މުވާޞަލާތީ ގޮތުން ދުނިޔެ މިދެކޭ ހަލުވި ކުރިއެރުމުގެ ބޭނުން އަޅުގަނޑުމެން ހިފަންވީ ދިވެހިރާއްޖެ އިޝްތިހާރުކޮށް، މަޤްބޫލުކަން އިތުރުކުރުމަށްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ދުނިޔޭގެ މުވާޞަލާތާއި، މަޢުލޫމާތުގެ ދާއިރާގެ ދުވަހާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ އެކްސް އެކައުންޓުން ޙިއްޞާކުރެއްވި ޕޯސްޓުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޕޯސްޓުގައި، ޤައުމަށް އާމުދަނީ ހޯދޭނެ މަގުތައް ފަހި ކުރުމަށް މުވާޞަލާތާއި މަޢުލޫމާތު ފެތުރުމުގެ ދާއިރާގެ އެކި މަސައްކަތްތައް ރާއްޖޭގައި ކުރައްވާ ހުރިހާ ޚިދުމަތްތެރީންނަށް، ތަހުނިޔާ ފޮނުއްވާފައިވެއެވެ. އަދި އެ ޚިދުމަތްތެރީން ކުރައްވާ މަސައްކަތްތައް ބަލައިގަންނަކަން ފާހަގަކުރައްވައި، ޤައުމުގެ ތަރައްޤީއާއި މުސްތަޤްބަލަށް އެ ކުރައްވާ މަސައްކަތުގައި އިތުރު ކުރިއެރުމާއި ކާމިޔާބީއަށް އެދިވަޑައިގެންފައިވެއެވެ.

21 ވަނަ ގަރުނު ދުނިޔެ ދެކޭނެ އެންމެ ބޮޑު އެއް ބަދަލަކީ، މުވާޞަލާތާއި މަޢުލޫމާތު ފެތުރުމަށް އަންނަ ހަލުވި ކުރިއެރުމެވެ. ކޮންމެ ކަމެއްގެ ޚަބަރާއި މަޢުލޫމާތުވެސް، އެމީހަކު ބޭނުން ގޮތަކަށް، ވަގުތުން، މުޅި ދުނިޔެއަށް ފެތުރުމުގެ ރަސްމަގު މިހާރުވަނީ ހުޅުވިފައެވެ. އެހެންކަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، އެކި ޕޯޑިއަމަތަކުގައި މަޢުލޫމާތު ފެތުރުމުގައި ތެދުމަޢުލޫމާތު ހާމަކުރުމަށާއި، ލިބޭ މަޢުލޫމާތުގެ ތެދު ދޮގު ބަލައި، ފަރުދީ ޒިންމާ އަދާކުރުމަށްވެސް ބާރުއަޅުވާފައެވެ. އަދި ސަރުކާރުގެ 'ދިވެހިރާއްޖެ 2.0' މަޝްރޫޢަކީވެސް ސަރުކާރުން ކުރާ ހުރިހާ ކަމެއް ހާމަކަން ބޮޑުކޮށް މަޢުލޫމާތު ފޯރުކޮށްދީ، ކޮރަޕްޝަނާއި ނާޖާއިޒް ނުފޫޒުތަކަށް ހުޅުވޭ ދޮރުތައް ބަންދުކުރުން މައިގަނޑު މަޤްޞަދެއްގެ ގޮތުގައި ހިމަނައިގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ.