ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ދަ ފްރެންޗް ރިޕަބްލިކްގެ ބޮޑުވަޒީރުކަމުގެ މަޤާމަށް ހިޒް އެކްސަލަންސީ ސިބަސްޓިއާން ލުކޮޣްނިއު އައްޔަންކުރެއްވުމާ ގުޅިގެން، އެމަނިކުފާނަށް ތަހުނިޔާ ފޮނުއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ތަހުނިޔާގެ މެސެޖުގައި، ބޮޑުވަޒީރު ލުކޮޣްނިއުއަކީ މަގާމުގެ މަސްއޫލިއްޔަތުތައް ފުރިހަމައަށް އަދާކުރެއްވުމުގެ ޤާބިލުކަން ލިބިވަޑައިގެން ހުންނެވި ބޭފުޅެއްކަން ޔަޤީންކުރައްވާކަމުގައި ފާހަގަކުރައްވައި، އެމަނިކުފާނުގެ ވެރިކަމުގައި ހާސިލުކުރައްވަން ބޭނުންފުޅުވާ ލަނޑުދަނޑިތަކަށް ވާޞިލުވުމުގައި، ކާމިޔާބީއަށް އެދިވަޑައިގަންނަވާފައިވެއެވެ. އަދި ދިވެހިރާއްޖެއާއި ފްރާންސާއި ދެމެދު އޮތް ޒަމާންވީ އެކުވެރިކަމާއި، ދޭދޭ މަސްލަޙަތު ހިމެނޭ ކަންކަމުގައި އެއްޤައުމުން އަނެއްޤައުމަށް ދެމުންދާ އެއްބާރުލުން، ބޮޑުވަޒީރު ލުކޮޣްނިއުގެ މިދައުރުގައިވެސް ދެމިއޮންނާނެކަން ޔަޤީންކުރައްވާ ކަމުގައި ފާހަގަކުރައްވާފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލައްވާފައިވަނީ އައު ބޮޑުވަޒީރަށް ކާމިޔާބީއާއި، ދުޅަހެޔޮ ޞިއްޙަތަކަށް އެދިވަޑައިގެން، ފްރާންސްގެ ރައްޔިތުންނަށް އަމަންއަމާންކަމާއި ކުރިއެރުމަށް އެދިވަޑައިގަންނަވަމުންނެވެ.