ސިޑްސްގެ ޤައުމުތަކުން އިސްނަގައި، ކުދި ޖަޒީރާ ޤައުމުތަކަކީ އުފެއްދުންތެރިކަމާއި ވިލުންތެރިކަމުގެ މިސާލެއްގެ ގޮތުގައި ދައްކަންޖެހޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެ މަނިކުފާނު މިފަދައިން ވިދާޅުވީ ހަތަރުވަނަ އިންޓަރނޭޝަނަލް ކޮންފަރެންސް އޮން ސްމޯލް އައިލެންޑް ޑިވެލޮޕިންގ ސްޓޭޓްސް (ސިޑްސް) ގެ ޕްލެނަރީ ސެޝަންގައި ދިވެހިރާއްޖޭގެ ޤައުމީ ބަޔާން އިއްވަވައިދެއްވަމުންނެވެ.

މި ބަޔާން އިއްވަވައިދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މިވަގުތަކީ ތަރައްޤީގެ މަގުގައި ކުރިމަތިވާ ދަތިތަކާ ކުރިމަތިލުމަށް ކުދި ޖަޒީރާ ޤައުމުތަކުން އަމިއްލަ ޤާބިލުކަން ގަބޫލުކުރަން ފަށަންވީ ވަގުތުކަމުގައި ވިދާޅުވިއެވެ. އަދި އަޅުގަނޑުމެންގެ ނާޒުކުކަމަކީ އަޅުގަނޑުމެންގެ ވެއްޓުން ކަމުގައި ދެކިގެން ނުވާނެކަމަށާއި އެކަންކަމަކީ އަޅުގަނޑުމެންގެ ބުންވަރު އާލާކުރަން ލިބޭ ހިތްވަރެއް ކަމުގައި ދެކެން ޖެހޭކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ފަރާތުން ސިޑްސްގެ ޤައުމުތަކުން އެއްބާރުލުން ހޯދިދާނެ ތިން ގޮތެއް ވިދާޅުވެދެއްވިއެވެ. އެގޮތުން ބައިނަލްއަޤްވާމީ މުޖުތަމަޢުން ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް ކްރެޑިޓް އިތުރުކުރުމަށާއި ދަރަނީގެ ޚަރަދުތައް ކުޑަކުރުމަށް މަގުފަހިކޮށްދޭންޖެހޭ ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ. އަދި ދޭދޭ ގުޅުންތައް ޤާއިމުކޮށްފައިވާ ފަރާތްތަކުން، ރިޓްރެކްޓިވް ފައިނޭންސިންގ ހިމެނޭ މާލީ އީޖާދީ ހައްލުތައް އިތުރުކޮށްދޭންޖެހޭ ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އ.ދ. ގެ ނިޒާމާއި ބައިނަލްއަޤްވާމީ ތަރައްޤީގެ ޖަމާޢަތްތަކާއި އަމިއްލަ ވިޔަފާރިތަކަށް ހަރަދުކުރާ ފަރާތްތަކުން، ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި، ޙިއްޞާކުރެވިފައިވާ އަދި، ގުޅި ލާމެހިފައިވާ ވިސްނުމެއް ގެންގުޅެން ޖެހޭކަމުގައި ވިދާޅުވިއެވެ.

މި ބަޔާން އިއްވަވައިދެއްވަން ފަށްޓަވަމުން ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ސިޑްސް ޢާއިލާގެ މެންބަރެއް ކަމަށްވާ ޕަޕުއާ ނިއުގިނީގައި ހިނގި ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާއާ ގުޅިގެން އެ ޤައުމަށް ކުރިމަތިވެފައިވާ ހިތަށް ގެންނަންދަތި ހިތާމަވެރި ހާދިސާއާ ގުޅިގެން، އެ ހިތާމައިގައި ބައިވެރިވާކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އަދި މެދުއިރުމަތީގައި ރަފާހްގައި ތިބި ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން ދެމުންގެންދާ ހަމަލާތައް ވަގުތުން ހުއްޓާލުމަށާއި، އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސްއިން ކޮށްފައިވާ އަމުރާ އެޤައުމުން ޚިލާފުވަމުންދާކަމުގައި އެ މަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އިސްރާއީލުން އެކުރާ ހަނގުރާމަ ހުއްޓައިލުމަށް ގޮވާލުމުގައި ކޮންފަރެންސްގައި ބައިވެރިވާ ޤައުމުތަކުގެ ވެރިން އެއްބައިވަންތަ ވާންޖެހޭ ކަމުގައި ވިދާޅުވިއެވެ.

ސިޑްސްގެ މި ކޮންފަރެންސަކީ ކޮންމެ ދިހަ އަހަރަކުން އެއްފަހަރު ކުރިއަށްގެންދާ ކޮންފަރެންސެކެވެ. ސިޑްސް4 ގެ މި އަހަރުގެ ޝިއާރަކީ "ޗާރޓިންގ ދަ ކޯސް ޓުވާޑްސް ރިސިލިއަންޓް ޕްރޮސްޕަރިޓީ" އެވެ. މި ޝިއާރާ އެއްގޮތަށް މި އަހަރުގެ ސިޑްސް ކޮންފަރެންސްގައި ތިމާވެށީގެ ގޮތުން ނާޒުކު އަދި ކުދި ޤައުމުތަކަށް ފާގަތިކަމާއި، ވިލުންތެރިކަން ހާސިލްކުރުމަށް މަގުކޮށައިދިނުމަށް މުހިންމު މަސައްކަތްތަކެއް ކުރެއްވުމަށް ވަނީ ނިންމަވާފައެވެ.