ރައީސުލްޖުމްހޫރިއްޔާ، ޑޮކްޓަރ މުޙައްމަދު މުޢިއްޒު ޔޫރަޕިއަން އިންވެސްޓްމަންޓް ބޭންކުގެ ނައިބު ރައީސް އެމްބަރައޮސް ފަޔޮލްއާއި ބައްދަލުކުރައްވައިފިއެވެ. މިބައްދަލުކުރެއްވުން ކުރިޔަށް ދިޔައީ، ހަތަރުވަނަ އިންޓަރނޭޝަނަލް ކޮންފަރެންސް އޮން ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް (ސިޑްސް) ގައި ބައިވެރިވެވަޑައިގަތުމަށް އެންޓީގާ އެންޑް ބާބިޔުޑާއަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ހަވާސާގައެވެ.

މިބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ ޔޫރަޕިއަން އިންވެސްޓްމަންޓް ބޭންކުގެ ފަރާތުން ދިވެހިރާއްޖެއަށް ވެދެއްވަމުންގެންދަވާ އެހީތެރިކަމަށްޓަކައި ޝުކުރުއަދާކުރައްވާފައެވެ. އަދި ވޭތުވެދިޔަ އެތައް އަހަރެއް ކުރީއްސުރެ ޤާއިމްވެފައި މިއޮތް ގާތް ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މި ސަރުކާރުން މަސައްކަތް ކުރައްވާނެކަމުގެ ޔަޤީންކަން ދެއްވައިފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ކަނޑުތޮށިލުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމާއި، ފެނުގެ ނިޒާމު ޤާއިމުކުރުމާއި، އިއާދަކުރަނިވި ހަކަތައިގެ މަޝްރޫޢުތައް ފަދަ މޫސުމީ ބަދަލުތަކުން ދަފަރާވުމަށް އިސްކަންދޭ މަޝްރޫޢުތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމާމެދު މަޝްވަރާކުރައްވާފައިވެއެވެ.

ދެބޭފުޅުންގެ ބައްދަލުކުރެއްވުން ނިންމަވާލައްވާފައިވަނީ، އިއާދަކުރަނިވި ހަކަތައިގެ މަޝްރޫޢުތައް ރާއްޖޭގައި ކާމިޔާބުކަމާއެކު ހިންގޭނެ ގޮތްތަކުގެ އިތުރުން މޫސުމީ ބަދަލުތަކުން ކުރާ އަސަރު ކުޑަކުރުމާއި، ދުރާލާ ރައްކައުތެރިކަމުގެ ފިޔަވަޅުތައް އެޅުމާ ގުޅޭގޮތުން ޚިޔާލުބަދަލުކުރައްވަމުންނެވެ.