"އޮފީސް އޮފް ޕްރޮގްރާމްސް އެންޑް ޕްރޮޖެކްޓްސް"ގެ ނަމުގައި ސަރުކާރުގެ ވަކި އިދާރާއެއް، 25 މާޗް 2010 ދުވަހު އުފައްދަވައި، އެތަނަކީ ޑިޕާޓްމަންޓް އޮފް ނޭޝަނަލް ޕްލޭނިންގގެ ދަށުން ހިނގަމުންދާ ތަނެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވައިފިއެވެ.
އޮފީސް އޮފް ޕްރޮގްރާމްސް އެންޑް ޕްރޮޖެކްޓްސްގެ ނަމުގައި ވަކި އިދާރާއެއް އުފެއްދެވީ، ސަރުކާރުގެ އޮފީސްތަކުން ހިންގާ އެކިއެކި މަޝްރޫޢުތަކާއި ޕްރޮގްރާމްތައް ހިނގާނުހިނގާ ގޮތް ބަލައި، ތަންފީޒުކުރެވެމުންދާ މިންވަރު ބެލުމާގުޅޭގޮތުންކުރާ މަސައްކަތްތައް އިތުރަށް ފުޅާކޮށް، ހަރުދަނާކުރުމާއި، އަދި މިފަދަ މަޝްރޫޢުތަކާއި ޕްރޮގްރާމްތަކުގެ ކޮންޓްރެކްޓް އެޑްމިނިސްޓްރޭޝަނާގުޅޭ އެންމެހާ މަސައްކަތްތައް ހިންގައި ބަލަހައްޓާނެ ސަރުކާރުގެ ވަކި އިދާރާއެއް ހުރުމަކީ މުހިންމު ކަމެއްކަމަށް ފެނިވަޑައިގަންނަވާތީ ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މި އޮފީސް އުފެއްދެވުމާ ގުޅިގެން، ސަރުކާރުގެ އޮފީސްތަކުން ހިންގަވާ އެންމެހާ މަޝްރޫޢުތަކާއި، ޕްރޮގްރާމްތައް ހިނގާނުހިނގާގޮތް ބެއްލެވުމާއި، އެ މަޝްރޫޢުތަކާއި، ޕްރޮގްރާމްތަކުގެ ނަތީޖާ ހާސިލުވަމުންދާ މިންވަރު ބެލުމާގުޅޭގޮތުން ކުރައްވަމުން ގެންދަވާ އެންމެހާ މަސައްކަތްތައް ކުރައްވަމުން ގެންދަވާނީ އަލަށް އުފެއްދެވި މި އޮފީހުން ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
އޮފީސް އޮފް ޕްރޮގްރާމްސް އެންޑް ޕްރޮޖެކްޓްސްއަށް ރައީސުލްޖުމްހޫރިއްޔާ ހަމަޖެއްސެވި މަސައްކަތްތަކުގެ ލިޔުން، މި ދެންނެވުމާއެކު އެވަނީއެވެ.
ސަރުކާރުގެ އޮފީސްތަކުން އޮފީސް އޮފް ޕްރޮގްރާމްސް އެންޑް ޕްރޮޖެކްޓްސްއަށް ލިޔުއްވާ ސިޓީގައި ޖައްސަވަމުން ގެންދަވާނީ، ތިރީގައިމިވާ ނަންބަރެވެ.
217 އޮފީސް އޮފް ޕްރޮގްރާމްސް އެންޑް ޕްރޮޖެކްޓްސް

އޮފީސް އޮފް ޕްރޮގްރާމްސް އެންޑް ޕްރޮޖެކްޓްސްގެ މަސައްކަތްތައް

1. ސަރުކާރުގެ މަޝްރޫޢުތަކާއި ޕްރޮގްރާމްތައް ހިންގާނެ ގޮތުގެ މިންގަނޑުތަކާއި އުސޫލުތައް އެކުލަވާލައި، މިކަންކަމާބެހޭ މަޢްލޫމާތު ކަމާބެހޭ ފަރާތްތަކަށް ޙިއްޞާކުރުން.
2. ސަރުކާރުން ހިންގާ މަޝްރޫޢުތަކާއި، ޕްރޮގްރާމްތައް ހިނގާނުހިނގާގޮތް ބަލައި، އެ މަޝްރޫޢުތަކާއި ޕްރޮގްރާމްތަކުގެ ނަތީޖާ ހާސިލުކުރެވެމުންދާ މިންވަރު ދެނެގަތުމާގުޅޭގޮތުން ކުރަންޖެހޭ އެންމެހާ ކަންތައް ބެލެހެއްޓުން.
3. ސަރުކާރުން ހިންގާ ތަރައްޤީގެ މަޝްރޫޢުތަކުގެ ކޮންޓްރެކްޓް އެޑްމިނިސްޓްރޭޝަންގެ އެންމެހާ ކަންތައްތައް ބެލެހެއްޓުމާއި މިކަންކަމާގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.
4. ސަރުކާރުގެ މިނިސްޓްރީތަކަށް ބޭނުންވާ ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމްތަކާއި މަޝްރޫޢުތައް ހިންގައިދިނުން.
5. ސަރުކާރުގެ ބަޖެޓުން ޚަރަދުކޮށްގެން ހިންގާ ބޮޑެތި މަޝްރޫޢުތައް މިނިސްޓްރީތަކާ ގުޅިގެން އެކުލަވާލުމާއި، އެ މަޝްރޫޢުތައް ހިންގައި ބެލެހެއްޓުން.
6. ސަރުކާރު ކުންފުނިތަކާއި ސަރުކާރު ޙިއްޞާވާ ކުންފުނިތަކާއި، އަމިއްލަ ކުންފުނިތަކުން ސަރުކާރަށް އެއްވެސް ގޮތަކުން ސީދާ އާމްދަނީއެއް ނުވަތަ މަންފާއެއް ލިބޭގޮތަށް ހިންގާ މަޝްރޫޢުތައް ހިނގާ ނުހިނގާގޮތް ބެލުން.
7. ސަރުކާރުން ހިންގާ ތަރައްޤީގެ މަޝްރޫޢުތަކާއި ސަރުކާރު ޙިއްޞާވާ ފަރާތްތަކުން ހިންގާ ތަރައްޤީގެ މަޝްރޫޢުތައް ހަވާލުކުރާނެ ފަރާތްތައް ކަނޑައެޅުމަށްޓަކައި ހުޅުވާލެވޭ ބިޑުތަކަށް ކުރިމަތިލާ ފަރާތްތަކުގެ މަޢުލޫމާތު ދިރާސާކޮށް ހުށަހެޅޭ ޓެންޑަރތަކާބެހޭގޮތުން، ޓެންޑަރ އިވޭލުއޭޝަން ބޯޑަށް މަޝްވަރާއާއި ލަފާދިނުން.
8. ސަރުކާރުން ހިންގާ މަޝްރޫޢުތަކާއި، ޕްރޮގްރާމްތައް އެކުލަވާލުމުގައި ނޭޝަނަލް ޕްލޭނިންގ ކައުންސިލަށް ބޭނުންވާ މަޝްވަރާއާއި ލަފާދިނުން.
9. ސަރުކާރުން ހިންގާ ތަރައްޤީގެ މަޝްރޫޢުތަކާއި ސަރުކާރު ޙިއްޞާވާ ފަރާތްތަކުން ހިންގާ ތަރައްޤީގެ މަޝްރޫޢުތަކުގެ މަޢުލޫމާތު ބެލެހެއްޓުން.