بســم اللّـه الرّحمـن الرّحيــم

الحمـد للّـه ربّ العـالمـين، والصّـلاة والسّـلام عـلى أشرف المرسلين، سـيّدنا محمّد وعلى آلـه وأصحـابه أجمعـين.

ރާއްޖޭގެ ލޮބުވެތި ރައްޔިތުން؛

ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމަށް، ހަތަރުވަނަ ދައުރަކަށް ރާއްޖޭގެ ރައްޔިތުން އަޅުގަނޑު އިންތިޚާބު ކުރެއްވުމާ ގުޅިގެން، ރައްޔިތުންގެ މަޖިލީހުގެ ކުރިމަތީގައި، ދެންމެ މާތް اللّـه ގެ ޙަޟްރަތަށް ބިރުވެތިވެހުރެ ނުހަނު ޚުޝޫޢަތްތެރިކަމާއެކު، އެކަމުގެ ޤާނޫނީ ހުވާކުރުމަށްފަހު، އަޅުގަނޑުގެ އެންމެ އިސް ވާޖިބެއް ކަމުގައި ދެކެނީ، މިއަހަރުގެ އޮކްޓޯބަރުމަހުގެ 1 ވަނަ ދުވަހު ބޭއްވުނު ރިޔާސީ އިންތިޚާބުގައި ރާއްޖޭގެ ޢިއްޒަތްތެރި ރައްޔިތުން އަޅުގަނޑަށް ކުރެއްވި މަތިވެރި ތާއީދާއި، ދެއްވި ފުރިހަމަ އިތުބާރަށްޓަކައި ހިތުގެ އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރުން. އަޅުގަނޑު ދެކޭގޮތުގައި، ތިޔަ ލޮބުވެތި އަޚުންނާއި އުޚުތުން އަޅުގަނޑަށް ތިޔަކުރެއްވި ތާއީދަކީ، ވޭތުވެދިޔަ ފަނަރަ އަހަރު އަޅުގަނޑު ޤައުމުގެ ކަންތައްތައް ހިންގާފައިވާ ގޮތާމެދު ކުރެއްވި ތާއީދެއް. ސިޔާސީގޮތުންނާއި، އިޤްތިޞާދީގޮތުންނާއި، އިޖްތިމާޢީގޮތުން ރާއްޖެއަށް މިހާތަނަށް ގެނެވިފައިވާ، އަދި އިތުރަށް ގެންނަން އަޅުގަނޑު ޚިޔާލުކުރާ އިޞްލާޙުތަކަށް ކުރެއްވި ތާއީދެއް. މިގޮތުން، ތިޔަބޭފުޅުން އަޅުގަނޑާ ގުޅުއްވާފައިވާ މަތިވެރި އުންމީދުތައް ޙަޤީޤަތަކަށް ހެދުމުގެ ތައުފީޤު ދެއްވުން އެދި اللّـه سبحـانـه وتعـالى ގެ ޙަޟްރަތަށް އަޅުގަނޑު އިބްތިހާލުވަން.

މިއަދުގެ މިއުފާވެރި އިޙްތިފާލުގައި ބައިވެރިވެވަޑައިގަތުމަށް ވަޑައިގެންނެވި ޝްރީލަންކާގެ ޢިއްޒަތްތެރި ބޮޑުވަޒީރާއި އެންމެހައި ޢިއްޒަތްތެރި މެހުމާނުންނަށް މަރުޙަބާ ދެންނެވުމަކީވެސް، އަޅުގަނޑަށް ލިބޭ ވަރަށް މަތިވެރި އުފަލެއް. އަޅުގަނޑުމެންގެ މި މުހިންމު ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް އެބޭފުޅުން ވަޑައިގެން ތިއްބެވިކަން އެ ހާމަކޮށްދެނީ، އެބޭފުޅުން ތަމްސީލު ކުރައްވާ ޤައުމުތަކުން އަޅުގަނޑުމެންނާމެދު ބަހައްޓާ ގާތްކަމާއި ހިތްހެޔޮކަން. އެބޭފުޅުންގެ ޤައުމުތަކާއި ދިވެހިރާއްޖެއާ ދެމެދު ޤާއިމުވެފައިވާ ރަޙްމަތްތެރިކަމުގެ ބަދަހިކަން. ރާއްޖެއާއި ބޭރު ޤައުމުތަކާ ދެމެދު އުފެދިފައިވާ ރަޙްމަތްތެރިކަމާއި އެއްބާރުލުމުގެ ގުޅުންތަކަކީ، އަޅުގަނޑުމެން ވަރަށްބޮޑު އަހަންމިއްޔަތެއްދޭ، އަދި އެއްދުވަހުން އަނެއްދުވަހަށް އިތުރަށް ބަދަހިކުރަން ބޭނުން ގުޅުންތަކެއް ކަމުގައި އަޅުގަނޑު އެބޭފުޅުންނަށް ކަށަވަރު ކޮށްދެން.

ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމަށް ވިދިވިދިގެން ހަތަރުވަނަ ދައުރަކަށް އަޅުގަނޑު ހަވާލުވުމަށްފަހު، ޢިއްޒަތްތެރި ރައްޔިތުންގެ މަޖިލީހާ މުޚާޠަބުކުރާއިރު، މިފަހަރުގެ ރިޔާސީ އިންތިޚާބާ ބެހޭގޮތުންވެސް އެއްޗެއް ދަންނަވާލުމަކީ، ބޭނުންތެރި ކަމެއްކަމުގައި އަޅުގަނޑު ދެކެން. އާދެ! 11 ނޮވެމްބަރ 1993 ން ފެށިގެން ކުރިޔަށް އޮތް ފަސްއަހަރުދުވަހު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގައި ހުންނާނެ މީހަކު ހޮއްވެވުމަށް، 23 އޯގަސްޓް 1993 ވަނަ ދުވަހު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން ވޯޓު ދެއްވާފައިވަނީ، އެބޭފުޅުންނަށް ލިބިވަޑައިގެންފައިވާ ފުރިހަމަ މިނިވަންކަމުގެ ބޭނުން ހިއްޕަވައިގެން، އެބޭފުޅުންނަށް ފެނިވަޑައިގެންނެވި އެންމެ ރަނގަޅު ގޮތަކަށް. އަޅުގަނޑު އެދެނީ، ވޯޓު ދެއްވިއިރު، މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުންގެ ތެރެއިން ފެނިގެންދިޔަ ޚިޔާލު ތަފާތުވުމަކީ، މާޒީވެ ގޮސްފައިވާ ކަމެއް ކަމުގައި ބެއްލެވުން. އަދި މިހާތަނުން ފެށިގެން، އަޅުގަނޑުމެން އެންމެން އިޚްލާޞްތެރިކަމާއެކު އަތުގުޅާލައިގެން، އަޅުގަނޑުމެންގެ ލޮބުވެތި ޤައުމުގެ ފައިދާއަށާއި ލާބައަށްޓަކައި މަސައްކަތް ކުރުމުގައި އެކަތިގަނޑަކަށްވުން. އަޅުގަނޑުމެން އެންމެން އަމަންއަމާންކަމާއި އެއްބައިވަންތަކަންމަތީ ތިބެގެން، ޤައުމުގެ ކަންތައްތައް އިޞްލާޙުކުރަމުން ކުރިޔަށް ގެންދިއުން. އަރަހުށި ހުސް ޠާހިރުވަންތަ މާތްﷲގެ ޙަޟްރަތުން އަޅުގަނޑުމެންނަށް ހެޔޮ ވިސްނުމާއި ހެޔޮ ތައުފީޤަށް އެދި އަޅުގަނޑު ދުޢާކުރަން.

ރާއްޖޭގެ ޢިއްޒަތްތެރި ރައްޔިތުން؛

މިއަދަކީ، ރާއްޖޭގެ ޖުމްހޫރިއްޔަތަށް ފަންސަވީސް އަހަރުފުރޭ ދުވަސް. އެހެންކަމާއެކު، އަޅުގަނޑުމެންގެ ޖުމްހޫރިއްޔަތުގެ މިއުފާވެރި ރިހި ޔޫބީލްގެ ދުވަހު، އަޅުގަނޑުމެންގެ ޖުމްހޫރިއްޔަތާމެދު ޚިޔާލުކޮށް، އަޅުގަނޑުމެންގެ ޑިމޮކްރެޓިކް ނިޒާމް އިތުރަށް ހަރުދަނާކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތަކަކީ ކޮބައިތޯ ވިސްނާލަންޖެހޭ.

ސިޔާސީ ވިސްނުންތެރިން ވިދާޅުވާގޮތުގައި، ޑިމޮކްރެޓިކް ވެރިކަމަކީ، ރައްޔިތުންނަށްޓަކައި ރައްޔިތުންގެ ތެރެއިން އުފެދިގެން އަންނަ، ރައްޔިތުން ހިންގާ ވެރިކަމެއް. ރައްޔިތުންނަށްޓަކައި ރައްޔިތުން ހިންގާ ވެރިކަމެއްގެ އެންމެ ޚާއްޞަ ސިފައަކަށްވާންޖެހޭނީ، ވެރިކަމުގެ ކަންތައްތަކުގައި ވީހާވެސް ގިނަބައެއްގެ ޚިޔާލާއި ޝުޢޫރާއި ބޭނުންތައް ހިމެނޭގޮތަށް ކަންތައްތައް ކުރުން. އެހެން ޢިބާރަތަކުން ދަންނަވާނަމަ، މަޝްވަރާކޮށްގެން ގިނަބަޔަކު ރުހޭގޮތަކަށް ކަންތައްތައް ކުރުން. އަޅުގަނޑު ރާއްޖޭގެ ވެރިކަމާ ހަވާލުވުމަށްފަހު، އެންމެ ބޮޑަށް ބާރުއަޅާފައިވާ އެއްކަމަކީ، މިދެންނެވި މަޝްވަރާކުރުމުގެ އުޞޫލު ރާއްޖޭގައި ޤާއިމުކުރުން. އިރާދަކުރެއްވިއްޔާ އަޅުގަނޑު އިޚްލާޞްތެރިކަމާއެކު މަސައްކަތްކުރާނީ، މިއަދު މިފެށޭ އާ ރިޔާސީ ދައުރުގައި، ރާއްޖޭގައި ޑިމޮކްރަސީގެ އުޞޫލުތައް އިތުރަށް ހަރުދަނާކުރުމަށް.

ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި ރާއްޖެއަށް އެކިރޮނގުރޮނގުން ފާހަގަކޮށްލެވޭފަދަ ކުރިއެރުންތަކެއް ލިބިފައިވިޔަސް، އަޅުގަނޑުމެންނަށްވަނީ، އެހުރިހާ ރޮނގަކުން އިތުރު ކުރިއެރުންތައް ހޯދަންޖެހިފައި. ޤައުމަށް ގިނަ އިޞްލާޙުތަކެއް ގެންނަން ޖެހިފައި.

މިރޮނގުން އަޅުގަނޑުމެން ވިސްނާއިރު، ހަނދާންބަހައްޓަންޖެހޭ ވަރަށް މުހިންމު ކަމެއް އެބައޮތް. އެއީ، އަޅުގަނޑުމެން ގެންނަ އިޞްލާޙުތަކަކީ، އިސްލާމްދީނުގެ އުޞޫލުތަކާ ޚިލާފުނުވާ، އަދި އަޅުގަނޑުމެންގެ މުޖްތަމަޢުގެ އެއްބައިވަންކަމަށް ބުރުލެއްނާރާގޮތަށް، އަދި އަޅުގަނޑުމެންގެ ތެރޭގައި އޮންނަ ޞުލްޙަމަސަލަސްކަމާއި ހަމަޖެހުމަށް ބަދަލެއް ނާންނަގޮތަށް ގެނެވޭ އިޞްލާޙުތަކަކަށް ވާންޖެހޭނެކަން.

އެންމެފުރަތަމަ އަޅުގަނޑުމެންގެ ސިޔާސީ ނިޒާމަށް ގެންނަން ބޭނުންވާ އިޞްލާޙުތަކާމެދު ޚިޔާލުކޮށްލަމާ ހިންގަވާ. އާދެ! މިހާރު އަޅުގަނޑުމެންނަށް އާދެވިފައި މިތިބި ހިސާބުން، ރާއްޖެއަށް އެންމެ އެކަށީގެންވާ، އެންމެ ފައިދާހުރި ގޮތެއްގެ މަތިން، އަޅުގަނޑުމެންގެ ސިޔާސީ ނިޒާމުވަނީ އިޞްލާޙުކުރަން ޖެހިފައި. ޝައްކެއްނެތް. ސިޔާސީ ނިޒާމު އިޞްލާޙުކުރުމުގެ އެންމެ ފުރަތަމަ ފިޔަވަޅަކަށް ވާންޖެހޭނީ، ޤާނޫނުއަސާސީ އިޞްލާޙުކުރުން. އެހެނީ، ކޮންމެ ބަޔެއްގެވެސް ސިޔާސީ ނިޒާމުގެ ބިންގަލަކީ، އެބަޔެއްގެ ޤާނޫނުއަސާސީ. ރާއްޖޭގެ ޤާނޫނުއަސާސީ އިޞްލާޙުކުރުމުގެ މަސައްކަތް، އެތައް ސަބަބަކާހުރެ ދިގުލައިގެން ދިޔުމަށްފަހު، މިހާރު ވަރަށް ހަލުވިކޮށް ހިނގަމުންދާކަން އަޅުގަނޑު އުފަލާއެކު ފާހަގަކުރަން. ދެން މާލަހެއްނުވެ އެ މަސައްކަތް މުޅިން ނިމި، މިހާރާ ގުޅޭ ޤާނޫނުއަސާސީއެއްގެ ހިޔާވަހިކަން އަޅުގަނޑުމެންނަށް ލިބިދާނެކަމުގެ އުންމީދު ވަރަށްބޮޑު.

އަޅުގަނޑުމެންގެ ސިޔާސީ ނިޒާމު އިޞްލާޙު ކުރެވޭއިރު، ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމަށް އެކަކަށްވުރެ ގިނަ މީހުންނަށް ކުރިމަތިލެވޭގޮތަށް ހަމަޖެހިފައި އޮތުމަކީ، އަޅުގަނޑު ވަރަށްބޮޑަށް އެދޭ ކަމެއް. ރާއްޖޭގެ އެންމެމަތީ މަގާމަށް މީހަކު ހޮވުމުގައި، މިހާރަށްވުރެ ރައްޔިތުންނަށް ލިބިފައިވާ އިޚްތިޔާރު ބޮޑުވާނެ ގޮތަކަށް އޮތުމަކީ، އަޅުގަނޑުމެންގެ ޑިމޮކްރަސީ ހަރުދަނާ ކުރުމުގައި އެޅޭ މުހިންމު ފިޔަވަޅަކަށްވާނެ ކަމަށް އަޅުގަނޑު ދެކެން.

މިރޮނގުން ވިސްނާއިރު މުހިންމު އަނެއްކަމަކީ، ސަރުކާރުގެ ހިންގުމަށް އިތުރު ހަލުވިކަމަކާއި އިތުރު ހަރުދަނާކަމެއް ގެނެވޭނެ ގޮތްތަކެއް ރޭވުން. އަޅުގަނޑުމެންގެ ސިޔާސީ، އިޤްތިޞާދީ، އިޖްތިމާޢީ، އަމާޒުފަތްގަނޑުތަކަށް އަވަހަށް ވާސިލުވުމަށްޓަކައި، ސަރުކާރުގެ އޮނިގަނޑަށް ގެންނަންޖެހޭ ބަދަލުތައް ގެނައުން. އާދެ، މިކަމަށްޓަކައި ބައެއް ޤާނޫނުތަކަށްވެސް ބަދަލު ގެންނަންޖެހޭ. ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރަށް އަޅުގަނޑު ހުށަހަޅައި، މަޖިލީހުގެ ވަރަށް ތަނަވަސް އަޣްލަބިއްޔަތަކުން ފާސްކޮށްދެއްވި އޮފިޝަލް ކަންތަކަށް އިޞްލާޙު ގެނައުމުގެ ދެބިލް ހުށަހެޅި އެންމެ މުހިންމު މަޤްޞަދަކީ، ސަރުކާރުގެ ހިންގުން އިތުރަށް ހަލުވިކުރުމާއި، ރައްޔިތުންގެ ކުރިމަތީގައި އޮފީސްތަކުގެ ޒިންމާދާރުވުން ވަރުގަދަކުރުން. މި ދެބިލް ފާސްކޮށްދެއްވުމުގައި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އަޅުގަނޑަށް ކުރެއްވި މަތިވެރި ތާއީދަށްޓަކައި، އެ ޢިއްޒަތްތެރި މެންބަރުންނަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

ތިޔަބޭފުޅުންވެސް ހަނދުމަފުޅު ހުންނާނެ ފަދައިން، މީގެކުރިންވެސް އަޅުގަނޑުވަނީ، އޮފިޝަލް ކަންތަކަށް ބައެއް އިޞްލާޙުތައް ހުށަހަޅައި، އެ އިޞްލާޙުތައް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްދެއްވާފައި. އޭގެތެރޭގައި، މިނިސްޓަރުންނާއި، ސަރުކާރުގެ އެހެނިހެން ވެރިންގެ އިޚްތިޔާރުގެ ދާއިރާ ފުޅާކުރުމުގެ އިޞްލާޙުތައްވެސް ހިމެނޭ. އޭގެ ބޭނުމަކީ، މި މަގާމުގައި ހުންނަ މީހަކަށް ހުރިހާ ކަމެއް ރައްދުކުރުމުގެ ބަދަލުގައި، އެކިކަންކަން ހިންގެވުމާ ސީދާ ޙަވާލުވެވަޑައިގެން ތިއްބަވާ ވެރިން ޒިންމާ އުފުއްލަވައިގެން، އިތުރު އިޚްތިޔާރާއެކު ކަންތައްތައް އަވަހަށް ނިންމަވަމުން ގެންދެވުމުގެ ފުރުޞަތު އެބޭފުޅުންނަށް އެރުވުން. މިކަންކަން މިގޮތަށް ހަމަޖެއްސުމުގެ އިތުރަށް، ރައްޔިތުން އުންމީދުކުރާ ތަރައްޤީގެ ލަނޑުދަނޑިތައް އުފުލެމުންދާއިރު، ސަރުކާރުގެ ހިންގުމުގެ ދާއިރާގެ މުހިންމު މަސްއޫލިއްޔަތުތަކާ ހަވާލުވާ ތަޢްލީމު ލިބިފައި ތިބި ޤާބިލް ޒުވާނުން އިތުރުކުރަމުން ގެންދިޔުމަކީ ވަރަށް ބޭނުންކަމެއް. ވީމާ، އަޅުގަނޑު މިއަދު މިހަމަޖައްސާ އާ ކެބިނެޓްގަޔާއި، ދައުލަތުގެ ވަޒީރުންގެ މަގާމު ޙަވާލުކުރެވޭ ބޭފުޅުންގެތެރޭގައި، މިފަދަ ތަޢްލީމީ ޒުވާނުން ހިމެނުމަށްވަނީ ގަސްދުކޮށްފައި.

ކުރިންވެސް ދެންނެވިފަދައިން، ޑިމޮކްރެޓިކް ނިޒާމެއްގެ ޙަޤީޤީ ވެރިންނަކީ ރައްޔިތުން. ދެންތިބީ، ރައްޔިތުންގެ ފަރާތުން އެކިކަންކަމާ ޙަވާލުވެ ތިބި މީހުން. ވެރިކަމާއި އިޚްތިޔާރަކީ ޙަވާލުވެވޭ އަމާނަތެއް. އަމާނަތެއް ޙަވާލުކުރެވޭ ކޮންމެ މީހަކީ އެއަމާނަތާމެދު ޒިންމާވާންޖެހޭނެ މީހެއް.

މިހާރު އަޅުގަނޑުމެންގެ ޤާނޫނުއަސާސީގައިވާ ގޮތުން، އެކިކަންކަމާ ޙަވާލުވެވަޑައިގެން ތިއްބަވާ ވަޒީރުންނާ ސުވާލުކުރެއްވުން ރައްޔިތުންގެ މަޖިލީހަށް އޮންނަނީ، މާފަސޭހަފުޅުނޫން ކަމަކަށްވެފައި. އެހެންވީމާ، ޤާނޫނުއަސާސީއާ ޚިލާފުނުވާ ގޮތުގެމަތިން، އެކަންވެސް ވީހާ ފަސޭހަގޮތަކަށް ހަމަޖެއްސުމުގެ ޚިޔާލު މިހާރު އަޅުގަނޑުވާނީ، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި. އަޅުގަނޑު އުންމީދުކުރަނީ، އިރާދަކުރެއްވިއްޔާ އެގޮތުގެމަތިން ކަންތައްތައް ހަމަޖެހިގެންދާނެ ކަމަށް.

މިއަހަރުގެ ޤައުމީދުވަހުގެ މުނާސަބަތުގައި ޤައުމާ މުޚާޠަބުކޮށް އަޅުގަނޑު ދެއްކި ވާހަކައިގައި، އަޅުގަނޑުމެންގެ ޤައުމީ ޙަޔާތުގައި ރައްޔިތުންގެ މަޖިލީހުން އަދާކުރައްވާ ދައުރު މިހާރަށްވުރެ ފުޅާކުރުމުގެ މައްޗަށް އަޅުގަނޑު ވާނީ އިޝާރާތްކޮށްފައި. ރާއްޖޭގެ ޤާނޫނުއަސާސީއާއި، އެހެނިހެން ޤާނޫނުތަކުގައިވާ ގޮތުން، ރައްޔިތުންގެ މަޖިލީހުން ވަރަށް މުހިންމު މަސްއޫލިއްޔަތުތަކެއް އަދާކުރައްވަންޖެހޭ. އެންމެ ފުރަތަމަ ކަމަކީ، ޤާނޫނުތައް ހެއްދެވުން. އަދި މިކަމުގައި، މަސައްކަތް ހަލުވިވާނެގޮތަކަށް ވިސްނަވައިގެން ކުރިއަށް ގެންދެވުން. ހަމައެފަދައިން، ޤައުމާއި ރައްޔިތުންނަށް ފައިދާހުރި ގޮތަކަށް ކަންތައްތައް ރާވައި ހިންގުމުގައި ސަރުކާރަށް އެހީތެރިވެދެއްވުން.

އަޅުގަނޑުމެންގެ ސިޔާސީ ނިޒާމު ހަރުދަނާވާނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންވެސް، އެބޭފުޅުންގެ ވާޖިބުތައް އަދާކުރައްވާ ގޮތާމެދު ރައްޔިތުންގެ ކުރިމަތީގައި މަސްއޫލުވެވަޑައިގަންނަވާ ގޮތަށް ހަމަޖެހިގެން. ޝައްކެއްނެތް. ރައްޔިތުންގެ ފަރާތުން ކަމަކާ ހަވާލުވެ ހުންނަ ކޮންމެ މީހަކީ، އެމީހެއްގެ ވާޖިބު އަދާކުރިގޮތާމެދު ރައްޔިތުންގެ ކުރިމަތީގައި ޒިންމާވާންޖެހޭނެ މީހެއް. މިއީ، އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކުވެސް ގަބޫލުކުރަންޖެހޭނެ އުޞޫލެއް.

ރާއްޖޭގެ ސިޔާސީ ނިޒާމަށް ބަދަލުތަކެއް ގެންނަމުން ގެންދާއިރު، ރައްޔިތުންގެ ވޯޓުން އިންތިޚާބުވެގެން ރައްޔިތުންގެ ކަންތައްތަކާ ޙަވާލުވާ މީހުންގެ ޢަދަދު އިތުރުކުރުމަކީ މުހިންމު ކަމެއް. މިގޮތުން، މިހާރު އިންތިޚާބު ކުރެވޭ ރަށް ކުރިއަރުވާ ކޮމިޓީތަކާއި، އަތޮޅު ކުރިއަރުވާ ކޮމިޓީތައް އިންތިޚާބު ކުރެވޭ ގޮތް ވަނީ، ހަރުދަނާކުރަންޖެހިފައި. ހަމައެހެންމެ، މާލޭގެ އަވަށްއަވަށުގެ އަވަށް ކުރިއަރުވާ ކޮމިޓީތަކާއި، މާލޭ މުނިސިޕަލް ކައުންސިލަކީ، ކަނޑައެޅޭ ވަކި އުޞޫލަކުން، ރައްޔިތުންގެ ސީދާ ވޯޓަކުން އިންތިޚާބު ކުރެވޭ މެންބަރުންވެސް ތިބޭ މަޖިލިސްތަކެއް ކަމުގައި ހެދުމަކީ، އަޅުގަނޑުމެން ވިސްނަންވެއްޖެ ކަމެއް. މިފަދަ އިންތިޒާމެއް ހަމަޖެހުމަކީ، އެކިއެކި ކަންކަމަށް ޤާބިލް މީހުންނަށް ޤައުމުގެ ސިޔާސީ ޙަޔާތުގައި ބައިވެރިވުމަށް ދެވޭ އިތުރު ފުރުޞަތަކަށް ވެގެންދާނެ.

ރާއްޖޭގެ ލޮބުވެތި ރައްޔިތުން؛

ކޮންމެ އިންސާނީ މުޖްތަމަޢެއްގައިވެސް، ޢަދުލުއިންޞާފު ޤާއިމުކުރުމަކީ، އެ މުޖްތަމަޢެއްގައި ޞުލްޙަމަސަލަސްކަމާއި ހަމަޖެހުން ދެމެހެއްޓުމުގައި ވަރަށް މުހިންމު ކަމެއް. އެހެންކަމުން، ޢަދުލުއިންޞާފު ޤާއިމުކުރުމަކީ، އަޅުގަނޑު މިމަގާމާ ހަވާލުވީއްސުރެ ވަރަށްމަތީ އަހަންމިއްޔަތެއް ދެމުންގެންދާ ކަމެއް. ރާއްޖޭގެ ޝަރްޢީ ނިޒާމު ހަރުދަނާކޮށް، ޢަދުލުއިންޞާފު ޤާއިމުކުރުމުގެ މަސައްކަތް ހަލުވިކުރެވޭތޯ މިހާރުވެސް މިގެންދަނީ، ވަރަށްބޮޑަށް މަސައްކަތް ކުރަމުން. މިގޮތުން އިތުރަށް އަޅަންޖެހޭ ފިޔަވަޅުތައް، އިރާދަކުރެއްވިއްޔާ މިފެށޭ އާ ރިޔާސީ ދައުރުގައި ލަސްނުކޮށް އަޅަމުން ގެންދާނަން.

ކުރިންވެސް ދަންނަވާލެވުނުފަދައިން، ރާއްޖޭގެ ގިނަ ކަންތައްތަކެއް ވަނީ އިތުރަށް އިޞްލާޙުކުރަން ޖެހިފައި. އޭގެތެރެއިން އެއްކަމަކީ، ސަރުކާރުގެ ދާއިރާތަކުން ޚިޔާނަތާއި ނާޖާއިޒު ފައިދާ ހޯދުމުގެ ކަންތައްތައް ނައްތާލުމަށް އެކަށީގެންވާ ފިޔަވަޅުތަކެއް އެޅުން. އެބާވަތުގެ ކަންތައްތައް ނައްތާލުމަށްޓަކައި މިހާރުވެސްވަނީ، އެންޓި-ކޮރަޕްޝަން ބޯޑެއް އުފައްދާފައި. ވީމާ، މިމަސައްކަތް އިތުރަށް ވަރުގަދަކުރުމުގެ ގޮތުން، ސަރުކާރުގެ ދާއިރާގައި އެފަދަ ފުރުސަތުގެ ބޭނުންކުރެވޭ ގޮތަށް ހުރި ކަންތައްތައް ބަލައި، އެކަންތައްތައް އިޞްލާޙުކުރަން ވަނީ ޖެހިފައި. ހަމައެހެންމެ، މިކަމުގައި ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކޮށް، ރައްޔިތުންގެ އެއްބާރުލުންވެސް ހޯދަންޖެހޭނެ.

ރާއްޖޭގެ ޢިއްޒަތްތެރި މުވާޠިނުން؛

އަޅުގަނޑުމެންގެ ރާއްޖޭގެ އާބާދީއާއި، ބިމުގެ ކުޑަކަމާއި، ޖުޣްރާފީގޮތުން ރާއްޖެ އޮތްތަނާއި، އޮތްގޮތުގެ މައްޗަށް ޚިޔާލުކޮށް، ރާއްޖޭގެ އަމަންއަމާންކަން ދެމެހެއްޓުމަކީ، އަޅުގަނޑުމެން މިހާރު ވަރަށްބޮޑު ސަމާލުކަމެއް ދޭންޖެހިފައިވާ ކަމެއް. ވީމާ، ކުދިޤައުމުތަކުގެ ސަލާމަތާމެދު ބައިނަލްއަޤްވާމީ ދާއިރާގައި ރާއްޖެ އަޅާފައިވާ ބިންގާ ވަރުގަދަކުރެވޭތޯ ބަލަންޖެހޭނެ. އަދި ރާއްޖޭގެ ސަލާމަތާއި ދިފާޢާބެހޭ ކަންތައްތަކުގައި ރާއްޖޭގެ ޒުވާނުންގެ ޙިއްޞާކުރުން މިހާރަށްވުރެ އިތުރުކުރެވޭނެ ގޮތެއްވަނީ ހޯދަން މަޖުބޫރުވެފައި. މީގެއިތުރަށް، ދުނިޔޭގެ ޤައުމުތަކުގެ ޖަމާޢަތުގައި ރާއްޖެއަށް ލިބިފައިވާ މަޤްބޫލުކަން ދަމަހައްޓައި، ބޭރު ޤައުމުތަކާ އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަކީ، ވަރަށް މުހިންމު ކަމެއް ކަމުގައި އަޅުގަނޑު ދެކެން. އެއީ، ޤައުމުގެ ތަރައްޤީގެ ބޭނުންތަކަށް ބެލިކަމުގައިވިޔަސް، ޤައުމުގެ ސަލާމަތަށް ބެލިކަމުގައިވިޔަސް، ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ ކަންތައްތަކުގައި ރާއްޖެއާ އެކަށީގެންވާ ފެންވަރެއްގައި ބައިވެރިވަމުން ގެންދިޔުމުގެ ބޭނުންތެރިކަން ބޮޑުކަމުން.

ތިމާވެށި ރައްކާތެރިކުރުމަކީ، އަޅުގަނޑުމެންގެ މިލޮބުވެތި ޤައުމުގެ ދެމިއޮތުމާއި އަޅުގަނޑުމެންގެ އިޤްތިޞާދީ ތަރައްޤީއާވެސް ވަރަށްބޮޑަށް ގުޅިފައިވާ ކަމެއް. އާދެ! އަޅުގަނޑުމެންނަށް ޤުދްރަތުން ހަދިޔާކުރައްވާފައިވާ މިފެހި ޖަޒީރާތަކާއި، މިރީތި ކަނޑުތަކާއި، ސާފުގޮނޑުދޮށްތަކާއި، މުރަކައިގެ ބަގީޗާތަކުން އުފެދިފައިވާ ނާޒުކު ތިމާވެށި ޙިމާޔަތްކުރުމަކީ، އަޅުގަނޑުމެންގެ ކޮނޑުގައި އެޅިފައިވާ ވަރަށް މުހިންމު މަސްއޫލިއްޔަތެއް. ވީމާ، އަޅުގަނޑުމެން ދިރިއުޅެމުން ގެންދަންވާނީވެސް، އަދި އަޅުގަނޑުމެން ކުރާ ހުރިހާ މަސައްކަތްތަކެއް ކުރަމުން ގެންދަންވާނީވެސް، އަޅުގަނޑުމެންގެ ތިމާވެށީގައި ލައްވާފައިވާ ވަސީލަތްތައް ރައްކާތެރިކޮށް، އެ ވަސީލަތްތަކުން ހޯދޭ ކުރިއެރުމަކީ، ދެމެހެއްޓެނިވި ތަރައްޤީއަކަށް ހިމެނޭނެ ގޮތެއްގެ މަތިން.

ރާއްޖޭގެ ލޮބުވެތި ރައްޔިތުން؛

ޤައުމެއްގެ ތަރައްޤީއަށްޓަކައި އެންމެބޮޑަށް ވަރުގަދަކުރަމުން ގެންދަންޖެހޭނީ، އެ ޤައުމެއްގެ ތަޢްލީމީ ބިންގާ. ތަޢްލީމީ ރޮނގުން، ވޭތުވެދިޔަތާނގައި ފާހަގަކޮށްލެވޭ ކުރިއެރުންތަކެއް ހޯދިފައިވިޔަސް، ރާއްޖޭގެ ތަޢްލީމީ ނިޒާމާ ދޭތެރޭގައި އަޅުގަނޑުމެން މިހާރުވަނީ އަލުން ވިސްނަންޖެހިފައި. މިރޮނގުން އަޅުގަނޑުމެން ޙާޞިލްކުރަންޖެހޭ މަޤްޞަދުތަކުގެ ތެރޭގައި، ރާއްޖޭގައި ދެވޭ ތަޢްލީމުގެ ފެންވަރު މަތިކުރުމާއި، ރާއްޖެތެރޭގައި ޘާނަވީ ތަޢްލީމުގެ ފުރުޞަތު އިތުރަށް ތަނަވަސްކޮށްދިނުމާއި، ރާއްޖޭގައި މަތީ ތަޢްލީމުގެ މަރްކަޒެއް އުފެއްދުން ހިމެނޭ.

ރާއްޖޭގެ ޘާނަވީ މަދަރުސާތަކުން ނިމޭ ކުދިންގެ ޢަދަދު މިހާރުވަނީ ވަރަށްބޮޑަށް އިތުރުވެފައި. އެހެންވީމާ، މަތީ ތަޢްލީމު ޙާޞިލްކުރުމުގެ ފެންވަރުހުރި ކުދިންނަށް އިތުރު ފުރުޞަތުތައް ތަނަވަސްކޮށްދެވޭނެ ގޮތްތަކެއްވަނީ ހޯދަންޖެހިފައި. ރާއްޖެއަށް އެހީދޭ ޤައުމުތަކުން ލިބޭ ސްކޮލަރޝިޕްތަކުން ނުފުދޭތީ، ދުނިޔޭގެ ބޭންކުގެ ލޯނު އެހީއެއްގެ ދަށުން ސްކޮލަރޝިޕް ޕްރޮގްރާމެއް ސަރުކާރުން މިހާރުވަނީ ހިންގާފައި. އެފަދަ އެހެން ޕްރޮގްރާމެއް ހަމަޖެހޭތޯ މިހާރުވެސް ބަލަމުން އެބަގެންދަން. މީގެއިތުރަށް، ވަކިފެންވަރަކުން ފެށިގެން މައްޗަށް ތަޢްލީމު ޙާޞިލްކުރާ ކުދިންނާއި، އެކިބާވަތްބާވަތުގެ ހުނަރުވެރި މަސައްކަތްތައް ދަސްކުރާ ކުދިންނަށް އެކަމުގެ ފުރުޞަތު ހޯދައިދިނުމަށްޓަކައި އާ ސްކޮލަރޝިޕް ސްކީމެއް ފެށްޓުމަކީ، ކުރިއަށްއޮތްތާނގައި ސަރުކާރުން އަހަންމިއްޔަތު ދޭންޖެހޭނެ ކަމެއް.

ޤައުމުގެ އާބާދީ، ސަލާމަތް ޞިއްޙަތެއްގައި ދިރިއުޅޭ ރައްޔިތުންތަކަކަށް ހެދުމަކީ، އެ ޤައުމެއްގެ ތަރައްޤީއަށްޓަކައި ބިނާކުރެވޭ ވަރަށް އަގުބޮޑު ރައުސްމާލެއް. ޞިއްޙީ ދާއިރާއަށް ބަލައިލާއިރު، އާބާދީ އިތުރުވުން ވަކިމިންވަރެއްގައި ހިފެހެއްޓުމަށް މަސައްކަތްކުރުމަކީ، އަޅުގަނޑުމެން މިވަގުތު ވަރަށްބޮޑު އިސްކަމެއް ދޭންޖެހިފައިވާ ކަމެއް. އަދި ޞިއްޙީ ޚިދްމަތުގެ ދާއިރާ ފުޅާކޮށް، ދެވޭ ޚިދްމަތުގެ ފެންވަރު ރަނގަޅުކުރުމަކީވެސް، އަޅުގަނޑުމެން ސަމާލުކަން ދޭންޖެހޭ އެހާމެ މުހިންމު ކަމެއް. މި މަޤްޞަދު ޙާޞިލްކުރުމުގައި، ޞިއްޙީ ދާއިރާގައި ޚިދްމަތްކުރާ އަމިއްލަ ފަރާތްތަކަށްވެސް ހިތްވަރުދީ، އެފަރާތްތަކުން ކުރާ މަސައްކަތްތަކަށް ސަރުކާރުން މަގުފަހިކޮށްދިނުމަކީވެސް ވަރަށް ބޭނުން ކަމެއް.

ރާއްޖޭގެ ތަރައްޤީއަށްޓަކައި، އަބަދުވެސް އެންމެ އިސްކަން ދޭންޖެހޭނެ ދާއިރާއަކީ، އިޤްތިޞާދުގެ ދާއިރާ. ވޭތުވެދިޔަ ފަނަރަވަރަކަށް އަހަރުދުވަހުގެ ތެރޭގައި، ރާއްޖޭގެ އިޤްތިޞާދު ކުރިޔަށްގޮސްފައިވަނީ، އެކަށީގެންވާ ހަލުވި ދުވެއްޔެއްގައި. އަޅުގަނޑުމެންގެ ޤައުމީ އުފެއްދުންތެރިކަން އިތުރުވަމުންދާ މިންވަރު ގިނަ އަހަރުތަކެއްވަންދެން 8.4 ޕަސެންޓްގެ ނިސްބަތުގައި، އަދި މި ވޭތުވެދިޔަ ދެއަހަރުވެސް ގާތްގަނޑަކަށް 7 ޕަސެންޓްގެ ނިސްބަތުގައި ހިފެހެއްޓިފައިވާކަމީ، ރާއްޖެފަދަ ކުޑަ އަދި ޤުދްރަތީ މުއްސަނދިކަމުގެ ވަސީލަތްތައް މަދު ޤައުމަކަށް ބަލާއިރު، އެކަށީގެންވާ ކާމިޔާބީއެއް.

އެހެންނަމަވެސް، އަޅުގަނޑުމެންގެ ބާރު ނުފޯރާ، ބައިނަލްއަޤްވާމީ ވިޔަފާރިއާއި، އިޤްތިޞާދާބެހޭ ސަބަބުތަކަކާހުރެ، މިވަގުތު ރާއްޖޭގެ އިޤްތިޞާދަށް ކުރިމަތިވެފައިވާ ދަތިތައް ޙައްލުކުރުމަށްޓަކައި، މިހާރުވަނީ މުހިންމު ފިޔަވަޅުތަކެއް އަޅަންޖެހިފައި. ރާއްޖެއިން ލިބެންހުރި އިޤްތިޞާދީ ހުރިހާ ވަސީލަތްތަކާއި، ޤުދްރަތީ މުއްސަނދިކަން ހެޔޮގޮތުގައި ބޭނުންކޮށްގެން، ރާއްޖޭގެ އިޤްތިޞާދު އިތުރަށް ވަރުގަދަކުރުމަށްޓަކައި، ބުރަ މަސައްކަތްތަކެއް ވަނީ ކުރަންޖެހިފައި.

މިރޮނގުން ވިސްނާއިރު، ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާގެ އުފެއްދުންތެރިކަން އިތުރުކުރުމަށްވަނީ، ވަރަށްބޮޑަށް ބޭނުންވެފައި. އަޅުގަނޑުމެންގެ އިޤްތިޞާދީ ސަރަޙައްދުން ބޭނުންނުކުރެވި އޮންނަ ބައިގެ ބޭނުންކުރުމަށްޓަކައި އާގޮތްތަކެއް ވަނީ ހޯދަން ޖެހިފައި. ދޮށީގެ މަސްވެރިކަމުގެ އިތުރަށް މަސްބޭނުމުގެ ނުވަތަ މަސްހިފުމުގެ އާގޮތްތައް ތަޢާރުފުކުރަންވެއްޖެ. އަދި ދުނިޔޭގެ އެހެން ތަންތާނގައިވެސް، ކަންތައްތައް ކޮށްއުޅޭފަދައިން، އެކިބާވަތްތަކުގެ މަސްމަހާމެހި، ކަނޑުން ލިބެން ހުންނަ ބައެއްތަކެތި ގިނަކުރުމުގެ ތަޖުރިބާތައްވެސް ކުރަންވެއްޖެ.

ޓޫރިޒަމްގެ ދާއިރާއަށް ނަޒަރު ހިންގާލާއިރު، އަޅުގަނޑުމެންނަށްވަނީ ވަރަށްބޮޑު ކުރިއެރުމެއް ޙާޞިލްކުރެވިފައި. މިކުރިއެރުމުން ރާއްޖޭގެ ޓޫރިޒަމަށް ލިބިފައިވާ އިތުބާރު ދެމެހެއްޓުމާއެކު، ޤައުމަށް އެންމެ ފައިދާހުރި ގޮތެއްގެމަތިން، ރާއްޖޭގެ ޓޫރިޒަމްގެ ދާއިރާ ފުޅާކުރުމަކީ، އަޅުގަނޑުމެން ކުރަން ޖެހިފައިވާ ކަމެއް. މިކަން ކުރެވެންވާނީ، ރާއްޖޭގެ މުހިންމު އެހެން އިޤްތިޞާދީ މަސައްކަތްތަކަށް ބުރޫނާރާނެ ގޮތެއްގެ މަތިން. ޓޫރިޒަމް ތަރައްޤީކުރަން މަސައްކަތްކުރާއިރު، އަޅުގަނޑުމެން ރާއްޖެއިން ޓޫރިސްޓުންނަށް ދޭ ޚިދްމަތް ލިބިދޭންޖެހޭނީ، ދުނިޔޭގެ މާކެޓުގައި އަޅުގަނޑުމެންނަށްވެސް ވާދަކުރަމުން ގެންދެވޭފަދަ އަގުތަކެއްގައިކަން ގަބޫލުކުރަންޖެހޭ.

ރާއްޖެއަށް ޞިނާޢީގޮތުން ހޯދެން އޮތް ކުރިއެރުމެއް ހޯދުމަކީވެސް، ކުރިއަށް ދިއުމަށްޓަކައި އަޅުގަނޑުމެން ކުރަންޖެހިފައިވާ ކަމެއް. މިރޮނގުގައި، ރާއްޖޭގެ އެންމެބޮޑު ރައުސްމާލަކަށްވާނީ ރާއްޖޭގެ މީހުން. މަދަރުސާތަކުން ކިޔަވައިގެން ނުކުންނަ ކުދިން، ރާއްޖެއަށް ބޭނުންތެރި އެކިއެކި މަސައްކަތްތަކަށް ތަމްރީނުކޮށް، އެކުދިންނަށް ވަޒީފާ ހޯދައިދީގެން، ރާއްޖޭގެ އިޤްތިޞާދަށް ފައިދާކުރާނެ ގޮތްތަކެއް އަޅުގަނޑުމެންނަށް ވަނީ ރާވަންޖެހިފައި.

ހަމައެހެންމެ، ބިމާބެހޭ މުޢާމަލާތާއި، އެކިއެކި މަސައްކަތްތަކަށް ފަޅުރަށްރަށް ދޫކުރުމުގެ އުޞޫލަށް ގެނެވޭ ހެޔޮބަދަލުތަކާ ގުޅުވައިގެން، ފައިދާލިބޭ އިޤްތިޞާދީ މަސައްކަތްތަކެއް އެރަށްރަށުގައި ކުރެވޭތޯ ބެލުމަކީ، އަޅުގަނޑުމެން ސަމާލުކަން ދޭންޖެހިފައިވާ ކަމެއް.

ރާއްޖޭގެ ބޭރުގެ ވިޔަފާރީގެ ދާއިރާއަކީވެސް ވަރަށް ބޮޑަށް ކުރިއަރުވަން ޖެހިފައިވާ ދާއިރާއެއް. އިޤްތިޞާދީ އެހެން ކަންކަމަށް ގެނެވޭ ކުރިއެރުންތަކުން އެކަށީގެންވާ ނަތީޖާއެއް ހޯދޭނީ، ރާއްޖޭގެ އެކްސްޕޯޓް އިތުރުވެގެން. އެހެންވީމާ، ހުޅުވާލެވިފައިވާ ވިޔަފާރީގެ ސިޔާސަތެއްގެ ދަށުން، ބޭރު ވިޔަފާރީގެ ކަންތައްތައް ކުރިއަށް ގެންދިޔުމަށް މަސައްކަތްކުރުމުގެ ބޭނުންތެރިކަން ބޮޑު.

