ތެލަސީމިއާ ދުވަސް މުޅި ދުނިޔޭގައި މިއަދު ފާހަގަކުރާއިރު، އަޅުގަނޑުގެ ހެޔޮ ދުޢާތަކާއި، ހިތުގެ އިޚްލާޞްތެރި ކުލުނާއި ލޯބި ވަނީ، ތެލަސީމިއާގެ އުނދަގޫތައް ތަޙައްމަލު ކުރަމުންދާ ކުދީންނާއި ޢާއިލާތަކާ އެކުގައެވެ.

އާބާދީގެ ނިސްބަތުން ބަލާއިރު، ތެލަސީމިއާ ކުދީންގެ އިންސައްތަ އެންމެ މަތީ އެއް ޤައުމަކީ ދިވެހިރާއްޖެއެވެ. އަޅުގަނޑުމެންގެ އާބާދީގެ ކޮންމެ އަށާރަ މީހުން ކުރެ އެކަކީ، ތެލަސީމިއާ ވާރުތަވުމުގެ ފުރުޞަތު އޮތް ކެރިއަރެކެވެ. އެހެންކަމުން، ތެލަސީމިއާ އާ ގުޅޭ ހޭލުންތެރިކަން އިތުރުކުރުމަށާއި، ފަރުވާ ދެވޭނެ ވަސީލަތްތައް ފަހިކުރުމަށް ދިވެހިރާއްޖޭގައި ޚާއްޞަ ސަމާލުކަމެއް ދޭން ޖެހެއެވެ.

ރާއްޖޭގެ ރަށްރަށުގައި، ތެލަސީމިއާ ތަޙައްމަލު ކުރަމުންދާ ކޮންމެ ކުއްޖަކުމެ ދުވާލާއި ރޭގަނޑުވެސް އުނދަގޫ އެތައް ކަމެއް ބަރުދާސް ކުރާނެއެވެ. ޞިއްޙަތު ސަލާމަތުން ބޭތިއްބުމަށާއި، އެކުދީންނަށް ގަވާއިދުން ފަރުވާ ދިނުމަށް، އިސްކަން ދިނުމަކީ ކަމާބެހޭ އިދާރާތަކުގެ ޒިންމާއެކެވެ. ހަމައެކަނި ފަރުވާއެއް ނޫނެވެ. އެކުދީންނާ އޯގާތެރިކޮށް މުޢާމަލާތު ކުރުމާއި، އުނގަންނައިދިނުމާއި، އާމުދަނީ ހޯދޭނެ މަގުތައް ހުޅުވައިދިނުމާއި، އެހެން ކޮންމެ ދިވެއްސެކޭ އެއްފަދައިން، މި ޤައުމުން ލިބިދޭ ހުރިހާ ފުރުޞަތަކާއި ޙައްޤުތަކެއްވެސް އެކުދީންނަށް ފުރިހަމައަށް ލިބިދެވޭނެކަން ޢަމަލާއި ބަހުން އަޅުގަނޑުމެން ސާބިތުކޮށްދޭން ޖެހެއެވެ.

2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި، ތެލަސީމިއާ ކުދީންނަށްޓަކައި އަޅުގަނޑު ހާމަކުރި ތަޞައްވުރާއި، ވީ ވަޢުދުތައް މާތްﷲގެ ވާގިފުޅާއެކު ހަގީގަތަކަށް ހަދައިދޭނަމެވެ. ތެލަސީމިއާ ކުދީންނާއި ޢާއިލާތަކާއި ސީދާ އަޅުގަނޑު ބައްދަލުވެ، އަޑުއަހައި، އަދި އެ ކުދީންނަށް ފަރުވާ ދޭގޮތް ސީދާ ލޮލުން ދުށުމަށް ފަހު، އެތައް އަހަރެއް ވަންދެން ބޮއްސުންލާފައިއޮތް ކަންކަން ހަމަމަގަށް އަޅުވަން، އަޅުގަނޑުމެން މިކުރާ މަސައްކަތުން، އިރާދަކުރެއްވިއްޔާ މިކުދީންނާއި ޢާއިލާތަކަށް ހިތްހަމަޖެހުމާއި ފާގަތިކަން ގެނަސްދޭނަމެވެ.

