بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اَلْحَمْدُ للَّهِ رَبِّ الْعاَلَمِينْ، وَالصَّلاَة وَالسَّلاَمُ عَلَى رَسُولِ ٱللَّهِ وَعَلَى آلهِ وَصَحْبِهِ أَجْمَعِينْ.

ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފްގެ ދެކަނބަލުން، ކުރީގެ ރައީސް ޑޮކްޓަރ މުޙައްމަދު ވަޙީދު ޙަސަންގެ ދެކަނބަލުން، ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ، ދައުލަތަށް ގިނަދުވަހު ޚިދުމަތް ކުރައްވާފައިވާ ޢިއްޒަތްތެރިން، ވަޒީރުން، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން، ބޭރު ޤައުމުތަކުގެ ސަފީރުން، ދައުލަތުގެ އެކިއެކި މުއައްސަސާތަކުގެ ވެރިން، ވަޑައިގެން ތިއްބެވި އެންމެހައި ޢިއްޒަތްތެރިން، މިރޭ އެކިއެކި އިނާމުތައް ލިބިވަޑައިގެންނެވި ހުރިހާ ފަޚުރުވެރިން، ދިވެހި ލޮބުވެތި އެންމެހައި ރައްޔިތުން؛

السَّلامُ عَلَيْكُم ورَحْمَةُ اللهِ وَبَرَكاتُهُ.

އާދެ، އަޅުގަނޑު އެންމެ ފުރަތަމަވެސް، މިރޭ އިނާމުތައް ހާސިލުކުރެއްވި ބޭފުޅުންނަށް މަރުޙަބާ ދަންނަވަން. ވަކިން ޚާއްޞަކޮށް، ދިވެހިރާއްޖޭގެ ތަޢުލީމަށް ގިނަގުނަ، އަގުނުކުރެވޭވަރުގެ އެތައް ޚިދުމަތްތަކެއް ކޮށްދެއްވި ކަމަށްޓަކައި، ތަޢުލީމަށް ޚިދުމަތްކުރުމުގެ އެންމެމަތީ ޝަރަފް ހޯއްދެވި ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ، އާދެ، އަޅުގަނޑުމެންގެ އިސްލާމީ ޔުނިވަރސިޓީގެ ޗާންސެލަރ ޑޮކްޓަރ މުޙައްމަދު ޒާހިރު ޙުސައިނަށް ވަރަށް ބޮޑަށް މަރުޙަބާ ދަންނަވަން.

އާދެ، ހަމައެއާއެކީގައި، ވަރަށްގިނަ ބޭފުޅުންނަށް ދައުލަތުގެ އިނާމު އަދި ޤައުމަށް ރީތިނަން ހޯދައިދިނުމުގެ މަތީ ޝަރަފުގެ އިނާމު، އެކިއެކި އިނާމުތައް، 90 އަށްވުރެ ގިނަ ބޭފުޅުންނަށް ލިބިވަޑައިގަންނަވައިފި. މި ހުރިހާ ބޭފުޅުން ތިޔަ ކުރެއްވީ، ވަރަށްބުރަ މަސައްކަތްތަކެއް. ތަޢުލީމުގެ ދާއިރާއިން، ތަޢުލީމު ހާސިލުކުރެއްވުމުގައި. އަދި ދައުލަތަށް ޚިދުމަތްކުރެއްވުމުގައި. އެހެންކަމުން، އެކަމަށްޓަކައި ތިޔަބޭފުޅުންނަށް ވަރަށް ބޮޑަށް ޝުކުރާއި މަރުޙަބާ ދަންނަވަން. މަރުޙަބާ.

އާދެ، މިއަދަކީ ޖުމްހޫރީ ދުވަސް. އާދެ، ޤައުމުގައި، ޤައުމީ ފެންވަރެއްގައި ކުރިން، އަޅުގަނޑުމެންގެ މިނިސްޓަރުވެސް ފާހަގަކުރެއްވި ފަދައިން، ފާހަގަކުރެވޭ ގިނަ ދުވަސްތަކެއް އާދޭ. އެކިއެކި މަޤްޞަދުތަކުގައި އެކި ދުވަސްތައް ފާހަގަކުރެވެނީ. ޤައުމީ ދުވަސް، މިނިވަންދުވަސް، ޝަހީދުންގެ ދުވަސް، އިހަކަށްދުވަހު ނަޞްރުގެ ދުވަސް. އެއީ، އެ ދުވަހަކާ ގުޅިފައިވާ އެކި ސަބަބުތައް ހުރީމާ، އެ ސަބަބުތަކުގެ ސަބަބުން އެ ދުވަސްތައް ފާހަގަކުރުމަކީ، މުހިންމު ކަމެއް ކަމުގައިވާތީ، ފާހަގަކުރާ ދުވަސްތައް.

މިގޮތުން ބަލާއިރު، މާދަމާ ނޮވެންބަރު 11 އަކީ، ޖުމްހޫރީ ދުވަސް. އަޅުގަނޑުމެންނަށް ވީޑިއޯއިންވެސް ފެނިގެންދިޔަ، މި ދުވަހާ ގުޅޭގޮތުން ވަރަށްގިނަ މަޢުލޫމާތު. މި ދުވަހަކީ ކޮން ދުވަހެއްކަން. ކުރިން ދެންނެވި ދުވަސްތަކާ ޚިލާފަށް، އަޅުގަނޑު ދަންނަވާހިތްވަނީ، ޖުމްހޫރީ ދުވަހަކީ، ރައްޔިތުންގެ ދުވަހެކޭ. ރައްޔިތުންގެ ކަންކަން ނިންމުމަށްޓަކައި، ރައްޔިތުންނަށްޓަކައި ކަންތައްތައް ކޮށްދިނުމަށްޓަކައި، ރައްޔިތުން އިންތިޚާބުކުރާ ވެރިޔަކު ހޮވައި، ވެރިކަން ކުރުމުގެ ބާރު، އެ މީހަކާ ހަވާލުކޮށްގެން، ވެރިކަން ކުރުމުގެ މަސްއޫލިއްޔަތު އެ މީހަކާ ހަވާލުކޮށްގެން، އެކުރާ މަސައްކަތާ ގުޅޭ، ޒިންމާތަކާ ގުޅޭ ދުވަހެއް. އެހެންކަމުން، ޖުމްހޫރީ ދުވަހަކީ، މި ދެންނެވި އެހެން ދުވަސްތަކާ ޚިލާފަށް، ތަފާތު ދުވަހެއް.

އާދެ، އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ވެރިކަމަކީ އެއްވެސް ހާލެއްގައި ލިބޭ މާބޮޑު މޮޅެއް ނޫނޭ. އެއީކީ، ވެރިކަން ކުރާ މީހާއަށް ލިބޭ މުދާގަނޑެއްވެސް ނޫނޭ. އެއާ ޚިލާފަށް، ވެރިކަމަކީ ވަރުގަދަ ޒިންމާއެކޭ. ވަރުގަދަ މަސްއޫލިއްޔަތެކޭ. ވަރަށްބޮޑު އަމާނާތެކޭ. އާދެ، އިސްލާމީ ދައުލަތެއް ޤާއިމުވެ، އެ ދައުލަތުގެ ވެރިކަން ފެތުރި ތަނަވަސްވެގެންދިޔުމާއެކު، ކީރިތި ރަސޫލާ صـلّى الله علـيـه وسـلّم އަށްފަހު، އެ ދައުލަތުގެ އިސް މަސްއޫލިއްޔަތު އުފުއްލެވި ޚުލަފާއުއްރާޝިދޫންގެ އެންމެހައި ޚަލީފާއިންވެސް ދެކެވަޑައިގެންނެވި، ހިންގެވި މަގަކީ، ސުރުޚީގައި ދަންނަވާފައިވާ ފުރިހަމަ މާނައިގެ މަގު. އެއީ، ވަރަށްބުރަ މަސްއޫލިއްޔަތެއްކަމާއި، ވަރަށްބޮޑު އަމާނާތެއްކަމާއި، ވަރަށްވެސް ޚުޠޫރަތްތެރި ޒިންމާއެއްކަން ދެނެވަޑައިގެން، އެގޮތުގެ މަތިން، ކަން ހިންގެވި ސީދާ މަގު. އެއްވެސް ހާލެއްގައި އެއީ، ލިބިވަޑައިގެން މޮޅަކާއި ޝަރަފެއް ނޫންކަމާއި، ލެއްގި މުދާގަނޑެއް ނޫންކަން ދެނެވަޑައިގަތުމުގެ މަގުމެ. ޚުލަފާއުއްރާޝިދޫންގެ ބޭކަލުންނަށްފަހު، ވަރަށްމަދު ވެރިޔަކަށް މެނުވީ، މި ސީދާ މަގުން ހިންގެވިފައި ނުވާކަން ތާރީޚުން އެނގޭ.

އާދެ، އަޅުގަނޑު ދެންމެ، މި ކިޔާލީ މި ފޮތް. އާދެ، "ދައުލަތާއި ވެރިންނާއި މަސްއޫލިއްޔަތު އަދި ކިޔަމަންވުމުގެ މަފްހޫމް." އަޅުގަނޑުގެ ލޮބުވެތި ބައްޕަ އަލްމަރްޙޫމް ފަޟީލަތުއްޝައިޚް ޙުސައިން ޢަބްދުއްރަޙްމާން ލިޔުއްވާފައިވާ ފޮތް. މި ފޮތުގެ 157 ވަނަ ޞަފްޙާ.

އާދެ، އަޅުގަނޑުގެ ބައްޕަ މި ފޮތް ލިޔުއްވީމައެއް ނޫން. އެހެން ނަމަވެސް، މި ފޮތް ބައްލަވާފައިވާ، ވިދާޅުވެފައިވާ ކޮންމެ ބޭފުޅަކުވެސް ގަބޫލުފުޅުކުރައްވާނެ، މި ފޮތަކީ، ވެރިކަމާ ގުޅޭގޮތުން، ރައްޔިތުންނާއި ވެރިންނާ އޮތް ގުޅުމާ ބެހޭގޮތުން، ވެރިން މަސްއޫލިއްޔަތު އަދާކުރަންޖެހޭގޮތާ ބެހޭގޮތުން ޢިލްމީ ނަޒަރަކުން، ދީނީ ނަޒަރަކުން، އިސްލާމީ ތާރީޚުގެ އަލީގައި އަދި ރާއްޖޭގެ ޤާނޫނާއި، ޤާނޫނުއަސާސީއަށް ރިޢާޔަތްކޮށް ވަރަށް ޢިލްމީ ގޮތެއްގައި، ވަރަށް ވަށާޖެހޭ ގޮތެއްގައި ލިޔުއްވާފައިވާ ފޮތެއް. މި ފޮތުގެ ފިހުރިސްތުގައި، ބަޔާންކޮށްފައިވާ ކަންކަމަށް ބަލާއިރުގައިވެސް، މި ފޮތަކީ އަޅުގަނޑުމެން ކޮންމެ މީހަކުވެސް، ތިމަންމެންގެ ވެރިޔަކަށް މީހަކު ހޮވައިގެން، އެ ހަވާލުކުރާ ޒިންމާ އަދާކުރަނީ ރަނގަޅަށްތޯ ބެލުމުގައި، ބަލަންވީ ހުރިހާ ކަމެއްހެން ގާތްގަނޑަކަށް ބަޔާންކޮށްފައިވާ ފޮތެއް. އިސްލާމީ ނަޒަރަކުން ދައުލަތުގެ އިސްވެރިޔާ، ވެރިޔާގެ ޒިންމާތައް، ދައުލަތުގެ ބާރުތައް. މީގެތެރެއިންވެސް އެކިއެކި ބާރުތައް. ޤާނޫނު ހެދުމުގެ ބާރު، ޢަދުލު އިންޞާފުގެ ބާރު، ނޫސްވެރިކަމުގެ ބާރު. ނޫސްވެރިކަމުގެ ބާރާ ބެހޭގޮތުންވެސް 35 ޞަފްޙާއަށްވުރެ ގިނަ ޞަފްޙާގައި ތަފްޞީލުކޮށް ލިޔުއްވާފައިވޭ. ވެރިންގެ ޒިންމާތައް. މިހެންގޮސް ވަރަށްގިނަ ކަންތައްތައް.

އާދެ، އަޅުގަނޑުގެ ގައިޑަކީ، ގައިޑް ބުކަކީ މި ފޮތް. އަޅުގަނޑު މިއަދާ ހަމަޔަށްވެސް ބަލަމުންއައީ މި ފޮތް. އެއީ، މީގައި ކީރިތި ޤުރްއާނުގެ އަލީގައި، ކީރިތި ރަސޫލާ صـلّى الله علـيـه وسـلّمގެ މާތްވެގެންވާ ސުންނަތުގެ އަލީގައި، ދެންމެ ދެންނެވި ފަދައިން، އިސްލާމީ ތާރީޚުގެ އަލީގައި އަދި ރާއްޖޭގެ ޤާނޫނުއަސާސީއާއި، ޤާނޫނުތަކަށް ރިޢާޔަތްކޮށް، ރާއްޖޭގެ ކޮންޓެކްސްޓްގައި ވަރަށް ވަށާޖެހޭ ގޮތެއްގައި ބައްލަވައިލައްވާފައިވާތީ، އަޅުގަނޑަށް މި ފޮތުން ވަރަށްގިނަ ކަންތައްތައް އެނގި ހާމަވެގެންދޭ.

އާދެ، އެގޮތުން ވާހަކަ ކުރިއަށް ގެންދިޔުމުގައި، އަޅުގަނޑު ބަލައިލަން ބޭނުން، އެންމެ ފުރަތަމަވެސް 291 ވަނަ ޞަފްޙާއަށް.

އާދެ، އަޅުގަނޑު ހަމަ ޤަޞްދުގައި މިގޮތަށް މިރޭ މި ވާހަކަ މި ގެންދަނީ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، މިއީ ވަރަށް ސީރިއަސް މައުޟޫޢެއްވީމަ. ޝައްކެއްނެތް، އިސްލާމްދީނުގެ މަސްދަރުތަކުންނާއި، ދުސްތޫރީ ނައްސުތަކުންނާއި، ޤާނޫނީ މުމާރަސާތަކުން ނުވަތަ ޤާނޫނީ ޢުރުފާތު، އާދަކާދައިގެ މަތިން ޢަމަލީގޮތުން ކުރަންޖެހޭ ކަންތައްތަކުން، އަދި ބުއްދިއާއި މަންޠިޤީ ހަމަތަކުގެ މަތިންވެސް ކަނޑައެޅި ސާފުކޮށް އެނގޭގޮތުގައި، ޤައުމުގެ ޙަޤީޤީ ވެރިފަރާތަކީ، އަދި ދައުލަތުގެ އެންމެހައި ބާރުތަކުގެ މަސްދަރަކީ ރައްޔިތުންނޭ. ދައުލަތުގެ ސިޔާދަތު އޮތީ ރައްޔިތުންނަށޭ. ވީމާ، އިސްލާމީ ބައެއް ޤައުމުތަކުގެ ދުސްތޫރުގައިވެސް ވާފަދައިން، ރައްޔިތުން އެ ސިޔާދަތާ އެއްގޮތަށް ޢަމަލުކުރަންޖެހޭނެ. އަދި އެ ސިޔާދަތު ޙިމާޔަތްކުރަންޖެހޭނެމެ.

ވީމާ، ޤައުމުގައި ޙަޤީޤަތުގައި އެންމެ ހައިބަތު ބޮޑު، ޤަދަރު އުފުލިގެންވާ ފަރާތަކީ، ރައްޔިތުންކަމާމެދަކު ޝައްކެއްނެތޭ. ވަލިއްޔުލްއަމުރު ނުވަތަ ރައީސުއްދައުލާއަކީ، ވަކި މުއްދަތަކަށް، ރައްޔިތުން، އެބައިމީހުންގެ މަޞްލަޙަތުތައް ބަލަހައްޓައި ހިންގުމަށް ހަވާލުކޮށްފައިވާ ހަވާލުދާރެކޭ، ވަކީލެކޭ، އަދި ޚާދިމެއްމެއޭ. ވީމާ، އޭނާގެ ހުރިހާ ޢަމަލަކާއި، މުޢާމަލާތަކުން އެކަން ފެންނަންވާނެއޭ. އަދި އޭނާގެ މަސްއޫލިއްޔަތު އަދާކުރުމުގައި، ކޮންމެހެން ހުންނަންޖެހޭ ކަންތައްތައް ފިޔަވައި، އެއްވެސް ހާލެއްގައި ރައްޔިތުންގެ މައްޗަށް އޭނާގެ ނަފްސު އުފުލައި، ހައިބަތާއި ޖާހުގެ ބޮޑުކަން، އެކިއެކި މަޒާހިރުތަކުން ދައްކައި، އެ މީހުން ނިކަމެތިކޮށް، އަޅުދާސްކޮށްގެން ނުވާނެއޭ. އެއީ، ކުރުން ހެޔޮނުވާނެ ކަމެކޭ. އަދި ޤައުމުގެ ސިޔާދަތު ލިބިގެންވާ ޙަޤީޤީ ވެރިފަރާތް ކަމުގައިވާ ރައްޔިތުން އެކަމަށް ރުހިތިބެގެންވެސް ނުވާނެމެއޭ.

އާދެ، މިއީ އަޅުގަނޑު ގަބޫލުކުރާ ހަމަޔަކީ. އާދެ، އަޅުގަނޑު ގަބޫލުކުރަނީ އެގޮތް. އެގޮތުގެ މަތިން މަސައްކަތް ކުރެވޭތޯ، އަޅުގަނޑު މިދިޔަ އަހަރެއްހާ ދުވަހު މަސައްކަތް މިކުރީ. އަޅުގަނޑު މިދިޔަ 51 ހަފްތާއާއި 2 ދުވަހު މަސައްކަތް މިކުރީ، ރައްޔިތުންގެ ފަޅީގައި ހުރެގެން، މި ދެންނެވި ސަބަބަށްޓަކައި. ރައްޔިތުންގެ އަތުގައި އޮތް ބާރާއެކު، ރައްޔިތުންނަށްޓަކައި ކަންތައްތަކެއް ކޮށްދިނުމަށްޓަކައި، ރައްޔިތުންގެ އަޑުއަހައިގެން، ރައްޔިތުންގެ އުންމީދުތަކުގައި ކުލަ ޖައްސައިދިނުމަށްޓަކައި، ރައްޔިތުން އެދޭ އަމާޒަށް ދިޔުމަށްޓަކައި. ރައްޔިތުން ހަވާލުކުރި އަމާނަތަކާއި މަސްއޫލިއްޔަތެއް އަދާކުރުން އެއީ، އަޅުގަނޑު ގަބޫލުކުރާ ގޮތަކީ. އެގޮތަށް އިރާދަކުރެއްވިއްޔާ މަސައްކަތް ކުރެވޭތޯ މި ބަލަނީ. ރައްޔިތުންގެ ފަޅީގައި ހުރެގެން ވެރިކަން ކުރުން.

އާދެ، އެހެންވެގެން، އެހެންވެގެން، ގިނަ ދުވަސްތަކެއް ވަންދެން އަތްނުލާހުރި ބޮޑެތި މައްސަލަތައް ޙައްލުކުރެވޭތޯ އަޅުގަނޑު ބަލަމުން މި އަންނަނީ. ވަރަށްގިނަ ކަންތައްތަކެއް، ފަސޭހައަކަށްޓަކައި، ކޮމްފަރޓް ޒޯނުގައި ދިޔުމަށްޓަކައި، މިދިޔަ ޒަމާންތަކުގައި އަޅައިނުލައި ހުރި ގިނަ ކަންތައްތަކެއް އެބަހުރި. އެކަންކަން، ރައްޔިތުންގެ ޚާދިމެއްގެ ގޮތުގައި ހުރެގެން، ވެރިކަން ކުރާނަމަ ޙައްލުކޮށް މަސައްކަތް ކުރަންޖެހޭނެ. އެއީ، ޝައްކެއްއޮތް ކަމެއް ނޫން.

އެހެންވީމާ، ޑްރަގްގެ މައްސަލަ ޙައްލުކުރުމަށްޓަކައި ތެދުވީ. އެހެންވީމާ، މި ތަނުގައި އޮތް ގޭންގް މާރާމާރީގެ މައްސަލަ ޙައްލުކުރުމަށްޓަކައި އަޅުގަނޑުމެން ތެދުވީ. އެހެންވީމާ، ވޭޕް މަނާކުރުމަށް އަޅުގަނޑުމެން ނިންމީ. އެހެންވީމާ، މިތަނުގައި އޮތް ބޭހުގެ މާފިޔާ ނައްތާލަން ތެދުވީ. އެހެންވީމާ، މިތަނުގައި ވަކި ބައެއްގެ ބާރުގެ ދަށުގައި ޑޮލަރުގެ ކަޅު ބާޒާރު އޮތް އޮތުން ނިމުމަކަށް ގެނެސް، ރައްޔިތުންނަށް ޑޮލަރުގެ މުއްސަނދިކަން ގެނެސްދިނުމަށް ނިންމީ. މިފަދަ އެތައް ކަމެއް އިރާދަކުރެއްވިއްޔާ ކުރެވޭތޯ ކުރަމުން މިދަނީ.

މިތަނުގައި ބޭރުގެ މީހުން ނުގަވާއިދުން ގެނެސް، އެކި ޒަމާންތަކުގައި އިލީގަލް ވާރކަރސް، އެތައް ލައްކައެއް އެބައުޅޭ. މި މައްސަލަ ޙައްލުކުރުމަށްވެސް އަޅުގަނޑުމެން ތެދުވީ އެހެންވެގެން. ރައްޔިތުންގެ ފަޅީގައި ތިބެގެން. މި ބުރަ އުނދަގޫ ބޮޑު މައްސަލަތައް ރައްޔިތުންނަށްޓަކައި ޙައްލުކޮށްދިނުމަށްޓަކައި ތެދުވީ. އަޅުގަނޑު ޔަޤީންކުރަނީ، ރައްޔިތުން އަޅުގަނޑުމެންނާ އެކުގައި ސާބިތުކަމާއެކީގައި، މިކަމުގައި ތިއްބަވާނެ ކަމަށް ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށް، މިހާރުވެސް ތި ދެއްވާގޮތަށް. އޭރުން އަޅުގަނޑު ދޭ ޔަޤީންކަމަކީ، އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް އަހަރުތަކުގައި، މި އުނދަގޫ ކަންތައްތައް، ޚާއްޞަކޮށް، އަޅުގަނޑުމެންގެ މުޖުތަމަޢުގައި މިހިރަ ނޭދެވޭ ކަންތައްތައް ޙައްލުކުރެވިގެންދާނެ ކަމުގެ ޔަޤީންކަން. މަޑުމަޑުން، އެހެން ނަމަވެސް، ދާއިމީ ނަތީޖާ، އެކަންކަމުން ނުކުންނަގޮތަށް. އެއީ، އަޅުގަނޑުމެންގެ ޢަޒުމަކަށް ވާންޖެހޭނެ ކަމަކީ. އެހެން ނޫނީވިއްޔާ، އަމިއްލަ ނަފްސަށްވެސް އޮޅުވައިލެވެނީ. އަމިއްލަ ނަފްސަށްވެސް ދެވޭ ވަރަށްބޮޑު އަނިޔާއެއް މިއީ.

އަޅުގަނޑު މިއަދާ ހަމަޔަށް މަސައްކަތް ކުރަމުން މިއައީ، މި ދެންނެވި ވިސްނުމުގައި ކަމުގައިވާތީ، އަޅުގަނޑު ކެމްޕެއިން ތެރޭގައިވެސް އިޢުލާނުކުރި ގޮތަށް، މި ޤައުމުގައި ބަދަލުހިފުމުގެ ރޫޙު ނައްތާލައިފިން. ސަރުކާރުން މިހާރަކު ނުފެންނާނެ، ކުރީގައި ފެނުނުގޮތަށް، ސިޔާސީގޮތުން ބަދަލުހިފުމުގެ ރޫޙެއް. ސިޔާސީ މީހަކަށްވީތީ، އަޅުގަނޑުގެ ވާދަވެރިޔާ، އެއީ، ސިޔާސީ ވާދަވެރިޔަކަށްވީތީ ގެންގޮސް ހިފާ ހައްޔަރުކޮށް، ޖަލަށްލާ ތަނެއް ނުފެންނާނެ. މިދިޔަ އެއް އަހަރުގެ ތެރޭގައި ނުފެންނާނެ. ކުރިއަށް އޮތް ތާނގައިވެސް ނުފެންނާނެ އެކަމެއް. އެއީ، އަޅުގަނޑު ގަބޫލުކުރާ ހަމަޔަކީ.

