ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 116ވަނަ މާއްދާގެ (ހ)އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚުތިޔާރުގެ ދަށުން، "މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓް" މިއަދު އުވައިލައްވައި، "މިނިސްޓްރީ އޮފް ފިނޭންސް"ގެ ނަން "މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގ"ގެ ނަމަށް ބަދަލުކުރައްވައި، "މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ"ގެ ނަން، "މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ"ގެ ނަމަށް ބަދަލުކުރައްވައިފި ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި، މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓްގެ ދަށުން ހިނގަމުންދިޔަ، "މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް" އަކީ މިއަދުން ފެށިގެން، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގގެ ދަށުން ހިންގަމުންދާ ތަނެއްގެ ގޮތުގައި ހަމަޖައްސަވައިފި ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

     މިގޮތަށް ހަމަޖެއްސެވުމާ ގުޅިގެން، މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓުން ކުރައްވަމުން ގެންދެވި، ރާއްޖޭގެ ބިން ބޭނުންކުރުމާ ގުޅޭ މަސައްކަތްތަކާއި، ރާއްޖޭގެ އަރބަން ސަރަހައްދުތައް ތަރައްޤީކުރުމާބެހޭ މަސައްކަތްތަކާއި، ޤައުމީ ތަރައްޤީ ރޭވުމާބެހޭ މަސައްކަތްތަކާއި، ތަފާސްހިސާބުގެ މަސައްކަތްތައް، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގއިން ކުރައްވަމުން ގެންދަވާގޮތަށް ހަމަޖައްސަވައި، ރާއްޖޭގެ ހިޔާވަހިކަމުގެ ސިޔާސަތު ކަނޑައެޅުމާބެހޭ އެންމެހައި މަސައްކަތްތަކާއި، ސޯޝަލް ހައުސިންގއާބެހޭ އެންމެހައި މަސައްކަތްތައް، މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ކުރައްވަމުން ގެންދަވާގޮތަށް ހަމަޖައްސަވައިފި ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

        ދައުލަތުގެ އިދާރާތަކުން ލިޔުއްވާ ސިޓީގައި ނަންބަރު ޖެއްސެވުމުގައި، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގއަށް ލިޔުއްވާ ސިޓީގައި ޖައްސަވަމުން ގެންދަވާނީ، މިހައިތަނަށް މިނިސްޓްރީ އޮފް ފިނޭންސަށް ހަމަޖައްސަވައިފައި އޮތް ނަންބަރު 13 ކަމަށާއި، މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއަށް ލިޔުއްވާ ސިޓީގައި ޖައްސަވަމުން ގެންދަވާނީ، މިހައިތަނަށް މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރއަށް ހަމަޖައްސަވައިފައި އޮތް ނަންބަރު 491 ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.