އިޤްތިޞާދު ހަރުދަނާކުރުމުގެ މަސައްކަތުގައި، މާލެއާއި ރާއްޖެތެރެއާ ދެމެދު އިޤްތިޞާދީގޮތުން ހުރި ތަފާތު ކުޑަކުރުމަށްޓަކައިވެސް ވަނީ، އިތުރު މަސައްކަތްތަކެއް ކުރަންޖެހިފައި. މިކަމަށްޓަކައި، އިޤްތިޞާދީގޮތުން ކުރިއަށް ދިޔުމުގެ ފުރުސަތު ބޮޑު ސަރަޙައްދުތަކަށް އިސްކަންދީގެން، ތަރައްޤީއަށް ބޭނުންވާ މައިގަނޑު ވަސީލަތްތައް ރާއްޖެތެރޭގައި އިތުރަށް އުފައްދަމުން ގެންދަންޖެހޭނެ. ވީމާ، މިހާރުވެސް ސަރުކާރުން ހިންގަމުން މިގެންދާ ރަށްރަށުގެ ފަޅުފުންކޮށްދިނުމާއި، ރަށްރަށަށް ކަރަންޓް ލައިދިނުމުގެ ޚިދްމަތް، ކުރިއަށްއޮތްތާނގައި މިހާރަށްވުރެ ފުޅާކުރެވޭނެ ގޮތްތަކެއް ހޯދަންވަނީ ބޭނުންވެފައި. އަދި ރާއްޖޭގެ ހުރިހާ އަތޮޅުތަކަކަށް ޓެލެފޯނުގެ ޚިދްމަތް ދިނުމަށްޓަކައި ސަރުކާރުން ރާވާފައިވާ މަޝްރޫޢު ހަލުވިގޮތެއްގައި ކުރިއަށް ގެންދެވޭނެ ގޮތެއް ހޯދަންވެސްޖެހޭ.

އިޤްތިޞާދަށް ލިބޭ ކުރިއެރުމާ ގުޅޭގޮތުން، ސަރުކާރަށް އާމްދަނީ ލިބޭ ވަސީލަތްތައް އިތުރުކޮށް، ރައްޔިތުންގެ ކަންތައްތައް ހިންގުމަށްޓަކައި ރައްޔިތުން ސަރުކާރަށް ދައްކާ އެއްޗެއް އިންޞާފުވެރި އުޞޫލަކުން އިތުރުކުރުމަކީވެސް، އަޅުގަނޑުމެން ކުރަންޖެހިފައިވާ ކަމެއް. ތަރައްޤީގެ މަސައްކަތްތަކަށް ހުއްޓުމެއްނާރުވައި، ސަރުކާރަށް ލިބޭ އެއްޗަކާއި ސަރުކާރުގެ ބަޖެޓުން ކުރެވޭ ޚަރަދާ ދެމެދުގައި އޮންނަ ތަފާތު ކުޑަކުރަމުން ގެންދެވޭނީ، މިފަދަ ގޮތަކަށް ފިޔަވަޅު އެޅިގެން ކަމުގައި އަޅުގަނޑު ދެކެން.

އަޅުގަނޑުމެންގެ ޤައުމީ ޙަޔާތުގައި އަންހެނުން ޙިއްޞާކުރާ މިންވަރު އިތުރުކުރުމަކީ، ރާއްޖޭގެ ތަރައްޤީއަށްޓަކައި ކޮންމެހެން ބޭނުންވެފައިވާ ކަމެއް. ތިޔަބޭފުޅުންވެސް ގަބޫލުކުރައްވާނެ ފަދައިން، އިންސާނީ ކޮންމެ މުޖްތަމަޢެއްވެސް އުފެދެނީ، އަންހެނުންނާއި ފިރިހެނުން ހަމަހަމަގޮތެއްގައި ޙިއްޞާވެގެން. އެހެންކަމުން، މުޖްތަމަޢުގެ ތަރައްޤީއަށްޓަކައިވެސް، ހަމަހަމަގޮތެއްގައި ބައިވެރިވުމުގެ ފުރުޞަތު، ދެޖިންސަށްވެސް ލިބިދޭންޖެހޭ. އިސްލާމީ ނަޒަރަކުން ބެލިކަމުގައިވިޔަސް، އެއް ޖިންސަކާމެދު އައިސްފައިވާ ޢިއްޒަތާއި އިޙްތިރާމުގެ ހުރިހާ ޙުކުމްތަކެއް، އަނެއް ޖިންސަކާމެދުވެސް އައިސްފައިވޭ. އެހެންކަމުން، އަޅުގަނޑުމެން ހުރިހާ ކަމެއްވެސް ބިނާކުރަންޖެހޭނީ، މި ޙަޤީޤަތްތަކުގެ ބިންގަލުގެ މަތީގައި.

މާލެއަކީ ޚާއްޞަ މައްސަލަތަކެއް ކުރިމަތިވެފައިވާ ރަށެއް. ދިރިއުޅުމުގެ ފެންވަރަށް ބަލާއިރު، މީހުން ގިނަވުމުގެ ސަބަބުންނާއި، މަސައްކަތްތައްކުރާ ތަންތަން ގިނަވުމުގެ ސަބަބުން، ޞިއްޙީގޮތުންނާއި، އެހެނިހެން ގޮތްގޮތުން މާލެއަކީ، މިހާރު ވަރަށްބޮޑެތި ދަތިތަކަކާ ކުރިމަތިލާން ޖެހިފައިވާ ރަށެއް. ގެދޮރުގެ މައްސަލައަށް ބަލައިލިކަމުގައިވިޔަސް، މާލޭގައި ދިރިއުޅޭ ގިނަ ޢަދަދެއްގެ ބަޔަކު އުޅެންޖެހިފައިވަނީ ވަރަށް ދަތިކޮށް. ވީމާ، މާލޭގެ ވެށްޓަކީ އެކަށީގެންވާ ގޮތެއްގައި ދިރިއުޅެވޭނެ ތަނަކަށް ހެދުމަށްޓަކައި މާލޭގެ ބިން ބޭނުންކުރާނޭ ގޮތުގެ ރަނގަޅު ޕްލޭނެއް ތައްޔާރުކުރުމުގެ މަސައްކަތް ކުރުމަށް އަޅުގަނޑު ގަސްދުކުރަން. އަދި މާލެއަށާއި، އާބާދީ ބޮޑުވުމުގެ ސަބަބުން، ބިމުގެގޮތުން ދަތިވެފައިވާ ރަށްރަށަށް، ޚާއްޞަ ސަމާލުކަމެއް ދީގެން، ރައްޔިތުންނަށް ހިޔާވަހިކަން ހޯދައިދިނުމަށް އަމާޒުކުރެވޭ މަޝްރޫޢެއް ހިންގުމަކީވެސް، އިސްކަންދޭން ޖެހިފައިވާ ކަމެއް ކަމުގައި އަޅުގަނޑު ދެކެން.

ރާއްޖޭގެ ލޮބުވެތި ރައްޔިތުން؛

ޤައުމުގެ ކުޑަކުދިންނާއި ޒުވާނުންނަކީ، އަޅުގަނޑުމެން ވަރަށް ޚާއްޞަގޮތެއްގައި ސަމާލުކަންދޭންޖެހޭ ބައެއް. ކުޑަކުދިންނާއި ޒުވާނުންނަކީ، އަޅުގަނޑުމެންގެ ލޮބުވެތި ދަރިން. މާދަމާގެ ފޮނި އުންމީދުތައް. އަޅުގަނޑުމެންގެ މާތް ދީނާއި މިނިވަންކަމުގެ އަމާނަތް އުފުލުމާ މާދަމާ ޙަވާލުވާން ތިބި ޖީލު. އެހެންކަމުން، އަޅުގަނޑުމެން މިއަދުގެ ޒުވާނުން މަގުން ކައްސާލިޔަނުދީ ބަލަހައްޓައި، އިރުޝާދުދޭންޖެހޭ.

