ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، 1446 ވަނަ އަހަރުގެ ފިޠުރު ޢީދުގެ މުނާސަބަތުގައި، އިސްލާމީ ޤައުމުތަކުގެ ވެރިންނަށާއި، ސަރުކާރުތަކާއި އަދި ރައްޔިތުންނަށް، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ހެޔޮއެދުމާއި ތަހުނިޔާ ފޮނުއްވައިފިއެވެ.
އިސްލާމީ ޤައުމުތަކުގެ އިސްވެރިންނަށް ވަކިވަކީން ފޮނުއްވި ތަހުނިޔާގެ މެސެޖުތަކުގައި، ހެޔޮކަމުން ފުރިގެންވި މި ދުވަހަކީ ބަރަކާތްތެރި ރަމަޟާން މަހުގެ ހަނދާން އައުކޮށް، އިޖުތިމާޢީ ގުޅުންތައް ބަދަހިކޮށް، އޯގާތެރިކަމާއި ޞަދަޤާތުގެ ރިވެތި ސިފައާއި ގުޅިގެން އިސްލާމް ދީނުގައިވާ އުނގަންނައިދިނުންތަކާ މެދު ވިސްނާނެ ދުވަހަކަށް ވާނެ ކަމުގެ އުންމީދު ކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖުތައް ނިންމަވާލައްވަމުން، އިސްލާމީ ޤައުމުތަކުގެ ވެރިންނަށާއި ރައްޔިތުންނަށް އިތުރު ފަހި ފުރުޞަތާއި ތަނަވަސްކަމާއި އުފާވެރިކަމާއި ކާމިޔާބީގެ މަތިވެރި ނިޢުމަތް، މާތް الله މިންވަރު ކުރެއްވުން އެދިވަޑައިގެން ދުޢާކުރައްވާފައިވެއެވެ.