މީގެކުރީގައި ކޮންމެވެސްވަރަކަށް އެކަން އޮތީ އެގޮތަށް ފެނިފައި. އެކި ގޮތްގޮތުން، ފްރޭމްކޮށްގެންވިޔަސް. ނޫނީވިއްޔާ އެހެން ގޮތަކުންވިޔަސް، އަނިޔާވެރިކަމާއެކީ، ސިޔާސީ ވާދަވެރިން ގެންގޮސް ޖަލަށްލައި އަނިޔާކޮށްފައިވޭ. އެއީ، ތިމަންނާއާ ތިމާގެ މީހެއްވިޔަސް، ތިމަންނާގެ ރައްޓެއްސެއްވިޔަސް، ކޮންމެ މީހެއްވިޔަސް، ސިޔާސީ މީހެއްވިއްޔާ ދުރަށްލައި، އެއްކައިރި ކުރުމުގެ ޒަމާން، މި ޤައުމުން އިރާދަކުރެއްވިއްޔާ ތާއަބަދަށް، މި ވެރިކަން ފެށުނު ދުވަހުން ފެށިގެން މިވަނީ ނެތިގެން ގޮސްފައި. އިރާދަކުރެއްވިއްޔާ އެކަމެއް ދެން މި ރާއްޖެއަކު ނުފެންނާނެ.

މި ސަރުކާރަކުން ނުފެންނާނެ، ރިޔާސީ ކޮމިޝަންތައް ހަދައިގެން، ކުރީގެ މީހުން ކުރަމުން ގެންދިޔަ ކަންކަމަށް ސިޔާސީގޮތަކުން ވަދެގެން ކަންކަން ކުރާ ތަނެއް. އެހެނެއްނޫން، ވައްކަންކޮށްފައި ހުރެއްޖިއްޔާ، ޤައުމުގެ މުދާ ނުޙައްޤުން ހޯދާފައި ހުރިއްޔާ، އެކަންކަން ބަލާނީ. ރައްޔިތުންގެ ޙައްޤުތަކަށް ޙަޤީޤަތުގައިވެސް އަރައިގެންފައި ހުރިއްޔާ، އެކަންކަން ބަލާނެ، އޮންނަ އުޞޫލެއްގެ ތެރެއިން. ރިޔާސީ ކޮމިޝަނެއް ނަހަދާނެ. މިނިވަން މުއައްސަސާތައް އެބަހުރި. ދުސްތޫރީ ނިޒާމު އެބައޮތް. ޝަރުޢީ ނިޒާމު އެބައޮތް. ނިޒާމުގެ ތެރެއިން އެކަންކަން ބެލޭނީ.

ކުރީގައި ފެނުނުގޮތަށް، އެކިކަހަލަ ކޮމިޝަންތައް ހަދައިގެން، ސިޔާސީގޮތުން މީހުންގެ ފަހަތުން ދުވެ، ޤައުމުގެ ހަމަޖެހުން ނަގާލައި، ބަދަލުހިފުމުގެ ރޫޙު ގެނައުން، އެއީކީއެއް ރައްޔިތުން އެދޭ ގޮތެއް ނޫން. އަޅުގަނޑު ވަޢުދުވީ، މިކަން ހަމަޔަކަށް އަޅުވަން. ޤައުމަށް ހަމަޖެހުން ގެންނަން. ވަޢުދުވީގޮތަށް ވަޢުދު މިދަނީ ފުއްދަމުން. އާދެ، އެހެންކަމުން، އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، ރައްޔިތުންނަށްޓަކައި ކުރާ ވެރިކަމެއް، އެގޮތުގެ މަތިން ކުރެވޭނީ. ރައްޔިތުންގެ ފަޅީގައި ހުރެގެން ކުރާ، ރައްޔިތުންގެ ހެޔޮވެރިކަމެއް ކުރެވޭނީ އޭރުން.

އާދެ، އަނެއްކާވެސް އަޅުގަނޑު، އަޅުގަނޑުގެ ބައްޕަގެ ފޮތަށް އެނބުރި ގޮސްލަން ޤަޞްދުކުރަން. މިފަހަރު 349 ވަނަ ޞަފްޙާއަށް. މިއީ މިކަމާ ގުޅޭގޮތުން އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވާ ކަމެއް. އަޅުގަނޑު ކިޔާލާނަން.

349 ވަނަ ޞަފްޙާގައި މިއޮތީ، ހެޔޮގޮތުގައި ކުރެވޭ ވެރިކަމަކީ، ރައްޔިތުންގެ މަޞްލަޙަތުތައް ރަނގަޅަށް ބަލަހައްޓައި، ޤާނޫނީގޮތުންނާއި، އިންސާނިއްޔަތުގެ ގޮތުން ފުރިހަމައަށް ޒިންމާ އުފުލައި، ރައްޔިތުންގެ ހެވާއި ލާބައަށްޓަކައި ތެދުވެރިކަމާއި، އަމާނާތްތެރިކަމާއެކު ރައްޔިތުންގެ ފަރާތުން ކުރާ، ރައްޔިތުންގެ ވެރިކަމެކޭ. ޤާނޫނުގެ ވެރިކަމެކޭ. އެއީ، ހަމަހަމަގޮތެއްގައި ރައްޔިތުންނާމެދު މުޢާމަލާތްކޮށް، އެބައިމީހުންގެ ޙައްޤުތަކަށް ރައްކާތެރިވެ، ދޭންޖެހޭ ޚިދުމަތްތައް، ވީ އެންމެ ރަނގަޅަކަށް ފޯރުކޮށްދިނުމަށާއި، މިނިވަންކަމާއި އަމާންކަމާއެކު، އަފްރާދުންނަށް ދިރިއުޅެވޭނޭ ހިތްހަމަޖެހޭ ހިޔާވަހިކަމާއި، މާޙައުލެއް ތަނަވަސްކޮށްދިނުމާއި، ކަންދެއްކުމެއްނެތި، އިޚްލާޞްތެރިކަމާއެކު މަސައްކަތްކުރާ ވެރިކަމެކޭ. އަދި ދައުލަތުގެ އެންމެ އިސް މަސްއޫލުވެރިން، އެ ވެރިންގެ މަސްއޫލިއްޔަތު އަދާކުރަން ފެށުމުގެ ކުރިން ކުރަންޖެހޭ ޤާނޫނީ ހުވަޔާ އެއްގޮތްވާ ގޮތުގެ މަތިން، ހުރިހާ ކަމެއްވެސް ކުރަމުންދާ ވެރިކަމެކޭ. އަދި އެ ވެރިބަޔަކު ވާންޖެހޭނީ،
އެ ވެރިންނާ ހަވާލުކުރެވުނު އަމާނާތް، އެ މުއްދަތުގެ ތެރޭގައި ފުރިހަމައަށް އަދާކުރެވިއްޖެ ކަމުގެ ހިތްހަމަޖެހުމާއެކު، ސާފު ހިތަކާއިގެން އެނބުރިދިޔުމުގެ ޤަޞްދު އޮތް ބައެއް ކަމުގައޭ. ފުރުޞަތުގެ ބޭނުން، ނަހަމަގޮތުގައި ކޮށް، އެކަމުގައި ޚުދުމުޚުތާރުކަމާއެކު، އަމިއްލަ މިލްކެއްގެ ގޮތުގައި ތާއަބަދަށް ދެމިތިބުމަށްޓަކައި ސިއްރު ރޭވުންތައް ރާވައި، ރައްޔިތުން ވާވައްދާ ބަޔަކު ކަމުގައެއް ނޫނޭ.

އެހެންވީމާ، އަޅުގަނޑު މި ބަލަނީ، އަޅުގަނޑު މި މަސައްކަތް ކުރަނީ، އިރާދަކުރެއްވީތީ، މި ދެންނެވި ގޮތަށް ރައްޔިތުންގެ ފަޅީގައި ހުރެގެން، ރައްޔިތުންނަށްޓަކައި ރައްޔިތުންގެ ހެޔޮވެރިކަމެއް ކޮށްދެވޭތޯ.

އާދެ، ހެޔޮވެރިކަމެއްގައި ޖުޑީޝަރީއަކަށް ނުފޫޒެއް ނުފޯރުވާނެ. ހެޔޮވެރިކަމެއްގައި ޖުޑީޝަރީއަކަށް ނުފޫޒެއް ނުފޯރުވާނެ. ހަމަ އެއްވެސް މީހަކަށް ބޭއިންޞާފުން ޙުކުމެއް ކުރުމަކަށް، ފަނޑިޔާރުގެއަށް ނުފޫޒު ފޯރުވައި، ބާރުފޯރުވައި، މިވެނި މީހަކަށް މިވެނި އަދަބެއް ދިނުމަކަށް ނުފޫޒެއް ނުފޯރުވާނެ. އެއީ، އަޅުގަނޑު ގަބޫލުކުރާ ހަމައެއް ނޫން. އަޅުގަނޑު ވަޢުދުވިން، ޖުޑީޝަރީއަށް، ޝަރުޢީ ދާއިރާއަށް ނުފޫޒު ފޯރުވުން ނިމުމަކަށް ގެންނާނެ ކަމަށް. އަޅުގަނޑު ވާނީ އެކަން، އަޅުގަނޑު މި މަގާމާ ހަވާލުވި ދުވަހު ހުވާކުރުމަށްފަހު، ރައްޔިތުންނާ މުޚާޠަބުކޮށް ވާހަކަ ދެއްކިއިރުގައި، 17 ނޮވެންބަރު 2023 ވަނަ ދުވަހުގެ ހަވީރު، ހަވީރު ގަޑިން 5:03 ގައި އަޅުގަނޑު އިޢުލާނު ކުރިން، ޝަރުޢީ ދާއިރާއަށް ނުފޫޒު ފޯރުވުން، މިހިނދުން މިހިނދަށް ނިމުނީ ކަމަށް. އެކަން މި ނިންމީ. 17 ނޮވެންބަރު 2023ވީ ހުކުރު ދުވަހު ހަވީރު 5:03ން ފެށިގެން މި ރާއްޖޭގައި ސަރުކާރުން ޝަރުޢީ ދާއިރާއަކަށް ނުފޫޒެއް ނުފޯރުވާ. ކުރިއަށް އޮތް ތާނގައިވެސް ނުފޯރުވާނަން.

އާދެ، އެހެންވީމާ، ސިޔާސީގޮތުން މީހުން ހައްޔަރުނުކުރަނީ. އެހެންވީމާ، ސިޔާސީގޮތުން ހައްޔަރުވެފައި ތިބި މީހުން މިނިވަންވެސް ވަނީ. އަޅުގަނޑުމެންނެއް ނުފޯރުވާނަން، ޝަރުޢީ ދާއިރާއަކަށް ނުފޫޒެއް. އޭގެ ބަދަލުގައި، ޝަރުޢީ ދާއިރާއަށް ބޭނުންވާ ކަންތައްތަކަށް މަގުފަހިކޮށްދޭނީ.

އިރާދަކުރެއްވިއްޔާ، ޝަރުޢީ ދާއިރާއަށް ބޭނުންވެފައިވާ ޢިމާރާތުގެ ޖާގައިގެ ބޮޑެތި ކަންތައްތަކެއް، މި އަންނަ އަހަރު ޙައްލުވާން ފަށާނެ. އެއްކަމަކަށް މިހާރު އަޅުގަނޑުމެންގެ މި ސަރުކާރުން ހަވާލުކޮށްގެން ނިމެމުން އެދާ ކްރިމިނަލް ކޯޓުގެ އިމާރާތް، ހުޅުމާލެއަށް ބަދަލުކުރުމުގެ މަސައްކަތް، މި އަންނަ އަހަރު، އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުން، މާރިޗު، އެޕްރީލް ހިސާބުގައި ނިމޭ ކަމަށް، އެންމެފަހުންވެސް އަޅުގަނޑަށް އަޕްޑޭޓް ދެއްވާފައިވޭ، ކަމާބެހޭ ވުޒާރާއިން. މާރިޗު، އެޕްރީލް ހިސާބުގައި އިރާދަކުރެއްވިއްޔާ ނިމޭނެ. ނިމުނީމަ، ކްރިމިނަލް ކޯޓު އެތަނަށް ބަދަލުވެ، މަސައްކަތްތައް ބާރަށް ހިނގާނެ.

މި އަންނަ އަހަރު އިރާދަކުރެއްވިއްޔާ ބަޖެޓުގެ ތެރޭގައި ހިމަނާފައި އެއޮތީ، ޝަރުޢީ ދާއިރާގެ ސުޕީރިއާ ކޯޓު ކޮމްޕްލެކްސް، އިރާދަކުރެއްވިއްޔާ ހުޅުމާލޭގައި އަޅަން ފެށުން. ޢަމަލީ މަސައްކަތް ފެށޭނެ. ސުޕީރިއާ ކޯޓަށް ބޭނުންވާ ބިން، އެ ކޯޓަކީ މާލޭގައި ހުންނަންޖެހޭ ތަނެއް ގޮތުގައި އަޅުގަނޑު ގަބޫލުކުރަނީ. މާލެއިން މިހާރު މިދިޔަ ހަފްތާގައި އެވަނީ ބިން ހަމަޖެހިފައި. ޝަރުޢީ ދާއިރާގެ މުވައްޒަފުން، ސިވިލް ސަރވިސް މުވައްޒަފުންނާ އެކުގައި މި އަންނަ އަހަރު މުސާރަ ބޮޑުވާ މީހުންގެ ތެރޭގައި ހިމެނިގެންދޭ.

އެހެންވީމާ، ޝަރުޢީ ދާއިރާ މިނިވަންކޮށް، އެހެން ބަޔަކަށް ބަރޯސާނުވެ، އާދޭސްކުރަން ނުޖެހި، ސަލާންޖަހަން ނުޖެހި އުޅެވޭގޮތް ހެދުން އެއީ، ޙަޤީޤީ އިޚްލާޞްތެރި ވެރިކަންކުރާ މީހުން ކަންކުރާގޮތަކީ. އެގޮތަށް އިރާދަކުރެއްވިއްޔާ އެކަން ދާތަން ފެންނާނެ.

އާދެ، އަޅުގަނޑު ހަމަ ޤަޞްދުކުރަނީ، މިގޮތުން ބައެއް ތަފްޞީލުތައް، ސަރުކާރުގެ އެކި ދާއިރާތަކުން މިދިޔަ އަހަރެއްހާ ދުވަހު ކުރެވުނު މަސައްކަތްތައް، ރައްޔިތުންގެ ފަޅީގައި ތިބެގެން، އަޅުގަނޑުމެން ރައްޔިތުންގެ ހެޔޮވެރިކަމެއް، މިދިޔަ 51 ހަފްތާއާއި 2 ދުވަސް ތެރޭގައި މި ކުރެވުނު މަސައްކަތް، ކޮންމެވެސްވަރަކަށް ޚުލާޞާކޮށްލަން.

އާދެ، ޚާރިޖީ ދާއިރާއާއި، ދިފާޢީ ދާއިރާ އެއީ، ޙަޤީޤަތުގައި އަޅުގަނޑު އެންމެ އިސްކަމެއް ދޭ، އެންމެ މުހިންމު ވަޢުދުތައް ގުޅިފައިވާ ދާއިރާތައް. އަޅުގަނޑު ދެންނެވިން ތަކުރާރުކޮށް. އެންމެ އިސްކަމެއް ދޭނީ، ޤައުމުގެ މިނިވަންކަން ޙިމާޔަތްކުރުމަށާއި، ޤައުމުގެ އަމިއްލަވަންތަކަން ޔަޤީންކުރުމަށޭ. އަޅުގަނޑުމެންގެ ޤައުމު އިސްކޮށްގެން، ދިވެހީންނަށް އެންމެ ރަނގަޅުގޮތް ހޯދައިދިނުމުގެ ޚާރިޖީ ސިޔާސަތެއްގެ މައްޗަށް ބިނާކޮށް އަޅުގަނޑުމެން ކުރިއަށްދިޔުމަށޭ.

އާދެ، އަޅުގަނޑު ހުވާކުރި ދުވަހު، އަޅުގަނޑު ވާނީ އެކަން އެގޮތުގައި އިޢުލާނުކޮށްފައި. އާދެ، އަޅުގަނޑު ދެންނެވިން، އަޅުގަނޑުމެން ކުރިއަށް ގެންދާނީ، މި ދެންނެވި ސިޔާސަތުގެ މަތިން ކަމަށް.

އަޅުގަނޑު އެ ދުވަހުގެ ސްޕީޗްގައި ދެއްކި ވާހަކައިން، ހަނދާން އާކޮށްލުމުގެ ގޮތުން ކިޔާލަދޭނަން، އަޅުގަނޑު ދެންނެވި ގޮތަށް، މި ދެންނެވި ސިޔާސަތު އޮންނާނެ ގޮތް.

"ދިވެހި ސަރުކާރުގެ ސިޔާސަތު ބިނާވާން ވާނީ، ދިވެހި ރައްޔިތުންނަށް އެންމެ މަޞްލަޙަތު ހުރި ގޮތުގެ މައްޗަށޭ. އަޅުގަނޑަކީ ދިވެއްސެއް. އަޅުގަނޑަށް ދިވެހި ރައްޔިތުން އަންނަނީ، ލިސްޓުގެ އެއްވަނައަށް. ފުރަތަމަޔަށް. އެހެން ޤައުމެއްގެ ބަޔަކު އަންނާނީ، އޭގެ ފަހަތަށް. އަޅުގަނޑު ޤައުމުތަކާ ރަޙްމަތްތެރިވާނަން. ހަތުރުވެރިކަމެއް، ޙަސަދަވެރިކަމެއް ނުބާއްވާނަން. އަވަށްޓެރީންނާއި، ދުރު ހިސާބުތަކުގެ ޤައުމުތަކަށްވެސް އިޙްތިރާމުކުރާނަން. އެކަމަކު އަޅުގަނޑު އަބަދުވެސް ދިވެހި ރައްޔިތުންގެ މިނިވަންކަމާއި، ސިޔާދަތީ ރަތް ރޮނގު ފިސާރި ފަލަކޮށް ދަމާނަން. އެއީ، ކޮންމެ ޤައުމެއްގައިވެސް އޮންނާނެ ރަތް ރޮނގެއް. އޮންނަންވާނެވެސް ރޮނގެއް. އެހެން ޤައުމުތަކުގެ މިނިވަންކަމާއި، ސިޔާދަތީ ރަތް ރޮނގަށް ދިވެހި ދައުލަތުން ފުރިހަމަޔަށް އިޙްތިރާމުކުރާނެ. ދިވެހި ދައުލަތުގެ ރަތް ރޮނގަށްވެސް އެ ޙައްޤު އޮންނަންވާނެ. އެކަމުގައި ކުޑައެއް ބޮޑެއް، ގާތެއް ދުރެއް ތަފާތެއް ނުވާނެ. އެ އިޙްތިރާމު ލިބެންޖެހޭނެ. އިރާދަކުރެއްވިއްޔާ، އެ ޙައްޤު ނިގުޅައިގަންނާކަށް އަޅުގަނޑު ފުރުޞަތެއް ނުދޭނަން. ދިވެހީންނަކީ މިނިވަންކަމުގެ ދަރީން. ދޫނި އޭގެ ހާލި ބަލަހައްޓާ ފަދައިން، ދިވެހީން މި އަންނަނީ، މި ލޮބުވެތި ދިވެހި ފަސްގަނޑު މިނިވަންކަންމަތީ، އެތައް ޒަމާނަކަށް ބަލަހައްޓަމުން. އެއީ، ދިވެހި ރައްޔިތުން އެދޭގޮތް. ދިވެހީންގެ ނަފުސާއި ފުރާނައިގެ ނިންމުން. އެހެންކަމުން، ރައްޔިތުންގެ އެ ނިންމުމަށް އަޅުގަނޑު އަބަދުވެސް ކަމޭހިތާނަން. ހިމޭން ރީތި މިންގަނޑުގެ އެހީގައި އިރާދަކުރެއްވިއްޔާ، ދިވެހިރާއްޖެއަކީ ބޭރުގެ އެހެން އެއްވެސް ޤައުމެއްގެ ސިފައިން ނެތް ރާއްޖެއަކަށް ހަދާނަން. ޤައުމީ ހައިސިއްޔަތުން ބަލާއިރު، ދިވެހި ޤައުމަށް ވަފާތެރިވުމަށްވުރެ ބޮޑު އުފަލެއް އަޅުގަނޑަށް ނެތްކަން ތިޔަ ލޮބުވެތި ރައްޔިތުންނަށް ކަށަވަރުކޮށްދޭނަން."

މިދިޔަ 51 ހަފްތާއާއި 2 ދުވަހު، އެކަން ވާނީ ފަޚުރުވެރިކަމާއެކީގައި ކަށަވަރުކޮށްދީފައި. އިރާދަކުރެއްވިއްޔާ، ކުރިއަށް އޮތް ދުވަސްތަކުގައިވެސް ފެންނާނީ، އަޅުގަނޑުމެން ހަމަ އެ މަގުން ކުރިއަށްދާތަން. އަޅުގަނޑުމެން، 10 މޭ، ހިނގާ އަހަރުގެ، 10 މޭގައި މި ދެންނެވި ހިމޭން ރީތި މިންގަނޑުތަކުން މަޝްވަރާކޮށްގެން، ޑިޕްލޮމަސީގެ ރިވެތި އުޞޫލުން ކުރެވުނު މަޝްވަރާއިން، މި ޤައުމުގައި ތިބި ބޭރުގެ ހުރިހާ ސިފައިން މި ޤައުމުން ފައިބާފައި ވާނީ. މިހާރު މި ޤައުމުގައި ޤާއިމުވެ ތިބި ބޭރުގެ އެއްވެސް ސިފައިންގެ މީހަކު ނުހުންނާނެ. ޔުނީފޯމެއް ނޫން، އެއްވެސް އެއްޗެއް ނޫން. އެއްވެސްކަހަލަ ތަފާތުކުރުމެއް، ނޫނީވިއްޔާ އޮޅުވާލުމެއް އޮތް ވާހަކައެއް ނޫން. ސާފު ސީދާ ވާހަކައެއް.

ދެން ބައެއް މީހުން އެކި މަޤްޞަދުގައި ވާހަކަ ދައްކަފާނެ. ތެދެއްމެ، އައި.ޖީ.އެމް.އެޗް. ހެދި ޒަމާނުން ފެށިގެން، އައި.ޖީ.އެމް.އެޗް. ހަދާފައި، އެތަނުގެ ޑޮކްޓަރުންނަށްވެސް އައީ ބޭރުގެ ސިފައިން. ސީދާ އެކްޓިވް މިލިޓްރީ ބޭފުޅުން، ޑޮކްޓަރުން. އޭރު އެންމެ ގިނައިންވެސް ތިބީ، އެ ޤައުމުގެ ޑޮކްޓަރުން، މިލިޓްރީ ބޭފުޅުން. އޭރުން ފެށިގެން މިއަދާ ހަމަޔަށް، ސެނަހިޔާ އުފެދުނު ދުވަހުން ފެށިގެންވެސް އެކި އަހަރު އެކިވަރަށް، ޑޮކްޓަރުންނާއި ޓެކްނީޝަނުން، މިލިޓްރީ ބޭފުޅުން ތިއްބަވާނެ. އެއްވެސް ބޭފުޅަކު މި މައުޟޫޢަކު އެ ވާހަކަ ނުގެނެއޭ. މިހާރުވެސް ތިއްބަވާނެ.

އެހެންވީމާ، އަޅުގަނޑު މި ހެދީ ދޮގެއްކަމަށް ބަޔާންކުރަން، ބައެއް މީހުން މި ވާހަކަ ދައްކަފާނެތީ، އެ ވާހަކަ އަޅުގަނޑު މި ދަންނަވާލީ. އެއެއްނޫން އަޅުގަނޑުމެންގެ މީހުން ނުކުމެ މުޒާހަރާކުރި މައުޟޫޢަކީ. އެހެންވީމާ، މިތާ ތިބި ބޭރުގެ ހުރިހާ ސިފައިން މިހާރު ގެންގޮސް ނިމިއްޖެ. މިތާކު ނެތް މިހާރު އެއްވެސް ޤައުމެއްގެ ސިފައިންނެއް. ވަރަށްސާފު. އެހެންވީމާ، އެކަން ޔަޤީންކޮށްލަދިނުމަށް އަޅުގަނޑު ތަކުރާރުކޮށް މި ދެންނެވީ.

