ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމަށް މި އަހަރު 141 ބޭފުޅުން ފޯމު ހުށަހަޅުއްވައިފި ކަމަށް ޤައުމީ އިނާމާބެހޭ ކޮމިޓީން މަޢުލޫމާތު ދެއްވައިފިއެވެ. އިނާމަށް ނަން ހުށަހެޅުއްވުމުގެ މުއްދަތު ހަމަވީ، މި އަހަރުގެ މާރިޗު މަހުގެ 18 ވަނަ ދުވަހުއެވެ. އިނާމަށް ހުށަހެޅުއްވި ބޭފުޅުން ހުށަހެޅުއްވި ވަޒީފާގެ ލިޔުންތައް ކޮމިޓީން މިހާރުވަނީ ބައްލަވައި، އޭގެތެރެއިން އިންޓަރވިޔުއަށް ޝަރުޠުހަމަވާ ބޭފުޅުން ކަނޑައަޅުއްވާފައެވެ. އެ ބޭފުޅުންނާ ކޮމިޓީން މިއަދު ވަނީ އިންޓަރވިޔު ކުރައްވަން ފަށްޓަވާފައެވެ.
ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމަކީ، ދިވެހި ދައުލަތަށް 35 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާފައިވާ މުވައްޒަފުންގެ ތެރެއިން، މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމާއެކު، ޤާބިލްކަމާއި، އިޚްލާޞްތެރިކަމާ އެކުގައި ކޮށްފައިވާ ޚިދުމަތްތަކަށާއި، އެ މުއައްސަސާއަކަށް ކޮށްދީފައިވާ ޚިދުމަތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން ޤައުމީ ފެންވަރުގައި ދައުލަތުން ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޝަރަފުވެރި އިނާމެކެވެ. ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވަނީ އައްޑަނައަކާއި، ޝަރަފުގެ ބެޖަކާއި، ހަނދާނީ ލިޔުމެކެވެ.
ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު ދެއްވުމުގެ ޖަލްސާ، މި އަހަރު އޮންނާނީ، މިނިވަން ދުވަހުގެ މުނާސަބަތާ ގުޅުވައިގެންނެވެ.