ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ހައްދުންމަތީ ގަމު ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (އ.ތ.މ) އާ ބައްދަލުކުރައްވައި ތަރައްޤީގެ މަސައްކަތްތަކާބެހޭގޮތުން މަޝްވަރާކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު މެންދުރުފަހު ހައްދުންމަތީ ގަމު ކައުންސިލް އިދާރާގައެވެ.
މި ބައްދަލުވުމުގައި ކައުންސިލް މެންބަރުން ދެއްކެވި ވާހަކަފުޅުގައި، ރަށު ރައްޔިތުންނަށް ގޯތި ދިނުމުގެ މައްސަލައިގެ ތަފްސީލުތައް ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފައެވެ. އަދި ރަށު ސްކޫލްތަކަށް ބޭނުންވާ ވަސީލަތްތައް ތަރައްޤީކުރުމުގެ މުހިންމުކަން ކައުންސިލުން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ރަށުގައި ބޮޑު ޕާކެއް ތަރައްޤީ ކުރުމުގެ ބޭނުމުގެ އިތުރުން ސަރުކާރުން ގަމަށް ދޭ ގްރާންޓް ފައިސާ އިތުރުކޮށްދެއްވުމަށް ރަށު ކައުންސިލުން ވަނީ ރައީސުލްޖުމްހޫރިއްޔާގެ އަރިހުން އެދިވަޑައިގެންފައެވެ.
ކައުންސިލްގެ ފަރާތުން، ރަށުގެ މަގުތައް ތަރައްޤީ ކުރުމުގެ މަސައްކަތް ލަސްވުމުގެ ސަބަބުން ކުރިމަތިވާ ދަތިކަމާއި ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދުމަށް ބޭނުންވާކަން ހާމަކޮށްފައިވެއެވެ. މީގެ އިތުރުން ރަށުގައި އަލަށް މީހުން އާބާދުވާ ސަރަހައްދުގެ ނަރުދަމާގެ މައްސަލައިގެ ސަބަބުން ކުރިމަތިވާ ދަތިތައް ކައުންސިލުން ވަނީ ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި އ.ތ.މ. ކޮމިޓީން ވަނީ އ.ތ.މ ކޮމިޓީތަކަށް ދޭ އެލަވަންސާގުޅޭ ބައެއް ކަންބޮޑުވުންތައް ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ގަމުގައި ނަފްސާނީ ފަރުވާއަށް ޚާއްޞަ ހޮސްޕިޓަލެއް ޤާއިމުކުރުމުގެ ވިސްނުން ގެންގުޅުއްވާކަން ހާމަކުރައްވާފައެވެ. އެގޮތުން މި ހޮސްޕިޓަލް ވެގެންދާނީ ބޭރު ޤައުމުތަކުގައިވެސް މިފަދަ ހޮސްޕިޓަލުތައް ޤާއިމްކުރާ ފަދަ ހިތްގައިމު ޖާގަ ތަނަވަސް މާހައުލެއްގައި، ތަޖުރިބާކާރު ޑޮކްޓަރުންނާއެކު ޤާއިމުކުރެވޭ ހޮސްޕިޓަލަކަށްކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.
މިބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން މެދުވެރިކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުން ފާހަގަކުރެއްވި މުހިންމު ކަންތައްތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރައްވާފައެވެ. އަދި ކައުންސިލްގެ ފަރާތުން ފާހަގަކުރެއްވި ކަންބޮޑުވުންތައް ހައްލުކޮށްދެއްވުމަށް މަސައްކަތް ކޮށްދެއްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވާފައިވެއެވެ.