. ޤައުމެއްގައި ހަމަޖެހުމެއް ނޯންނާނެއެވެ. އިންޞާފް ޤާއިމު ކުރުމަށްޓަކައި އެކުލަވައިލަންޖެހޭ ޝަރީޢަތުގެ ނިޒާމްތަކާއި، އެހެން އިދާރީ މަސައްކަތްތަކާއި، އިދާރީ އޮނިގަނޑުތައް، އޭގެ ފުރިހަމަ ގޮތުގައި އެކުލަވައިލެވެން ޖެހޭނެއެވެ. އަދި ޝަރީޢަތުގެ އެކިއެކި ހަމަތަކާއި، ޖިނާއީ އިޖްރާތުގެ އުޞޫލުތަކާއި، އިންޞާފް ޤާއިމު ކުރުމަށް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ބޭނުންވާ އެނޫންވެސް ހުރިހާ ކަމެއް، އޭގެ ގޮތުގައި ހަމަޖެހިގެން ނޫނީ އަޅުގަނޑުމެން މިއެދޭ، އަޅުގަނޑުމެން މިއުންމީދުކުރާ އިންޞާފުވެރި ޝަރީޢަތް، އޭގެ ގޮތުގައި ތަންފީޒު ކުރަން ދަތިވާނެކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، މިހާރުގެ ސުޕްރީމް ކޯޓަށް މިމަސައްކަތްތައް ހިންގޭނެ ކަމަށާއި، އެކަން ކުރުމުގެ ޤާބިލުކަން އެކޯޓުގައިވާ ކަމަށް ޔަޤީން ކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ސުޕްރީމް ކޯޓަށް އައި ބަދަލާއެކު، ޖުޑީޝަލް ސަރވިސް ކޮމިޝަނަށްވެސް ބަދަލު އަންނާނެ ކަމަށާއި، އެކޮމިޝަންގެ މަސައްކަތްތައްވެސް ކުރިއަށްވުރެ ކިތަންމެ ތަނަކުން ހަރުދަނާވެ، އެކޮމިޝަނުން ބަލަހައްޓަވަންޖެހޭ ކަންކަން، އެކޮމިޝަނުން ބަލަހައްޓަވައި، ރާއްޖޭގެ ޝަރްޢީ ކަންކަން ރަނގަޅުވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ސުޕްރީމް ކޯޓު އެކުލަވައިލުމުގައި މިނަތީޖާ ނެރެވުނު އެންމެބޮޑު އެއްސަބަބަކީ، ވާދަވެރި ޑީ.އާރު.ޕީ، ސަރުކާރާ އެކީގައި ވަރަށް ގިނަގުނަ މަސައްކަތްތަކެއް، ވަރަށް އިޚްލާޞްތެރިކަމާ އެކީގައި ކުރެއްވީތީކަން ރައީސުލްޖުމްހޫރިއްޔާގެ ރޭޑިޔޯ ޚިޠާބުގައި ފާހަގަކުރައްވައި، ޑީ.އާރު.ޕީ.ގެ ލީޑަރ އަޙްމަދު ތަސްމީން ޢަލީއަށާއި، އެޕާޓީގެ ޕާލިމެންޓަރީ ގްރޫޕްގެ މެންބަރުންނަށާއި، އެޕާޓީގެ ހުރިހާ ބޭފުޅުންނަށް ޝުކުރު އަދާކުރެއްވިއެވެ. ހަމައެޔާއެކު، ޑީ.އާރު.ޕީ.އާއެކު ވަރަށްބޮޑުތަނުން ދޫދެއްވައިގެން، ވަރަށްބުރަ މަސައްކަތްތަކެއް ކޮށްދެއްވި އެމް.ޑީ.ޕީ.ގެ ޕާލަމެންޓްރީ ލީޑަރ މޫސާ މަނިކަށާއި، ޕާލަމެންޓްރީ ގްރޫޕްގެ އެންމެހާ ބޭފުޅުންނަށްވެސް ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު ދެއްވި ރޭޑިޔޯ ޚިޠާބުގައި، ޕާކިސްތާނުގައި ފެންބޮޑުވެ، ވަރަށްގިނަ ޢަދަދެއްގެ ރައްޔިތުން ހާލުގައި ޖެހިފައިވުމާއެކު، އެޙާދިޘާގެ މައްޗަށްވެސް ބައްލަވައިލެއްވިއެވެ. އަދި އަވަށްޓެރިންނަށް އަޅުގަނޑުމެންނަށް ވެދެވެން އޮތް އެހީތެރިކަމެއް ވެދިނުމަކީ، އަދި ޙާލުގައި ޖެހިފައި ތިބި ބަޔަކަށް ދެވެން އޮތް އެއްޗެއް ދިނުމަކީ، ކޮންމެހެން ކުރަންޖެހޭނެ ކަމެއް ކަމަށް ވިދާޅުވެ، ޕާކިސްތާނަށް އެހީވުމަށްޓަކައި ޢަދާލަތު ޕާޓީން އެކައުންޓެއް ހުޅުވާފައިވާކަން ފާހަގަކުރެއްވިއެވެ. އަދި އެހެން ފަރާތްތަކުންވެސް މިމަސައްކަތް ކުރިއަށް ގެންދަވައި، ވެދެއްވެން އޮތް އެހީތެރިކަމެއް ޕާކިސްތާނު ރައްޔިތުންނަށް ފޯރުއްވައިދެއްވާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ރޭޑިޔޯ ޚިޠާބުގައި، ރަމަޟާން މަހުގެ ތަހުނިޔާއާއި ހެޔޮއެދުންތައް ރާއްޖޭގެ ރައްޔިތުންނަށް ފޮނުއްވައި، ރޯދަމަހަކީ އަޅުގަނޑުމެންގެ މެދުގައި އޮންނަންޖެހޭ އެއްބަނޑުއެއްބަފާ ކަމާއި، އެއްބައިވަންތަ ކަމުގެ ގުޅުން އިތުރަށް ބަދަހިކުރުމުގެ މަހެއް ކަމުގައި ވިދާޅުވިއެވެ.