ހަމައެއާއެކުގައި، ކަނޑުން ގެއްލުނު ބައި ހޯދުމުގެ ވާހަކަ. ކަނޑުން ގެއްލުނު ބައި، ގެއްލުވާލި ބައި، މާފުކުރައްވާ. ރޯމާދުވާލު، ކަނޑައެޅިފައިވާ ދުސްތޫރީ ނިޒާމާ ޚިލާފަށް، ޤާނޫނުއަސާސީއާ ޚިލާފަށް، ރައްޔިތުންގެ މަޖިލީހުގެ އަހާލުމެއްނެތި، އަޅުގަނޑުމެންގެ ކަނޑުން ބޮޑު ބައެއް ދޫކޮށްލީ. އެކަން ކޮށްފައިވާ ގޮތުން، އެ މައްސަލަ ޙައްލުކުރުމުގައި ބުރަ މަސައްކަތްތަކެއް ކުރަންޖެހޭ. ރެޔާއި ދުވާލު މިދަނީ ކުރަމުން. އެޓަރނީ ޖެނެރަލްގެ އޮފީހުގެ މުވައްޒަފެއް ދާއިމީކޮށް ޔޫ.އެން. ގައި ހުންނާނެ. އަޅުގަނޑުމެންގެ ސަރުކާރު އުފެދުނީއްސުރެ ފޮނުވައިގެން، އެތާ ބަހައްޓައިގެން ކުރަންޖެހޭ މަސައްކަތްވެސް އެދަނީ ކުރަމުން. އެކިއެކި މަސައްކަތް، ވަކީލުންގެ ޓީމަކުން އެބަ ކުރޭ.

އަދި ދާދި މިދާކަށް ދުވަހު، އިނގިރޭސި ސަރުކާރުން މޮރިޝަސްއަށް ޗާގޯސް ހަވާލުކުރުމާ ބެހޭ ވާހަކަތަކެއް އިވުނީމަ، އަޅުގަނޑުމެންގެ ތާރީޚީ ގުޅުމެއް ވަރަށް ބޮޑަށް އޮތް ތަނަކަށް އެތަންވާތީ، ރަސްމީކޮށް ލިޔެކިޔުމުން، ދިވެހި ސަރުކާރުން މިހާރު ވާނީ އިނގިރޭސި ސަރުކާރަށް ސިޓީއެއް ފޮނުވާފައި. އެތަނަކީ އަޅުގަނޑުމެންގެ ރަސްރަސްކަލުންގެ ލިޔެކިޔުންތަކާ އެކުގައި، ފެންނަން ހުރި ލިޔެކިޔުންތައް ހުރުމާ އެކުގައި، އެހެން ޤައުމަކަށްވުރެ ދިވެހިރާއްޖެއަށް މާ އައުލާކަން ބޮޑު، ދިވެހިރާއްޖޭގެ ތަނެއްގެ ގޮތުގައިވެސް ބެލިދާނެ ތަނެއް ކަމަށް، ތާރީޚީގޮތުން ފެންނަން ހުރުމާ އެކީގައި، އެކަން ފާހަގަކޮށް އަޅުގަނޑުމެން ވާނީ މިހާރު ސިޓީ ފޮނުވާފައި. އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންގެ އުންމީދަކީ، އިންޞާފުވެރި ގޮތެއްގައި އެކަމުގައި ފައިޞަލާ ކުރުން. އެ އޮންނަ ހަމަތަކުގެ މަތިން. އަޅުގަނޑުމެންނަކީ އެއްގޮތަކަށްވެސް ޒިންމާއިން ރެކޭނެ ބައެއް ނޫން.

އަޅުގަނޑު ކުރިންވެސް ދެންނެވި ފަދައިން، ރައްޔިތުންގެ ފަރާތުން ރައްޔިތުން ހަވާލުކޮށްފައި އޮތް ބާރެއް، ރައްޔިތުންނަށްޓަކައި ރައްޔިތުން އެދޭ ގޮތަކަށް އެކަން ކުރުމަށް އަޅުގަނޑު މިހިރީ މިތާނގައި ﷲ ގަންދީ ހުވާކޮށްގެން. ދެންމެ މި ދެންނެވި އުޞޫލުތަކާއި ހަމަތައް އަޅުގަނޑު ގަބޫލުކުރަނީ. އެހެންވީމާ، ތެދުވެރިކަމާއި އަމާނާތްތެރިކަމާ އެކީގައި މަސައްކަތް ކުރަމުންދާނީ.

އާދެ، އެހެންވީމާ، ކަނޑުން ގެއްލުނު ބައި ހޯދުމާއި، އަދި މި ދެންނެވި މައްސަލައިގައިވެސް އަޅުގަނޑުމެން ދާނީ ފަހަތަށްޖެހުމެއްނެތި ކުރިއަށް. ކުރިއަށްވުރެވެސް ބާރަށް ކުރިއަށް. މި އަންނަ އަހަރު އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން ކުރާ މަސައްކަތްތައް، މި ނިމިގެން މިދާ އަހަރަށްވުރެ ގިނަވާނެ. އެހެންވީމާ، ރައްޔިތުންގެ ޙައްޤުގައި އަޅުގަނޑުމެން އެ މަސައްކަތް ކުރާނަމު. އަޅުގަނޑުމެންގެ ކަނޑުގެ މި ބޮޑު ސަރަޙައްދު، އެކްސްކްލޫސިވް އިކޮނޮމިކް ޒޯން މިއީ އެންމެ ބޮޑު އެއް ޤައުމު.

އެހެންވީމާ، މި ސަރަޙައްދު ބެލެހެއްޓުމަށްޓަކައި ވައިގެ ބާރެއް، ސިފައިންގޭގައި އުފައްދައިގެން، އެތަނަށް، އޭގެ ދަށަށް ޔޫ.އޭ.ވީސް އެހެރީ ގެނެސްފައި. ގެނެސް، އަޅުގަނޑުމެން މިދަނީ ރެޔާއި ދުވާލު ކަނޑުގެ ސަރަޙައްދު، މި ބިޔަ ބޮޑު ސަރަޙައްދު ބަލަހައްޓަމުން. މި ބިޔަ ބޮޑު ސަރަޙައްދު ބަލަހައްޓަނީ އަޅުގަނޑުމެން އަމިއްލައަށް. އަޅުގަނޑުމެންނަށް އެހީތެރިކަން ބޭނުންވޭ، ކެޕޭސިޓީ ބިލްޑްކުރަން. އެކަމަށްޓަކައި އެކުވެރި ޤައުމުތަކުން، އެކުވެރި ދައުލަތްތަކުން އެހީވާނެ. އެކަމަށް އަޅުގަނޑުމެން މަރުޙަބާވެސް ކިޔަން. އެކަމަކު އަޅުގަނޑުމެން އަމިއްލައަށް ކުރަން ބޭނުންވަނީ. އަޅުގަނޑުމެންގެ ކެޕޭސިޓީ ބިލްޑްކޮށްގެން، އަޅުގަނޑުމެންގެ ސިފައިން ކުރާނީ. އެހެން ބަޔަކަށް އެގްރީމެންޓް ހަދައިގެން، ދީގެނެއް ނޫން.

އެ ޒަމާން ނިމިއްޖެ. ކަނޑުގެ އަޑިވެސް ސަރވޭކުރާނީ އަޅުގަނޑުމެން. އެހެން ނަމަވެސް، އަޅުގަނޑުމެންނަށް އެހީތެރިކަން ބޭނުންވޭ. އެ އޮތް އެގްރީމެންޓް އަޅުގަނޑުމެން އާނުކުރީ އެހެންވެގެން. އަޅުގަނޑުމެން އަމިއްލައަށް ކުރަންވެގެން. އެހެން ނަމަވެސް، އަޅުގަނޑުމެން އެހީތެރިކަން ބޭނުންވޭ. އެކަމަށްޓަކައި ސޮއިކުރަންޖެހޭ ސޮއިކުރުންތައް، ކެޕޭސިޓީ ބިލްޑް ކުރަން، އިކްއިޕްމަންޓްސް ހޯދަން، ޓްރޭނިންގ ހޯދަން. އެހެން ނަމަވެސް، އެހެން ބަޔަކާ ހަވާލުކޮށްގެން، އެ މީހުން ކުރަހައިގެން، އެ ކުރަހާ އެއްޗެހި އެ މީހުން ގެންގޮސްގެން، އެ މީހުންގެ އަތުން އަޅުގަނޑުމެން ގަންނަ އުޞޫލު މިހާރު ނިމުނީ. އެކަން މާޒީވީ.

އާދެ، ހަމަ އެގޮތަށް، ސިފައިންގޭގެ ކޯސްޓްގާޑު، ކަނޑުގެ ބާރު ވަރުގަދަކުރަން، ދެގުނައަށް ފްލީޓް ބޮޑުކުރުމުގެ މަސައްކަތްވެސް އެވަނީ ފެށިފައި. ކަނޑުއޮތްގިރި، ކުރީގައި ބޭނުންކުރި ބޭނުން ބަދަލުކޮށް، ކެބިނެޓުން ނިންމައިގެން މިހާރު އެވަނީ، މި ދެންނެވިހެން ކޯސްޓްގާޑުގެ ފްލީޓް ބޮޑުކުރުމުގެ މަސައްކަތަށް ކަނޑުއޮތްގިރި ހަވާލުކުރެވިފައި. އެތަނުގައި އިރާދަކުރެއްވިއްޔާ، މި ފެށޭ އަހަރުގެ ތެރޭގައި، ގިނަ މަސައްކަތްތަކެއް ހިނގަން ފަށާނެ. އެގޮތަށް އެއްގަމުގެ ބާރު، މެރީންސްގެ ކެޕޭސިޓީ ބޮޑުކޮށް، އިކްއިޕްމަންޓްސް ހޯދައި، އެކިކަހަލަ ގޮތްގޮތުން އެމްޕަވަރ ކުރުމަށްޓަކައި ބަޖެޓުގެ ތެރެއިން އަދި ދައުލަތްތަކުގެ އެހީތެރިކަމާ އެކީގައިވެސް، މި އަންނަ އަހަރުގެ ތެރޭގައި ކަންކަން ކުރެވޭނެ. އެހެންވީމާ، ޖުމްލަ ގޮތެއްގައި އަޅުގަނޑުމެންގެ ދިފާޢީ ބާރު ވަރުގަދަކުރުމަކީ، އަޅުގަނޑުމެން ކުރަން ނިންމައި، ކުރިއަށްގެންދާ ކަންތައް.

ޚާރިޖީ ދާއިރާ ވަރުގަދަކޮށް، މި ދެންނެވި ފަދައިން، އަޅުގަނޑުމެންގެ އަމިއްލަވަންތަ، އަޅުގަނޑުމެންގެ މަޞްލަޙަތު އިސްކޮށް، ދިވެހީންނަށް އެންމެ ރަނގަޅު ގޮތް އެއީ، އަޅުގަނޑުމެންނަށް ކަށަވަރުވާ ކަމެއްކަން ޔަޤީންވާ ގޮތަށް، އަޅުގަނޑުމެންގެ މިނިވަންކަމުގެ ރަތް ރޮނގު ފަލަކޮށް ދަމައިގެން، އެ އިމުގެ ތެރޭގައި އަޅުގަނޑުމެން މިދަނީ ކުރިއަށް.

މި ނިމިގެންދާ އަހަރުގެ ތެރޭގައި، ތުރުކީވިލާތުގައި އަޅުގަނޑުމެން އެމްބަސީއެއް ހުޅުވައިފިން. އަޅުގަނޑުމެންނަށް މިހާރު ހުއްދަ ލިބިފައި އެބައޮތް، އިޓަލީވިލާތުގައި އެމްބަސީ ހުޅުވަން. އިޓަލީ ސަރުކާރުން ހުއްދަ ދެއްވާފައި. އަޅުގަނޑުމެން އެކަމަށް ހުށަހަޅައިގެން. އަޅުގަނޑުމެންގެ ޓޫރިޒަމަށް ވަރަށް މުހިންމުވީމަ، އެކަން ކުރަން ނިންމީ.

ހަމަ އެގޮތަށް، އަޅުގަނޑުމެންގެ ވިޔަފާރިއަށް މުހިންމު، އެހެން ޤައުމުތަކާ އެކީގައިވެސް އަޅުގަނޑުމެން، ބޭނުންތެރި ތަންތަނުގައި، ޤައުމަށް ފައިދާހުރި ތަންތާނގައި އެމްބަސީތަކާއި ހައިކޮމިޝަންތައް ހުޅުވުން. ހުޅުވައިގެން، ކުރިއަށް އޮތް ތަނުގައި އަޅުގަނޑުމެންގެ ޚާރިޖީ ދާއިރާ އިރާދަކުރެއްވިއްޔާ ކުރިއަށް ގެންދާނަން.

އަޅުގަނޑުމެންނަށް އެންމެ މުހިންމު އެއް މައްސަލައަކީ، ފަލަސްޠީނުގެ މައްސަލަ. މި މައްސަލަ ޙައްލުކުރުމުގައިވެސް ޖެހިލުމެއްނެތި، އެންމެ ވަރުގަދައަށް އަޅުގަނޑުމެން މިދަނީ ވަކާލާތު ކުރަމުން. އައި.ސީ.ޖޭ.ގައި އޮތް މައްސަލައިގައިވެސް ދިވެހިރާއްޖެއިން މިވަނީ ބައިވެރިވެފައި. އަޅުގަނޑުމެން ދާނީ ކެރިގެން، ފަލަސްޠީނު ރައްޔިތުންގެ ޙައްޤުގައި ޖިހާދުކުރަމުން. އެއީ، އަޅުގަނޑުމެން ފަޚުރުވެރިވާނެ ކަމެއް.

މިރޭ ޖަލްސާ ނިމޭގޮތަށް، މެންދަމުން އަލިވެ، އެކެއްޖަހާކަންހާއިރު، އަޅުގަނޑު މި ފުރަނީ، އެރެބިއަން އޯ.އައި.ސީ. ސަމިޓަކަށް. މި މައްސަލައިގައި ސަޢޫދީ ރަސްގެފާނު ބާއްވަވާ ސަމިޓަކަށް ސަޢޫދީ ޢަރަބިއްޔާއަށް ދާންވެގެން. ފަލަސްޠީނުގެ މިނިވަން ދައުލަތެއް ޤާއިމުކުރުމުގެ މައްސަލައިގައި. ސަޢޫދީ ޢަރަބިއްޔާއަކީ، އިސްލާމީ ދުނިޔޭގެ ލީޑަރު. އިސްލާމީ ދުނިޔޭގެ އެންމެ އިސްނަގައިގެން މަސައްކަތްކުރާ، އަޅުގަނޑުމެން ފަޚުރުވެރިވާ ޤައުމު. ސަޢޫދީ ރަސްގެފާނު އެ ކުރައްވާ މަސައްކަތުގައި، އަޅުގަނޑުމެން ފުރިހަމައަށް ބައިވެރިވަން. އެހެންވީމާ، ސަޢޫދީ ޢަރަބިއްޔާއަށް އަޅުގަނޑު މިދަނީ އެކަމުގައި ދިވެހިރާއްޖޭގެ ފަރާތުން ބަސްއިއްވަން. އާދެ، އެހެންވީމާ، ފަލަސްޠީނު މައްސަލައިގައި، ރައްޔިތުންގެ ފަރާތުން އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ އެންމެ ބާރަށް މަސައްކަތް ކުރަމުން ދާނަން. އެހެންވީމާ، އަޅުގަނޑުމެންގެ ޚާރިޖީ ސިޔާސަތު ވަރަށް ސާފުކޮށް މިއޮތީ އެންމެންނަށް ފެންނަގޮތަށް.

އާދެ، އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުންވަނީ، މިގޮތުން ބަލާއިރުގައި، ރައްޔިތުންގެ ވެރިކަމެއް، ރައްޔިތުންނާ އެކުގައި، ރައްޔިތުން ބޭނުންވާގޮތަށް ހެޔޮވެރިކަމެއް ކުރާނަމަ، ކަންކަން ކުރާނެގޮތް، އަޅުގަނޑު ހުވާކުރި ދުވަހުގެ ސްޕީޗްގައި ވަރަށް ސާފުކޮށް ސިޔާސަތު ބަޔާންކުރިން. ކޮންގޮތަކަށްތޯ ޤައުމު ބިނާކުރާނީ. އަޅުގަނޑު ދެންނެވިން. ޤައުމު ބިނާކުރުމުގައި ގެންގުޅޭނީ މައިގަނޑު ދެ ބިނާއެއް ބިނާކުރުމޭ. އެއީ، ޢުމްރާނީ ބިނާކުރުމާއި، ފިކުރީ ބިނާކުރުމޭ. އަޅުގަނޑު ވަރަށް ސާފުކޮށް ދެންނެވިން، އަޅުގަނޑުގެ ސިޔާސަތު. އަޅުގަނޑު ވާނީ އެކަންތައް ތަފްޞީލުކޮށް ބަޔާންކޮށްފައި.

އަޅުގަނޑު ދެންނެވީ، "ދައުލަތެއްގެ ސަލާމަތާއި ދުނިޔޭގައި އެ ބައެއްގެ އާރާއި ބާރާއި، ޤަދަރާއި އިޙްތިރާމު ނެގެހެއްޓުމަށްޓަކައި މައިގަނޑު ދެ ބާވަތެއްގެ ބިނާކުރުމެއް ބިނާކުރޭ. އެއީ، ޢުމްރާނީ ބިނާކުރުމާއި، އިންސާނީ ބިނާކުރުން. ނުވަތަ އެހެން ޢިބާރާތަކުން ދަންނަވާނަމަ، ގެދޮރާއި، ދިފާޢީ ބުރުޒުތަކާއި، މަގުތަކާއި، ފާލަންތަކާއި، އޮފީސްތައް ބިނާކުރުމާއި، ހެޔޮވިސްނުން ހުރި ސިކުނޑިތަކެއް ލިބިފައިވާ، އަޚްލާޤު ރަނގަޅު މުޖުތަމަޢެއް ބިނާކުރުން. އެހެންކަމުން، އެއީ ޤައުމުގެ ފަސްގަނޑު ބިނާކުރުމާއި، ޤައުމުގެ ސިކުނޑިތައް ބިނާކުރުން. މި ފެށުނު ރިޔާސީ ދައުރުގެ ސިޔާސަތަކަށް ވާނީ، މި ދެ ބާވަތުގެ ބިނާކުރުން ވަޒަން ހަމަކޮށް ކުރިއަށް ގެންދިޔުން. ޢިލްމާއި ހުނަރު. އަޚްލާޤާއި ދީން. އުޅުންތެރިކަމާއި މަސައްކަތްތެރިކަން. މިކަންކަން ދިވެހި ދަރީންގެ ކިބައިގައި އަށަގެންނެވުން. ހަމައެހެންމެ، ރާއްޖޭގެ ބިނާވެށްޓަށް އާދަޔާ ޚިލާފު އިންޤިލާބީ މުއްސަނދިކަމެއް ގެނެސްދިނުން. އަޅުގަނޑު އެކުލަވައިލާ ސަރުކާރު ކުރިއަށްގެންދާނީ، އިރާދަކުރެއްވިއްޔާ މި ދެ އަސާސުގެ މަތީގައި."

އާދެ، ތިޔަބޭފުޅުންނަށް ވަރަށް ސާފުކޮށް، ވަރަށް ސާފުކޮށް ފެނިވަޑައިގަންނަވާނެ، އަޅުގަނޑުމެންގެ މައިގަނޑު ސިޔާސަތު ހަމަ މިހެންކަން އޮތީ. އަޅުގަނޑުމެން މިގެންދަނީ، އަޅުގަނޑުމެންގެ ޤައުމިއްޔަތު ހަރުދަނާކޮށް، އަޅުގަނޑުމެންގެ ޅަދަރީންގެ ސިކުނޑީގައި، އަޅުގަނޑުމެންގެ މާތްވެގެންވާ އިސްލާމްދީނާއި، ދިވެހިބަހާއި، އަޅުގަނޑުމެންގެ އަބްޠާލުންގެ ޖިހާދުތަކާއި، އަޅުގަނޑުމެންގެ ތާރީޚު ބިންވަޅު ނެގޭވަރަށް އެކަން ކުރުމުގެ މަސައްކަތްތަކެއް ފަށައިގެން. އަޅުގަނޑުމެންގެ އަބްޠާލުން ވީ ޤުރްބާން، ވީ ޝަހީދު އެއީ، ގެއްލެނިވެގެން ދާންޖެހޭ އެއްޗެއް ނޫންކަން، އަޅުގަނޑުމެން އެކަމަކަށްޓަކައި ފަޚުރުވެރިވާންޖެހޭ، އަންނާން އޮތް ޖީލުތަކަށް އެކަން ފޯރުކޮށްދޭންޖެހޭ މުހިންމު ކަމެއްކަން. އެހެންވީމާ، ފިކުރީގޮތުން، އަޚްލާޤީ ގޮތުން، އިސްލާމްދީނުގެ މަތިވެރި އުޞޫލުތަކާ އެއްގޮތަށް އަޅުގަނޑުމެންގެ ފިކުރު ބިނާކޮށް، އަޅުގަނޑުމެންގެ އަޚްލާޤު ރަނގަޅުކޮށް، ހަމައެއާއެކީގައި، ޤައުމުގައި ފެންނާން ހުންނަ ތަރައްޤީވެސް ގެނައުން. މިގޮތުން ނޫންތޯ، މިދިޔަ 51 ހަފްތާއާއި 2 ދުވަހު އަޅުގަނޑުމެން މަސައްކަތް ކުރަމުން މިއައީ. ވަރަށްސާފު. އެހެންވީމާ، އަޅުގަނޑުމެންގެ މަސައްކަތް ކުރިއަށް ގެންދާނީ އިރާދަކުރެއްވިއްޔާ، މިދެންނެވި ގޮތުގެ މަތިން.

އަޅުގަނޑު އެގޮތުން ބަލައިލަން ބޭނުން. އަޅުގަނޑުމެން އިސްލާމްދީން ޙިމާޔަތްކޮށް ކުރިއަށްގެންދިޔުމުގެ ދާއިރާއިން ވަރަށްގިނަ މަސައްކަތްތަކެއް ވާނީ ކޮށްފައި. މިސްކިތްތައް ބިނާކުރުމާއި، މިސްކިތްތައް މަރާމާތުކުރުން. މިސްކިތްތައް މަރާމާތުކުރުމަށް، މިދިޔަ އަހަރުގެ ތެރޭގައި، ކުރީ އަހަރުތަކަށްވުރެ ދެގުނަ އިތުރަށް ވާނީ ޚަރަދުކުރެވިފައި. އިމާމުން ތަމްރީނުކޮށް، ޒުވާން ޚަޠީބުން ތަމްރީނު ކުރުން. މިހެންގޮސް އެތައް ކަމެއް. ޤުރްއާނުގެ ޢިލްމަށް ލޯބިޖެއްސުން. އަދި މުޅި މުޖުތަމަޢުގައި އިސްލާމީ ޙަޟާރަތު ކުރިއަށް ގެންދިޔުމަށްޓަކައި ވަރަށްގިނަ މަސައްކަތްތަކެއް ކުރެވިފައި. ފަޤީރުން ހިލޭ ޙައްޖަށް ފޮނުވުން. މިހެންގޮސް، ގިނަ ކަންތައްތަކެއް އަޅުގަނޑުމެންނަށް މިވަނީ އިސްލާމީ ދާއިރާއިންވެސް ކުރެވިފައި.

ހަމަ އެފަދައިން، ޤައުމިއްޔަތުގެ ދާއިރާއިން، ދިވެހިބަސް ކުރިއަށް ގެންދިޔުމަށް، ދިވެހި ޤައުމިއްޔަތުގެ އިސްވަރު އުފެއްދުމާއި، ތަރިކައާބެހޭ ގިނަ މަސައްކަތްތަކެއް ވަނީ ފެށިފައި. މުހިންމު ބިންގާތަކެއް ވަނީ އެޅިފައި. މި ބިންގާތައް އަޅައިގެން، މި މުހިންމު މަސައްކަތްތައް ފެށިގެން މިދިޔައީ. ބައެއް ބޭފުޅުން ވާހަކަ ދައްކަވާ، ވަޢުދެއް ނުފުއްދައޭ. ވަޢުދުވީ، ފަސް އަހަރުގެ ތެރޭގައި ވަޢުދު ފުއްދަން. އެ ހުރިހާ ވަޢުދުތަކަކީ، އިރާދަކުރެއްވިއްޔާ ފުއްދޭނެ ވަޢުދުތައް. އެއް އަހަރުގެ ތެރޭގައި ކުރެވޭ ހުރިހާ ކަމެއް ކޮށް، އިރާދަކުރެއްވިއްޔާ މި ނިންމަނީ. ބައެއް ބޭފުޅުންގެ ވާހަކަފުޅުތައް ހުންނަގޮތުން ހީވޭ، އަޅުގަނޑު ހުވާކުރި ދުވަހުގެ ޖެހިގެން އައި މިނިޓްގައި، ހުރިހާ ވަޢުދެއް ނުފުދި ހުރީމަ، އެއޮތީ ވަޢުދު ނުފުދިފައޭ. އެހެންވާ ކަމެއް ނޫން އެއީ.

ހުވާކުރި ދުވަހު ހުވާކޮށްގެން، ވާހަކަ ފަށައިގެން، 5:03 ގައި އެއޮތީ އެންމެ ފުރަތަމަ ވަޢުދު ފުއްދާފައި. ޖުޑީޝަރީއަށް ނުފޫޒު ފޯރުވުން އެވަނީ ނިންމާލާފައި. ދެން އަޅުގަނޑުމެންނަށް ކުރެވެންހުރި ކަންކަން، އޮންނަ ތަރުތީބަކުން، އެހެން ހުރިހާ ފަރާތްތަކެއްގެވެސް އެހީތެރިކަމާއި ބައިވެރިވުމާއި، އެކި ކަންކަން ތަރުތީބުވެގެން އައިސް ކުރިއަށް ގެންދެވޭ ކަންކަން އެ ހުންނަނީ. އެގޮތުގެ މަތިން ކަންކަން މިދަނީ ކުރަމުން. ވަރަށް ދެފުށް ފެންނާނެ. އަޅުގަނޑުމެން ދައްކާ ވާހަކަ މި ދައްކަނީ، ކޮން ވާހަކައެއްކަން ނޭނގިއެއް ނޫން. އަޅުގަނޑުމެންނަށް އެނގޭ، މި ކުރެވޭ ކަންކަން. ކުރާ ކަންކަން. ރައްޔިތުންނަށްވީ ވަޢުދުތައް ލިޔެފައި އެވަނީ ކަން ކުރަންވެގެން. އެ ފޮތުގައި އޮތްގޮތަށް ހުރިހާ ކަމެއް އިރާދަކުރެއްވިއްޔާ ކުރާނެކަން. ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން އެބަ ތިއްބެވި. މި ބޭފުޅުންގެ އަތްޕުޅަށް ފޮނުވާފައި، މި އަންނަ އަހަރަށް ފާސްކުރަން މި ހުށަހަޅާފައި އޮތް ބަޖެޓުގައި އޮންނާނެ. އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ތަނުގައިވެސް މަސައްކަތް ކުރާނީ، ވަޢުދުތައް ފުއްދުމުގެ ޔަޤީންކަމާ އެކީގައި.

އާދެ، އަޅުގަނޑުމެންނަށް ވާރުތަވީ އިޤްތިޞާދު، ދުވަހަކުވެސް ރާއްޖެ ދަރަނިކޮށްނުލާވަރަށް ދަރަނިކޮށްލާފައި ހަވާލުކޮށްލީ. 8 ބިލިއަން ރުފިޔާ ޗާޕްކުރި. 8 ބިލިއަން ރުފިޔާ، 8000 މިލިއަން ރުފިޔާ، 5 އަހަރުގެ ތެރޭގައި. އަޅުގަނޑު ވަޢުދުވީ ކޮން ކަމަކަށްތޯ؟ ފައިސާ ޗާޕެއް ނުކުރާނަމޭ. 51 ހަފްތާއާއި 2 ދުވަސްވީ. ފައިސާ ޗާޕެއް ނުކުރަން. ކުރިއަށް އޮތްތާވެސް އިރާދަކުރެއްވިއްޔާ ޗާޕެއް ނުކުރާނަން. ފައިސާ ޗާޕްނުކޮށް، ދަރަނި ނަގައިގެން ޑެފިސިޓް ފައިނޭންސް ކުރުން، ފައިސާ ޗާޕްނުކުރާ ތާނގައި އަދި އޭގެއިތުރަށް، ދަރަނި ނަގައިގެން ޑެފިސިޓް ފައިނޭންސް ކުރުންވެސް އަޅުގަނޑު ވަނީ ކުރީ ސަރުކާރާ ޚިލާފަށް ހުއްޓާލާފައި.

އަދި ހަމައެއާއެކީގައި، މި އަންނަ އަހަރަށް އަޅުގަނޑުމެން ހުށަހަޅާފައިވާ ބަޖެޓުގައި، ބައިނަލްއަޤްވާމީ މާލީ އިދާރާތަކުގެ ލަފަޔާ އެއްގޮތަށް، ބައެއް އިޞްލާޙުތައް، މި ޤައުމުގައި ހިނގަމުންދާ ބައެއް ކަންކަމަށް އަޅުގަނޑުމެން ގެންނަންޖެހޭ. އެއީ، ސަބްސިޑީ ނިޒާމާއި، އާސަންދަ ނިޒާމާއި، ޕެންޝަން ނިޒާމާއި އަދި އެސް.އޯ.އީ.ތަކާ ގުޅޭ މުހިންމު އިޞްލާޙުތަކެއް ގެނެސްގެން، އެންމެ ނިކަމެތި މީހާއަށް، އެންމެ މުހިންމު މީހާއަށް މިހާރަށްވުރެވެސް ރަނގަޅަށް އެހީތެރިކަން ލިބޭގޮތަށް ބައްޓަންވާގޮތަށް، އެންމެ މުއްސަނދި މީހާ އަތުން ހޯދާފައި، އެންމެ ނިކަމެތި މީހާއަށް ލިބޭ ނިޒާމު އަޅުގަނޑުމެން ގެންނަނީ. އިރާދަކުރެއްވިއްޔާ، ޢަދުލުވެރިކަން އޭރުން އަންނާނީ. ރިޗް ފިއު، އެ މީހުންގެ އަތުގައި ހުރިހާ މުއްސަނދިކަމެއް ބޭއްވުމުގެ ބަދަލުގައި، ޑިސްޓްރިބިއުޓް ކޮށްލައި، އެންމެ ނިކަމެތި މީހާ މިހާރު ހުރި ނިކަމެތިކަމުން ނަގައި މައްޗަށް ޖައްސާލައި، ހަމަހަމަކޮށްލައި، ޢަދުލުވެރިކުރުން އެއީ، އަޅުގަނޑުމެންގެ ސިޔާސަތު. އެކަން ތަންފީޛު ކުރުމަށް ބަޖެޓް ހުށަހަޅާފައި އެއޮތީ. އިރާދަކުރެއްވިއްޔާ، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުންގެ އެހީތެރިކަމާ އެކީގައި، އެކަންކަން ވެގެންދާތަން އަޅުގަނޑުމެންނަށް ފެންނާނެ.

އާދެ، އަޅުގަނޑުމެން މިގޮތަށް ކުރި މަސައްކަތުގެ ތެރެއިން، ހޯދަންހުރި ފައިސާވެސް ހޯދަން ވަރަށް ބޮޑަށް މަސައްކަތް ކޮށްފިން. ގަވާއިދުތަކާއި ޤާނޫނުތައް ވަރަށް ބޮޑަށް ވަރުގަދަކޮށްފިން. ވަރުގަދަކޮށްގެން، އަޅުގަނޑުމެންގެ ތަންފީޛީ ދާއިރާ ވަރުގަދަކޮށްގެން، 3.7 ބިލިއަން ރުފިޔާ، ސަރުކާރަށް އެކި ފަރާތްތަކުން ދައްކަން ޖެހިފައި، ކުރީ ދުވަސްތަކުގައި ނުހޯދާ، ކުރީ ޒަމާންތަކުގައި، އަހަރުތަކުގައި ނުހޯދާ، ފަސޭހަކޮށްލާފައި ހުރި ފައިސާ، 3.7 ބިލިއަން ރުފިޔާ. އަޅުގަނޑުމެން ރައްޔިތުންގެ ފައިސާ އެއީ. ހޯދާފައި، ވައްދައިފިން ރައްޔިތުންގެ އެކައުންޓަށް. އޭގެ ސަބަބުން އަޅުގަނޑުމެން ނަގަންޖެހޭ ދަރަނިވެސް ވަނީ މަދުވެފައި.

އާދެ، އަޅުގަނޑުމެންގެ އަމާޒަކީ، މި އަހަރު ހުށަހަޅާފައި އޮތް މި އަންނަ އަހަރުގެ ބަޖެޓް، އަދި ދެން އަންނަ ތިން އަހަރުގެ ބަޖެޓާ އެކީގައި، ހަތަރު އަހަރުގެ އަމާޒަކީ، ކޮންމެ އަހަރެއްގެ ޖީ.ޑީ.ޕީ. އިރާދަކުރެއްވިއްޔާ ބޮޑުކުރަމުން ގެންގޮސް، 2028 އަށް ދާއިރުގައި، އަޅުގަނޑުމެންގެ އިކޮނޮމީއަކީ، 10 ބިލިއަން އެމެރިކާ ޑޮލަރުގެ ޖީ.ޑީ.ޕީ.އަކަށް ހެދުން. އިރާދަކުރެއްވިއްޔާ، އެ މަގަށް އަޅުގަނޑުމެންނަށް ގެންދެވޭނެ. އަޅުގަނޑުމެންނަށް އެ ޔަޤީންކަން އެބައޮތް. ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުންނާއި، ޢާންމުކޮށް ދިވެހި ރައްޔިތުން، ހުރިހާ ބޭފުޅުން ތިޔަ ދެއްވާ އެހީތެރިކަމާއެކީގައި، އަޅުގަނޑުމެން އެންމެން މި ކަނޑައަޅާފައި އޮތް ޕްލޭނާ އެއްގޮތަށް، އިޤްތިޞާދީ ރިފޯމް އެޖެންޑާ، މޯލްޑިވްސް އިކޮނޮމިކް ރިފޯމް އެޖެންޑާ، އެ އެޖެންޑާ އިރާދަކުރެއްވިއްޔާ މި ބަޖެޓުގައި ކުރަހާފައި އެއޮތީ. އެ ބަޖެޓް ތަންފީޛު ކުރަން ފެށުމާ އެކީގައި، މި ދެންނެވި ޢަދުލުވެރިކަމާ އެކީގައި ޑިސްޓްރިބިއުޓް ވެގެންދާ ނިޒާމުގެ ތެރެއިން އިރާދަކުރެއްވިއްޔާ، އުފެއްދުންތެރިކަން އިތުރުކުރެވި، އަޅުގަނޑުމެންގެ ޤައުމުގެ މުއްސަނދިކަން އިތުރުކުރެވި، މުއްސަނދި ބަޔަކަށް ހެދިގެންދާނެ.

ސަރުކާރުން އެކިއެކި މަސައްކަތް ކުރުވާފައި ރައްޔިތުންނަށް ނުދީ، އެތައް މިލިއަން ރުފިޔާއެއް އެބަހުރި. އެތައް ސަތޭކަ މިލިއަނެއް. އަޅުގަނޑުމެން ވާނީ މިހާރު ފަސް މިލިއަނުން ދަށުން ދޭންހުރި ބިލުތައް، ފަސް މިލިއަނާ ހަމަޔަށް ނާރާ، ފަސް މިލިއަނުން ދަށުގެ ބިލެއްވިއްޔާ، ދެ ހަފްތާއަށްވުރެ ގިނަދުވަސް ވެފައި އޮތް، ފަސް މިލިއަނުން ދަށުގެ، ރައްޔިތުންގެ ހުރިހާ ބިލުތަކަށް، ނިމިގެން މިދިޔަ ހަފްތާއާ އެކީގައި، ރައްޔިތުންނަށް ފައިސާދީ ނިންމައިފިން. ހުރިހާ ފައިސާއެއް ދީ ނިންމައިފިން. މިދިޔަ ހަފްތާގައި އެކަނި 501 މިލިއަން ރުފިޔާ މިހާރު ވާނީ ޖަމާކޮށްދީފައި. މިދިޔަ 51 ހަފްތާއާއި 2 ދުވަސް ތެރޭގައި، ޖުމްލަކޮށް، 6.6 ބިލިއަން ރުފިޔާ. މިއީ، އެސް.އޯ.އީ.ތަކަކަށް ނޫނޭ. ޢާންމު ކުދިކުދި ވިޔަފާރިތައް، ކުދި މެދުފަންތީގެ ވިޔަފާރިތަކުން ސަރުކާރުން ކުރުވާފައި ހުރި މަސައްކަތްތަކަށް ދިން ފައިސާ. މިދިޔަ ހަފްތާގައި އެކަނި 501 މިލިއަން ރުފިޔާ ދޫކޮށްފިން. އެ އިންޑިވިޖުއަލް ފަރާތްތަކަށް، އެއިން ކޮންމެ ބޭފުޅަކަށް އެކަން މިހާރު އެނގިވަޑައިގަންނަވާނެ. އެހެންވީމާ، ރައްޔިތުން މުއްސަނދި ކުރަމުން، ރައްޔިތުންނަށް ދޭންހުރި ފައިސާ ދެމުން، ރައްޔިތުންގެ ފައިސާ ހޯދަމުން، ޢަދުލުވެރި ނިޒާމެއް ޤާއިމުކުރަމުން އަޅުގަނޑުމެން ކުރިއަށް މިގެންދަނީ. އެހެންވީމާ، އިރާދަކުރެއްވިއްޔާ އެގޮތުގެ މަތިން، ކުރިއަށް އޮތް ތާނގައިވެސް އަޅުގަނޑުމެން ކުރިއަށް ގެންދާނީ.

ހަމައެއާއެކީގައި، ސޮވްރިންގ ޑިވެލޮޕްމަންޓް ފަންޑުގައި 2 މިލިއަން ޑޮލަރު ހުރީ. އަޅުގަނޑުމެން މި އަހަރެއްހާ ދުވަސް މިވަނީ. މި އަހަރުގެ ތެރޭގައި، އެ ސޮވްރިންގ ޑިވެލޮޕްމަންޓް ފަންޑަށްވެސް 78 މިލިއަން ޑޮލަރާ ހަމަޔަށް ފައިސާ ޖަމާކޮށްފިން. 2 މިލިއަނުން 78 މިލިއަން ޑޮލަރަށް. ދެން އޭގެ ބޭނުން، އެކިފަހަރު އެކި ޕޭމަންޓްސްތައް ހެދުމަށް، ރައްޔިތުންގެ ޙައްޤުގައި އަޅުގަނޑުމެން ޕޭމަންޓްސް ހަދައި، އަނެއްކާ އެ ރިކަވަރ ރިޕްލޭސް މި ކުރަނީ. އެހެންވީމާ، އަޅުގަނޑުމެންގެ އަމާޒަކީ، 78 މިލިއަނުން 100 މިލިއަން ޑޮލަރަށް، އަޅުގަނޑު ކުރިންވެސް ދެންނެވި ފަދައިން، އަދި ގޮސް މި އަންނަ އަހަރު ނިމެންވާއިރަށް، 150 މިލިއަން ޑޮލަރާ ހަމަޔަށްވެސް ގެންދިޔުން.

އެހެންވީމާ، އަޅުގަނޑުމެންގެ އެބައޮތް ޕްލޭނެއް. އަޅުގަނޑުމެންނަށް މިކަން ކުރަންވާގޮތް އިރާދަކުރެއްވީތީ އެނގޭ. އަޅުގަނޑުމެންގެ ޓީމަކީ ވަރަށް ޓެކްނިކަލް ވަރުގަދަ ޓީމެއް. އަޅުގަނޑުމެންގެ އިޤްތިޞާދު ވަރުގަދަކުރުމަށްޓަކައި ނުހަނު ގިނަ މަސައްކަތްތަކެއް އެހެންވެގެން މި ކުރިއަށް ގެންދަނީ.

ޗައިނާ ސަރުކާރުގެ އެހީތެރިކަމާއެކީގައި، ލޯކަލް ކަރަންސީ ސެޓްލްމަންޓް އެގްރީމެންޓެއްގައި އެވަނީ ސޮއިކޮށްފައި. އިންޑިޔާ ސަރުކާރާ އެކީގައި ހަމަ އެފަދަ އެގްރީމެންޓެއްގައި ސޮއިކުރުމުގެ އެމް.އޯ.ޔޫ. ޑްރާފްޓް މިހާރު ޙިއްޞާކުރެވި، ވަރަށްބާރު ސްޕީޑްގައި އެދަނީ ކުރިއަށް.
ރުޕޭ ކާޑު ތަޢާރުފް ކުރެވިއްޖެ. ވީޗެޓް ޕޭ ތަޢާރުފް ކުރެވިއްޖެ. އަޅުގަނޑުމެންގެ އިޤްތިޞާދު ސިންދަފާތު ކުރުމަށްޓަކައި، ޑައިވައިސިފައި ކުރުމަށްޓަކައި ނުހަނު ގިނަ މަސައްކަތްތައް އެދަނީ ކުރިއަށް. އެކިއެކި ދާއިރާތަކަށް. މިހާތަނަށް އޮތީ ޓޫރިޒަމާއި މަސްވެރިކަން. އެ ނިމުނީ. އަޅުގަނޑުމެން އެހެން ހުރިހާ ދާއިރާތަކަށްވެސް ފުޅާކުރަން ބޭނުން. ބަންކަރިންގ ސަރިވސް ފަށައިފިން. އިންޓަރނޭޝަނަލް ފައިނޭންޝަލް ސަރވިސަސް އޮތޯރިޓީއެއް ޤާއިމުކޮށް، އެއަށް ބޭނުންވާ ބިލު އިރާދަކުރެއްވިއްޔާ މަޖިލީހަށް ވަރަށް އަވަހަށް ވަންނާނެ. ވަނީމަ، އެ ފާސްވެގެން އައިމަ، އިރާދަކުރެއްވިއްޔާ، އެ އުފެދުނީ އަނެއްކާ އަނެއް ދާއިރާ.

ޑިޖިޓަލް ކަރަންސީ ތަޢާރުފް ކުރުމަށް އެމް.އެމް.އޭ.އަށް އަޅުގަނޑުމެން ވާނީ ދަންނަވާފައި. ޑިޖިޓަލް ކަރަންސީ އަޅުގަނޑުމެންގެ ޤައުމަށް ގެނެވިއްޖިއްޔާ، އަނެއްކާ އިރާދަކުރެއްވިއްޔާ އެ ހުޅުވެނީ، އަނެއް ދާއިރާ. މިހެންގޮސް އިޤްތިޞާދު ޑައިވައިސިފައި ކުރުމަށްޓަކައި ނުހަނު ގިނަ މަސައްކަތްތަކެއް އަޅުގަނޑުމެން ކުރަން ފަށާފައި މިވަނީ.

އަޅުގަނޑުމެންގެ އެކުވެރި ބައެއް ޤައުމުތަކާ އެކީގައި، ފްރީ ޓްރޭޑް އެގްރީމެންޓްތަކުގައި ސޮއިކުރެވި، އޭގެ ސަބަބުން ޢާންމު ވިޔަފާރިތަކަށް، ވިޔަފާރިވެރިންނަށް މުއްސަނދިކަން އަންނާނެ. ދަންނަވަންތޯ، އަޅުގަނޑުމެންގެ ބަޖެޓުން އަޅުގަނޑުމެންނަށް އާމްދަނީއަށް ލިބޭ ފައިސާކޮޅެއް މަދުވެދާނެ، އިމްޕޯޓް ކުރާ އެއްޗެހިން. އެހެން ނަމަވެސް، ޢާންމު ރައްޔިތުން މުއްސަނދިވޭ އެބަ. އެއިން އެބަ ލިބޭ ޓެކްސް. ޖީ.އެސް.ޓީ. އަޅުގަނޑުމެންނަށް މުހިންމީ، ރައްޔިތުން މުއްސަނދިކޮށްގެން، ރައްޔިތުން ބާރުވެރިކޮށްގެން، އަޅުގަނޑުމެންގެ ޤައުމުގެ އިޤްތިޞާދު ފުޅާކުރަން.

އެހެންވީމާ، އެފް.ޓީ.އޭ.ގައި ސޮއިކުރެވިފައި މިވަނީ ޗައިނާއާ އެކީގައި. ތުރުކީއާ އެކީގައި މިދިޔަ ހަފްތާގައި ސޮއިކުރެވިއްޖެ. އަދި އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން އެހެން ޤައުމުތަކާ އެކީގައި، އިންޑިޔާއާ އެކީގައިވެސް ވާހަކަ ދައްކަމުން މިދަނީ. އިނގިރޭސިވިލާތާ އެކީގައި ވާހަކަ ދެކެވޭ އެބަ. އެހެންވީމާ، ފްރީ ޓްރޭޑް އެގްރީމެންޓްތައް ހެދިގެން މިދަނީ.

އެއަރޕޯޓުގެ މަސައްކަތް، ބާރު ސްޕީޑްގައި އެދަނީ. ވަރަށް ލަސްކޮށްދިޔަ މަސައްކަތެއް. އެހެން ނަމަވެސް، މިހާރު އެކި ބައިތައް ހުޅުވެމުން ހުޅުވެމުން އެދަނީ. އަޅުގަނޑަށް އެމް.އޭ.ސީ.އެލް.ގެ އެމް.ޑީ. އެންމެފަހުން ޔަޤީންކަން ދެއްވި ގޮތުން، މި އަންނަ އަހަރު، 2025ގެ ޖޫންއާ ހަމަޔަށްދާއިރުގައި، މިހާރު އެދާ ސްޕީޑްގައި ގޮސް، ޓަރމިނަލްގެ މަސައްކަތް ނިމޭނެ. އިރާދަކުރެއްވިއްޔާ، އަޅުގަނޑު އުންމީދުކުރަނީ، އަދި ޔަޤީންކުރަނީ، އެ މަސައްކަތް އެހާތަނަށް ނިމޭނެކަމަށް. އޭރުން އަޅުގަނޑުމެންނަށް އެ ހުޅުވެނީ، އެންމެބޮޑު ދޮރާށި، އިޤްތިޞާދު ފުޅާކުރުމަށް، ޓޫރިޒަމް ފުޅާކުރުމަށްޓަކައި. އެހެންވީމާ، މިގޮތަށް އަޅުގަނޑުމެން މަސައްކަތްތައް މިގެންދަނީ. އިހަވަންދިއްޕޮޅުގައި އެވަނީ ވަރަށް މުހިންމު މަސައްކަތެއް ފެށިފައި. "މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ"ގެ ނަމުގައި މި ފެށި މަސައްކަތް، ފަހަރަކަށްވުރެ ފަހަރެއް އެދަނީ ޙަޤީޤަތަކަށް ވަމުން.

އެހެންވީމާ، އަޅުގަނޑުމެން މިގެންދަނީ ވަރަށްބާރު ސްޕީޑްގައި، އިޤްތިޞާދީ އެޖެންޑާއެއް ތަންފީޛު ކުރަމުން. އަޅުގަނޑުމެންގެ ސްޕެޝަލް އިކޮނޮމިކް ޒޯންތައް އުފެއްދުމަށްޓަކައި ފުރުޞަތު ހުޅުވައިލެވި، މިހާރު އެވަނީ އެއްފަރާތަކުން ސޯލަރ ޕަވަރ، ސޯލަރ ސިޓީއެއް ޤާއިމުކުރުމަށް މާލެއަތޮޅު ފަޅެއް ހަވާލުކުރެވިފައި. އެކަންވެސް ޤާއިމުވެގެން ދިޔައިމާ، އަޅުގަނޑުމެންގެ ޤައުމަށް އެ ލިބެނީ، ތެލަށް ކުރާ ޚަރަދު، އެތައް ތަނަކުން ކުޑަވެގެންދިޔުމުގެ ފުރުޞަތު.

އެހެންވީމާ، މިފަދަ އެތައް ގިނަ ކަންތައްތަކެއް މިދަނީ ކުރެވެމުން. އަދި ކޮބައިތޯ. އެންމެ އާދައިގެ ލެވެލްއިން، ރައްޔިތުން ބޭނުންވަނީ ރަށުގައި ހުރެގެން އޭ.ޓީ.އެމް.އިން ފައިސާ ނަގަން. އިހަށްދުވަހު އެ މަޝްރޫޢު އެ ފެށުނީ. އެ މަޝްރޫޢު ތަންފީޛުވެ، މި އަންނަ އަހަރު ނިމޭއިރުގައި، ރާއްޖޭގެ ކޮންމެ ރަށެއްގައި، އެއީ، 100 މީހުން ތިބި ރަށެއްވިޔަސް، ކޮންމެ ރަށެއްގައި، އޭ.ޓީ.އެމް. މެޝިނެއް ހުންނާނެ. ބައެއް ބޭފުޅުން ވިދާޅުވެދާނެ، މިއީ ދެމެހެއްޓެނިވި ގޮތެއް ނޫނޭ. އެ ރައްޔިތުން، އެ ކުދިކުދި އާބާދީތައް ބޮޑު ރަށަކަށް ބަދަލުވަންދެންވެސް އެތާ ތިބެންޖެހޭ ނޫންތޯ. އެއީ، އަޅުގަނޑުގެ މެނިފެސްޓޯގައި ލިޔެފައި އޮތް ވާހަކައަކީ. ކުދިކުދި ހުރިހާ ރަށެއްގައިވެސް ރައްޔިތުން ދިރިއުޅޭހާ ހިނދެއްގައި، އެ ރަށަށް ބޭނުންވާ ކަންތައް، އެއިރަކަށް ބޭނުންވާވަރަށް، އެ އާބާދީއަކަށް ވާވަރަށް ހުންނަންވާނެ. އެހެން ނަމަވެސް، ލޯންގ ޓާރމް ޑިވެލޮޕްމަންޓް ޕްލޭނެއްގެ ދަށުން، ޕޮޕިއުލޭޝަން އެންޑް ޑިވެލޮޕްމަންޓް ކޮންސޮލިޑޭޝަން ސިޔާސަތެއްގެ ދަށުން އާބާދީއާއި ތަރައްޤީ އެއްފަސްކުރެވެން ވާނެ. އެއީ، އަޅުގަނޑުމެންގެ ސިޔާސަތަކީ.

