އިޤްތިޞާދީ އިޞްލާޙީ އެޖެންޑާގައި ހިމެނޭ، ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން ދޭ ނޮން-ކޮންޓްރިބިއުޓަރީ ރިޓަޔަރމަންޓް ޢިނާޔަތްތައް ޖަނަވަރީ 1 އިން ފެށިގެން ހުއްޓާލުމަށް އިދާރާތަކަށް އެންގި އެންގުން ބާޠިލުކުރައްވަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މިފަދައިން ނިންމެވީ، ޑިސެމްބަރ 1، 2024 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރިއަށް ގެންދެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާއަށް ޚުދު އެމަނިކުފާނު ހުށަހެޅުއްވި މައްސަލައަށް ކުރިއަށް ގެންދެވި މަޝްވަރާތަކަށް ފަހުގައެވެ.

ރިޓަޔަރމަންޓް ޕެންޝަން ދިނުމުގައި ޢަމަލުކުރަމުންދާ ގޮތަށް ގެންނެވި ބަދަލާ ގުޅިގެން، އެކިއެކި ފަރާތްތަކުން ފާހަގަކުރައްވާފައިވާ ކަންބޮޑުވުންތަކަށް ރިޢާޔަތްކުރައްވައި، ރައްޔިތުން ބޭނުންވާ ގޮތަކީ މި ވަގުތަށް މި ބާވަތުގެ ރިޓަޔަރމަންޓުގެ އެލަވަންސްތައް ކަނޑާލުން ނޫން ކަމަށް ދެކެވަޑައިގަންނަވާތީ، އެކަމާ ގުޅޭގޮތުން މިނިސްޓްރީ އޮފް ފިނޭންސްއިން އެކި މުއައްސަސާތަކަށް ފޮނުއްވާފައިވާ ސިޓީ ބާޠިލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައެވެ.

އެއާއެކު އައު މުސާރައިގެ އޮނިގަނޑަށް ބަދަލުވާ ފަރާތްތަކުގެ ރިޓަޔަރމަންޓް ޕެންޝަންގެ ކަންކަން މިހާރެކޭވެސް އެއްގޮތަށް ކުރިއަށް ގެންދެވުމަށާއި، އަދި އެ އޮނިގަނޑުގެ ތެރެއަށް ނުވަންނަ ފަރާތްތައް، އެ އޮނިގަނޑަށް ބަދަލުވުމާ ހަމައަށް، ރިޓަޔަރމަންޓް ޕެންޝަނާ ގުޅޭ ކަންކަން މިހާރެކޭވެސް އެއްގޮތަށް ކުރިއަށް ގެންދެވުމަށް ވަނީ ނިންމަވާފައެވެ.