بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ

ދިވެހި ފުލުހުންގެ ޚިދުމަތުގެ 92 ވަނަ އަހަރީ އުފަލުގައި، އެންމެހައި ދިވެހި ފުލުހުންނަށް ނުހަނު އިޚްލާޞްތެރިކަމާއެކު މަރްޙަބާއާއި ތަހުނިޔާ ދަންނަވަމެވެ. މި ވޭތުވި ބަޔާނަވައި އަހަރު ފުލުހުންގެ ކަންކަން ބެލެހެއްޓެވި ވަޒީރުންނާއި، ފުލުހުންގެ އިސް މަގާމުތައް ފުރުއްވާފައިވާ ވެރީންނާއި، ފުލުހުންގެ ޚިދުމަތުގައި މަސައްކަތް ކުރެއްވި ބޭކަލުންގެ އަގުހުރި ޚިދުމަތަށް ޝުކުރުވެރިވަމެވެ. ފުލުހުންގެ ޤައުމީ ވާޖިބު އަދާކުރުމުގައި ދެމިތިއްބަވަނިކޮށް ޝަހީދުވީ، އަދި ދުނިޔެ ދޫކުރެއްވި ނަމޫނާ ޝަޚްޞިއްޔަތުތަކުގެ ހަނދާން އައުކޮށް ހެޔޮދުޢާ ކުރަމެވެ. އަދި، ޤައުމާއި ރައްޔިތުންގެ ޙައްޤުގައި ގަދަ ހިތްވަރާއި އިންސާނިއްޔަތުކަމުގެ ފަންވަރު ދައްކަވައިދެއްވި ކޮންމެ ފުލުހެއްގެ ޢަޒުމާއި ކެރުމަށް ސާބަހާއި އައްސަރިބަސް ތަކުރާރު ކުރަމެވެ.

މީގެ 92 އަހަރު ކުރީން، 1933 ވަނަ އަހަރުގެ މި ދުވަހު، ޤާނޫނަކުން ބާރު ލިބިގެން ފުލުހުންގެ ޚިދުމަތް ރާއްޖޭގައި ޤާއިމުވުމުގެ ކުރީންވެސް، އަމަން ބެލެހެއްޓުމާއި، ކުށް ކުރުން މަދުކޮށް، އުސޫލުތަކާ ޚިލާފުވުން ހުއްޓުވުމަށް ވެރިކަމުގެ ފަރާތުން ކަނޑައަޅާފައިވާ ބަޔަކު ރާއްޖޭގައި އަބަދުވެސް ތިބިކަން ދިވެހި ތާރީޚުގެ ފަތްފުށްތަކުން ކަށަވަރުކޮށްދެއެވެ. އެހެންކަމުން، މިނިވަންކަމާއެކު ދިވެހި ވެރިކަން ދެމިއޮތް ކޮންމެ ޒަމާނަކުވެސް ކޮންމެވެސް ސިފައެއްގައި ފުލުހުންގެ ފަރާތުން މި ދެއްވާ ޚިދުމަތްތައް، ޤައުމަށާއި ރައްޔިތުންނަށް ކެނޑިނޭޅި ލިބެމުން ދިޔަކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ.

