ފުލުހުންގެ ވަޒީފާގެ މަސްއޫލިއްޔަތު އަބަދުވެސް އަދާކުރަމުން ދަނީ ޤާނޫނު ތަންފީޒުކުރުމަށް ޓަކައި ކަމަށާއި ޤާނޫނަށް ޙުރުމަތްތެރިކޮށް ހިތުމުގައި އެންމެ ފުރަތަމަ ފުލުހުން ނަމޫނާ ދެއްކުމަކީ ކޮންމެ ފުލުހެއްގެ ޢަޒުމަކަށް ވާންވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ދިވެހި ފުލުހުންގެ ޚިދުމަތަށް 92 އަހަރު ފުރުމުގެ މުނާސަބަތުގައި އެ މަނިކުފާނު ފޮނުއްވި ޚިޠާބުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި، ދިވެހި ފުލުހުންގެ ޚިދުމަތުގެ 92 ވަނަ އަހަރީ ދުވަހުގެ އުފަލުގައި، އެންމެހައި ދިވެހި ފުލުހުންނަށް އިޚްލާޞްތެރިކަމާއިއެކު މަރްޙަބާއާއި ތަހުނިޔާ ދަންނަވާފައިވެއެވެ. މީގެއިތުރުން މި ވޭތުވެދިޔަ ދިގު މުއްދަތުގައި ފުލުހުންގެ ކަންކަން ބެލެހެއްޓެވި ވަޒީރުންނާއި، ފުލުހުންގެ އިސް މަޤާމުތައް ފުރުއްވާފައިވާ ވެރީންނާއި، ފުލުހުންގެ ޚިދުމަތުގައި މަސައްކަތް ކުރެއްވި ބޭކަލުންގެ އަގުހުރި ޚިދުމަތަށް އެމަނިކުފާނު ވަނީ ޝުކުރުއަދާކުރައްވާފައެވެ.

އެ މަނިކުފާނުގެ ޚިޠާބުގައި، ޤާނޫނަށް ޙުރުމަތްތެރިކޮށް ހިތުމުގައި ފުލުހުން ނަމޫނާ ދައްކަންވީ ގޮތުގެ މައްޗަށް އަލިއަޅުއްވާލައްވާފައިވެއެވެ. އެ ގޮތުން މުޢާމަލާތް ކުރުމުގައި އަޚްލާޤީ ރީތި ހަމަތައް ހިފެހެއްޓުމަށާއި، ކުށްކުރުން ހުއްޓުވުމުގެ އިތުރުން، ކުށަށް އަރައިގަތުމާ މުޖްތަމަޢު ދުރުހެލި ކުރުމަކީވެސް ފުލުހުންގެ ވާޖިބަކަށް ވާއިރު، ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކޮށް ދިނުމަށާއި، ކަންކަން ކުރަން އޮންނަ ރަނގަޅު ގޮތް ވިސްނައިދީ ކިޔައިދިނުމަށާއި، ރީތި އުޅުމާއި އާދަ އަނެކުންނަށް ދަސްކޮށްދީ، އަނެކުންނަށް މަގުދައްކައިދޭ ބައެއްގެ ގޮތުގައި އަބަދުމެ ދެމިތިބުމަށް ރައީސުލްޖުމްހޫރިއްޔާ ބާރުއެޅުއްވިއެވެ.

ފުލުހުންގެ މުއައްސަސާގައި ޤައުމަށް ބޭނުންތެރި އެކި ދާއިރާތަކުން މޮޅަށް ކިޔަވައިގެން ތިބި ޤާބިލް އެތައް ދަރީންނެއް އެބަ ތިބިކަމަށާއި، ތަފާތު އެކި ހުނަރުތަކާ ތަޢުލީމު ލިބިފައިވާ ދިވެހީން އެންމެ ގިނަ އެއް ދާއިރާއަށް ދިވެހި ފުލުހުންގެ ޚިދުމަތް މިއަދު ވެފައިވާކަން ރައީސުލްޖުމްހޫރިއްޔާ އުފަލާއެކު ފާހަގަކުރެއްވިއެވެ. އަދި ދިވެހި ކޮންމެ ފުލުހަކީ، ހުވަޔަށް ވަފާތެރި، ދީނަށް ޙުރުމަތްތެރި، ޤައުމަށް ޚިދުމަތްތެރި، ކޮންމެ ރައްޔިތަކާމެދު އޯގާތެރި، ވާޖިބު އަދާކުރުމަށް ފަރުވާތެރި އަގުހުރި ދަރިޔަކަށް ވުމަށް ރައީސުލްޖުމްހޫރިއްޔާ އިލްތިމާސް ކުރެއްވިއެވެ.