އާދެ، އަޅުގަނޑު ކުރިންވެސް ދެންނެވި ފަދައިން، އަޅުގަނޑުމެންގެ އެއަރޕޯޓް ފުޅާވެގެންދާއިރުގައި، ޓޫރިޒަމް އިތުރުވެގެންދާނެ. މި އަހަރަކީ އިރާދަކުރެއްވިއްޔާ ފުރަތަމަފަހަރަށް ދެ މިލިއަނަށްވުރެ ގިނަ ޓޫރިސްޓުން ރާއްޖެ އަންނަ އަހަރު. އިރާދަކުރެއްވިއްޔާ އެކަން ޑިސެންބަރު މަހުގެ ތެރޭގައި ހާސިލުވާނެ. ދެ މިލިއަނަށްވުރެ ގިނަ ޓޫރިސްޓުން އަންނާނެ. މިހާރުވެސް އަޅުގަނޑުމެންނަށް މަތީ އެވޯޑުތައް، ޢާންމުކޮށް އަޅުގަނޑުމެންގެ ޤައުމުން ހޯދަމުންދާ އެވޯޑުތައް، މި އަހަރުވެސް އިރާދަކުރެއްވިއްޔާ ލިބެމުން އެދަނީ. އިންޑިއަން އޯޝަންގެ ލީޑިންގ ޑެސްޓިނޭޝަން އެވޯޑާއި، ހަނީމޫން ޑެސްޓިނޭޝަން އެވޯޑް އަދި އަލަށް ގްރީން ޑެސްޓިނޭޝަން އެވޯޑްވެސް ރާއްޖެއަށް ލިބިއްޖެ. އަދި އިރާދަކުރެއްވިއްޔާ، އިންޓަރނޭޝަނަލް އެވޯޑުތަކަށްވެސް އަޅުގަނޑުމެން ވަނީ ނޮމިނޭޓް ވެފައި.

އާދެ، އެހެންވީމާ، އަޅުގަނޑުމެން މި މަސައްކަތް މި ކުރަނީ މި ދެންނެވި ބީދައިން. މި އަހަރު އެކަނި 1984 ބެޑް، ޓޫރިޒަމް ބެޑް، ރާއްޖެއަށް އިތުރުކުރެވިއްޖެ. މި އަހަރު އެކަނި 1984 ބެޑް އިތުރުކުރެވިއްޖެ.

އާދެ، އަޅުގަނޑުމެންގެ އިޤްތިޞާދު ސިންދަފާތު ކުރުމުގެ ތެރެއިން އަލަށް ސަމާލުކަމެއް ދޭން މި ފެށީ ދަނޑުވެރިކަމަށް. ދަނޑުވެރިކަމާ ބެހޭ ވުޒާރާއެއް، އަޅުގަނޑު ވަޢުދުވީ ގޮތަށް އުފެއްދީ އެހެންވެގެން. ދަނޑުވެރިކަމުގެ ދާއިރާއިން އިރާދަކުރެއްވިއްޔާ އިންވެސްޓް ކުރުމަށްޓަކައި. ރާއްޖޭގައި އުފެއްދޭނެ ކާބޯތަކެތީގެ މައިގަނޑު ބާވަތްތައް ރާއްޖޭގައި އުފެއްދުމަށްޓަކައި މިހާރު އެކަމާ ގުޅޭ އެގްރީމަންޓްގައި ސޮއިކުރެވިގެން، މަސައްކަތުގެ އިނީޝިއަލް ސްޓޭޖްގައި މިދަނީ. ބޮޑު މަސައްކަތެއް. އެހެން ނަމަވެސް، ޔަޤީންކަމާ އެކީގައި ހާސިލުކުރެވޭނެ މަސައްކަތެއް. އެހެންވީމާ، އެގްރިކަލްޗަރގެ ދާއިރާއިންވެސް އަޅުގަނޑުމެން މިގެންދަނީ އަޅުގަނޑުމެންގެ އިޤްތިޞާދު ފުޅާކުރުމަށްޓަކައި ކުރެވޭނެ މަސައްކަތްތައް ކުރަމުން.

އާދެ، އަޅުގަނޑު މި ދަންނަވާ ފަދައިން، މިކަންކަން މި ކުރިއަށް މިގެންދެވެނީ، ރައްޔިތުން ތިޔަ ދެއްވާ އެއްބާރުލުމާ އެކީގައި. އަޅުގަނޑު ކުރިންވެސް ދެންނެވި ފަދައިން، ރައްޔިތުންގެ ފަޅީގައި ތިބެގެން އަޅުގަނޑުމެން މި މަސައްކަތް ކުރަނީ. އެއްވެސް ހާލެއްގައި، އެއްވެސް ހިނދުކޮޅަކަށް އަޅުގަނޑުމެން ހަނދާނެއް ނުނެތޭ އެކަމެއް. ރައްޔިތުންކަން މިކަންކަން ކުރަން ހަވާލުކުރީ. އެ ހަނދާންކޮށްގެން، ރައްޔިތުންގެ ފަޅީގައި ތިބެގެން، ސަރުކާރު އޮވެގެން ކުރާ މަސައްކަތް އަޅުގަނޑު މިކުރަނީ.

އެހެންވެގެން އަޅުގަނޑު ވަޢުދުވީ، ގެދޮރުވެރިކަން އެއީ، އެންމެ މުހިންމު، ކުރިން ދެންނެވި މިނިވަންކަމާއި ސިޔާދަތު ޔަޤީންކުރުމަށްފަހު، އަޅުގަނޑު އެންމެ އިސްކަންދޭނެ ކަންތަކޭ. އަބަދުވެސް މި ދަންނަވަނީ އެހެން. ގެދޮރުވެރިކަމަށް އަޅުގަނޑު އެންމެ އިސްކަން ދޭނެ ވާހަކަ އަޅުގަނޑު އަބަދުވެސް ދަންނަވަން.

އާދެ، އަޅުގަނޑުމެން މި އަންނަ އަހަރަށް މި ހުށަހަޅާ ބަޖެޓް ބައްލަވާ! އެ ބަޖެޓަށް އަޅުގަނޑު ކިޔަނީވެސް "ބޯހިޔާވަހިކަމުގެ ބަޖެޓް." އެއީ، ސަބަބެއް އޮތީމަ. ރާއްޖޭގެ ތާރީޚުގައި ފުރަތަމަފަހަރަށް، އެންމެގިނަ ޢަދަދު، ބޯހިޔާވަހިކަން ޔަޤީންކުރުމަށް ހިމެނި ބަޖެޓް، މި އަންނަ އަހަރު މި ހުށަހަޅަނީ. އެންމެ ގިނަ ޢަދަދު. އެއީ، ޢަމަލީ މަޝްރޫޢުތައް ހިންގުމަށް 1500 މިލިއަން ރުފިޔާ، 1.5 ބިލިއަން ރުފިޔާ، މި އަންނަ އަހަރުގެ ބަޖެޓުގައި ގެދޮރުއެޅުމަށް ހިމަނާފައި ވާނެ. ގެދޮރުއެޅުމަށް. ހަމައެއާއެކުގައި، އިހަށްދުވަހު މި ލޯންޗްކުރި، މިހާރު ތިޔަބޭފުޅުންނަށް އެޕްލައި ކުރެއްވޭ، ފަސް ޕަސެންޓް ސަރވިސް ޗާޖަށްވުރެ ބޮޑުނޫން ހައުސިންގ ލޯނު. އެއީ، އިސްލާމިކް ފައިނޭންސް، އިސްލާމިކް ލޯން ސްކީމެއް، ޝަރީޢާ ކޮމްޕްލެއިންޓް ލޯން ސްކީމެއް އެއީ. ފަސް ޕަސެންޓަށްވުރެ ބޮޑުނޫން ސަރވިސް ޗާޖެއް ހިމެނޭ. ޢާންމުކޮށް ބޭންކްތަކުން ދިހަ ބާރަ ޕަސެންޓްގައި ހުންނަނީ. މި ލޯން ސްކީމަށް އެކަނި، މި އަންނަ އަހަރުން ފެށިގެން، ކޮންމެ އަހަރެއްގެ ބަޖެޓުގައި، އެއްހާސް މިލިއަން ރުފިޔާ، އެއް ބިލިއަން ރުފިޔާ ހިމެނިފައި ވާނެ. އެހެންވީމާ، އެއް ބިލިއަން ރުފިޔާގެ މި ލޯން ސްކީމް، އިފެކްޓިވްލީ ބޭންކްތަކުން އެ ލޯނު ލިބިގެންދާއިރުގައި، ޙަޤީޤަތުގައި ދެ ބިލިއަނަށްވުރެ ގިނަ ރުފިޔާގެ ލޯނު، މި އަންނަ އަހަރުވެސް ތިޔަބޭފުޅުންނަށް ނެންގެވޭނެ. އެއީ، އިންޓްރެސްޓް ރޭޓް، ނޫނީވިއްޔާ ސަރވިސް ޗާޖްގެ ޑިފަރެންސް އަޅުގަނޑުމެން ބޭންކްތަކަށް ޕޭކުރާ ނިޒާމެއްވީމަ.

އެހެންވީމާ، ގާތްގަނޑަކަށް ދެ ބިލިއަން ރުފިޔާގެ ލޯނު، އެއީ، އަލަށް ގޯތީގައި ގެދޮރުއެޅުމަށާއި، ހަދަން ފަށައި ނުނިމިހުރި ގެ ހެދުމަށާއި، އަދި އުޅެމުންދާ ގެ ބާވެގެން މަރާމާތުކޮށްލުމަށް ވިޔަސް، މި ތިން ބާވަތަށްވެސް ލޯނު ނެގޭނެ މިއިން. ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް. ކުޑަ އާބާދީއަކަށްވިޔަސް، ބޮޑު އާބާދީއަކަށްވިޔަސް، އެ ކަނޑައެޅިފައި އޮތް އުޞޫލުން، ކަނޑައެޅިފައި އޮތް ލެވެލްއަކަށް ލޯނު ނެގޭނެ. މާލޭގައި ވިއްޔާ، ޢާއިލާ ބަހާލާފައި އޮތީމަ، ގޯތި އެއްކޮށްލައިގެންވެސް، ދިހަ މިލިއަނާ ހަމަޔަށް، ބައެއް ބޭފުޅުންނަށް ލޯނު ނެންގެވޭނެ.

އެހެންވީމާ، މި ލޯން ސްކީމަށްވެސް މިވަނީ އެއްހާސް މިލިއަން ހިމަނާފައި. މިއީ ރަނުގެ ފުރުޞަތެއް، ގެދޮރުވެރިކަން ޔަޤީންކުރުމަށް، މާލޭގެ ރައްޔިތުންވެސް އަދި ރާއްޖޭގެ ލޮބުވެތި ހުރިހާ ރައްޔިތުންވެސް. ގެދޮރުވެރިކަމުގެ ލޯން ސްކީމާއި، މި ދެންނެވި ގެދޮރުއެޅުމަށް ހިމެނި 1.5 ބިލިއަނާ އެކީގައި، 2.5 ބިލިއަން ރުފިޔާ، މި އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައި ވާނެ. އަޅުގަނޑުމެން މަޑުކުރާކަށް ބޭނުމެއް ނޫން، 2028 އަންނަންވާއިރަށް، އިންތިޚާބު ގާތްވީމާ، އެހެންޏާ ކަންތައްވާހެން އިންތިޚާބެއް ކައިރިވީމާ، ރައްޔިތުންގެ ބޯހިޔާވަހިކަން މަތިން ހަނދާންކުރާކަށް.

އަޅުގަނޑުމެން މިހާރު މި ތަންފީޛުކޮށް ނިމެނީ، އަޅުގަނޑުމެންގެ އެއްވެސް ބާރެއް އޮވެގެން ހެދި ބަޖެޓެއް ނޫން. އަޅުގަނޑުމެން އެދުނު ކަމެއްވެސް ހިމަނާފައި އޮތީކީ ނޫން ބުނިގޮތަކަށް. އަޅުގަނޑުމެންގެ އަމިއްލަ ބާރާއެކީގައި ހަދާ ފުރަތަމަ ބަޖެޓުވެސް މިއޮތީ ޚާއްޞަކޮށްފައި ބޯހިޔާވަހިކަމަށް. އެހެންވީމާ، އަޅުގަނޑު ވަޢުދުވީ ގޮތަށް، ފެނިގެންދާނީ އިރާދަކުރެއްވިއްޔާ، ގެދޮރުވެރިކަމުގެ ރަން ޒަމާނެއް ދިވެހި ރައްޔިތުން ދެކޭތަން.

އާދެ، އަޅުގަނޑު ދެންނެވިން، 20 އަހަރު ދުވަހުގެ މާސްޓަރ ޕްލޭނެއް ކަނޑައަޅާނެ ވާހަކަ. އެއީ، ވަރަށް މުހިންމު ސަބަބަކަށްޓަކައި ދެންނެވި ވާހަކައެއް. އަޅުގަނޑު ކުރިން ދެންނެވިން، ރައްޔިތުން ވެރިކަމަށް މީހަކު ހޮވީމަ، ރައްޔިތުންގެ މަތިން ހަނދާންނައްތާލާފައި، އޭނަގެ ވެރިކަން ދިފާޢުކުރުމަށްޓަކައި އެކިކަހަލަ ނުބައި ރޭވުންތައް ރާވައި، ޑަރޓީ ޕޮލިޓިކްސް ކުޅުމެއް ނޫނޭ، އެކަން އޮންނަ ގޮތަކީ. އަޅުގަނޑުމެން ބޭނުންވަނީ، އިޚްލާޞްތެރިކަމާ އެކީގައި ރައްޔިތުންނަށް ކަންކަން ކޮށްދޭން، އަޅުގަނޑާ ހަވާލުކުރި ފަސް އަހަރުގެ ތެރޭގައި.

އެހެންވީމާ، އަޅުގަނޑު ނިންމީ، 20 އަހަރު ދުވަހަށް، ހުރިހާ ރައްޔިތުން ކައިރީ އަހައިގެން، ރާއްޖެ ތަރައްޤީކޮށްފައި ބާއްވަން ރައްޔިތުން ބޭނުންވާ ގޮތެއް ނިންމަން. ކޮންމެ ދައުރެއް ބަދަލުވެގެން، ސިޔާސީ ބަޔަކު ބޭނުންވާ ގޮތަށް ޖަހަން އޮންނަ ބޯޅައެއްހެން ރައްޔިތުން ބޭނުންނުކޮށް، ރައްޔިތުން ކައިރީ އަހާލުމެއް، ކަހާލުމެއްނެތި، ބޭނުންހާ ގޮތަކަށް ބަދަލުކޮށްލާ ގޮތަކަށް ރާއްޖޭގެ ކަންކަން ބާއްވާކަށް ބޭނުމެއްނޫން. ހުރިހާ ރަށެއްގެ ރައްޔިތުން ކައިރީ އަހައި، ފަންނީ ބޭފުޅުން ކައިރީގައި އަހައި، ހުރިހާ ސްޓޭކް ހޯލްޑަރުންގެ މަޝްވަރާއާ އެކީގައި ހެދޭ ރާއްޖޭގެ ތަރައްޤީގެ ޕްލޭނެއް އޮންނަން ބޭނުމޭ. އަދި އެއީ، ޤާނޫނުއަސާސީންވެސް ބާރު ލިބޭ، ޤާނޫނެއް އެކަމަށް ޚާއްޞަ ކުރެވިގެންދާ ކަމަކަށް ހަދަން ބޭނުމޭ. އެކަމަށް އަޅުގަނޑު ވަޢުދުވިން. އެ މަސައްކަތް އިރާދަކުރެއްވީތީ ފެށިފައި އެވަނީ. މިކަންވެސް އޮޅުވާލަން، ބައެއް މީހުން އެބަ މަސައްކަތް ކުރޭ. އެހެންވީމާ، އޮޅުވާލަން މަސައްކަތް ކުރާތީ، ހަނދާން އާކޮށްލަދޭން އަޅުގަނޑު ބޭނުން.

އަޅުގަނޑު ހުވާކުރި ދުވަހު ހުވާކޮށް، ރައްޔިތުންނާ ވާހަކަ ދައްކަމުން ދެންނެވިން.

"މިކަމުގެ ބޭނުމަކީ، ދިވެހި ރައްޔިތުންގެ ހުވަފެންތަކާއި، ތަޞައްވުރުތަކުގެ އެހީގައި، ރައްޔިތުން އެދޭގޮތަށް ދިވެހިރާއްޖޭގެ މުސްތަޤްބަލް ކުރަހައި ބައްޓަންކުރުން. ރައްޔިތުންގެ އެ ހުށަހެޅުންތަކުގެ މައްޗަށް، ކުރިއަށް އޮތް 20 އަހަރު ދުވަހަށް، ޤައުމީ ތަރައްޤީގެ މާސްޓަރ ޕްލޭނެއް އެކުލަވާލައި، އެ ޕްލޭނަށް ޤާނޫނީ ބާރުވެރިކަން ދިނުން. މި ވަގުތަށް އެކަށައެޅިފައި ހުރި ކަންކަމަށް ބަލާއިރުވެސް، ރާއްޖޭގެ އެންމެ އުތުރާއި އެންމެ ދެކުނުގައި، އިންޓަރގްރޭޓެޑް ޑިވެލޮޕްމަންޓް ޒޯނުގެ ދެ ޒޯނެއް ތަރައްޤީ ކުރަން ކަނޑައެޅިފައި ވާނެ. ހަމަ އެހެންމެ، ރާއްޖޭގެ އެހެން ސަރަހައްދުތައް ޝާމިލްވާހެން، 7 އަރބަން ސެންޓަރެއް، ނުވަތަ ޢުމްރާނީ ބިނާވެށީގެ 7 ބިނާވެށްޓެއް، ރާއްޖޭގެ 7 ސަރަހައްދެއްގައި ފައްކާކުރެވޭނެ."

އަޅުގަނޑު އަބަދުވެސް ދައްކާ ވާހަކަ، އެއް ވާހަކައެއް ދައްކަނީ. ސިޔާސީގޮތުން އަޅުގަނޑުމެންގެ ވާދަވެރިން، ވާހަކަ އޮޅުވާލަން ދޮގުހަދަނީ. ދޮގުހަދާ މީހުންނަށް ހެދެނީ ދޮގުކަންނޭނގި، އަޅުގަނޑުމެން ބޮލުގައި ދޮގުއަޅުވަން އުޅުމަކީ، އެ ބޭފުޅުން އަމިއްލައަށް ފަޟީޙަތްވާ ކަމެއް ކަމަށް އަޅުގަނޑަށް ގަބޫލުކުރެވެނީ.

އާދެ، އެހެންވީމާ، މި ދެންނެވި ބީދައިން، އަޅުގަނޑުމެން ޤައުމު އިރާދަކުރެއްވިއްޔާ ތަރައްޤީ ކުރަން ބޭނުންވަނީ. އެއީ ކީއްވެތޯ؟ އަޅުގަނޑުމެންގެ ޤައުމަކީ ވަރަށް ނާޒުކު ޤައުމެއް. ނާޒުކޭ މި ދަންނަވަނީ، ތިމާވެށީގެ ގޮތުން ނާޒުކު ވާހަކަ. ސަރަހައްދީ ތަރައްޤީ ބޭނުންވަނީ އެހެންވެގެން. 200 ރަށުގައި، 186 ރަށުގައި އަޅުގަނޑުމެންނަކަށް ނޫޅެވޭނެ. މި ފެކްޓް ގަބޫލުކުރަން އެބަޖެހޭ. ކްލައިމެޓް ޗޭންޖް އިޒް ރިއަލިޓީ.

މިރޭ އަޅުގަނޑު ފުރާ ވާހަކަ ދެންނެވިން ދޮގެއްތޯ. މާދަމާ، އޯ.އައި.ސީ. ޢެރެބް ސަމިޓް ނިންމާފައި، އެ ތަނުން، ސަޢޫދީ ރަސްގެފާނުގެ ޚާއްޞަ އެހީތެރިކަމާއެކީގައި، ސްޕެޝަލް ފްލައިޓެއްގައި މިރޭ ސަޢޫދީއަށް ދަނީ. އަދި ސަޢޫދީން ބާކޫއަށްވެސް ދަނީ. އަޅުގަނޑު ދަނީވެސް ބާކޫއަށް، އަޒަރުބައިޖާނަށް، ޖެހިގެން އަންނަ ދުވަހު މިދަނީ ކޮޕް-29 ގައި ބައިވެރިވާން. ރައްޔިތުންގެ ޙައްޤުގައި. ދިވެހިރާއްޖޭގެ މި ކްލައިމެޓް ނާޒުކު ޙާލަތު ރަނގަޅުކުރުމަށްޓަކައި، ކްލައިމެޓް ޗޭންޖަށް ބޭނުންވާ ފަންޑު ހޯދުމުގައި، އެންމެ އިސް ދައުރެއް އަދާކޮށް، ރައްޔިތުންގެ ފަރާތުން އަޑުއިއްވައި، އަޅުގަނޑުމެންގެ މި އެންވަޔަރަންމަންޓް ހަލާކުކުރާ މީހުންގެ އަތުން ރައްޔިތުންނަށް ފައިސާ ހޯދުމަށްޓަކައި. އެހެންވީމާ، މި ޤައުމުގެ މި ނާޒުކު ތިމާވެށި މިހެން އޮތުމާ އެކީގައި، ސަރަހައްދީ ތަރައްޤީ ބޭނުންވަނީ.

މިއީ ފަންނީ ވާހަކަތަކެއް. މިއީ ސިޔާސީ ވާހަކައެއް ނޫން. ބައެއް މީހުން ބުނޭ، އަޅުގަނޑަކީ ސިޔާސީ މީހެއް ނޫނޭ. ސިޔާސީ މީހަކަށްވުމަކީ، ތިމަންނަ ބޭނުންވާގޮތް އިސްކޮށް، މަވެތިކަން އިސްކޮށް، ރައްޔިތުންގެ މަތިން ހަނދާންނައްތާލައި، އޭނަގެ ހުރިހާ މަޞްލަޙަތެއް އިސްކުރުން ކަމަށްވަންޏާ، އަޅުގަނޑު އެކަހަލަ ސިޔާސީ މީހަކަށްވާކަށް ބޭނުމެއްނޫން. ފަޚުރުވެރިކަމާއެކީގައި ދަންނަވަން. މިއީ އެކަހަލަ ސިޔާސީ މީހެއް ނޫން. އެހެންވީމާ، ރައްޔިތުންނަށް މުހިންމު ކަންކަން، އުނދަގޫ ބޮޑެތި މައްސަލަތަކުގައި އަތްލަނީވެސް މި ޖެހިލުމެއްނެތި. އާދެ، އެހެންވީމާ، ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްޤީ ހާސިލުކުރުމަށްޓަކައި، މި ދެންނެވި ފަދައިން، ތިމާވެށި ޙިމާޔަތް ކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް މިގޮތުން މިކުރަނީ.

މިގޮތުން ބަލާއިރު، މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ކުރި ބައެއް ކަންކަން އަޅުގަނޑު ދަންނަވާލާނަން.

އާދެ، އަޅުގަނޑު ވާނީ ކޮޕް-28 ގައި، މިހާރު މިދަނީ 29 އަށް. ކޮޕް-28 އަށް ގޮސް އިޢުލާނުކުރީ މުޅި ދުނިޔެއަށް. 2028 އަންނަންވާއިރު އަޅުގަނޑުމެން ބޭނުމޭ، މިހާރުން ފެށިގެން ކޮންމެ އަހަރެއްގެ މަސައްކަތްތައް ކުރެވިގެން ގޮސް، އަޅުގަނޑުމެން އެންމެބޮޑަށް ތެލަށް ކުރާ ޚަރަދު ކުޑަކުރުމަށްޓަކައި 33 ޕަސެންޓްގެ ދެމެހެއްޓެނިވި ހަކަތަ ނިޒާމު ގެންނަން. އަޅުގަނޑުމެންގެ އެނަރޖީ ބިލުގެ 33 ޕަސެންޓަކީ، ރިނިއުބަލް އެނަރޖީން އުފައްދާ ހަކަތައަށް ހަދަން ބޭނުންވެއޭ. އެހެންވީމާ، އެކަން ކުރުމަށްޓަކައި އަޅުގަނޑުމެން މި މަސައްކަތް ފަށައިގެން ބާރަށް މިގެންދަނީ.