ދިވެހި ފުލުހުންގެ މޮޓޯއަކީ، "ރައްޔިތުންނާއި ޤައުމު ޙިމާޔަތް ކުރުމާއި، ރައްޔިތުންނާއި ޤައުމަށް ޚިދުމަތް ކޮށްދިނުމެވެ." މި މޮޓޯއާމެދު ފުންކޮށް ވިސްނައިލުމުން، ފުލުހުންގެ ޤައުމީ ވާޖިބަކީ، ކޮންމެ އުމުރު ފުރާއެއްގެ ކޮންމެ ރައްޔިތަކާވެސް ގުޅިފައިވާ ޚިދުމަތެއްކަން އެނގެއެވެ. ދިވެހި ކޮންމެ ޢާއިލާއަކަށް އަމާންކަމާއި ރައްކައުތެރިކަން ލިބިދީ، މަގުތަކާއި ޢާއްމު ކޮންމެ ތަނެއްގައި އުސޫލުތައް ހިފަހައްޓައި، ޤާނޫނުތަކާއި ޤަވާޢިދުތަކަށް ޙުރުމަތްތެރިކޮށްހިތާ މުޖުތަމަޢެއް ދެމެހެއްޓުމަށްޓަކައި ރެޔާއިދުވާލު ފުލުހުންގެ ލޯތައް ހުޅުވި ތައްޔާރީ ޙާލަތުގައި އަބަދުމެ ތިބޭން ޖެހެއެވެ.

ޚިދުމަތުގެ ޙަޔާތުގައި ދިވެހި ފުލުހުން މިހާތަނަށް ވޭތުކުރި ކޮންމެ ދުވަހަކުވެސް، ޙަވާލުވެފައިވާ ޒިންމާއާއި މަސްއޫލިއްޔަތު އަދާކުރުމުގައި ބޮޑެތި ޤުރުބާނީތަކެއް ވަނީ ވެފައެވެ. ޚުޠޫރަތްތެރި އެތައް ވަގުތަކާ ފުލުހުން ވަނީ ކުރިމަތިލައިފައެވެ. ރައްޔިތުންގެ މުދަލާއި ފުރާނަ ސަލާމަތްކޮށްދިނުމުގައި، އަމާންކަން ޤާއިމުކޮށްދިނުމުގައި، އަދި ކުށުގެ ވެށީން މުޖުތަމަޢު ސަލާމަތްކޮށްދިނުމުގައި، ލިބިފައިވާ ތަމްރީނުތަކާއި ތަޖުރިބާގެ ބޭނުން ހިފައިގެން ބޮޑެތި އެތައް ކާމިޔާބީއެއް ވަނީ ހޯދައިފައެވެ.

ވާޖިބު އަދާކުރުމުގައި ފުލުހުން އަބަދުމެ ދެމިތިބެނީ، ޤައުމާއި ރައްޔިތުންގެ މަޞްލަޙަތު އިސްކޮށްގެންނެވެ. ކިތަންމެ ގިނަ ވަގުތެއް މަސައްކަތުގައި ހޭދަކުރަން ޙާލަތު މެދުވެރި ކުރި ނަމަވެސް، ކިތަންމެ ބޮޑު ނުރައްކަލަކާ ކުރިމަތިލާން ޖެހުނު ކަމުގައި ވިޔަސް ފަސްޖެހުމެއް ނެތިއެވެ. އެހެންކަމުން، ޚިދުމަތުގައި ދެމި ތިބުމަށް، ފުލުހުންގެ ޢާއިލާތަކުން ދެއްވާ އެއްބާރުލެއްވުމާއި ހިތްވަރުގެ މަތީން އަޅުގަނޑުމެން ހަނދާން ނައްތާލައިގެން ނުވާނެއެވެ. ފުލުހުންގެ ޢާއިލާތަކަށް އަޅުގަނޑުގެ ހިތުގައި ވަނީ ނުހަނު ފުން އިޙްތިރާމަކާއި ލޯތްބެކެވެ.

