މި ސަރުކާރުން އެންމެ އިސްކަންދޭނެ އެއް ބަޔަކީ ޒުވާނުންނަށްކަމަށާއި، ޒުވާނުން ބާރުވެރިކުރުމަށާއި ޒުވާނުންނަށް އިޤްތިޞާދީ ފުދުންތެރިކަން ހޯދައިދިނުމަށް މަސައްކަތް ކުރައްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ސަރުކާރު ޙިއްޞާވާ މައި ޕާޓީން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިމޭރުމުން ވާހަކަފުޅު ކުރިއަށްގެންދަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ޒުވާނުންނަށް ހެޔޮ ދިރިއުޅުމެއް ހޯދައިދިނުމުގެގޮތުން ގެދޮރުވެރިކަމާއި ވަޒީފާގެ ފުރުޞަތު ފަހިކޮށްދެއްވުމަށް ސަރުކާރުގެ މެނިފެސްޓޯގެ ބޮޑުބައެއް ޚާއްޞަކުރެވިފައިވާކަން ފާހަގަކުރައްވާފައެވެ.

މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ޤައުމުގެ އިޤްތިޞާދު ހަރުދަނާ ކުރުމަށް މި ސަރުކާރުން ކުރައްވާ މުހިންމު ކަންކަމުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ. އެގޮތުން ރައްޔިތުންނަށް ހަޤީޤީ މާނައިގައި އާމްދަނީ އިތުރުކުރުމަށް މަސައްކަތްޕުޅުތައް ކުރައްވާކަމާއި، ޑޮލަރު އިތުރުކުރުމަށާއި ރެވެނިއު އިތުރުކުރުމަށް މަސައްކަތްޕުޅުތައް ކުރައްވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މި މޭރުމުން ވާހަކަފުޅު ކުރިއަށްގެންދަވަމުން އެމަނިކުފާނު ވިދާޅުވީ "ކޮންމެ ހިނދުކޮޅެއް މި ސަރުކާރުން ހޭދަކުރަމުން ދާނީ ރައްޔިތުންގެ ފަޅީގައި ތިބެގެން" ކަމަށެވެ.

މިރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ކުރިއަށް އޮތް ހަފްތާގެ ތެރޭގައިވެސް ރައްޔިތުންނަށްޓަކައި މުހިންމު ބަދަލުތަކެއް އެމް.އެމް.އޭގެ ރެގިއުލޭޝަންތަކަށް ގެންނެވުމަށް ނިންމަވާފައިވާކަން އެމް.އެމް.އޭގެ ގަވަރުނަރު ވިދާޅުވެފައިވާކަމުގައި ފާހަގަކުރައްވާފައެވެ. އަދި މި ބަދަލުތައް ގެނައުމުން ރައްޔިތުންނަށް ލިބިގެންދާނެ ފައިދާތަކުގެ މައްޗަށް ބައްލަވާލައްވާ އެމަނިކުފާނު ވިދާޅުވީ "ބްލެކް މާކެޓް" ގައި ފައިސާ މާރުކުރުން މަދުކުރެވި ރާއްޖޭގައި ޑޮލަރު ހިފެހެއްޓުމަށް ހިތްވަރު ދެވިގެން ދާނެކަމުގައެވެ. މީގެ އިތުރުންވެސް ބޮޑަށް ޑޮލަރުން އާމްދަނީ ލިބޭ ވިޔަފާރިތަކުން 'ކޯޕަރޭޓް އިންކަމް ޓެކްސް' ދެއްކުމުގައި ޑޮލަރުން ޓެކްސް ދެއްކުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާގެމަތީން ނިންމަވާފައިވާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މިދިޔަ 9 މަސްދުވަހުގެ ތެރޭގައި ދީނީކަންކަން ހަރުދަނާކުރުމަށް ގިނަ މަސައްކަތް ސަރުކާރުން ކުރަމުންދާކަމުގައި ފާހަގަކުރައްވާފައެވެ. އަދި ބަވަނަވަމުންމިދާ ދުނިޔޭގައި ފެންނަމުންދާ އިސްލާމް ދީނާ ޚިލާފު އޮއިވަރުތަކުގައި ދަރިން ނުޖެހި ހަރުދަނާ ޖީލެއް ބިނާކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މިރޭގެ ޖަލްސާގައިވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ މި ސަރުކާރުން ޖުޑިޝަރީއަށް ނުފޫޒު ނުފޯރުވާނެކަމުގެ ޔަޤީންކަން ރައްޔިތުންނަށް ދެއްވާފައެވެ. އަދި ޖުޑިޝަރީއިން މިނިވަންކަމާއެކު މައްސަލަ ބަލައި ހުކުމެއް އައިސްފިނަމަ އެ ހުކުމް ތަންފީޒުކުރުމުގައި މި ސަރުކާރުން ފަހަތަށް ނުޖެހޭނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.