ދިވެހީންނަކީ އިޙްސާންތެރިކަމާއި އަޅައިލުމުގައި ލާމަސީލު ނަމޫނާއެކެވެ. ތެލަސީމިއާގެ އުނދަގޫ ތަޙައްމަލުކުރާ ކޮންމެ ކުއްޖަކަށް އެހީތެރިވުމުގައި މުޅި ދިވެހި މުޖުތަމަޢު ބައިވެރިވުމަށް މިއަދު އަޅުގަނޑު އިލްތިމާސް ކުރަމެވެ. އެ ކުދީންނަށް ލިބިފައިވާ ހުނަރުތައް ތަރައްޤީކޮށް، އުންމީދާއެކު ދިރިއުޅުން ބިނާކޮށްދިނުމުގައި، އަދި ހިނިތުންވުމާއި އެއްބަނޑުއެއްބަފާކަމުގެ އިޙްސާސްތަކާއެކު އެ ކުދީންނާ މުޢާމަލާތު ކުރުމުގައި، އަދި އެ ކުދީންނަށް ދަތިވާ ކޮންމެ ކަމަކަށް ފަސޭހަ އަލިމަގެއް ކޮށައި ދިނުމުގައި، ކޮންމެ ދިވެހި ރައްޔިތަކުމެ ސަރުކާރަށް އެއްބާރުލުން ދެއްވުމަށް އަޅުގަނޑު އެދެމެވެ.

ތެލަސީމިއާގެ އުނދަގޫ ބަރުދާސްކުރާ ކުދީންގެ ކެތްތެރިކަމާއި ހިތްވަރުގަދަކަމުން އަޅުގަނޑުމެން ލިބިގަންނަންވީ އީޖާބީ ފިލާވަޅު ތަކެކެވެ. ދިރިއުޅުމެއް ހޯދުމަށް އެ ކުދީން އުފުލާ ބުރަ ލުއިކޮށްދިނުމަށް އަޅުގަނޑުމެން ކުރާ ކޮންމެ ކަމަކީ، ސަވާބު ލިބެނިވި ހެޔޮ ޢަމަލެކެވެ. އެ ކުދީންގެ ފުރާނައިގެ ޙައްޤުގައި އަޅުގަނޑުމެން ހަދިޔާކުރާ ކޮންމެ ލޭތިއްކަކަށް ﷲގެ ޙަޟްރަތުން ދެއްވާނެ އަޖުރާއި ދަރުމަ ގިނަގުނަ ވެގެންވެއެވެ. އެ ކުދީންނަށްޓަކައި އަޅުގަނޑުމެން ކުރާ ކޮންމެ ހެޔޮ ދުޢާއަކާއި ހެޔޮ ފޯރުވުމެއްގެ ބަރަކާތާއި ރަޙްމަތް، ދުނިޔެއާއި އާޚިރަތުގައި ލިބޭނޭ ކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ.

ޞިއްހަތު ރަނގަޅު ދުޅަހެޔޮ ޖީލެއް ބިނާކުރުމަށްޓަކައި، އަދި މުޖުތަމަޢުގެ އޯގާތެރިކަމާއި އެހީތެރިކަން ބޭނުންވާ ކޮންމެ ރައްޔިތެއްގެ މުހުތާދުތައް ފުއްދައިދީ ފާގަތި ކުރިމަގެއް ހޯދައި ދިނުމަށްޓަކައި، އަޅުގަނޑުމެން މި ކުރާ މަސައްކަތަށް ﷲގެ ޙަޟްރަތުން މަދަދު ދެއްވައި ކާމިޔާބީ މިންވަރު ކުރައްވާށިއެވެ. އާމީން.