މިއަދު ނިމުނު ޑޯނަރސް ކޮންފަރެންސުން ތިން އަހަރު ދުވަހުގެ ތެރޭގައި، ރާއްޖެއަށް ތިންސަތޭކަ ތޭރަ މިލިއަން އެމެރިކާ ޑޮލަރު ލިބޭނެކަން ހާމަކުރައްވައިފިއެވެ. މިކަން ހާމަކުރެއްވީ، ޑޯނަރސް ކޮންފަރެންސް ނިންމަވާލައްވަމުން، ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު އިއްވެވި ބަޔާނުގައެވެ.

ޑޯނަރސް ކޮންފަރެންސް ނިމުމުގެ ރަސްމިއްޔާތަށްފަހު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، މިކޮންފަރެންސާބެހޭ އިތުރު މަޢްލޫމާތު ދެއްވުމުގެ ގޮތުން، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދާއި، ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު ވާހަކަފުޅު ދެއްކެވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މި ތިންސަތޭކަ ތޭރަ މިލިއަން ޑޮލަރުގެ ތެރެއިން މިއަހަރުގެ ތެރޭގައި، ސަތޭކަ ދިހަ މިލިއަން އެމެރިކާ ޑޮލަރު، ދިވެހި ސަރުކާރަށް ލިބިވަޑައިގަންނަވާނެ ކަމުގައި ވިދާޅުވިއެވެ. އަދި މިއީ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށްވެސް ލިބުނު ވަރަށްބޮޑު ރޯއްޖެއް ކަމަށާއި، މިފައިސާ ބޭނުންކޮށްގެން، ރާއްޖޭގެ ތަރައްޤީއާއި، ރާއްޖޭގެ ކަންކަން ކުރިއަށް ގެންދިއުމުގައި މިހާރަށްވުރެ މާރަނގަޅަށް، މާބޮޑަށް މަސައްކަތް ކުރެވިގެންދާނެކަމީ، ޝައްކު ކުރައްވާ ކަމެއް ނޫން ކަމުގައި ވިދާޅުވިއެވެ.

ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދުގެ ވާހަކަފުޅުގައި، މިކޮންފަރެންސްގެ ހަމައެކަނި ބޭނުންފުޅަކީ، ފައިސާ ހޯއްދެވުން ނޫން ކަމުގައި ވިދާޅުވިއެވެ. އަދި މިކޮންފަރެންސްގައި ބައިވެރިވި، ޒަމާނުއްސުރެ ރާއްޖެއަށް އެހީވެދެމުން އަންނަ ޤައުމުތަކާއި ޖަމާޢަތްތަކުން މިހާރަށްވުރެ ބޮޑަށް އެހީވެދޭނެ ކަމުގެ ޔަޤީންކަން ދެއްވި ކަމުގައި ނައިބު ރައީސް ވިދާޅުވިއެވެ. މީގެއިތުރުން، ރާއްޖެއަށް އެހީވެދެއްވުމުގެ އިތުރުން، ރާއްޖޭގެ ތަރައްޤީގެ ކަންތައްތައް ކުރިއަށް ގެންދިއުމުގައި، އެބޭފުޅުންނަށް ފެނިވަޑައިގަންނަވާ ޚިޔާލުފުޅުތައް ދެއްވިކަންވެސް އެއީ ވަރަށް ކުލަގަދަކޮށް ފާހަގަކުރައްވާ ކަމެއް ކަމުގައި ނައިބު ރައީސް ވިދާޅުވިއެވެ.