މިދިޔަ 51 ހަފްތާގެ ތެރޭގައި، 15 މެގަވޮޓްގެ ސޯލަރ ޕަވަރ ރާއްޖޭގައި އިތުރަށް އުފެއްދެން ފެށިއްޖެ. އަދި ހަމައެއާއެކީގައި، މިހާރު އޮންގޮއިންގ، ހިނގަމުން އެބަދޭ، 164 މެގަވޮޓްގެ ސޯލަރ ޕަވަރ އުފެއްދުމުގެ މަސައްކަތް.

ހަމައެއާއެކީގައި، ތިޔައިން ކޮންމެ ބޭފުޅެއްވެސް ބޭނުންފުޅުވަންޏާ، "މަގޭ ސޯލަރ މަޝްރޫޢު"، މި މަޝްރޫޢުގައި ބައިވެރިވެވޭނެ. އަމިއްލަފުޅު ގޭގެ ފުރާޅުގައި ސޯލަރ ޕަވަރ ޖެހުމަށް އެހީތެރިކަން ލިބޭ މަޝްރޫޢެއް މިއީ. މި މަޝްރޫޢުގައިވެސް ބައިވެރިވުމުގެ ފުރުޞަތު ވަނީ ހުޅުވައިލެވިފައި.

ފަސް މިލިއަން ގަސް އިންދަން ފަށައިފިން. މިހާރު ހަތަރުލައްކަ ކޮންމެވެސްވަރެއްގެ ގަސް އިންދިއްޖެ. ފަސް މިލިއަން ގަސް އިންދައި، ރާއްޖެ ފެހިކުރުމުގެ މަސައްކަތްވެސް ފެށިއްޖެ.

ބ. އަތޮޅުގެ އިތުރުން، އިތުރު ތިން އަތޮޅެއްގައި، ތިން ސަރަޙައްދެއްގައި، ބައޯސްފިއަރ ރިޒަރވް ހަދަންވެސް އަޅުގަނޑުމެން ވާނީ ނިންމާފައި. އެއީ، ރައްޔިތުންގެ ޙައްޤުގައި އެތަންތަން ޙިމާޔަތްކޮށްގެން، ކުރިއަށް އަންނާން އޮތް ޖީލުތަކަށް ޤައުމު ޙިމާޔަތް ކުރުމަށްޓަކައި.

އާދެ، މީގެއިތުރުން، 17 ރަށެއްގައި ކުނިކޮށި ހަދައިދީފިން. ކުނި އުފުލާ ވެހިކަލް، 99 ރަށަކަށް ހަދިޔާކޮށްފިން. 56 ރަށަކަށް ގްލާސް ކްރަޝަރ އަދި އެކަމަށް ބޭނުންވާ އެހެން ސާމާނު ފޯރުކޮށްދީފިން. ކޮމްޕެކްޓަރާ އެއްޗެހި. ހަމަ އޭގެއިތުރަށް، 67 ރަށަކަށް އިތުރު އެހެން ސާމާނުތައްވެސް ފޯރުކޮށްދީފިން. އާދެ، މިހިރަ ގިނަ ކަންތައްތައް އަޅުގަނޑުމެން މި ކުރަނީ، އަޅުގަނޑުމެންގެ ތިމާވެށި ޙިމާޔަތް ކުރުމުގެ ބޭނުމުގައި.

އާދެ، އަޅުގަނޑުމެން ކުރިއަށް ގެންދަން ބޭނުންވަނީ އަޅުގަނޑުމެންގެ ޤައުމުގެ ތަރައްޤީގެ ކަންތައްތައް، މި ދެންނެވި ގޮތަށް ދެމެހެއްޓެނިވި ވިސްނުމެއްގައި ޤައުމު ތަރައްޤީ ކުރުމުގެ ނިޔަތުގައި.

އާދެ، ދެން ހުރި ދާއިރާތަކާ ބެހޭގޮތުންވެސް ކޮންމެވެސްވަރަކަށް މަޢުލޫމާތު ދަންނަވާލަން އަޅުގަނޑު ބޭނުންވަނީ.

އާދެ، އެގޮތުން ބަލާއިރުގައި، ޢުމްރާނީ ތަރައްޤީގެ ދާއިރާއިން ގިނަގުނަ މަސައްކަތްތަކެއް، މިދިޔަ އެއް އަހަރުގެ ތެރޭގައި، އަޅުގަނޑުމެންނަށް މި ދިމާވެފައި އޮތް އިޤްތިޞާދީ އުނދަގޫ ޙާލަތުގައިވެސް ކޮށްފީމޭ އިނގޭތޯ. އެގޮތުން ބަލާއިރުގައި، އަޅުގަނޑުމެން ވާނީ، ޢުމްރާނީ ތަރައްޤީގެ ދާއިރާއިން 38 މަޝްރޫޢެއް ނިންމާފައި. އަދި ބާކީ މި އޮތް ދޮޅުއަހަރުގެ ތެރޭގައި އިތުރު 26 މަޝްރޫޢު ނިމޭނެ. މި ދަތިކަމުގެ ތެރޭގައިވެސް.

އަދި އޭގެއިތުރަށް، މި އަންނަ އަހަރު ވެގެންދާނީ، މާލެ ސަރަހައްދުގައި އެންމެބިޔަ ޢުމްރާނީ ތަރައްޤީގެ މަސައްކަތްތައް އަލަށް ފެށޭ އަހަރަށް. އެއީ، ޗައިނާގެ ހިލޭ އެހީގައި، މާލޭގެ ހުރިހާ މަގެއް، ހުރިހާ މަގެއް ހެދުން. ކޮންއިރަކުތޯ އަޅުގަނޑުމެންގެ މާލޭގައި މަގުހެދީ؟ ރައީސް މައުމޫންގެ ވެރިކަމުގައި. އެ މަނިކުފާނު މަގުތައް ހެއްދެވީ. އޭގެފަހުން، ކޮންމެވެސްވަރަކަށް މަގު މަރާމާތު ކުރެވޭ. އަދި އެއްމަގު، ދެ މަގު ބައެއްފަހަރު ހެދިފައި އެބަހުރޭ. ވަށައިގެން ރިންގ ރޯޑުގެ އެއްބައިވެސް ހެދިފައި އެބައޮތް. އެހެނެއްނޫން، މުޅި މާލޭގެ ހުރިހާ މަގެއް، އަދި މިދިޔަ އަހަރު އަމީނީމަގު ހަދަން އުޅެ ނެހެދި، ވެފައި އޮތްގޮތްވެސް ފެނޭ. މިދިޔަ ދައުރުގައި. މުޅި މާލޭގެ ހުރިހާ މަގެއް، މި ދެންނެވީ އަޑީގައި ހުރި ހުރިހާ ހޮޅިތަކާ އެއްޗެހި ނަގައި ބަދަލުކޮށް، ހުރިހާ ނިޒާމެއް ބަދަލުކޮށްގެން، އަލަށް ހެދިގެންދާނެ، އިރާދަކުރެއްވިއްޔާ، މާލެއާއި ވިލިމާލޭގެ ހުރިހާ މަގެއް. އެ މަޝްރޫޢު، މި އަންނަ އަހަރުގެ ތެރޭގައި ފެށޭނެ. ބިޔަ މަޝްރޫޢެއްވީމަ، ހަތަރު ފަސް އަހަރު ނަގާނެ މަދުވެގެން މަޝްރޫޢު ނިންމަން.

އޭގެއިތުރަށް، ވިލިމާލޭގައި އިތުރު މަޝްރޫޢެއްވެސް ހިނގާނެ. އެއީ، ޗައިނާ ސަރުކާރުގެ ހިލޭ އެހީގައި 100 އެނދުގެ ޓަރޝަރީ ހޮސްޕިޓަލެއް އެޅުމުގެ މަޝްރޫޢުވެސް. ހަމައެއާއެކީގައި، ހުޅުމާލޭގައިވެސް ގިނަ މަސައްކަތްތަކެއް ހިނގާނެ.

އާދެ، މީގެއިތުރަށް، އެހެން ސަރަހައްދުތަކުގައި، އާރބަން ސެންޓަރުތައް ޤާއިމުކޮށް، އުތުރާއި ދެކުނުގެ އިންޓަރގްރޭޓަޑް ޒޯންތަކުގައިވެސް ބިޔަ މަޝްރޫޢުތައް ހިނގަމުންދާނެ. އާދެ، އިންފްރާސްޓްރަކްޗަރއަކީ މި އަންނަ އަހަރު އިރާދަކުރެއްވިއްޔާ ވަރަށް މުހިންމު އިސްކަމެއް ދެވޭނެ ދާއިރާއަކަށް ވެގެންދާނެ.

އާދެ، އަޅުގަނޑު ކުރިންވެސް ދެންނެވި ފަދައިން، އަޅުގަނޑުމެންގެ މުޖުތަމަޢު ވާން އެބަޖެހޭ އުޅެވޭ ތަނަކަށް. ހަމަޖެހޭ ތަނަކަށް. ކުރިން އަޅުގަނޑު ދެންނެވި ފަދައިން، އަޅުގަނޑުމެންނަށް މި ފެންނަނީ، އަތްލާން ނުކެރިފައި ހުރި މައްސަލަތަކެއް ނޫންތޯ. ޑްރަގްގެ މައްސަލަ، ގޭންގް މައްސަލަ. އެހެންވީމާ، ކިތަންމެވަރަކަށް ޢިމާރާތް ހެދިޔަސް، އިންފްރާސްޓްރަކްޗަރ ކުރިއަށްގެންދިޔަސް، މިކަހަލަ ކަންކަން ޙައްލުނުވަންޏާ، އަޅުގަނޑުމެންނަކަށް ހަމަޖެހުމެއް ނުލިބޭނެ.

އެހެންވީމާ، އަޅުގަނޑުމެން ހޯމް ލޭންޑް ސެކިއުރިޓީ މިނިސްޓްރީ މެދުވެރިކޮށް، މިކަހަލަ މައްސަލަތައް ޙައްލުކުރުމަށްޓަކައި ވަރަށްގިނަ މަސައްކަތްތަކެއް މިވަނީ ފަށާފައި. މިގޮތުން ބަލާއިރުގައި، މި ނިމިގެންދާ އަހަރެއްހާ ދުވަހުގެ ތެރޭގައި، ކުރީ އަހަރުތަކާ އަޅައިބަލާއިރުގައި، ޑްރަގް އަތުލައި، ޑްރަގްތައް ކޮންފިސްކޭޓް ކުރެވުނު ޢަދަދު، 60 އިންސައްތަ އިތުރުކުރެވިއްޖެ. 60 އިންސައްތަ އިތުރުކުރެވިއްޖެ އަތުލެވޭވަރު.

ހަމައެއާއެކީގައި، ރާ، އެލްކަހޯލް ކޮންފިސްކޭޓްވާ، އަތުލެވޭ ޢަދަދު، 120 އިންސައްތަ އިތުރުކޮށްފިން. އަޅުގަނޑުމެން ބޭނުންވަނީ، އަޅުގަނޑުމެންގެ ޤައުމުން، މުޖުތަމަޢުން މިހިރަ ނުބައި އާދަތައް ފިލުވައިލަން. އަދި ކުރިއަށް އޮތް ތަނުގައި، ކެޕޭސިޓީ ބިލްޑްކޮށްގެން، މި އަންނަ އަހަރު ތެރޭގައި، މިކަން އިތުރަށް އަޅުގަނޑުމެން ވަރުގަދަކުރާނަން. މަގުމަތީގައި ހިނގާ، ލައިފް ތްރެޓްނިންގ ލެވެލްއަށް ހިނގާ އެކްސިޑެންޓްތައް ވަނީ 33 ޕަސެންޓް ކުޑަކުރެވިފައި.

ހަމައެއާއެކީގައި، ކުރިން އަޅުގަނޑު ދެންނެވި، ބޮޑު އަނެއް މައްސަލަ. އިލީގަލް މަސައްކަތްތެރިން. އިލީގަލް ވަރކަރސް ހޯދައި، އެ މީހުން ބޭރަށް ފޮނުވާލުން، ނޫނީވިއްޔާ ސިސްޓަމަށް ވެއްދުމުގެ މަސައްކަތުގެ ތެރެއިން، މިހާތަނަށް 136 ރަށެއްގައި އަޅުގަނޑުމެންގެ ޓީމުތައް މަސައްކަތްކޮށް، ދިހަހާހަށްވުރެ ގިނަ ބޭރުމީހުން، މި ދެންނެވި ގޮތަށް ފިލައިގެން އުޅޭ، ނުގަވާއިދަށް އުޅޭ ބޭރުމީހުން ހޯދައި، އެ މީހުންގެ ބައޯ މެޓްރިކް ވަނީ ނަގާފައި. ވަރަށް ގިނަ މީހުން މިއީ. ދިހަހާސް މީހުން. އަދި މިގޮތަށް އުޅޭ ހުރިހާ އެންމެންގެ ބައޯ މެޓްރިކް، މި އަންނަ އަހަރުގެ އެޕްރީލް މަސް ނިމެންވާއިރަށް އިރާދަކުރެއްވިއްޔާ ނަގައި ނިމޭނެ. ހުރިހާ އެންމެންގެ އިރާދަކުރެއްވިއްޔާ ނިމޭނެ. މީގެތެރެއިން 4728 މީހުން ޑީޕޯޓްވެސް ކުރެވިއްޖެ. މިއީ ރެކޯޑު ޢަދަދެއް. އެއް އަހަރުގެ ތެރޭގައި، ރެކޯޑު ޢަދަދެއް މިއީ. އަޅުގަނޑުމެން ބޭނުން، މި މައްސަލައަށް ދާއިމީ ޙައްލެއް އަންނަން. އެހެން ނޫނީވިއްޔާ، ޙަޤީޤަތުގައި އެތެރެއިން އަންނަ، މިނިވަންކަމަށް އަންނަ ބުރުލަކަށްވެސް މިކަންވޭ އެބަ. އާދެ، ހަމަ އޭގެއިތުރަށް، ބޭރުމީހުންގެ އެކިއެކި ފީތަކަށް ދައްކަން ހުރި ފައިސާއިންވެސް، އެއް ބިލއަނަށްވުރެ ގިނަ ރުފިޔާ އަޅުގަނޑުމެން މިހާރު ވާނީ ދައުލަތަށް ވައްދައިދީފައި.

އަދި ދަންނަވަންތޯ، އަޅުގަނޑުމެން ވަރަށް ޙައިރާންވި ކަމެއް. މިދިޔަ ސަރުކާރު ނިމިގެންދިޔައިރުގައި، އައި.ޑީ. ކާޑު ހަދައިނުދީވެސް، ހަދަން އެޕްލައިކޮށްގެން ހަދައިނުދީވެސް 3348 މީހުން ތިއްބޭ. މިއީ ދެތިން ދުވަސްތެރޭ ހަދާފައި ހަވާލުކުރެވޭ އެއްޗެއް. 3348 މީހުންގެ ބެކްލޮގެއް. އަޅުގަނޑުމެން އެކީ، އެ ކްލިއަރ ކޮށްފިން. އަދި އަޅުގަނޑު ވަޢުދުވީ ގޮތަށް، ކޮންމެ އަތޮޅެއްގައި، އެ އަތޮޅެއްގެ ރައްޔިތުންނަށް، އަތޮޅުގައި ތިބެގެން، ވެރިކަންކުރާ ރަށުގައި، ނޫނީވިއްޔާ ކަނޑައެޅޭ އެހެން ރަށެއްގައި، އައި.ޑީ. ކާޑު އިޝޫކޮށް، ޕާސްޕޯޓް އިޝޫކުރެވޭ ގޮތަށް ފެސިލިޓީޒް ޤާއިމުކުރުމުގެ މަސައްކަތް މިހާރު އެވަނީ ފެށިފައި. ވަރަށް އަވަހަށް ރަސްމީކޮށް ފަށާނަން. އަޅުގަނޑު ވަޢުދުވީގޮތަށް، މި އަންނަ އަހަރު ނިމެންވާއިރަށް، ހުރިހާ އަތޮޅަކުން އައި.ޑީ. ކާޑާއި، ޕާސްޕޯޓް ލިބިގެންދާނެ. ހުރިހާ އަތޮޅަކުން. އަދި މާލޭގައި، މާލޭސިޓީގައި، ވިލިމާލެއާއި ހުޅުމާލެ، ހުޅުމާލެ ފޭސް 1، ފޭސް 2ގައިވެސް، މާލެނައިސް ލިބޭގޮތް ހަދައިދޭނަން ވަރަށް އަވަހަށް. އެހެންވީމާ، އެގޮތަށް އެ މަސައްކަތްތައްވެސް އެބަ ކުރިއަށްދޭ.

އަޅުގަނޑުމެންގެ މުޖުތަމަޢަށް ބަލާއިރުގައި، އެހެން ކަންކަމަށް، އެހެން ދާއިރާތަކަށް ބަލާއިރުގައި، އަޅައިނުލެވި، އޯގާތެރިކަން ނެތިފައި މި މުޖުތަމަޢު އޮތީ އަޅުގަނޑުމެންނާ ހަވާލުވިއިރުގައި. އެހެންވީމާ، އަޅުގަނޑު ކަނޑައެޅި އެންމެ މުހިންމު ސިޔާސަތަކީ، އޯގާތެރި ސަރުކާރެއް ޤާއިމުކުރުން.

އެގޮތުން، "ކޮންމެ ކުއްޖަކަށް ޢާއިލާއެއް" މި ޕްރޮގްރާމް ފެށިން. ފަށައިގެން މިހާރު ވާނީ، އަޅައިނުލެވި ދޫކޮށްލެވިފައި ތިބި 34 ކުދިން ހޯދައި، އެ ކުދިން ބަލާނެ ޕޭރަންޓުން ހޯދައި، އެ ކުދިންނަށް ޢާއިލާތަކެއް ހޯދައިދީފައި. 34 ކުދިންނަށް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް ލައިފެއް ހޯދައިދެވިއްޖެ.

ސަރުކާރުގެ ބޭނުމެއް ނެތެއްނޫންތޯ، ހަމައެކަނި ބޮޑެތި ޢިމާރާތްތައް އަޅައިލައިގެން ތިބެގެންނެއް. ޙަޤީޤީ، ޙަޤީޤީ އުފާވެރިކަމެއް ލިބޭނީ، ދިރިހުރި ފަރާތަކަށް، ދިރުމަކަށް ކަމެއް ކޮށްދެވިގެން. އެހެންވީމާ، މިގޮތަށް ތިބި ކުޑަކުދިން ނަގައި، އެ ކުދިންނަށް އަޅައިލާނެ ލޯބިވާ ޢާއިލާއެއް ހޯދައިދިނުން، އަޅުގަނޑު މާ އުފާވޭ. އެ މަޝްރޫޢު އިރާދަކުރެއްވިއްޔާ އެއަށްވުރެވެސް ފުޅާކުރެވިގެންދާނެ.

ހަމަ އެފަދަ އަނެއް ކަންތައް އަޅުގަނޑުމެން ފެށި، "ހާލު ކިހިނެއް؟" އެ ނަމުގައި ފެށި ޕްރޮގްރާމް. އަޅުގަނޑުމެންގެ ޓީމުތައް، މިނިސްޓްރީގެ ޓީމުތައް ދަނީ ގޭގެއަށް. 8027 ގޭބީސީއަށް ޒިޔާރަތްކޮށްފިއޭ. މާލެއާއި ރަށްރަށުގެ 8027 ގޭބީސީއަށް އަޅުގަނޑުމެންގެ ޓީމުތައް ހިނގައްޖެއޭ. ރައްޔިތުންގެ ހާލު، ފިޒިކަލީ ބަލަނީއޭ އަޅުގަނޑުމެންގެ ސަރުކާރުން. ގޭގެއަށް ދަނީ. ގޮސް ހާލު ބަލައި، އެ މީހުންނަށް ބޭނުންވާ ކަންކަން ކޮށްދެނީ. މިއީ ދުވަހަކުވެސް ކުރި ކަމެއް ނޫން. ދުވަހަކުވެސް ކުރި ކަމެއް ނޫން. އެހެންވީމާ، އަޅުގަނޑުމެން މި މަސައްކަތްވެސް މި ފެށީ، ރައްޔިތުންނަށް އަޅައިލާ އޯގާތެރި ސަރުކާރެއް ޤާއިމުކުރުމަށްޓަކައި.

އަޅުގަނޑުމެންގެ ސަރުކާރުން އިސްކަންދޭ އަނެއް ފަރާތަކީ، އިސްރަށްވެހިން. އިސްރަށްވެހިންގެ ނާދީއެއް ހަދަން، އިސްރަށްވެހިންގެ ޖަމުޢިއްޔާއިން އެދޭތާ އެތައް ދުވަހެއް. އެހެން ނަމަވެސް، އަޅުގަނޑުމެންގެ ސަރުކާރުން އެތަން އެވަނީ، އެ ބޭފުޅުން ބޭނުންވި ތަން، އެ ބޭފުޅުންނަށް ހަދައިދީފައި. މިހާރު މި ނިމިގެންދާ އަހަރު ނިމެންދާއިރުގައި، އެތަނުން 3393 އިސްރަށްވެހިންނަށް އެތައް ޙަރަކާތެއް، 153 ޙަރަކާތް ހިންގައިދީފިން.

ހަމަ އެގޮތަށް، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ހަވާސާވެފައި ތިބޭ ތިބުން ނިމުމަކަށް ގެނެސް، މެއިންސްޓްރީމް ކުރުމުގެ މަސައްކަތް ފެށިއްޖެ. އެފަރާތްތަކަށް ވަޒީފާ ދިނުމުގައި ޚާއްޞަ ސަމާލުކަމެއް ދީގެން އަނެއްކާވެސް މި ފެށީ. އަނެއްކާވެސް މި ފެށީއޭ މި ދެންނެވީ، މިދިޔަ ފަސް އަހަރެއްހާ ދުވަހު އެކަން ވަނީ ދޫކޮށްލާފައި.

ހަމަ އެފަދައިން، އެންޑޯމެޓްރިއޯސިސް އަދި ޕީސިއޯސް އަދި އިންފަރޓިލިޓީ މައްސަލައިގައި، އާސަންދައިން ފަރުވާ ނުލިބޭ މައްސަލަ ޙައްލުކުރުން އެއީ، އަޅުގަނޑު ވަޢުދުވީ ކަމެއް. އެކަން ވާނީ މިހާރު ޙައްލުކޮށްދެވިފައި. އައި.ވީ.އެފް. އަނެއް ކަންތައް. އައި.ވީ.އެފް. ހަދަން ބޭނުންވާ މީހުންނަށް، އެކަންވެސް މަގުފަހިކޮށްދީ، މިހާރު 100 މީހުން އެކަމަށް ރަޖިސްޓަރކޮށް، އެކަންވެސް އެދަނީ މިހާރު ޕްރޮގްރާމެއްގެ ތެރެއިން ފެށިގެން. މިއީ އަޅުގަނޑުމެންގެ ތެރޭގައި ވަރަށް ބޮޑަށް ފެމިލީސްތަކުން، ދެމަފިރިން ބޭނުންވެފައި ހުރި ވަރަށްގިނަ ކަންތައްތައް.

އަންހެން ބޭފުޅުން ބާރުވެރިކުރުވުމަށްޓަކައި އަޅުގަނޑު ވަޢުދުވީ ވަޢުދުގެ ތެރެއިން "ފަށާ މަދަދު" ޕްރޮގްރާމް އެވަނީ ފެށިފައި. މިހާރުވެސް މި މަޝްރޫޢަކީ، އަންހެން ބޭފުޅުންނަށް ކުދި ލޯނުދޭ ސްކީމެއް. 60 ބޭފުޅުންނަށް އެ ލޯން ސްކީމުން މިހާރު ލޯނު ހަމަޖެހިފައި ވަނީ. އާދެ، މިފަދަ ގޮތަކަށް އަޅުގަނޑުމެން މިގެންދަނީ މިކަންކަން ޙައްލުކުރަމުން.

އާދެ، އަޅުގަނޑުމެންގެ މުޖުތަމަޢުގައި އެންމެ މުހިންމު އެއްބަޔަކީ ޒުވާނުން. ޒުވާނުން ބާރުވެރިކުރުވުމަށްޓަކައި ވަރަށްގިނަ މަސައްކަތްތަކެއް އެބަ ކުރިއަށް ގެންދަން. ޒުވާނުންނަށް އެކިކަހަލަ މަޝްރޫޢުތައް ހިންގައި، ޒުވާނުންނަށް ބޭނުންވާ އެކިކަހަލަ ވަސީލަތްތައް ޤާއިމުކޮށްދިނުމުގެ ގިނަގުނަ މަސައްކަތްތައް އެބަ ކުރަން. މިގޮތުން، 71 މަޝްރޫޢެއް، 71 ޕްރޮގްރާމެއް، މިދިޔަ އަހަރުގެ ތެރޭގައި ހިންގިއްޖެ. 3470 ޒުވާނުން ވަނީ އެ ޕްރޮގްރާމްތަކުން ފައިދާ ލިބިގެންފައި. އަދި ރައީސުލްޖުމްހޫރިއްޔާއަށް ލަފާ ދިނުމަށްޓަކައި ޒުވާނުންގެ ކޮމިޓީއެއް އުފައްދައިގެން، ނޭޝަނަލް ލެވެލްގައި އައިޑެންޓިޓީއެއް އެ ކޮމިޓީއަށް ދީގެން ވަރަށްގިނަ މަސައްކަތްތަކެއް އެބަ ހިނގާ. ކުރިއަށް އޮތް އަހަރު ވެގެންދާނީ، އިރާދަކުރެއްވިއްޔާ މި މަގުން ވަރަށްގިނަ ކަންތައްތައް ވާނެ އަހަރަކަށް.