އާދެ، އަޅުގަނޑުމެންގެ ޒުވާނުންގެ ތެރޭގައި މަސްއޫލިއްޔަތު ފުރިހަމަޔަށް އަދާކުރާ، ޤައުމަށް އިޚްލާޞްތެރި، އުފެއްދުންތެރި މަސައްކަތްކުރާ ޒުވާނުން ވަރަށްގިނަ. އެހެންނަމަވެސް، އަޅުގަނޑުމެންގެ ޒުވާނުންގެ ތެރެއިން ބަޔަކަށް މަގުއޮޅެމުންދާ ވާހަކަ ހިތާމަޔާއެކު ދަންނަވަންޖެހޭ. ކުޑަކުދިންގެ ތެރެއިންވެސް ކުށްކުރާ ކުދިންގެ ޢަދަދު އިތުރުވަމުންދާ ވާހަކަވެސް ދަންނަވަންޖެހޭ.

މަސްތުވާތަކެތީގެ ބޭނުންކުރުން ރާއްޖޭގައި ފެތުރެމުންދާ ދިޔުމަކީވެސް، މުޅި ޤައުމު އެކަމަށް ވަރަށްބޮޑަށް ސަމާލުވާން ޖެހިއްޖެ ކަމެއް. ވޭތުވެދިޔަ ތިންއަހަރަށް ބަލާއިރު، މަސްތުވާތަކެތި ބޭނުންކުރުމުގެ ކުށުގައި އަދަބު ކަނޑައެޅިފައިވާ މީހުންގެތެރޭގައި، ފަނަރަ، ސޯޅަ، ސަތާރަ އަހަރުގެ ކުދިން ހިމެނޭކަން ހިތާމައާއެކު ފާހަގަކޮށްލަންޖެހޭ.

މަސްތުވާތަކެއްޗަކީ، އިސްލާމްދީނުގައި ޙަރާމްކުރައްވާފައިވާ އެއްޗެއްކަން އަޅުގަނޑުމެން އެންމެންވެސް ދަންނަމު. އަދި ޞިއްޙީގޮތުން ބެލިކަމުގައިވިޔަސް، މާއްދީގޮތުން ބެލިކަމުގައިވިޔަސް، އަޚްލާޤީގޮތުން ބެލިކަމުގައިވިޔަސް، މަސްތުވާތަކެތީގެ ގެއްލުން މިހާރު މުޅި ދުނިޔެއަށް ވަނީ ހާމަވެފައި.

ކަން މިހެން ހުރުމާއެކު، މަސްތުވާތަކެތީގެ ވަބާއިން ދިވެހި މުޖްތަމަޢު ސަލާމަތްކުރުމަށްޓަކައި، ރާއްޖެއަށް މަސްތުވާތަކެތި އެތެރެވާ މަގުތައް ފާހަގަކޮށް، މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުން ހޯދައި، އެކަންކަން ހުއްޓުވުމަށްޓަކައި ކުރެވެންއޮތް އެންމެމަތީ ދަރަޖައަކަށް މިގެންދަނީ މަސައްކަތްކުރަމުން. އެފަދަ މީސްމީހުންނާމެދު ޤާނޫނީގޮތުން އަޅަންޖެހޭ ފިޔަވަޅުތައްވެސް މިގެންދަނީ އަޅަމުން. މުޖްތަމަޢުގައި ޢާންމުވެފައިވާ މިބާވަތުގެ ކަމެއް ހުއްޓުވަން ސަރުކާރުން ކިތަންމެ މަސައްކަތެއް ކުރިކަމުގައިވިޔަސް، އެކަމެއް ހުއްޓުވޭނީ، މުޅި މުޖްތަމަޢުގެ އެއްބާރުލުން ފުރިހަމަޔަށް ލިބިގެންކަން ތިޔަބޭފުޅުންވެސް ގަބޫލުކުރައްވާނެ. މިކަމުގައި، ވަރަށް ޚާއްޞަ ގޮތެއްގައި، ކިޔަވާކުދިންނާއި، ޒުވާނުންގެ މައިންބަފައިންނާއި، ބެލެނިވެރިންނާއި، ޢާއިލާތަކާއި، މުދައްރިސުންގެ ފުރިހަމަ އެހީތެރިކަން ބޭނުންވޭ. ޚަބަރުފަތުރާ ވަސީލަތްތަކާއި، ކްލަބް ޖަމްޢިއްޔާތަކުންވެސް މުހިންމު ޙިއްޞާއެއް އަދާކުރެވިދާނެ.

ރާއްޖޭގެ ލޮބުވެތި ރައްޔިތުން؛

ހަތަރުވަނަ ދައުރަކަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމާ އަޅުގަނޑު މިހަވާލުވަނީ، ދިވެހި ތާރީޚުގައި ވަރަށް މުހިންމު ދަނޑިވަޅެއްގައި. ރާއްޖޭގެ ގިނަ ކަންތައްތަކަކަށް އިޞްލާޙީ ބަދަލުތަކެއް ގެންނަން ބޭނުންވާކަމަށް ޚުދު އަޅުގަނޑުވެސް ދެކޭ ދުވަސްވަރެއްގައި. އެހެންކަމުން، މާތްވެގެންވާ އިސްލާމްދީނުގެ އުޞޫލުތަކަށާއި، އަޅުގަނޑުމެންގެ ދާޚިލީ ހަމަޖެހުމާއި އެއްބައިވަންތަކަމަށް ރިޢާޔަތްކުރުމާއެކު، ބޭނުންވެފައިވާ އިޞްލާޙީ ބަދަލުތައް ގެނައުމަށް އަޅުގަނޑުގެ ލިޔާޤަތާއި ޤާބިލިއްޔަތު ތަންދޭ އެންމެމަތީ ދަރަޖަޔަކަށް އިރާދަކުރެއްވިއްޔާ މަސައްކަތްކުރާނަން.

ތިޔަ ލޮބުވެތި އަޚުންނާއި އުޚްތުން އަޅުގަނޑާ މަތިކުރެއްވި މަތިވެރި އަމާނަތާ އަޅުގަނޑު މިޙަވާލުވަނީ، މާތްﷲގެ ޙަޟްރަތުން ތައުފީޤަށް އެދި ދުޢާކުރާ ހާލު. ދެންމެ އަޅުގަނޑު ކުރި ހުވަޔާ އެއްގޮތަށް އިޚްލާޞްތެރިކަމާއެކު ޢަމަލުކުރުމުގެ ފުރިހަމަ ޢަޒްމާއެކު.

އަޅުގަނޑުމެންގެ ރާއްޖެއަކީ ޞުލްޙަވެރިކަމާއި އަމަންއަމާންކަމުގެ އުފާވެރި ހިޔާވައްސެއް ކަމުގައި ލައްވާށި! ރާއްޖޭގެ މިނިވަންކަމާއި، އަމިއްލަ ވެރިކަމުގެ އާރާއި ބާރު ރައްކާތެރިކޮށް ދަމަހައްޓަވާށި! ރާއްޖޭގެ ރައްޔިތުންނަށް، ތަނަވަސްކަމާއި، އުފާފާގަތިކަމާއި، އިތުރު ކުރިއެރުމާއި ތަރައްޤީ މިންވަރުކުރައްވާށި! އާމީން.

والسّـلام عليـكم ورحـمة اللّـه وبـركاتـه.