‎ޔުނައިޓެޑް އެރެބް އެމިރޭޓްސްގައި މިހާރު ކުރިއަށްދާ "ވޯލްޑް ގަވަމަންޓްސް ސަމިޓް 2025"ގެ "ދަ ގަވަމަންޓް އެކްސްޕީރިއަންސް އެކްސްޗޭންޖް ފޯރަމް" ގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް، ބައިވެރިވެވަޑައިގަންނަވައިފިއެވެ.

‎މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފްގެ އިތުރުން، ކިންގްޑަމް އޮފް އެސްވަޓީނީގެ ހެޑް އޮފް ސްޓޭޓް އަދި ރަސްގެފާނު ހިޒް މެޖެސްޓީ ސްވާޓީ 3، ޔޫއޭއީގެ ކެބިނެޓް އެފެއަރޒް ފޯ ކޮމްޕެޓިޓިވްނަސް އެންޑް ނޮލެޖް އެކްސްޗޭންޖްގެ ޑެޕިއުޓީ މިނިސްޓަރ ޢަބްދުﷲ ނަޞީރު ލޫތާ، އަދި ބޮސްނިއާ އެންޑް ހަރޒަގޮވިނާގެ ޗެއާވުމަން އޮފް ދަ ޕްރެޒިޑެންސީ، ޒެލްކާ ސްވިއާނޮވިޗް ބައިވެރިވެވަޑައިގެންނެވިއެވެ.

‎އެކްސްޕީރިއަންސް އެކްސްޗޭންޖް ފޯރަމަކީ ތަޖުރިބާކާރުންގެ ތަޖުރިބާތަކާއި ވިސްނުމާއި ގޮންޖެހުންތަކާއި ކާމިޔާބީތައް ހިއްސާކުރުމަށް ފަރުމާކޮށްފައިވާ މަންސައެކެވެ. މި ފޯރަމްގައި ތަފާތު ސިނާއަތްތަކުގެ ތަޖުރިބާކާރުން އެއްތަނަކަށް ޖަމާވެ، ހަގީގީ ދުނިޔޭގެ ތަޖުރިބާތަކާއި، އީޖާދީ ސިޔާސަތުތަކާއި އަގުހުރި ފިލާވަޅުތައް ހިއްސާކުރާނެއެވެ. މި ފޯރަމްގައި މައިގަނޑު ގޮތެއްގައި މަޝްވަރާކޮށްފައިވަނީ ގޮންޖެހުންތަކުން އަރައިގަތުމާއި، އުފެއްދުންތެރި ހައްލުތައް ހޯދުމާއި، އިސްވާރުންގެ ދައުރު އިތުރުކުރުމާއި، ސިނާއަތަށް އަހުލުވެރިކުރުމާ ބެހޭގޮތުންނެވެ.

‎ފާއިތުވެދިޔަ ތިން އަހަރު، ޔޫއޭއީ ސަރުކާރުގެ ގަވަމަންޓް އެކްސްޕީރިއަންސް އެކްސްޗޭންޖް ޕްރޮގްރާމް (ޖީއީއީޕީ)ގައި ދިވެހިރާއްޖޭގެ ސަރުކާރު މުވައްޒަފުން ވަނީ ބައިވެރިވެފައެވެ. މި ޕްރޮގްރާމަކީ ސަރުކާރު މުވައްޒަފުންނަށް އަސާސީ ތަމްރީނުތައްދީ، އުފެއްދުންތެރި ހައްލުތައް ހޯދުމަށް ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދޭ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ ދަށުން، ސިވިލް ސަރވިސް މުވައްޒަފުންނާއި ސަރުކާރުގެ އިސް އޮފިޝަލުން ހިމެނޭހެން 128 ފަރާތަކަށް ތަމްރީނު ދެވިފައިވެއެވެ.

‎މި މަހުގެ 11 އިން 13 އަށް ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫ.އޭ.އީ) ގައި ބާއްވާ ވޯލްޑް ގަވަރމަންޓްސް ސަމިޓް 2025ގެ މޫސުމީ ބަދަލުތަކާއި ބެހޭ ފޯރަމްގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ވާހަކަފުޅު ދެއްކެވުމަށް ވަނީ ހަމަޖެހިފައެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަރިހުގައި ދައުލަތުގެ އިސް ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.