އާދެ، ދުޅަހެޔޮ މުޖުތަމަޢެއް ޤާއިމުކުރުމުގައި، އެންމެ މުހިންމު އަނެއް ދާއިރާއަކީ، ކުޅިވަރުގެ ދާއިރާ. ކުޅިވަރުގެ ވަސީލަތްތައް ޤާއިމުކުރުމުގެ ނުހަނު ގިނަ މަސައްކަތްތަކެއްވެސް، މިދިޔަ އަހަރެއްހާ ދުވަހު އަޅުގަނޑުމެން ވާނީ ކޮށްފައި. ރައްޔިތުންނަށްޓަކައި މިކަހަލަ މުހިންމު ހުރިހާ ކަމަކަށް އިސްކަންދީގެން ކުރިއަށް ގެންދެވޭ މަސައްކަތްތައް މިގެންދަނީ. އިރާދަކުރެއްވިއްޔާ، މި އަންނަ އަހަރުގެ ތެރޭގައި، ހައި ޕަރފޯމަންސް ސެންޓަރު ޤާއިމުކުރެވި، އަޅުގަނޑުމެންގެ އެތުލީޓުން ތަމްރީނުކުރުމުގެ މަސައްކަތްތައް، މި އަހަރަށްވުރެ ބޮޑަށް ކުރިއަށް ގެންދެވޭނެ. މި ނިމިގެންދާ އަހަރު އެކަނިވެސް އަޅުގަނޑުމެންނަށް ވަނީ 12 މެޑެލް ލިބި، 75 އިންޓަރނޭޝަނަލް ޕާރޓިސިޕޭޝަންސް ހެދިފައި. އަދި ފުރަތަމަ ފަހަރަށް، އޮލިމްޕިކްސްގައި އެތުލީޓެއް ބައިވެރިވެ، އަދި ކުރިއަށް އޮތް ތާނގައި އޮންނަ އޭޝިއަން ގޭމްސްއަށްވެސް އަޅުގަނޑުމެންގެ ދެ އެތުލީޓުން މިހާރު ވަނީ ހޮވިފައި.

އާދެ، ކުރިއަށް އޮތް ތަނުގައި އިރާދަކުރެއްވިއްޔާ ފުޓްބޯޅަ ނަގައި ކޮޅަށްޖެހުމަކީ، އަޅުގަނޑުމެން ކުރަން ނިންމާފައިވާ ކަމެއް. އަޅުގަނޑުމެންގެ އެންމެ ގިނަ މީހުން ކުޅޭހިތްވާ ކުޅިވަރު ފުޓްބޯޅަ، އަޅުގަނޑުމެންގެ ތެރޭގައި ވަޅުޖެހިފައި އޮތީ. އެހެންވީމާ، ސަރުކާރުން ދެވެން އޮތް އެހީތެރިކަމެއް ދީގެން، އަނެއްކާވެސް ފުޓްބޯޅަ އާލާކުރުމުގެ މަސައްކަތް ކުރުމަށް ވަނީ ނިންމާފައި.

އާދެ، މި ދެންނެވި ދާއިރާތަކުގެ އިތުރުން، ހަޔަރ އެޑިޔުކޭޝަންސް ދާއިރާއިންވެސް ވަރަށްގިނަ މަސައްކަތްތަކެއް، މިދިޔަ ދުވަސްތަކުގައި ވަނީ ކުރެވިފައި. ވަރަށްގިނަ ތަމްރީނު ޕްރޮގްރާމްތައް ހިންގި، ސްކިލްސް ޑިވެލޮޕްމަންޓް މަޝްރޫޢުތައް ހިންގި، ވަރަށްގިނަ ކުދިންނަށް ސްކޮލަރޝިޕްތައް ދެވި، ވަރަށްގިނަ ކުދިންނަށް ވަނީ ލޯން ސްކީމް ތެރެއިން ލޯނުވެސް ދޫކުރެވިފައި.

އާދެ، އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ސަރުކާރުން މި އަންނަ އަހަރުގެ ބަޖެޓުގައި، ދެވަނައަށް އެންމެ އިސްކަމެއްގެ ގޮތުގައި އޮންނާނީ، ތަޢުލީމު ފޯރުކޮށްދިނުން. ތަޢުލީމާއި ޞިއްޙަތު. އާދެ، ތަޢުލީމީ ދާއިރާއިން އިރާދަކުރެއްވީތީ، އަޅުގަނޑުމެން ވަރަށްގިނަ ކަންތައްތަކެއް މި ނިމިގެންދާ އަހަރުގެ ތެރޭގައިވެސް ވަނީ ކޮށްފައި.

އާދެ، މިގޮތުން ބަލާއިރުގައި ވަނީ އަޅުގަނޑުމެން މާލެއަށް ބަލާއިރުގައި، މާލޭގައި ގްރޭޑް 11، 12 އަށް ކިޔަވާ ކުދިންނަށް މިދިޔަ ސަރުކާރުން އެއްވެސްކަހަލަ ވިސްނުމެއްނެތި، މާލޭގައި ހުރި ސްކޫލް ބަންދުކޮށްލީ. އެކަމުގެ ސަބަބުން ހާދަ ގިނަ ޢާއިލާތަކަށް އުނދަގޫތަކެއް ޖެހުނޭ. އެކަމަކު އިރާދަކުރެއްވީތީ އަޅުގަނޑުމެން ވާނީ އެކަން ޙައްލުކޮށް، މިހާރު ސީ.އެޗް.އެސް.އީ. މާލޭގައި ހުޅުވާފައި. އޭގެ ސަބަބުން އެތައް ސަތޭކަ ޢާއިލާތަކަށް އެކަމުގެ ހިތްހަމަޖެހުން ލިބެމުން އެބަދޭ.

އަޅުގަނޑު ވަޢުދުވީގޮތަށް، ދިރާސީ އަހަރު، ޖަނަވަރީގައި ފެށޭގޮތަށް ބަދަލުކުރުމުގެ ސްކީމްގެ ތެރެއިން، 2026ން ފެށިގެން ޖަނަވަރީއަށް ދިރާސީ އަހަރު ފެށޭގޮތަށް މި އަންނަ އަހަރު ޑިސެންބަރުގައި ބޮޑު ޗުއްޓީ ލިބޭނެ. ޓީޗަރުންނަށް، ކިޔަވައިދޭ މީހުންނަށް، ޕްރިންސިޕަލުންނަށް، ހުރިހާ އެންމެންނަށް މިހާރު ހުކުރުދުވަސް ބަންދުވާނެ. މިއީ ލިބިގެންދިޔަ ވަރަށްބޮޑު ލުޔެއް. ކުރީގައި އޮންނަ ކަމެއް ނޫން މިއީ. ޙައިރާންވެސްވޭ. އެހެން ނަމަވެސް، އެކަން ކުރިއަކުން ނޯވޭ. ފުރަތަމަފަހަރަށް އެންމެ ގިނަ ޢަދަދަކަށް މުދައްރިސުން ތަމްރީނު ކުރެވޭ އަހަރަށް މި އަހަރު ވެއްޖެ. އަޅުގަނޑުމެން ވަރަށް އިސްކަމެއް އެބަދެން، ދިވެހީންގެ އަތްމައްޗަށް ދިވެހި ތުއްތުކުދިންނަށް ކިޔަވައިދިނުން ގެންނަން. ބޭރުމީހުން ކިޔަވައިދޭ ދިނުން، ވީވަރަކުން މަދުކޮށް، ދިވެހީންގެ އަތްމައްޗަށް ދިވެހި ކުދިންނަށް ކިޔަވައިދިނުން ގެނައުމަށްޓަކައި، އޭ ލެވެލް ހަދަމުންދާ ކުދިންނަށްވެސް ފުރުޞަތުތައް މިދެނީ ޓީޗިންގ ދާއިރާއަށް ވަންނަން. އެހެންވީމާ، އެގޮތުން ވަރަށްގިނަ ކަންތައްތަކެއް ކުރެވިއްޖެ. މަތީ ޘާނަވީއަށް ކިޔަވާ ކުދިން އިތުރުކުރުމަށްޓަކައި 23 ސްކޫލެއްގައި މިހާރު ވާނީ މަތީ ޘާނަވީ ކިޔަވައިދޭން ފަށާފައި.

އަޅުގަނޑުވީ ވަރަށް މުހިންމު ވަޢުދެއް، ޢަރަބިއްޔާ ސްކޫލް ވަޢުދު. ޢަރަބިއްޔާ ސްކޫލް ހަދަން އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް ފެށޭނެ. އެކަން ކުރުމަށްޓަކައި ބޮޑު ބިމެއް ކަނޑައަޅައި، އެކަން ކުރެވޭނެގޮތް ސަރުކާރުން އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް ފަހިކޮށް، ޢަމަލީގޮތުން
އެ މަސައްކަތް އަޅުގަނޑުމެން ފަށާނަން.

އާދެ، ހަމަ އެފަދައިން، ޞިއްޙީ ދާއިރާއަކީ، މި އަންނަ އަހަރުގެ ބަޖެޓުގައި އެންމެބޮޑު އިސްކަމެއް ދެވޭ އަނެއް ދާއިރާ. ޞިއްޙީ ދާއިރާއިން މި އަންނަ އަހަރުގެ ތެރޭގައި އަޅުގަނޑުމެން ވަރަށްގިނަ މަޝްރޫޢު ހިންގަން ނިންމާފައި ވާނީ. ވަރަށްގިނަ މަސައްކަތްތައް ކުރަން ނިންމާފައި ވާނީ. މިހާތަނަށްވެސް ވަރަށްގިނަ ކަންތައް ކުރެވިއްޖެ. މިހާރު ކޮންމެ ރަށެއްގައި ލެބްގެ ޚިދުމަތް ލިބެއޭ ބައްލަވާ! ކުރީގައި ނުލިބޭ. އަޅުގަނޑު ދިޔައިން ވަރަށް ގިނަ ރަށްތަކަށް. ދިޔައިރުގައި ލެބްގައި އާދައިގެ ޓެސްޓްތައްވެސް ނެހެދޭ.

އެހެންވީމާ، މިހާރު ކޮންމެ ރަށެއްގައި އެންމެ ކުޑަމިނުން ޕޮއިންޓް އޮފް ކެއަރ އުޞޫލުންވިޔަސް، މިގޮތަށް 77 ރަށެއް ހިމެނޭނެ. ޕޮއިންޓް އޮފް ކެއަރ އުޞޫލުން ޚިދުމަތް ދެވޭގޮތަށް. ހުރިހާ ރަށެއްގައި މިހާރު ލެބޯރެޓަރީގެ ޚިދުމަތް އެބަ ލިބޭ. އަދި ހަމައެއާއެކީގައި، އަޅުގަނޑުމެން ވާނީ ޒުވާނުންގެ ތެރެއިން ވަރަށްގިނަ މީހުން ބޭނުންވާ ކަމަކަށްވާތީ، މެންޓަލް ހެލްތް ލައިނެއްވެސް ޤާއިމުކޮށްފައި.

އާދެ، މި އަންނަ ހަފްތާ ނިމެންވާއިރަށް، އިރާދަކުރެއްވިއްޔާ އާދެ، ނޮވެންބަރު މަހުގެ 16 އަޅުގަނޑު ހަނދާންވަނީ. 16 ގައި އަޅުގަނޑުމެން ދަރުމަވަންތަ ހޮސްޕިޓަލް، ޓަރޝަރީ ހޮސްޕިޓަލަކަށް ހަދައި، އެ ތަނަށް ބޭނުންވާ ހުރިހާ ޚިދުމަތެއް ޤާއިމުކުރާނެ. ކުރިން ބައެއް މީހުން ހޮހޮޅައެއް ގޮތުގައިވެސް ކީ ތަނެއް. ދަރުމަވަންތަ ހޮސްޕިޓަލް، ޙަޤީޤީ ހޮސްޕިޓަލަކަށް ހަދައި، ޓަރޝަރީ ހޮސްޕިޓަލެއް ގޮތުގައި ހުރިހާ ފެސިލިޓީއެއް ޤާއިމުކޮށްފައި، ނޮވެންބަރު 16 ގައި އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ހުޅުވާނަން.

ހަމަ އެގޮތަށް، ހުޅުމާލޭގެ ހޮސްޕިޓަލް. ހުޅުމާލެއަކީ ވަރަށްގިނަ ރައްޔިތުން އުޅޭ ތަނެއް. އެހެން ނަމަވެސް، ޓަރޝަރީ ފެންވަރަށް ޚިދުމަތެއް އެތާކުންނެއް ނުދެވޭ. އިރާދަކުރެއްވިއްޔާ، މި މަހު 16 ނޫނީވިއްޔާ 15، މި ދެ ދުވަހުންކުރެ އެއް ދުވަހެއްގައި އަޅުގަނޑަށް ސީދާ ތާރީޚު ޔަޤީންކޮށް ދަންނަވާކަށް ނޭނގެ. ޔަޤީނުންވެސް އެންމެ ލަސްވެގެން 16 ގައި، ހުޅުމާލޭގެ ހޮސްޕިޓަލްވެސް މި ދެންނެވި ގޮތަށް ހުރިހާ ފެންވަރެއް، ހުރިހާ ޚިދުމަތެއް ޓަރޝަރީ ފެންވަރަށް ގެނެސްފައި، ހުޅުމާލެ ހޮސްޕިޓަލްވެސް ޓަރޝަރީ ހޮސްޕިޓަލަކަށް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ހަދާނަން.

އާދެ، އަޅުގަނޑުމެން މި އަންނަ އަހަރުގެ ތެރޭގައި މި މަސައްކަތް ކުރަނީ، ބޭރުގެ އެހީ ހޯދަން. މިހާރު ލިޔެފައި ވަނީ. އަދި ވަރަށް ކުރިއަށް ގޮސްފައިވޭ. ކެންސަރ ހޮސްޕިޓަލް ޤާއިމުކުރަން. ބައެއް ބޭފުޅުން އެކަމަށް ޖޯކު ޖެއްސެވިޔަސް، ރާއްޖޭގައި ކެންސަރުގެ މައްސަލަ އޮތްލެއް ބޮޑުކަމުން ސްޕެޝަލިސްޓް ހޮސްޕިޓަލެއް ހުންނަންޖެހޭ. ހޮސްޕިޓަލެއްގެ ޑިޕާޓްމަންޓެއްގެ އަރިމަތީގައި ހުންނަންޖެހޭވަރު ތަންކޮޅެއް ނޫން، ކެންސަރު ބަލީގެ ފަރުވާ ދިނުމަކީ. ކެންސަރު ބަލިން ރައްކާތެރިވުމަށް ހަދާ ޓެސްޓުތައް ހެދުމާ އެކީގައި، މި ހުރިހާ ޚިދުމަތެއް ހިމެނޭގޮތަށް ފުލް ފުލެޖް ކެންސަރ ހޮސްޕިޓަލެއް ރާއްޖޭގައި ޤާއިމުކުރުން އެއީ، އަޅުގަނޑު ވެފައިވާ ވަޢުދެއް. އެކަމަށްޓަކައި އެކުވެރި ދައުލަތްތަކުން އެހީއަށް އެދިފައި އޮންނާނީ. ޕްރޮޕޯޒަލް ފޮނުވި، ފީޒިބިލިޓީ ސްޓޭޖުން ގޮސް، ސްޓެޕް ބައި ސްޓެޕް އެބަދޭ ކުރިއަށް. އަދި ޔަޤީންކަންވެސް އެ ބޭފުޅުން ދެއްވާފައިވޭ. އެހެންވީމާ، އެ ސްޓޭޖްތައް ފަހަނައަޅައި ފުރިހަމަވެގެން ދިޔައިމަ، ވަރަށް ޔަޤީންކަން އެބައޮތް. އިރާދަކުރެއްވިއްޔާ މި އަންނަ އަހަރަކީ، އެ ޢަމަލީ މަސައްކަތް ފެށޭނެ އަހަރު.

އެހެންވީމާ، ކެންސަރ ހޮސްޕިޓަލް އެޅުމުގެ މަސައްކަތާއި، މެންޓަލް ހެލްތް ހޮސްޕިޓަލް، ލ. އަތޮޅު ގަމުގައި އަޅަން ނިންމާފައިވާ ހޮސްޕިޓަލާއި އަދި ކުޑަކުދިންނާއި އަންހެނުންނަށް ޚާއްޞަ ހޮސްޕިޓަލެއް ހުޅުމާލޭގައި އަޅަން އަޅުގަނޑުމެން ނިންމާފައި ވާނީ. މި ހޮސްޕިޓަލްތަކަކީ، ވިސްނައިލައްވާ، މި ތިން ދާއިރާ މިއީ އަޅުގަނޑުމެންނަށް ވަރަށް މުހިންމުވެފައިވާ ތިން ދާއިރާ ނޫންތޯ. ބޭރަށް އަބަދު ދާން މިޖެހެނީ މިކަންކަމުގައި. ރާއްޖެއިން ބޭރަށް ނޫންތޯ، ތިޔަބޭފުޅުން ވަޑައިގަންނަވަން ޖެހެނީ. ކިހާ އުނދަގޫ ކަމެއްތޯ އެއީ. އޭގެ ބަދަލުގައި، ރާއްޖޭގައި ތިބެގެން މި ސަރަޙައްދުން ލިބޭނެ އަދި މި ސަރަޙައްދުން ބޭރުންވެސް ލިބޭނެ އެންމެ ރަނގަޅު ޚިދުމަތް ލިބޭ ފެންވަރަށް މި ރާއްޖޭގައި މި ހޮސްޕިޓަލްތައް ޤާއިމުވުމަކީ ނޫންތޯ، ޙަޤީޤަތުގައި ރައްޔިތުންނަށްޓަކައި ވެރިކަންކުރާ ބަޔަކު، ރައްޔިތުންގެ ފަރާތުން އަޑުއަހައިގެން، ރައްޔިތުންގެ ފަޅީގައި ތިބެގެން ވެރިކަން ކުރަންޏާ ކުރަންޖެހޭނެ ކަމަކީ. އެހެންވީމާ، އަޅުގަނޑުމެން މިކަންކަން މި ކުރަން މިއުޅެނީ. މަޤްޞަދެއް އޮވެގެން. އަމާޒެއް އޮވެގެން. އެއީ، ރައްޔިތުން އެދޭ އަމާޒުވީމަ. އެ އަމާޒަށް ވާސިލުވާންވެގެން. އެހެންވީމާ، މި މަސައްކަތްތައް އިރާދަކުރެއްވިއްޔާ، މި އަންނަ އަހަރުގެ ތެރޭގައި ހިނގާނެ ކަމަށް އަޅުގަނޑަށް ވަރަށް ޔަޤީންކަން އެބައޮތް.

އާދެ، އަޅުގަނޑުމެންގެ އަނެއް ދާއިރާއަކީ، މަގުމަތީގައި އަދި އެހެން ސަރަޙައްދުތަކުގެ ދަތުރުފަތުރު ކުރުމުގެ ދާއިރާ. އެއަރޕޯޓުތައް ހެދުން. އާރު.ޓީ.އެލް ފެރީ. މިހެންގޮސް ދަތުރުފަތުރު ކުރުމުގެ ދާއިރާ. އަޅުގަނޑުމެން މި މަސައްކަތް ކުރަނީ، މި އަންނަ އަހަރުގެ ނިޔަލަށް ފެރީގެ ނިޒާމު ފުރިހަމަކުރަން. އަދި ބައެއް އަތޮޅުތަކުގައި ނޯންނާނެ، ފެރީގެ ނިޒާމު. އާރު.ޓީ.އެލް. ފެރީގެ ނިޒާމެއް. އެހެންވީމާ، އިރާދަކުރެއްވިއްޔާ މި އަންނަ އަހަރުގެ ނިޔަލަށް، އާރު.ޓީ.އެލް.ގެ ފެރީގެ ނިޒާމު، އަޅުގަނޑުމެން ޤާއިމުކޮށް ނިންމާނަން މުޅި ރާއްޖޭގައި. މުޅި ރާއްޖެ ކަވަރު ކުރާނެ އާރު.ޓީ.އެލް. ފެރީ ނިޒާމު.

އަދި އަޅުގަނޑު ވަޢުދުވެފައިވާ އެއަރޕޯޓުތައް، އެންމެ އިސްކަންދޭންޖެހޭ އެއަރޕޯޓުތަކުން ފަށައިގެން، އެންމެ އިސްކަމޭ މި ދަންނަވަނީ، އިޤްތިޞާދީ ބޭނުން، އޭގައި ހިފޭ އަރބަން ސެންޓަރުތަކާއި، މި ހުރިހާ ގޮތަކުންވެސް ބަލާފައި، އިޤްތިޞާދީ ގޮތުންވެސް އެންމެ ބޭނުންހިފޭ، ދެމެހެއްޓެނިވި ވިސްނުމަކުން ބަލައިފިއްޔާވެސް، އަންނަން އޮތް ޒަމާންތަކަށްވެސް ބޭނުންހިފޭނެ އެއަރޕޯޓުތަކަށް އިސްކަންދީގެން، މި އަންނަ އަހަރު އެއަރޕޯޓުތައް ހެދޭނެ.

މާލެސިޓީއަށް ބަލާއިރުގައި، މި އޮތް ޓެކްސީ ސަރވިސް ރަނގަޅުކުރުމުގެ މަސައްކަތްތައް މިހާރު ވަނީ ފެށިފައި. މިހެންގޮސް ޓްރާންސްޕޯޓް ނިޒާމު ވަރުގަދަކުރުމުގެ މަސައްކަތަކީ، ޙަޤީޤަތުގައި ޤައުމެއް ތަރައްޤީވުމުގައި ވަރަށް މުހިންމު ކަމެއް. ކުރީގައި އިންޑަސްޓްރިއަލް ރިވޮލިއުޝަން އައި ޒަމާނަށް ބެލިޔަސް، އަދި އޭގެ ފަހަށް ބެލިޔަސް، ޤައުމުތައް ތަރައްޤީވެފައި ހުރީ ވަރުގަދަ ޓްރާންސްޕޯޓް ނެޓްވަރކެއް ޤާއިމުކުރެވިގެން.

އެހެންވީމާ، މަގުތައްވެސް ހަދަން އަޅުގަނޑު ނިންމައިގެން މިއުޅެނީ މިހާވަރަކުން. މި އަންނަ އަހަރުގެ ބަޖެޓްތެރެއިން ފެނާއި ނަރުދަމާއާއި، ކަރަންޓް ޤާއިމުކުރެވުނީމަ، އެ ރަށެއްގައި މަގުހަދަން ފަށާނެ. އެއީ، މި ބޭނުމުގައި. މަގުތައް ހެދުނީމަ، ތަރައްޤީ ހާސިލުވޭ އެބަ ހާސިލުވޭ. ހާސިލުވުމުގެ މަގު އެބަ ފަހިވޭ. މި އަންނަ އަހަރަކީ ބުރިޖްވެސް އެޅުމުގެ އަހަރަކަށް ހެދުމަކީ އެއީ، އަޅުގަނޑުމެންގެ ނިޔަތް. އޭގެތެރެއިން، އިންޑިޔާ ސަރުކާރުގެ އެހީގައި ހިނގާ މަޝްރޫޢު. އަޅުގަނޑުމެންގެ އުންމީދަކީ، ހަމަ ރަނގަޅަށް ބާރަށް ގެންގޮސް ނިންމުން. މިހާރު އެދާ ސްޕީޑަށްވުރެވެސް ބާރުވާނެކަމަށް އުންމީދު ކުރަން.

