މެލޭޝިޔާގެ ވިޔަފާރިވެރިންގެ ވަފްދަކާ ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު މިއަދު ބައްދަލުކުރައްވައިފިއެވެ. މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދިވެހި ވިޔަފާރިވެރިންގެ ވަފްދެއްވެސް ބައިވެރިވިއެވެ. މިވަފްދުގައި އެސް.ޓީ.އޯ.އާއި މިފްކޯގެ އިސްބޭފުޅުންވެސް ހިމެނިވަޑައިގެންނެވިއެވެ.

މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ދިވެހިރާއްޖެއާއި މެލޭޝިޔާއާ ދެޤައުމުގެ ދެމެދުގައި ވިޔަފާރީގެ ގުޅުން އިތުރު ދާއިރާތަކުގައި ބަދަހިވަމުން ދިޔުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރާއްޖެ ވަނީ ވިޔަފާރީގެ އެކިދާއިރާތަކަށް ހުޅުވާލެވިފައި ކަމަށް ވިދާޅުވެ، މެލޭޝިޔާގެ ވިޔަފާރިވެރިންނަށް ރާއްޖޭގެ ވިޔަފާރީގައި އިންވެސްޓް ކުރެއްވުމަށް ދަޢުވަތު ދެއްވިއެވެ. އަދި، މެލޭޝިޔާގެ އިންވެސްޓަރުންނަށް ރާއްޖޭގައި ހުރި ފުރުސަތުތަކާބެހޭ މަޢްލޫމާތު ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.