ފުލުހުންގެ ވަޒީފާގެ މަސްއޫލިއްޔަތު އަބަދުވެސް އަދާކުރަމުންދަނީ ޤާނޫނު ތަންފީޒުކުރުމަށް ޓަކައެވެ. އެހެންކަމުން، ކޮންމެ ފުލުހެއްގެ ޢަޒުމަކަށް ވާންވާނީ، ޤާނޫނަށް ޙުރުމަތްތެރިކޮށް ހިތުމުގައި އެންމެ ފުރަތަމަ ފުލުހުން ނަމޫނާ ދެއްކުމެވެ. މުޢާމަލާތު ކުރުމުގައި އަޚްލާޤީ ރީތި ހަމަތައް ހިފެހެއްޓުމެވެ. ކުށްކުރުން ހުއްޓުވުމުގެ އިތުރުން، ކުށަށް އަރައިގަތުމާއި މުޖުތަމަޢު ދުރުހެލި ކުރުމަކީވެސް ފުލުހުންގެ ވާޖިބަކަށް ވާތީ، ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކޮށް ދިނުމާއި، ކަންކަން ކުރަން އޮންނަ ރަނގަޅު ގޮތް ވިސްނައިދީ ކިޔައިދިނުމާއި، ރީތި އުޅުމާއި އާދަ އަނެކުންނަށް ދަސްކޮށްދީ، އަނެކުންނަށް މަގުދައްކައިދޭ ބަޔެއްގެ ގޮތުގައި އަބަދުމެ ދެމިތިބުމެވެ.

ފުލުހުންގެ މުއައްސަސާގައި ޤައުމަށް ބޭނުންތެރި އެކި ދާއިރާތަކުން މޮޅަށް ކިޔަވައިގެން ތިބި ޤާބިލް އެތައް ދަރީންނެއް އެބަ ތިއްބެވެ. ތަފާތު އެކި ހުނަރުތަކާއި ތަޢުލީމު ލިބިފައިވާ ދިވެހީން އެންމެ ގިނަ އެއް ދާއިރާއަށް ދިވެހި ފުލުހުންގެ ޚިދުމަތް މިއަދު ވެފައިވާކަން އުފަލާއެކު އަޅުގަނޑު ފާހަގަކުރަމެވެ. ޒަމާނަށް އަންނަ ބަދަލުތަކާ ފައިހަމަކޮށް، ރައްޔިތުންނަށް ބޭނުންވާނެ ޙިމާޔަތާ ޚިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި ކޮންމެ ދުވަހަކުވެސް ފުލުހުން ގެންދަނީ އައު އެތައް ކަމެއް އުނގެނި، ޢަމަލީ ތަޖުރިބާތައް ހާސިލު ކުރަމުންނެވެ.

ފުލުހުންގެ ޤައުމީ ޚިދުމަތަށް 100 އަހަރު ވާން ބާކީ އޮތީ އަށް އަހަރެވެ. އެ ދުވަހާ ހަމަޔަށް ދާންވާއިރު، މާތްﷲގެ ތަނަވަސް ރަޙްމަތްފުޅާއި މިންވަރުފުޅާއެކު، މި ސަރަޙައްދުގެ އެންމެ ޒަމާނީ، އެންމެ އިތުބާރު ހުރި، އެންމެ އޯގާތެރި، އެންމެ ތަންފީޒީ ފުލުހުންގެ ޚިދުމަތް ދިވެހިރާއްޖޭގައި އޮންނަން އަޅުގަނޑުމެން ބޭނުންވެއެވެ.

އަޅުގަނޑުގެ އިޚްލާޞްތެރި އިލްތިމާސަކީ، ދިވެހި ކޮންމެ ފުލުހަކީ، ހުވަޔަށް ވަފާތެރި، ދީނަށް ޙުރުމަތްތެރި، ޤައުމަށް ޚިދުމަތްތެރި، ކޮންމެ ރައްޔިތަކާމެދު އޯގާތެރި، ވާޖިބު އަދާކުރުމަށް ފަރުވާތެރި އަގުހުރި ދަރިޔަކަށް ވުމެވެ. ދިވެހީން އަބަދުމެ ފަޚުރުވެރިވާނެ އަގުހުރި ޚިދުމަތްތަކެއް، ދިވެހި ފުލުހުންގެ ފަރާތުން ރެޔާއިދުވާލު މި ޤައުމަށް ދެއްވަމުން ގެންދެވުމެވެ.