އަދި އެއާއެކީގައި، އަޅުގަނޑުމެން މިދަނީ، ބޭރުގެ ބޭންކުތަކާ ވާހަކަ ދައްކަމުން. ތިލަފުށިން ފެށިގެން ގިރާވަރުފަޅަށް، ގިރާވަރުފަޅުން ގޮސް އުތުރު ތިލަފަޅަށް. މި ދެ ބުރިޖް އެޅުމަށްޓަކައި ފައިސާ ހޯދައި، މި އަންނަ އަހަރު ދޫކޮށް، ދެން އަންނަ އަހަރު ޢަމަލީ މަސައްކަތް ފެށޭ ހިސާބަށް ގެންދަން. 2026 ގައި. އައްޑޫސިޓީގެ ބުރިޖް. އައްޑޫސިޓީ ރައްޔިތުންނަށް އަޅުގަނޑުވީ ވަޢުދު. އަޅުގަނޑުމެން މިދަނީ އެކަމަށްވެސް ވަރަށްގިނަ މަސައްކަތް ކުރަމުން. އެއީ، އަޅުގަނޑުމެން ޙަޤީޤަތަކަށް ހަދާނެ ކަމެއް. އެ ޔަޤީންކަން އަޅުގަނޑު މިރޭވެސް އައްޑޫސިޓީ ރައްޔިތުންނަށް ދެން. އައްޑޫސިޓީ ބްރިޖު އަޅާނެކަމުގެ ޔަޤީންކަން.

އާދެ، އަޅުގަނޑުމެން ވެރިކަން ކުރަނީ، ރައްޔިތުންގެ ފަޅީގައި ތިބެގެނޭ މި ދަންނަވަނީ ހަމަ ޙަޤީޤީ މާނައިގައި. އަޅުގަނޑު ގޮސްފީމޭ ކައުންސިލްތަކާ ބައްދަލުކުރަން. ކުރީ ޒަމާނުގައި ކުރާ ގޮތަކަށް ނޫން. އަޅުގަނޑު ގޮސްގެން 169 ކައުންސިލާ ބައްދަލުކުރީ. އަޅުގަނޑު ގޮސް އިނދެގެން ބައްދަލުކުރީ، 169 ކައުންސިލާ. ބާކީ އެބައުޅޭ ތިރީހަކަށް ކައުންސިލް. އަޅުގަނޑުމެން ވީހާވެސް އަވަހަކަށް ބައްދަލުކުރަން ދާނަން. ބައްދަލުކުރީމައޭ ޙަޤީޤަތުގައި އެނގެނީ ކަންކަން. އެ ރަށަކަށް ގޮސް، އެ އަތޮޅަކަށް ގޮސް، އެ ރައްޔިތުން ކައިރީގައި އިށީނދެ އިނދެގެން، އަމިއްލަ އަތުން، އަމިއްލަ ގަނޑުގައި ނޯޓުން ލިޔުނީމަ އެނގެނީ މި ވާނުވާ. އަޅުގަނޑު އަތުގައި ހުންނާނެ، އެ ހުރިހާ ނޯޓެއް. އެއިން ބަލައިގެން، ހުރިހާ ވަޒީރުންނާ ކަންކަން ހަވާލުކޮށްގެން މިގެންދަނީ. އެ ބޭފުޅުންނަށް ވަރަށް އުނދަގޫވެސްވޭ. އަބަދާއި އަބަދު ރައީސް އޮފީހުން ފޮނުވާނެ އަޕްޑޭޓް ހޯދަން. އަޕްޑޭޓް ދޭންޖެހޭނެ، އެކަންކަން ވަމުންދާވަރު.

ސިޓީސް ޚާއްޞަ މިނިސްޓްރީއެއް ހެދީ އެހެންވެގެން. ސިޓީސްއާއި ލޯކަލް ގަވަރންމަންޓާ ބެހޭ މިނިސްޓްރީއެއް. އެ މިނިސްޓްރީ މެދުވެރިކޮށް މިދަނީ މި މަސައްކަތްތައް ބާރު ސްޕީޑްގައި ކުރަމުން.

ކައުންސިލް ޢިމާރާތްތައް ހުރީ ބޯމައްޗަށް ވެއްޓެން ވެފައި. ދެ މަޝްރޫޢެއް އެކަމުގައި ހިންގަން މިއުޅެނީ. އެއް މަޝްރޫޢަކީ، ޗައިނާގެ ހިލޭ އެހީގައި އިރާދަކުރެއްވިއްޔާ ހިނގާނެ މަޝްރޫޢެއް. އެ ބޭފުޅުން އެކަންކަން އޮންނަ ތަރުތީބުން ގެންދަވައި، ހަމަޖެހޭ ހިސާބަކުން. ވީހާވެސް އަވަހަކަށް 50 ރަށެއްގައި ކައުންސިލް ޢިމާރާތް އަޅުގަނޑުމެން އަޅައިދޭނަން. 50 ރަށެއްގައި. އަދި އިތުރު 50 ރަށުގައި ކޮންޓްރެކްޓަރ ފައިނޭންސް އުޞޫލުން ވަރަށް އަވަހަށް ކައުންސިލް ޢިމާރާތް އަޅަން އަޅުގަނޑުމެން ފަށާނަން. އެހެންވީމާ، ޖުމްލަ 100 ރަށުގައި އިރާދަކުރެއްވިއްޔާ، ކުރިއަށް އޮތް ދުވަސްތަކުގައި ފެނިގެންދާނީ ވީހާވެސް އަވަހަކަށް ޢަމަލީގޮތުން ކައުންސިލްތަކުގެ ޢިމާރާތްތައް އަޅުގަނޑުމެން އަޅައިދޭ ތަން. މިއީ ނޫންތޯ، ލާމަރުކަޒީ ނިޒާމު ޗެމްޕިއަން ކުރުމަކީ. ރައްޔިތުން ގާތަށް ގޮސްގެން، އަޑުއަހައިގެން، ރައްޔިތުން ބޭނުންވި ކަންކަން ކޮށްދިނުން. އެހެންވީމާ، އެ މަގުން އިރާދަކުރެއްވިއްޔާ އެކަންކަން ކުރިއަށް ގެންދާނަން.

އާދެ، ޤާނޫނު ނަގަހައްޓައި ދެމެހެއްޓުން. ހުރިހާ ކަމެއްގެ އަންޑަރލައިން ކަމަކީ. ޤާނޫނުގެ ވެރިކަން ކުރުން. އެޓަރނީ ޖެނެރަލްގެ އޮފީހުގައި އަޅުގަނޑުމެން އާ އޮފީހެއް އުފެއްދިން. ސިވިލް ރައިޓްސް އޮފީހެއް. އެ އޮފީހަށް ވަރަށްގިނަ މައްސަލަތައް، 57 މައްސަލައެއް މިހާތަނަށްވެސް އަތުވެއްޖެ. އެ މައްސަލަތައް ބަލައި، އޭގެތެރެއިން 60 ޕަސެންޓް މަސައްކަތް ނިންމަވައިފި. އާދެ، އެޓަރނީ ޖެނެރަލްގެ އޮފީހުން މިހާތަނަށް 40 ބިލެއް އަޅުގަނޑުމެން މަޖިލީހަށް ފޮނުވައިގެން ފާސްކޮށްފިން. މިހާރު ހިނގާ މަޖިލީހަށް. އަދި ކުރިއަށް އޮތް ތަނުގައި، މިހާރު ހިނގަމުންދާ ދައުރަށް ވަރަށް މުހިންމު ބިލުތަކެއް ދާނެ. އަދި ދެން އަންނަ ދައުރަށްވެސް.

އަޅުގަނޑު ބައެއް ކަންކަން ދަންނަވާލަން ބޭނުން.

އެއީ، އެއްކަމަކަށް، މިއަދާ ބެހޭ ވާހަކަ. ޖުމްހޫރީ ދުވަހާ ބެހޭ ވާހަކަ. ސިޔާސީ އޮއިވަރުގައި ޖެހިގެން، އެވީ ގޮތެއް ވެގެންގޮސް، ޖުމްހޫރީ ދުވަސްވެސް މިވަނީ ހަފްތާއެއް ކައްސާލާފައި ނޫންތޯ. ރައީސުލްޖުމްހޫރިއްޔާ، ނޮވެންބަރު 17 ގައި ހުވާކުރަން މިހާރު ޖެހެނީ. އެކަމަކު ޖުމްހޫރީ ދުވަހަކީ ނޮވެންބަރު 11. އަޅުގަނޑު އަމިއްލައަށް ނިންމާލެވޭވަރުގެ ކަމެއް ނޫނޭ އެއީކީ، ޤާނޫނު އޮތް ގޮތުން. އަދި މި ތިއްބެވި ޢިއްޒަތްތެރި މަޖިލިސް މެންބަރުންނަށްވެސް ނުނިންމެވޭނެ. ރައްޔިތުން ގާތަށް ދާން މިޖެހެނީ. ރައްޔިތުން ގާތު އަހާލަން އެބަޖެހޭ، ފެންނަ، ނުފެންނަ ވޯޓަކަށް، ޖުމްހޫރީ ދުވަސް. މާނައަކީ ދައުރު، މި ދައުރު ނިމޭ ދުވަސް، 2028ގެ ނޮވެންބަރު 11 އަށް ބަދަލުކުރުން. ދައުރު ބަދަލުކުރުން. ހަފްތާއެއް ކުރުވުން. ރައްޔިތުން އެގޮތަށް ރުހެންތޯ، އަޅުގަނޑު އަހާލާނަން ރައްޔިތުން ގާތުގައި. ރައްޔިތުން އެގޮތަށް ރުހެންޏާ، ޖުމްހޫރީ ދުވަހަށް، ނޮވެންބަރު 17ގެ ބަދަލުގައި، ނޮވެންބަރު 11 އަށް ވެގެންދާނީ. އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން ޤާނޫނުއަސާސީއަށް ގެންނަ ބަދަލެއް، ޤާނޫނަށް ގެންނަ ބަދަލެއް ގެންނަން ހުށަހަޅާނަން. ރައްޔިތުން ބޭނުމިއްޔާ އެގޮތަށް ނިންމައިދޭނީ.

ހަމަ އެގޮތަށް ބޮޑު ދެ އިންތިޚާބު. ރިޔާސީ އިންތިޚާބާއި، ބަރުލަމާނީ އިންތިޚާބު. ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، މިވަރު ޤައުމެއް، މިހާ ކުޑަ މީސްތަކުން އުޅޭ ޤައުމެއް، ޖުމްލަކޮށް، ޕޮޕިއުލޭޝަން ކުޑަ ޤައުމެއް މިއީ. އެންމެ އެދެވޭގޮތަކީ އެކުގައި ބޭއްވުން. ދެ އިންތިޚާބާ ދޭތެރޭގައި މި އޮންނަނީ ދެތިން ހަތަރު މަސް ނޫންތޯ. އެތައް ޚަރަދެއް އެބަ ހިނގާ. އިލެކްޝަންސް ކޮމިޝަނުން އެކަނިވެސް އެތައް ސަތޭކަ މިލިއަނެއް އެބަ ޚަރަދުކޮށްލަންޖެހޭ. އޭގެ ބަދަލުގައި، ރިޔާސީ އިންތިޚާބާ އެކުގައި މަޖިލިސް އިންތިޚާބު ބޭއްވުމަކީ އަޅުގަނޑު ދެކޭގޮތް. އެހެން ނަމަވެސް، އަޅުގަނޑަކަށް ނުނިންމޭނެ. ރައްޔިތުން ގާތުގައި އަޅުގަނޑުމެން އަހަން ޤަޞްދުކުރަން. ރައްޔިތުން ބޭނުންފުޅުވަންޏާ، ދެން އަންނަ ރިޔާސީ އިންތިޚާބަކާ އެކީގައި އޮންނަ ގޮތަށް. ރައްޔިތުން އެގޮތަށް ފެންނަ ނުފެންނަ ވޯޓަކުން ނިންމަވައި ދެއްވައިފިއްޔާ، އޮންނާނެ ރައްޔިތުންގެ މަޖިލިސް އިންތިޚާބު. އެހެންވީމާ، އެކަމަށްވެސް ރައްޔިތުން ގާތު ވޯޓަކަށް، އަޅުގަނޑު އަހާނަން. މަޖިލިސް މެދުވެރިކޮށް. ރައްޔިތުންގެ އަތްޕުޅުގައި އޮތީ ނިންމުން.

ހަމައެއާއެކީގައި، ދިރާސާ ކުރަމުންދާ ކަމެއް، އެޓަރނީ ޖެނެރަލާ އަޅުގަނޑު ހަވާލުކޮށްގެން ދިރާސާ ކުރަމުންދާ ކަމެއް، ބައެއް ޤައުމުތަކުގައި އޮންނަ ގޮތެއް، ޕްރިފަރެންޝަލް ވޯޓިންގ ނިޒާމު. ދެވަނަ ބުރު އުވާލުން. ޕަރސަނަލީ އަޅުގަނޑު ގަބޫލުކުރާގޮތް. ދެވަނަ ބުރަކަށް ނުގޮސް، ފުރަތަމަ ބުރުގައި ޕްރިފަރެންޝަލް ވޯޓިންގއިން ދެވަނަ ބުރަކަށްދާ ހާލެއްގައި ޗޫޒްކުރާނެ ވެރިޔަކަށް ހޮވާނެ މީހާވެސް އެނގޭގޮތަށް ވޯޓުލެވޭގޮތަށް. މާނައަކީ އެއްބުރުން ނިމޭނެ. އެއްބުރުން އެއްވަނަ، ދެވަނަ ސާފުވާގޮތަށް. އަޅުގަނޑު ހިތުން ބައެއް ޤައުމުތަކުގައި، އަވަށްޓެރި ބައެއް ޤައުމުތަކުގައިވެސް އޮވޭ. އެކަމަކު ދިރާސާކޮށްފައި، އަޅުގަނޑު ޤަޞްދުކުރަން، އެއީ، އަޅުގަނޑުމެންގެ ޤައުމަށް އެންމެ ރަނގަޅު ގޮތް ކަމަށްވަންޏާ، ރައްޔިތުންގެ މަޖިލިސް މެދުވެރިކޮށް، އެކަން ރައްޔިތުން އެދޭ ކަމެއް ކަމުގައިވަންޏާ، ދެން އަންނަ ރިޔާސީ އިންތިޚާބުން ފެށިގެން ދެބުރު ނޯންނަގޮތަށް، އެއްބުރުން މީހަކު ހޮވައި ނިންމޭގޮތަށް ކަންކަން ބަދަލުކުރުންވެސް. އެއީ، އަޅުގަނޑު ހިތުން ޚަރަދުވެސް ކުޑަވާނެ، މާބޮޑަށްވެސް އެގޮތަށް އެކަން ކުރީމަ. އެހެންވީމާ، އެކަމަށްވެސް އަޅުގަނޑު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް އަހަންޖެހޭ ކަމަށްވަންޏާ، އަހަން ޤަޞްދުކުރާ ވާހަކަ އިޢުލާނުކޮށްލަން މިއަދު.

އާދެ، މިފަދަ ބައެއް މުހިންމު ކަންކަން، ރައްޔިތުންގެ ކިބައިން އަހައި، ރައްޔިތުން ބޭނުންވާ ކަމަށްވަންޏާ، އެގޮތުގެ މަތިން ގެންދިޔުމަކީ، އަޅުގަނޑު ހިތުން ކުރަންޖެހޭ ކަމެއް. އަދި ކުރިއަށް އޮތް ދުވަސްތަކުގައި، ލޯކަލް ކައުންސިލްގެ ނިޒާމު އިތުރަށް ވަރުގަދަކުރުމަށްޓަކައި، މިހާރަށްވުރެ ތަންކޮޅެއް މީހުން މަދުކޮށްލަން. ހަމަ މި ވާހަކަ ފަށާއިރަށް، ބައެއް ބޭފުޅުން ވިދާޅުވާނެ، ކައުންސިލްތަކުގެ ބާރު ކަނޑުވާލަނީއޭ. ނޫން. 100 މީހުން އުޅޭ ރަށުގައިވެސް 5 ކައުންސިލަރުން އެބަތިއްބޭ. ކައުންސިލްގައި ތިބެނީ ބައްޕައާއި، މަންމައާއި، ދަރިންނާ. އެކަކު ދަނީ މަހަށް. މަސްވެރިކަން މުހިންމު ކަމެއް. އެ އެގްޒާމްޕަލަކަށް އެހެން މި ދެންނެވީ. އެއެއްނޫން ދޮގެއްތޯ، އަޅުގަނޑުމެން ބޭނުންވާ ގޮތަކީ. އެއަށްވުރެ ތަންކޮޅެއް ސައިޒުން ކުޑަވާން އެބަޖެހޭ. އެކަމަކު އެ އިލެކްޓަޑް ޕަވަރއެއް އޮންނަންޏާ، ރައްޔިތުން ރެޕްރެޒެންޓް ކުރެވޭވަރުގެ ރެޕްރެޒެންޓޭޓިވް ކައުންސިލެއް އޮންނަންޏާ ނިމުނީ ނޫންތޯ. އެހެންވީމާ، ފަސް ހަ މީހުން ތިބުމުގެ ބަދަލުގައި، ތަންކޮޅެއް އާބާދީ ކުދި ރަށްތަކުގައި، އެއަށްވުރެ މަދުން މީހުން ތިބޭގޮތަށް. މާލެ ކަހަލަ ތަނެއްގައި ތަންކޮޅެއް މީހުން ގިނަވާންޖެހޭނެ. ގަބޫލުކުރަން. އެހެންވީމާ، މި ރާއްޖެއަށް ކަތާވަރުގެ ޢަދަދަކަށް ކައުންސިލްތަކުގެ ސައިޒް ކުޑަކުރުމަކީވެސް އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން ޤާނޫނަށް ގެންނަ ބަދަލުގެ ތެރެއިން އެޓަރނީ ޖެނެރަލްގެ އޮފީސް މެދުވެރިކޮށް، މަޖިލިސް ތެރެއިން ކުރަން އަޅުގަނޑުމެން ޤަޞްދުކުރާ ކަމެއް. މިކަމުގައި ފަންނީ މަޝްވަރާތައްވެސް ހިނގާނެ. އާދެ، އެހެންވީމާ، މިކަހަލަ ގިނަ މަސައްކަތްތައް މިހިރީ ކުރަން ޖެހިފައި. ގިނަ މަސައްކަތް ކުރަން ޖެހިފައި މިހިރީ. ކުރިއަށް އޮތް ތާނގައި އިރާދަކުރެއްވިއްޔާ މިކަހަލަ ގިނަ މަސައްކަތްތަކެއް އަޅުގަނޑުމެން ކުރަން ޤަޞްދުކުރަން.

އާދެ، ޖުމްހޫރީ ދުވަހެއްގައި މިކަހަލަ ވާހަކަ ދެއްކޭނީ. ޖުމްހޫރީ ދުވަހެއްގައި، ރައްޔިތުން ހަވާލުކޮށްފައި އޮތް ޒިންމާއެއް ހަވާލުވެގެން ހުރި މީހާވީމަ، ރައްޔިތުންނަށް ބޭނުންވާ ކަންކަން ރައްޔިތުންނަށްޓަކައި ކޮށްދެވެނީ ރަނގަޅަށްތޯ ދަންނަވާލުމަކީ، އަޅުގަނޑު ހިތުން ވަރަށް އައުލާކަން ބޮޑު ގޮތެއް. ވަރަށް ދެފުށް ފެންނަ ގޮތެއްގައި ނޫންތޯ މަސައްކަތް މި ކުރަނީ.

އަޅުގަނޑާ ހަމަޔަށް، މިއަދާ ހަމަޔަށް އައި ސުވާލުތައް، ރައީސް އޮފީހަށް. "ރައްޔިތުންގެ އަޑު" ޕޯޓަލްގެ ތެރެއިން. 840 އަށްވުރެ ގިނަ ސުވާލު އަތުވެއްޖެ. އަޅުގަނޑު ހަނދާންވަނީ ބާވީހަކަށް ސުވާލު ބާކީއޮތީ، އަޅުގަނޑު ޖަވާބުދޭން. ހުރިހާ ސުވާލަކަށް ޖަވާބުވެސް ދެވިއްޖެ. ރައީސް އޮފީހަށް އައި އާރު.ޓީ.އައި.ތަކުގެ ތެރެއިންވެސް 90 ޕަސެންޓް އާރު.ޓީ.އައި.ތަކަށް މުއްދަތު އަދި ހަމަނުވާ އެއްޗެހި ފިޔަވައި ހުރިހާ އެއްޗަކަށް އާރު.ޓީ.އައި.ތަކަށްވެސް ޖަވާބުދީފިން. މި ފަހަކަށްއައިސް، އެއްވެސް ސަރުކާރަކުން ނުބާއްވާހާ ގިނަ ޕްރެސް ކޮންފަރެންސް، މިނިސްޓަރުންނާއި، އެކި ބޭފުޅުން ބާއްވަވައިފި، މަޢުލޫމާތު ދެއްވަން. "ސަރުކާރު ވެބްސައިޓް"ގެ ނަމުގައި ވެބްސައިޓެއް ހަދައިގެން، ދުވަހުން ދުވަހަށް މިދަނީ ސަރުކާރުގެ މަސައްކަތްތައް ކިޔައިދެމުން.

އެހެންވީމާ، އަޅުގަނޑު ދަންނަވަން މިއުޅޭ ވާހަކައަކީ، މި ފޮތުގައި، އަޅުގަނޑު ކުރިންވެސް ދެންނެވި ފަދައިން، ނޫސްވެރިކަމުގެ ބާރުގެ ވާހަކަ އެބައޮތޭ. ޑިމޮކްރަސީއެއްގައި، ޑިމޮކްރެޓިކް ނިޒާމެއްގައި، ދައުލަތެއްގައި އެންމެ ބާރުގަދަ ބަޔަކަށްވެސް، އެއް ނަޒަރަކުން ބެލޭނީ ނޫސްވެރިންނޭ. އެހެންވީމާ، ނޫސްވެރިންގެ ޒިންމާ، ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކީގައި އަދާކޮށްދެއްވައްޗޭ. ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކީގައި، އިސްލާމީ ޤައުމެއްގައި އޮންނަންޖެހޭ ގޮތަށް، އެކަން ކުރެވުމަކީ، ޤައުމަށް އެންމެ ފައިދާހުރި ގޮތް. އަޅުގަނޑު ތަފްޞީލަށް އެއަކު ނުދާނަން. ތަފްޞީލަށް ނުގޮސް، އަޅުގަނޑު އެ ވާހަކަ ދަންނަވާލަން ބޭނުންވީ.

އާދެ، އަޅުގަނޑު ހަމަ ނިންމާލަމުންވެސް ދަންނަވާލަން ބޭނުންވަނީ، އިރާދަކުރެއްވީތީ ރައްޔިތުން އަޅުގަނޑާ ހަވާލުކުރި ޒިންމާ އަދާކުރުމުގައި، ކޮންމެ ހިނދުކޮޅެއް، ކޮންމެ ވަގުތުކޮޅެއްވެސް އަޅުގަނޑު ހޭދަކުރަނީ، ރައްޔިތުން އަޅުގަނޑާ ހަވާލުކުރީ ވަރުގަދަ ޒިންމާއެއްކަން ގަބޫލުކޮށްގެންނޭ. ވަރުގަދަ މަސްއޫލިއްޔަތެއްކަން ގަބޫލުކޮށްގެންނޭ. އަޅުގަނޑާ އެކީގައި މަސައްކަތްކުރާ ވަޒީރުންނާއި، ކުންފުނިތަކުގެ ވެރިންނާއި، އަދި އަޅުގަނޑުމެންނަށް އެހީތެރިކަން ދޭ އަޅުގަނޑުމެންގެ ޢިއްޒަތްތެރި މަޖިލިސް މެންބަރުންނާއި، އެކިއެކި މަގާމުތަކުގައި ތިއްބެވި ބޭފުޅުން އެ ކުރައްވަނީ އެ މަސައްކަތޭ.

އަޅުގަނޑުމެން މިތިބީ ރައްޔިތުންނާ އެކީގައޭ. ރައްޔިތުންގެ ފަޅީގައޭ. ދެންވެސް ތިބޭނީ އިރާދަކުރެއްވިއްޔާ ރައްޔިތުންގެ ފަޅީގައޭ. ރައްޔިތުންނަށްޓަކައި ކުރާ ޙަޤީޤީ އިޚްލާޞްތެރި، ތެދުވެރި ވެރިކަމެއް ރައްޔިތުންނަށްޓަކައި ކުރާ ތަނޭ އިރާދަކުރެއްވިއްޔާ ރައްޔިތުންނަށް ފެނިގެންދާނީ، ކުރިއަށް އޮތް ތާނގައިވެސް.

އަޅުގަނޑުގެ ދުޢާއަކީ އަޅުގަނޑުމެން މިކުރާ މަސައްކަތުގައި اللهُ سُبْحَانَهُ وَتَعَالَى ބަރަކާތްލެއްވުން. އަޅުގަނޑުމެންގެ މި ޤައުމަކީ، އުފާފާގަތި، މުއްސަނދި، ފުދުންތެރި ޤައުމެއް ކަމުގައި ލެއްވުން.

وَمَا تَوْفِيقِي إِلَّا بِاللَّهِ عَلَيْهِ تَوَكَّلْتُ وَإِلَيْهِ أُنِيبُ.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.