އެންގޯލާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު، ހިޒް އެކްސަލެންސީ ކްލެމެންޓޭ ޕޭދްރޯ ފްރާންސިސްކޯ ކަމީޔާ އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއަށް މިއަދު އަރުވައިފިއެވެ. މި ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ރަސްމިއްޔާތަށް ޖުމްހޫރީ މައިދާނުން ފެށިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހާ ހަމައަށް ސަފީރު ވަޑައިގެންނެވީ ހަތްކޮޅުގައި ރަސްމީ ޢިއްޒަތުގައި ބެރު ދުންމާރި ތާޅަފިލީގައި، ހެވިކަމުގެ ލަޝްކަރީންނާއެކު ހިންގަވައިފައެވެ.

އެންގޯލާގެ އައު ސަފީރު، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އެރުވުމުން ރައީސުލްޖުމްހޫރިއްޔާ ވަނީ އައު ސަފީރަށް ތަހުނިޔާ ވިދާޅުވެ، ދިވެހިރާއްޖެއަށް ވަޑައިގެންނެވިކަމަށްޓަކައި މަރްޙަބާ ވިދާޅުވެފައެވެ.

އެއަށްފަހު އައު ސަފީރާ ބައްދަލުކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި މިއީ އެންގޯލާ ސަރުކާރުގެ ސަފީރެއް ރާއްޖެއަށް ކަނޑައެޅުއްވި ފުރަތަމަ ފަހަރުކަން ފާހަގަކުރައްވައި މިއާއެކު އިޤްތިޞާދީ އަދި ވިޔަފާރީގެ ދާއިރާ ހިމެނޭހެން ދެޤައުމުގެ ދެމެދުގައި އިތުރަށް ގުޅުން ބަދަހިވެގެންދާނެކަމަށް އުންމީދު ކުރައްވާކަމުގައި ވިދާޅުވިއެވެ.

ދިވެހިރާއްޖެއާ އެންގޯލާއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރީ 2020 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 10 ވަނަ ދުވަހުގައެވެ.

އެންގޯލާގެ ސަފީރަކީ ނޮން-ރެސިޑެންޓް ސަފީރުގެ ގޮތުގައި ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރެކެވެ. އެންގޯލާގެ ސަފީރު ހުންނަވާނީ އިންޑިއާގެ ނިއުދިއްލީ ގައެވެ.