ބަންގްލަދޭޝްގެ ވަގުތީ ސަރުކާރުގެ ޗީފް އެޑްވައިޒަރުގެ މަޤާމަށް ޑޮކްޓަރ މުޙައްމަދު ޔޫނުސް އައްޔަންކުރުމާ ގުޅިގެން އެމަނިކުފާނަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަހުނިޔާ ވިދާޅުވެއްޖެއެވެ.

ޑޮކްޓަރ މުޙައްމަދު ޔޫނުސަށް ތަހުނިޔާ ވިދާޅުވެ މީސްމީޑިއާގައި ރައީސުލްޖުމްހޫރިއްޔާ ހިއްސާކުރެއްވި މެސެޖުގައި ދިވެހިރާއްޖެއާ ބަންގްލަދޭޝްއާ ދެމެދު އޮންނަ ޒަމާންވީ ގާތްގުޅުމާއި އެކުވެރިކަން ފާހަގަކުރައްވާފައިވެއެވެ. އަދި ބަންގްލަދޭޝްގެ ވަގުތީ ސަރުކާރުގެ ޗީފް އެޑްވައިޒަރުގެ ލީޑަރޝިޕްގެ ދަށުން ބަންގްލަދޭޝްގެ ރައްޔިތުންގެ މެދުގައި ސުލްޙަމަސަލަސްކަމާއި އެއްބައިވަންތަކަން އާލާވެ، ފާގަތިކަން ލިބިގެންދިއުމަށް އެދިވަޑައިގަންނަވާކަން ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ފާހަގަކުރައްވާފައިވެއެވެ.

ދިވެހިރާއްޖެއާ ބަންގްލަދޭޝްއާ ދެމެދު ސިޔާސީގުޅުން ޤާއިމުކޮށްފައި ވަނީ 22 ސެޕްޓެންބަރު 1978ގައެވެ.