ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، އަވައްޓެރި ނޭޕާލްގައި ހިނގި ފެންބޮޑުވުމާއި ބިންގަނޑު ކަނޑައިގެންދިއުމުގެ ހާދިސާއާ ގުޅިގެން، އެ ޤައުމުގެ ބޮޑުވަޒީރު ކޭޕީ ޝަރްމާ އޮލީއަށް ހަމްދަރުދީގެ މެސެޖެއް ފޮނުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ، އެ މަނިކުފާނުގެ ރަސްމީ 'އެކްސް" އެކައުންޓުން ކުރެއްވި ޕޯސްޓެއްގައި، މި ހިތާމަވެރި ހާދިސާގައި އެޤައުމުގެ އެތައް ބައެއްގެ ފުރާނަ ގެއްލުނު ޚަބަރު އެމަނިކުފާނު އެއްސެވީ ފުން ހިތާމައާއެކުގައިކަން ހާމަކުރައްވާފައި ވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ވަނީ، ނޭޕާލްގެ ބޮޑުވަޒީރަށާއި ހާދިސާގައި ގެއްލުން ލިބުނު އާއިލާތަކަށް، ވަރަށް އިޚްލާޞްތެރިކަމާއިއެކު ހަމްދަރުދީ ފޮނުއްވާފައެވެ. އަދި ހާދިސާގައި ޒަޚަމްވި މީހުންނަށް އަވަސް ޝިފާއަކަށް އެދިވަޑައިގެން، ގެއްލިފައިވާ މީހުން، ސަލާމަތްތެރިކަމާއެކު ފެނުމަށް އުންމީދުކުރައްވާކަމުގައި އެމަނިކުފާނު ވިދާޅުވެފައިވެއެވެ.

ނޭޕާލަކީ ދިވެހިރާއްޖޭގެ އެކުވެރި، އަވައްޓެރި ޤައުމެއްކަމުގައި ފާހަގަކުރައްވަމުން، ރައީސުލްޖުމްހޫރިއްޔާ ވަނީ، މި ހިތާމަވެރި ދަނޑިވަޅުގައި ދިވެހިރާއްޖެ ވަނީ ނޭޕާލާއެކުގައި ކަމަށް ވިދާޅުވެފައެވެ.