ދިވެހިރާއްޖެއަކީ ޑިޖިޓަލް އީޖާދުތަކުން ޒުވާނުން ބާރުވެރިވެފައިވާ، އިޤްތިޞާދީ ފުރުޞަތުތައް އިތުރު، އިޖުތިމާޢީ ހަމަހަމަކަން ޤާއިމުވެފައި އޮންނަ ރާއްޖެއެއްގެ ގޮތުގައި މުސްތަޤުބަލުގައި ފެނިގެންދިއުމަށް އެދިވަޑައިގަންނަވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ އދ.ގެ މައި އިދާރާގެ އާންމު މަޖިލީހުގެ ހޯލުގައި ކުރިޔަށްދިޔަ ސަމިޓް އޮފް ދަ ފިއުޗަރ ހުޅުވުމުގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި މަލްޓިލެޓަރަލް ނިޒާމަކީ ހަމައެކަނި ކަނޑައެޅިފައި އޮންނަ ކޮންސެޕްޓެއްގެ ބަދަލުގައި އެއީ ދުނިޔެއަށް ކުރިމަތިވެފައިވާ އެކި މައްސަލަތަކުގައި ޢަމަލީގޮތުން މަސައްކަތްކުރެވޭ ނިޒާމަކަށް ވާންޖެހޭކަމުގައި ވިދާޅުވިއެވެ. އެމަނިކުފާނު ވަނީ މަލްޓިލެޓަރަލް ނިޒާމު އިތުރަށް ހަރުދަނާކޮށް އެދެވޭ ނަތީޖާ ނެރެވޭނެ 3 ގޮތެއް ފާހަގަ ކުރައްވާފައެވެ.
ފުރަތަމަ ކަމެއްގެ ގޮތުގައި އެމަނިކުފާނު ވަނީ ޒުވާނުން ބާރުވެރިކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އަދި ޒުވާނުން ޝައުޤުވެރިކުރުވައި އެމީހުންގެ ބައިވެރިވުން ލިބޭގޮތަށް ޤަރާރުތަކާއި އެއްބަސްވުންތައް ހެދުމުގެ މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ސިޔާސަތުތައް އެކުލަވާލުމުގައި ޒުވާނުންގެ ބައިވެރިވުން ހިމެނުމަށާއި އެމީހުންގެ ހުރި އުފެއްދުންތެރިކަން ދެއްކުމުގެ ފުރުޞަތުތައް ތަނަވަސްކޮށްދިނުމަށް ރާއްޖެއިން ކުރާ މަސައްކަތްތައް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ދެވަނަ ކަމަކަށް އެމަނިކުފާނު ވަނީ މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލައަށް އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭކަން ފާހަގަކުރައްވާފައެވެ. މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލައަކީ ދުނިޔޭގެ 62 އިން ސައްތަ ޒުވާނުންނަށް އޭގެ އަސަރުކުރާ މައްސަލައެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން އެމަނިކުފާނު ވަނީ މޫސުމަށް އަންނަ ބަދަލުތަކާގުޅޭގޮތުން ރާއްޖެއިން އަޅަމުންދާ ފިޔަވަޅުތައް ފާހަގަކުރައްވައި އެހެން ހުރިހާ ޤައުމުތަކުން ވެސް އެގޮތަށް އެޤައުމުތަކުގެ ޒިންމާ އަދާކުރެއްވުމަށް އެދިވަޑައިގެންފައެވެ.
ތިންވަނަ ކަމަކަށް އެމަނިކުފާނު ވަނީ ރަނގަޅު ނަތީޖާތަކެއް ނެރުމަށް މާލީ ވަޞީލަތްތަކުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އަދި އެމަނިކުފާނު ވަނީ ދެމެހެއްޓެނިވި ތަރައްޤީއަށާއި މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމާއި މޫސުމަށް އަންނަ ބަދަލުތަކުން ލިބޭ ގެއްލުންތައް ކުޑަކުރުމަށް ބޭނުންވާ މާލީ ކަންކަމުގެ ބޭނުންތެރިކަން ފާހަގަކުރައްވައި އަދި ހުރިހާ ފަރާތްތަކަށް ބޭނުންހިފޭފަދަ މާލީ ނިޒާމެއް ބޭއްވުމަށް ގޮވާލައްވާފައެވެ.
އެމަނިކުފާނުގެ ވާހަކަފުޅު ނިންމަވާލައްވަމުން ވިދާޅުވީ މުސްތަޤުބަލުގެ ޖީލުތަކުން ބަލާނީ ކަމެއް ކުރުމަށް ހަމަޖެއްސި އިންތިޒާމުތަކަށްވުރެ ބައިނަލްއަޤްވާމީ މުޖުތަމަޢުން އެކަމަކާމެދު ނިންމި ހަރުދަނާ ނިންމުމަކަށް ކަމުގައެވެ. އެހެންކަމުން ޣައްޒާއާ ދެކޮޅަށް ކުރަމުންދާ ނަސްލު ނައްތާލުމުގެ ހަނގުރާމަ ހުއްޓާލުމަށާއި އެމީހުންގެ އިންސާނީ ކަރާމާތް ނަގާލަމުންދާ މީހުންނާ މެދު ފިޔަޅު އެޅުމަށާއި ފަލަސްޠީނަށް އދ.ގެ ފުރިހަމަ މެންބަރުކަން ދިނުމަށް ގޮވާލެއްވިއެވެ.