އެންޓީގާ އެންޑް ބާބިޔުޑާއަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން އަންހެނުން ބާރުވެރިކުރުވުމަށް ސަރުކާރުން ގެންގުޅުއްވާނެ މުހިންމު ސިޔާސަތުތަކެއް ރައީސުލްޖުމްހޫރިއްޔާ އިޢުލާނުކުރެއްވިއެވެ. އެންޓީގާ އެންޑް ބާބިޔުޑާގައި ބޭއްވި ސިޑްސް ގްލޯބަލް ބިޒްނަސް ނެޓްވޯކް (ޖީބީއެން) ފޯރަމް 2024 ގެ ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ސަރުކާރުގެ ވިސްނުމަކީ އަންހެން ވިޔަފާރިވެރިންނަށް 6.5މިލިއަން ޑޮލަރުގެ ލޯނު ފެސިލިޓީއެއް ތައާރަފްކޮށް، މި ފެސިލިޓީ ތެރޭގައި ނުކުޅެދުންތެރިކަން ހުންނަ އަންހެނުންނަށް 25 އިންސައްތަ ކަނޑައަޅާނެކަން ހާމަކޮށްދެއްވާފައެވެ.

އަންހެނުން ބާރުވެރިކުރުވުމަށް ސަރުކާރުން ކުރާމަސައްކަތްތަކޭ އެއްގޮތަށް ރައްޔިތުންގެ މެދުގައި ތަފާތުކުރުމެއްނެތި، އެންމެން ޝާމިލުކޮށް ރައްޔިތުން ބާރުވެރިކުރުވުމަށް އިސްކަން ދިނުމުގެ މައްޗަށްވެސް އެމަނިކުފާނު ވާހަކަފުޅު ދެއްކެވިއެވެ. އެގޮތުން އެންމެ ކުދި، ކުދި، އަދި މެދުފަންތީގެ ވިޔަފާރިތަކާއި، ޒުވާން ވިޔަފާރިވެރިން ކުރިއަރުވައި، އިންވެސްޓްމަންޓްތަކަށް މަގުފަހި ކޮށްދޭން ޖެހޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާ އެންޓީގާ އެންޑް ބާބިޔުޑާއަށް ކުރެއްވި ދަތުރުފުޅުގައި ބައެއް ޤައުމުތަކުގެ ވެރިންނާއި އިސްފަރާތްތަކާއި ބައިނަލްއަޤްވާމީ ޖަމުޢިއްޔާ ބައްދަލުކުރައްވައި ރާއްޖެއާ އެފަރާތްތަކާ ދެމެދު ގުޅުންބަދަހިކޮށް އެއްބާރުލުން އިތުރުކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައިވެއެވެ.

ބޭރު ޤައުމުތަކަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވާ ރަސްމީ ދަތުރުފުޅުތަކުގައި، ރައްޔިތުން ބާރުވެރިކުރުވުމާ ފުދުންތެެރިކަން އިތުރުކުރުމަށް މަގު ފަހިވާނެ ފުރުޞަތުތައް ފަހިކުރެއްވުމަށް ދަނީ ޚާއްޞަ އިސްކަމެއް ދެއްވައިގެން މަސައްކަތްކުރައްވަމުންނެވެ.